ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު، ބަނދަރާއި، ފެނަކަ އައު އޮފީސް އަދި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތާއި ލެބޯރޓަރީ ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމަށް ވަޑައިގެންނެވީ މިއަދު ހަވީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ރ. އަނގޮޅިތީމު ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިލައި، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، ޕޭވްމަންޓް ވަނީ ހަދާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، އަނގޮޅިތީމު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގައި، އިދާރީ މަސައްކަތްތައް ކުރާނެ އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ސްޓޯރ ރޫމާއި، ކޮމްޕްރެޝަރ ރޫމާއި ލޯންޑަރީ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރ. އަގޮޅިތީމު ފެނަކަ އައު އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން އަނގޮޅިތީމުގައި ފެނަކަ އޮފީސް ހިންގަމުން ދިޔައީ ޢިމާރާތެއް ކުއްޔަށް ހިފައިގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.