15 ވަނަ ސާރކް ސަމިޓާ ގުޅިގެން، ނެޕާލްގެ މިލާން ވީކްލީ ނޫހުން ނެރުނު ޚާއްޞަ ޢަދަދު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. 15 ވަނަ ސާރކް ސަމިޓް އޮތީ، 2008 އޮގަސްޓް 2 ން 3 އަށް ކޮލަމްބޯގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ މައްސަލަތަކުގައި ސާރކުން އަދާކުރާ ދައުރު ފުޅާކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ކޮންމެ ސާރކް ސަމިޓަކާ ގުޅިގެން، މިލާން ވީކްލީ ނޫހުން މިނެރޭ ޚާއްޞަ ޢަދަދަކީ، ސާރކުގެ އިސްވެރިންގެ ބައްދަލުވުންތަކުގެ ތާރީޚަށްޓަކައި ކުރައްވާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މިލާން ވީކްލީން 15 ވަނަ ސާރކް ސަމިޓާ ގުޅުވައިގެން ނެރުނު އެނޫހުގެ ޚާއްޞަ ޢަދަދު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، މިލާން ވީކްލީގެ އެޑިޓަރ ރޭކާ ކަޔަސްތަ ބަންޑާރީއެވެ.

މިލާން ވީކްލީއިން އަންނަނީ، 1987 ވަނަ އަހަރު ބޭއްވެވި ތިންވަނަ ސާރކް ސަމިޓުން ފެށިގެން ކޮންމެ ސާރކް ސަމިޓަކާ ގުޅުވައިގެން، ސާރކްގެ ޤައުމުތަކާއި، ސަމިޓްގެ ވާހަކަތަކާއި، ސަމިޓްގެ ނިންމުންތައް ހިމަނައިގެން، އެ ނޫހުގެ ޚާއްޞަ ޢަދަދެއް ނެރެމުންނެވެ.