ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތާއި، ބ. ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބ. އޭދަފުށީގައި ހުންނަ، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތާއި، ބ. ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެދެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ، އެހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރެވުނު ޢިމާރާތެކެވެ. މިޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ. ބ އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޢިމާރާތް ބައްލަވާލައްވައި، ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބ. ހިތާދޫއަށް ވަޑައިގެން އެރަށުގެ އިންޖީނުގެއާ ފެނަކަ އައު އޮފީސް ޢިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ. ހިތާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ، 15 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 800 ކިލޯވޮޓްއެވެ. ހިތާދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.