ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ބ. ދަރަވަންދޫ އާއި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ކުޑަރިކިލު ބަނދަރާއި ވޮލީކޯޓު ހުޅުއްވައިދެއްވާފައެވެ.

ބ. ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން، ގޮނޑުދޮށަށް ވެލިއަޅައި، 144 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ.

ބ. ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު އާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ބ. ކުޑަރިކިލުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރުފުންކޮށް، ރޭމްޕް ހަދައި، ނެރު ބައްތިއާ ބަނދަރު ބައްތި ޖަހައި، 1630 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. ބ. ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި 819 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.