ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި، ހެވިކަމުގެ ހަރަކާތްތަކާއި، ޝަރަފްގެ ހިނގާލުން އަދި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

މިރޭ ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ވެސް ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ވަނީ، ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ކުރިއަށްދިޔަ ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޝަރަފްގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަދި ކުޅިވަރު ހަރަކާތްތައް ހުށައަޅާފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން، ހުޅުމާލެ ޖޫނިއަރ އަދި ސީނިއަރ ގުރޫޕުންނާއި، މާލޭގެ ހެންވޭރާއި މާފަންނުގެ ދެގުރޫޕުންނާއި، ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި، ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.

މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.