بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިއަދުގެ އަޅުގަނޑުވެސް އެންމެ އުފާވެރި ކަމަކީ، އަޅުގަނޑަށް ލިބޭ އުފަލަކީ، ބަރލިންގގައި އެ ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ރަން ވަނަތައް ހާސިލުކުރި ހުރިހާ ކުދިންނަށް މަރުޙަބާ ކިޔުން. ވަރަށް ބޮޑަށް ވަރަށް ބޮޑަށް މަރުޙަބާ. އަދި އެ މުބާރާތުގައި ބައިވެރިވި އެތުލީޓުންނަށާއި އަދި ޚާއްޞަކޮށް، އެ އެތުލީޓުންގެ މައިންބަފައިންނާއި ބެލެނިވެރިން އަޅުގަނޑު މީގައި ޝާމިލްކޮށް، ޢާއިލާތަކަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން.

އެއާ އެކުގައި، މި ކުދިން ޓްރެއިންކޮށް، މި ހިސާބަށް ގެނެސް އަދި މި މުބާރާތަށް ރާއްޖެއިން ބޭރަށް ގެންގޮސް ބެލެހެއްޓި އޮފިޝަލުންނަށާއި ކޯޗުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޚާއްޞަކޮށް، ޑެލިގޭޝަންގެ ހެޑެއްގެ ގޮތުގައި ވަޑައިގެންނެވި ފާޠިމަތު ފައިރޫޒާ، އާދެ، އޮފިޝަލުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑު ހިތުން މިއަދަކީ އުފާވެރި ދުވަހެއް. ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން މި އުފާކުރަނީ، ޚާއްޞަ މިފަދަ މުބާރާތަކުން ޚާއްޞަ ވަނަތަކެއް ރާއްޖެއަށް ހާސިލުކުރެވިގެން ދިޔައިމާ. މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކުރުން. އެކަހެރިނުކޮށް ހުރިހާ ކަމެއްގައި ޝާމިލްކޮށް ކުރިއަށްދިޔުން. އެގޮތުން، ކުޅިވަރުގެ ދާއިރާގައިވެސް އެގޮތް ކުރިއަށް ގެންދިޔުން. އެގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ސްޕެޝަލް ކުދިންނަށް ކުޅިވަރުގައި ބައިވެރިވުމަށްޓަކައި މި މުއައްސަސާ، 2019 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައުމާ އެކީގައި އުފެއްދިން. މަސައްކަތް ފަށައިގަތްތަނުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ކުރިމަތިވި ކޯވިޑުގެ ދަތި އުނދަގުލުގައި ކޮންމެވެސްވަރަކަށް މަޑުޖެހިގެންދިޔައީ. އެހެން ނަމަވެސް، އޭގެތެރެއިންވެސް ވަގުތު ހޯއްދަވައި މިކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ޗެއަރޕަރސަން ޝައިނާއަށާއި އަދި ޓީމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑު ހިތުން ދުނިޔޭގެ ފެންވަރުގައި ބޭއްވުނު މިފަދަ މުބާރާތަކުން ޚާއްޞަ ވަނަތަކެއް ހާސިލުކުރެވޭނީ ގިނަ މަސައްކަތްތަކެއް ކޮށްގެން. އެގޮތުން، މިއަދު ތިޔަ ހޯދި ކާމިޔާބީގެ ފަހަތުގައި ވަރަށްގިނަ ކަންތައްތަކެއް އެކުލެވިގެންވާނެ. އެގޮތުން، ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން އެ ކުރެއްވި މަސައްކަތާއި، ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ މިނިސްޓްރީން މިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކާއި ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ދެންމެ ޝައިނާގެ ވާހަކައިގައި ވިދާޅުވި، އެޑިޔުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ބޭނުންވާ ވާހަކަ. އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ފަރާތުން އެ އެއްބާރުލުމާއި އެހީތެރިކަން ތިޔަބޭފުޅުންނަށް ލިބިގެންދާނެކަން.

މިއަދުގެ މި ކުޑަ ރަސްމިއްޔާތުގައި އެއްޗެއް ދަންނަވާއިރުގައި، އަޅުގަނޑުމެންނަށް މި ކުދިންނާ އެކީގައި މި ކުރެވުނު މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުންގެ ނަން އަޅުގަނޑަށް ނުދެންނެވިދާނެ. އެހެން ނަމަވެސް، މިނިސްޓްރީ އޮފް ޑިފެންސާއި ރާއްޖޭގެ ޕޮލިސްގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް،
އެ ދެފަރާތަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއީ ޝައިނާ ވިދާޅުވި ފަދައިން، 6500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މުބާރާތެއް. 126 ޤައުމަކުން ބައިވެރިވެފައިވޭ. 18000 ވޮލަންޓިއަރުން އެހީތެރިވުމުގައި ބައިވެރިވެފައި އެބަވޭ. 9000 ބެލެނިވެރިން ދަތުރު ހަދައިގެން ބަރލިންގއަށް ގޮސްފައި އެބަވޭ. އެހެންވީމާ، މިއީ މީގެ ޚާއްޞަ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ.

އަދިވެސް އެއްފަހަރު، ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.