ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު އައު ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މިޢިމާރާތް ހުޅުއްވައިދެއްވީ، މިއަދު އެމަނިކުފާނު އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، މި ޢިމާރާތާއި އެކު، ފެރިދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. މިޢިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ހުރެއެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. މިގޮތުން ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި، ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ޢުމުރާނީ ތަރައްޤީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އައު ޚިދުމަތްތައް ވަނީ ފަށާފައެވެ.