بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ޑޮކްޓަރ ޢާއިޝަތު ޢަލީ، ދަ ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޒީފް، ޗީފް ގައިޑް ފަޒްނާ އަޙްމަދު، މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ ޢާއިޝަތު ޝާހީން، ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދުގެ ވެރިޔާ، ސްކައުޓް އެސޯސިއޭޝަންގެ އިންޓަރނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫން، ސްކައުޓް އަދި ގައިޑް ޙަރަކާތުގެ އިސް ވެރިން، ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުންނާއި ގައިޑުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ސްކައުޓުންނާއި ގަރލް ގައިޑުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަދި ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ދަތުރަކީ ވަރަށް ކާމިޔާބު، ވަރަށް އަމާން ދަތުރަކަށް ވުމަށް އަޅުގަނޑު އުންމީދުކުރަން.

ދިވެހި ސްކައުޓުންނަކީ، އަދި ގައިޑުންނަކީ، މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، ވަރަށް ހުނަރުވެރި ބައެއް. ދެކުނު ކޮރެއާގައި ބާއްވާ މި އަހަރުގެ ޖަމްބޮރީގައި 170 އަށްވުރެ ގިނަ ޤައުމު ބައިވެރިވާއިރު، މިފަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް. އެހެންކަމުން، މި ބައްދަލުވުމުގައި ނެތް ނަމަވެސް، ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރ ޢަލީ ޝަފާޢަތު މަނިކަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އަދި މި ޖަމްބޮރީއަކީ މިހާތަނަށް ރާއްޖެއިން އެންމެބޮޑު ކޮންޓިންޖެންޓެއް ތަމްސީލުކުރާ އަހަރުކަންވެސް އަޅުގަނޑު ފާހަގަކުރަން. 339 ސްކައުޓުންނާއި ގާރލް ގައިޑުންނާއި، ލީޑަރުންނާއެކު 421 ބޭފުޅަކު އެބަ މި ޖަމްބޮރީގައި ބައިވެރިވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ މިކަން ހިންގަވަން ތިއްބެވި ބޭފުޅުންނާއި، ބެލެނިވެރިންނާއި ބަލަދުވެރިން މިކަމަށް ދެއްވާ ސަމާލުކަމުގެ ނަތީޖާ.

އާދެ، ސްކައުޓް ޖަމްބޮރީއަކީ، ޒުވާނުންނަށް އަމާޒުކޮށްގެން، ވަރަށް މުހިންމު މަޤްޞަދެއްގައި ބާއްވާ، ވަރަށް ބޭނުންތެރި ޙަރަކާތެއް. މި ޖަމްބޮރީގައި ބައިވެރިވުމާއެކު، ތިޔަ ސްކައުޓުންނާއި ގައިޑުންނަށް އެ ވަދެވަޑައިގެންނެވެނީ މަސްހުނި ސަގާފަތްތަކެއްގެ ތެރެއަށް. ތަހުޒީބީ ތަފާތު ރަހަތަކުން މުއްސަނދިވެފައިވާ މުޖުތަމަޢެއްގެ ތެރެއަށް.

ޖަމްބޮރީގައި ހޭދަވާ ދުވަސްތަކަކީ، ޤައުމާ ދުރުގައި ޢާއިލާއާ ވަކިން ހޭދަކުރަންޖެހޭ ދުވަސްތަކެއް. އެހެން ނަމަވެސް، ތިޔަ ޒުވާނުންގެ ހަނދާނުން ކައްސާލައިގެން ނުވާނެ ކަންތައްތަކެއް ހުންނާނެ. އަދި ތާއަބަދު ތިމާމެންގެ ކިބައިގައި ހަރުލައްވަންޖެހޭ އާދަތަކަކާއި ސިފަތަކެއްވެސް ހުންނާނެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ތިމާމެންނަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބި ބައެއްކަން ހަނދާނުގައި ބަހައްޓައި، ދީނީ ވާޖިބުތަކަށް ފަރުވާތެރިވުން. ކޮންމެ ޙާލަތެއްގައިވެސް، ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުން. ޖަމްބޮރީގެ ބައިވެރިންނަށް އެކަންކަމަށް މަގު ދެއްކެވުމަށް ލީޑަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

ޖަމްބޮރީގައި އުޅޭއިރު ވެސް، މިއުޅެވެނީ ބޭރު ޤައުމެއްގައިކަން ހަނދާން ކޮށް، އެ ޤައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ވެސް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އަޅުގަނޑު އެދެން. އަދި ޖަމްބޮރީގެ ޤަވާޢިދުތަކަށް ފުރިހަމައަށް ކަމޭހިއްތަވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އަޅުގަނޑު އެދެން.

ޖަމްބޮރީއެއްގައި ބައިވެރިވުމަކީ، ޒުވާނުންގެ ކުރިމަގަށް ހުޅުވޭ، ވަރަށް ތަނަވަސް ދޮރެއް. ވަރަށް ގިނަ ފުރުޞަތުތައް ފަހިވާ ކަމެއް. އަދި ދިރިއުޅުމުގައި ކުރިމަތިވާނެ އެތައް ކަމެއް ތަޖުރިބާކުރުމަށް ލިބޭ ފުރުޞަތެއް. އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތް.

ތިޔަ ޒުވާނުންގެ މި ޖަމްބޮރީއަކީ މުޅިން އައު ރަޙްމަތްތެރިންތަކެއްގެ ދުނިޔެއަކަށް ގެންގޮސްދޭނެ އުފާވެރި ދަތުރެއް. ތަފާތު އާދަކާދަތަކާއި، ތަފާތު ސަގާފަތްތަކުގެ ތެރެއިން އައު ރަޙްމަތްތެރިން ހޯދައި، ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ ވެސް ސްކައުޓް ޙަރަކާތުގެ ވަރަށް މުހިންމު މަޤްޞަދެއް. އަދި އެއީ ތިޔަ ޒުވާނުންގެ ކުރިމަގަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްވެސްމެ.

ސްކައުޓް ޙަރަކާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލައި، އަދި ދަތި އުނދަގޫތައް ގިރާކުރުމުގެ ހިތްވަރާއި ކެތްތެރިކަން ލިބިގަންނާނެ ގޮތްތައް ދަސްކުރުން. މި ޖަމްބޮރީއަކީ އެފަދަ ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް ތިޔަ ޒުވާނުންނަށް ލިބޭ ރަނުގެ ފުރުޞަތެއް. ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ، ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ދެ ބޭފުޅުންވެސް، ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޒީފާއި، ގާރލް ގައިޑް އެސޯސިއޭޝަންގެ އިންޓަރނޭޝަނަލް ކޮމިޝަނަރ ގައިޑް ޢާއިޝަތު ޠައިފާ ވިދާޅުވި ވާހަކައެއް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. ތިޔަބޭފުޅުންގެ ހަރަކާތްތައް ހިންގުމުގައި ބޭނުންވާ އިތުރު ވަސީލަތްތަކުގެ ވާހަކަ.

އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމަށްފަހުގައި، ހީނަރުވަމުންދިޔަ މި ދެ އެސޯސިއޭޝަންގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު. ނަމަވެސް، ކުރިމަތިވި ކޯވިޑުގެ ޢާލަމީ ވަބާއާ އެކުގައި، އެހެން ހުރިހާ ކަމަކަށްވެސް ހުރަސްކުރުވި ހުރަސްތައް އަޅުގަނޑުމެންނަށް މިކަމުގައިވެސް ކުރިމަތިވި. އަޅުގަނޑުމެން ބައްދަލުކުރި ކޮންމެ ފަހަރަކު ތިޔަބޭފުޅުންނަށް ދަންނަވާފައިވާނެ، ތިޔަބޭފުޅުން ކޭމްޕް ދާނެ ރަށެއް އަޅުގަނޑުމެން ހޯދައިދޭނެ ވާހަކަ. އެ މަސައްކަތް ކުރުމުގެ މަގުމަތީގައި އޮއްވައި އަޅުގަނޑުމެންނަށް މި ދަތި އުނދަގޫ ދިމާވީ. އެހެން ނަމަވެސް، މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ކޭމްޕް ދާނެ ރަށެއް، ޚާއްޞަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ.

ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް ވަރަށް ނިޔާމަ ދަތުރަކަށް އަޅުގަނޑު އެދެން. އަދި ޤައުމު ފަޚުރުވެރިކުރުވާ ފަދަ ކާމިޔާބަކާއެކު، ބާއްޖަވެރި އެނބުރި އައުމަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.