ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫޢުތަކެއް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެގޮތުން އެމަނިކުފާނު ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ، މިއަދު އެމަނިކުފާނު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިސަރުކާރުން، ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިގޮތުން މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައެވެ.

މީގެ އިތުރުން މިރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ، އިހަވަންދޫ ފެނަކަ އޮފީސް ޢިމާރާތާއި، އިހަވަންދޫ ސްކޫލުގައި އަލަށް ޢިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވާފައެވެ. އިހަވަންދޫގައި އިމާރާތްކުރެވުނު ފެނަކަ އޮފީސް ޢިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ހުޅުއްވައި ދެއްވި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނިންމާފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު އިމާރާތްކޮށްފައި ވަނީ، ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ، ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ސެންޓަރެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.