ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދުއަށް މިއަދު ޒިޔާރަތްކުރައްވައި އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑާއި، އައު އިންޖީނުގެއާއި ފެނަކަ އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި، ފެންސް ޖަހައި، ލައިޓިންގ ސިސްޓަމާއިއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ސަރުކާރުން ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓޭޑާ ޙަވާލުކޮށްގެންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1720 ކިލޯވޮޓްއެވެ. އިންޖީނުގެ ކުރިން ހުރީ ސްކޫލް ކައިރީގައި ނަމަވެސް އައު އިންޖީނުގެ މިވަނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ކައިރިއަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫގައި ސަރުކާރުން ޤާއިމްކުރާ އައު ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.