ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިނިވަންދުވަހުގެ ތަޙްނިޔާ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނާ ޒުވާނުންނާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވިއެވެ. އަދި ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުން ވެސް މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވިއެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.