بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ފިޠުރަތުގެ ސާފުކަންމަތީ އިންސާނާ ދުނިޔޭގައި ލެއްވި ޚާލިޤްވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެންމެ ރިވެތިގޮތް ދުނިޔޭގައި އުޅުމަށް ދަސްކޮށްދެއްވި އަޅަމެންގެ ކައު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ޕްރިންސިޕަލް މަރްޔަމް މުޙައްމަދު، ސްކޫލްގެ ހިންގުންތެރި ވެރިންނާއި އަދި އެންމެހައި ޓީޗަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ބެލެނިވެރިން، އަދި އަޅުގަނޑުމެން އެންމެ ލޯބިވާ އަޅުގަނޑުމެންގެ ތުއްތު ތުއްތު ކުދިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކިހިނެއް ހުރިހާ ކުދިން؟

السَّلَامُ عَلَيْكُمْ.

ހުރިހާ ކުދިން ކިހިނެއް؟

އަޞްލު ތިޔަކުދިންނަށް އެނގޭތަ، ތިޔަކުދިން ދެކެ ހާދަ ލޯބިވެޔޭ މަންމަޔާއި، ބައްޕަޔާއި، ޓީޗަރުންނާއި، ޕްރިންސިޕަލާއި، މިނިސްޓަރާއި، ހުރިހާ މުދައްރިސުން. އަޅުގަނޑުމެން އެންމެން ހާދަ ލޯބިވެޔޭ ތުއްތު ކުދިން ދެކެ. ތިޔަކުދިން ތިޔަ ނިންމާލީ ވަރަށް އުފާވެރި އަހަރެއް. ދެ އަހަރު ދުވަހު އެމް.ކިޔޫ. ޕްރީސްކޫލްގައި ވަރަށް އެކުވެރި ރައްޓެހި ކުދިންނާއެކު، ވަރަށް އުފާވެރި ދުވަސްކޮޅެއް ތިޔަކުދިން ތިޔަ ނިންމާލީ. ދެން ކުރިއަށް އޮތީ އަދި މާ އުފާވެރި ދުވަސްތަކެއް. މިއޮތީ ޗުއްޓީއެއް ލިބިފައި. އެހެންވީމާ، ހުރިހާ ކުދިންވެސް ޗުއްޓީގައި މަޖާވެސްކުރަންވާނެ. ޗުއްޓީގައި އުފާވެސްކުރަންވާނެ. ދީނީ ކަންތައްތަކަށް ސަމާލުކަންދޭންވާނެ. ނަމާދުވެސް ކުރަންވާނެ. ކޮންމެވެސްވަރަކަށް ފޮތްތައްވެސް ކިޔަންވާނެ.

އަދި ތިޔަކުދިންނަށް އެނގޭތަ، ތިޔަކުދިންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރަށް ރީތި ކުޑަކުޑަ ރަށެއް މިހާރުވަނީ ތައްޔާރުކޮށްދެއްވާފައި. ތިޔަކުދިންނަށް އެނގޭތަ، ކޮންރަށެއްކަން؟ އެނގޭ ކުއްޖެއް އެބަހުރިތަ؟ މާލޭ ކައިރީގައި އޮންނާނެ ވަރަށް ރީތި ކުޑަކުޑަ ރަށެއް. ތިޔަކުދިންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައްޔާރުކޮށްދެއްވާފައި. ކޮން ނަމެއް ކިޔަނީ؟ ރަށުގެ ނަން؟ ޕިކްނިކް އައިލެންޑެއް.

އެހެންވީމާ، ޗުއްޓީތެރޭގައި ކުދިން ދާންވާނެ. ވަރަށް ރީތި ދޫނިތަކާއި، ގަސްތަކާއި، ތިޔަކުދިންނަށްޓަކައި ތައްޔާރުކޮށްފައި ހުރި ޕާރކްތަކާއި، އަދި ސްލައިޑްކޮށްލާ ކަހަލަ ތަންތަންވެސް ހުންނާނެ. ސްލައިޑް ކޮށްލާފައި، މޫދަށް އެރިލާފައި، މޫދުގެ ބައެއް ކުޅިވަރުތައް ކުޅެފައި، ޖެޓް ސްކީއާއި، ކެނޯ ދުއްވާފައި ވަރަށް މަޖާ ކަންތައްތައް ކުރެވޭނެ. އަދި ތިޔަކުދިންނަށް ޢާއިލާއާ އެކީ މަންމަޔާއި، ބައްޕަޔާއި، ބޭބެމެން، ކޮއްކޮމެން، ދައްތަމެންނާއެކު ގޮސް އަމިއްލައަށް ކައްކައިވެސް ހެދޭނެ. މިހާރު ތިޔަކުދިންނަށް ދަސްވެފައި ހުންނާނެއެއްނު ކެއްކުމުގެ ކަންތައްތައްވެސް. ގޭތެރޭގައި މަންމަޔަށް އެހީތެރިވެސްވެދީފައި ހުންނާނީ. ސޭންޑްވިޗް ހެދުމަށާއި، ބައެއްކަހަލަ ޖޫސް ހެދުމަށް ހުންނާނެއެއްނު ދަސްވެފައި. މިދިޔަ ދެ އަހަރު ސްކޫލުންވެސް ހުންނާނެއެއްނު ކިޔައިދީފައި. އެހެންވީމާ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ގޮސްފައި ޖެހޭނެ، ކޮންމެވެސް އެއްޗެއް ކައްކާލަންވެސް. ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަންވާނެ މައިންބަފައިންނާއެކު.

އެހެންވީމާ، ތިޔަކުދިންނަށް ވަރަށް އުފާވެރި ދުވަސްތަކަކަށް އެދެން. އެންމެ ލޯބިވަނީ ތިޔަ ކުދިން ދެކެ. އަހަރެމެން ހުރިހާ އެންމެންވެސް، ހުރިހާ ޓީޗަރުންނާއި، ހުރިހާ އެންމެންވެސް ލޯބިވަނީ ތިޔަކުދިން ދެކެ.

އާދެ، އަޅުގަނޑު ހަމަ ވާހަކަކޮޅުގައި ފާހަގަކޮށްލަން ބޭނުން، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްކޫލްގެ ދެ އަހަރު ވުމަށްފަހު، ފުރަތަމަ މި ބޭއްވޭ ގްރޭޑް 1 އަށް ކުދިން ބަދަލުވުމުގެ މި ޙަފްލާގައި، މި ގްރެޖްއޭޝަން، މި ސެރަމަނީގައި ބައިވެރިވުމުގެ އުފަލަކީ އެއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމް.ކިޔޫ. ޕްރީސްކޫލް ހުޅުވިގެންދިޔައީ. އެނގިވަޑައިގަންނަވާނެ، ވަރަށް ބޮޑު ދީލަތި އެހީފުޅެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. އަލްފާޟިލް ޢަލީ ފިރާޤް، އެ ބޭފުޅާގެ ބައްޕާފުޅުގެ ހަނދާނުގައި އަލްމަރްޙޫމް މުޙައްމަދު ޤާސިމްގެ ހަނދާނުގައި މި ސްކޫލް ބިނާވެގެންދިޔައީ. އަޅުގަނޑުމެން އެންމެންގެ ހެޔޮ ދުޢާ މުޅި ޢާއިލާއަށް. އަޅުގަނޑުމެންގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަލްމަރްޙޫމް މުޙައްމަދު ޤާސިމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި، އަދި ޢަލީ ފިރާޤާއި މުޅި ޢާއިލާއަށް ތަނަވަސްކަމާއި، ބަރަކާތް އިތުރުކުރެއްވުން.

އާދެ، އަޅުގަނޑު ހަނދާން އެބަހުރި، ސްކޫލް ފެށިގެންދިޔައިރު، ތަންކޮޅެއް މަދު ކުދިންކޮޅަކާއެކު ފެށިގެންދިޔަ ނަމަވެސް، އެ ދުވަހުވެސް އަޅުގަނޑުމެން ދަންނަވާފައިވާނެ، އަޅުގަނޑުމެންނަށް ވިސްނެއޭ، އަޅުގަނޑަށްވެސް ވިސްނެއޭ ކިހާ ބޮޑު ކަމެއްކަން. އަޅުގަނޑުމެން އެންމެ ލޯބިވަނީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދައިން، އެންމެ ލޯބިވަނީ އަޅުގަނޑުމެންގެ ތުއްތު ތުއްތު ކުދިންދެކެ. އަދި އެ ކުދިންގެ އެންމެ ނާޒުކު، އެންމެ ބޮޑަށް ރައްކާތެރިކަން ޔަޤީންކުރަންޖެހޭ، އެންމެ ލޯތްބާއި އަޅައިލުން ލިބިދޭންޖެހޭފަދަ ޢުމުރެއްގައި އަޅުގަނޑުމެންނަށް މި ހަވާލުކޮށްލެވެނީ މުދައްރިސުންނާ، ސްކޫލާ.

އެ ދުވަހު އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ސްކޫލުގެ ދަރިވަރުންގެ ކަންތައްތައް ގާތުން ބަލައި، ވަރަށް ރަނގަޅަށް ލޯތްބާއި އަޅައިލުންދީ، އެ ކުދިންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރާނަމޭ.

އާދެ، އަޅުގަނޑުގެވެސް އިޙްސާސްތަކެއް އެބަހުރި. އަޅުގަނޑުގެވެސް ތިން ކުދިން މި އޭޖް ފަހަނަޅައި ހިނގައްޖެ. މި ޢުމުރުގައި ޕްރީސްކޫލްގެ ތަޢުލީމު އުނގެނުނު. އަދި ވަކިން އަޅުގަނޑަށް އިޙްސާސް ކުރެވޭ، އެއީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް އަޅުގަނޑުގެވެސް ހުރުމާއެކުގައި. އެ ކުއްޖާގެވެސް އެ ޢުމުރު ހަމަ ސްކޫލެއްގެ މުދައްރިސުންގެ ބެލުމުގެ ދަށުގައި ހުރީ. އެހެންނަމަވެސް، އަޅުގަނޑުމެން އިތުބާރުކުރިން. އަޅުގަނޑުމެން ހިތްހަމަޖެހޭ ގޮތްތައް އަޅުގަނޑުމެންނަށް ފެނުނީ. އޭރުވެސް އަޅުގަނޑުމެންނަށް ސްކޫލްގެ މުދައްރިސުންގެ ފަރާތުން ފެނިގެންދިޔައީ، އަޅައިލުމާއި ލޯބި. ޚާއްޞަކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ އެފަދަ ކުދިންނަށް ލޯތްބާއި، އަޅައިލުމާއި، އޯގާތެރިކަމާއި، އެހީތެރިވުމުގެ ރޫޙު އަބަދުވެސް އޮތް. އެ ކަންތައް އަޅުގަނޑުމެންނަށް މިއަދުވެސް ފެނިގެން އެބަދޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި މުދައްރިސުން އެވީ ޤުރްބާނީއަށްޓަކައި، އެ ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، ބެލެނިވެރިއެއްގެ ހައިސިއްޔަތުންވެސް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަންޖެހޭ. އަޅުގަނޑު މި ދެންނެވި ގޮތަށް އަޅުގަނޑުމެން މި ދޫކޮށްލީ، ބެލެނިވެރިން ދޫކޮށްލެއްވީ، ތިޔަބޭފުޅުންގެ މައްޗަށް ވަރަށް ބޮޑު އިތުބާރަކާއެކު. މި ކަންތައްތައް ފުރިހަމަކޮށްދެއްވައި، މިއަދު މި ކުދިން ގްރޭޑް 1 އަށް ވާސިލުވުމަށްޓަކައި އެ ކޮށްދެއްވި ހުރިހާ ކަމެއް ފާހަގަކޮށް ޚާއްޞަކޮށް، ޕްރިންސިޕަލް މަރްޔަމް މުޙައްމަދަށާއި، އަދި އެކަމަނާގެ ޓީމަށް، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، އަޅުގަނޑު ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، ޗުއްޓީތެރޭގައިވެސް ކުދިން ކޮންމެވެސް ކަންތައްތަކެއްގައި އެންގޭޖް ކުރަންޖެހޭނެއޭ. އަޅުގަނޑަށް އެބަ އެނގޭ، ވަރަށް ހޫނު ވަގުތެއްގައި، ތަންކޮޅެއް ނުތަނަވަސްކޮށް މިހާރު މިއޮތީ، ތަނުގެ ތެރޭގައި ހޫނުކަން ހުރުމާއެކު. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ދެ ތިން އެއްޗެއް ދަންނަވާލަން ބޭނުން.

މިއަދު އަޅުގަނޑުމެން ވިސްނަންޖެހޭ، ތަފާތު އެކި ގޮތްގޮތުން. އަޅުގަނޑުމެން ބޮޑުވެގެން، އަޅުގަނޑުމެންގެ މި ޢުމުރު ހޭދަކުރި ގޮތަކަށް ނޫން މިއަދު މި ކުދިންގެ މި ޢުމުރު ހޭދަކުރާއިރު، ބޭރު ތެރޭގައި އެކްސްޓަރނަލް، އިންޓަރނަލް، އެހެނިހެން ޕްރެޝަރުތަކާއި، އެހެނިހެން ނުފޫޒުތަކާއި، ކަންތައްތައް ހުރީކީ. ވަރަށް ގާތުން އަޅުގަނޑުމެން ނުބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަށް، އަޅުގަނޑުމެންނަށް އެފަދަ ދަރިންތަކެއް ނުފެނި ހިނގައިދާނެ. ޚާއްޞަކޮށް، ކުދިންގެ ސްކްރީން ޓައިމް މަދުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ކުއްޖާގެ ވަގުތުތައް ހެޔޮގޮތުގައި، ކަމެއް ދަސްކުރެވޭނެފަދަ ގޮތަކަށް ދޫކޮށްލެވެން އެބަޖެހޭ. ކުއްޖާ އެންމެ ޝައުޤުވެރިވާ ކަންތައްތަކަށް އަޅުގަނޑުމެން ވަގުތުވެސް ދޭން އެބަޖެހޭ. ފަހަރެއްގައި އަޅުގަނޑު ކުރަން އެންމެ ބޭނުންވާ ކަންތައްތައް އަޅުގަނޑުގެ ދަރިން ކުރަން ބޭނުން ނުވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މައިންބަފައިންގެ ގޮތުގައި ތިބެގެން އަބަދުވެސް ވިސްނަންޖެހޭނެ، ކުއްޖާގެ ހުރި އެންމެ ރަނގަޅު، ކުއްޖާ ޝައުޤުވެރިވާ ކަމަކީ، ކުއްޖާގެ ހުރި ޓެލެންޓަކީ ކޮބައިކަން. އެ ޓެލެންޓް އެ ކުއްޖަކަށް ދޫކޮށްލުމަށްވުރެ މޮޅު އެއްވެސް ގޮތެއް ކުރިމަގަށް، ކުއްޖާގެ މުސްތަޤްބަލަކަށް ނޯންނާނެ. އަޅުގަނޑު ހަމަ މި ވާހަކަ ދަންނަވާލީ އަޅުގަނޑުގެވެސް ތިން ކުދިން ތިބުމާއެކު، އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ހުރި އިޙްސާސް، އެހެން ހުރިހާ ބެލެނިވެރިންގެ، މަންމައިންގެ، ބައްޕައިންގެ ހުންނާނެކަން.

އެހެންވީމާ، ކުރިމަތިވަމުން އަންނަ ޗުއްޓީގައިވެސް މި ދެންނެވި ގޮތަށް، ކޮންމެވެސްވަރަކަށް ގާތުން އެ ކަންތައްތައް ބަލައި، ކޮންމެވެސް ކަމެއް ކުދިން ލައްވައި ކުރުވައި، ޚާއްޞަކޮށް ދީނީ ކަންތައްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ފޮތް ކިޔުން އިތުރުކުރުމަށާއި، އަމިއްލައަށް މަސައްކަތެއް، ކޮންމެވެސްކަހަލަ ކަމެއް ކޮށްލުމުގެ ފުރުޞަތު ހޯދައިދިނުން އެއީ، އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަދު ގުރެޖުއޭޓް ވެގެންމިދާ ހުރިހާ ކުދިންނަކީވެސް ހުޅުމާލޭގައި ދިރިއުޅޭ ކުދިން. އަޅުގަނޑު ހަމަ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރެވެމުން މިދަނީ، ހުޅުމާލޭގައި އިތުރު ސްކޫލްތައް ހުޅުވުމަށްޓަކައި. އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް އެބަދޭ. އެކަން ކުރަންޖެހޭ ސަބަބަކީވެސް ހުޅުމާލޭގައި އާބާދީ ބޮޑުވުމާއި، އަދި ތަކުލީފް ކުޑަކުރުމަށްޓަކައި. ގާތުން ތަޢުލީމީ ކަންތައްތައް ފުރިހަމަވެގެން ދިއުމަކީ އެއީ، ހުރިހާ ގޮތަކުން ކުއްޖާއަށްވެސް އެންމެ ރަނގަޅުގޮތް ކަމާއި، އަދި މައިންބަފައިންނަށްވެސް އެންމެ ފަސޭހަގޮތްކަން ރައީސުލްޖުމްހޫރިއްޔާއަށް، އަޅުގަނޑުމެންގެ މި ސަރުކާރަށް އެނގޭތީ. އަބަދުވެސް ސަރުކާރުތަކުގެ ވިސްނުމަކަށްވެފައި އޮތީވެސް، ވީހާވެސް ފަސޭހަކޮށް، ވީހާވެސް ގާތުން، ސްކޫލްތައް ބިނާކޮށް އެ ކަންތައްތައް ކުރުން. އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި މި ދަންނަވާލީ. އަޅުގަނޑުމެން ހުޅުމާލޭ ފޭސް 2 ގެ ސްކޫލްތަކުގެ މަސައްކަތްތައްވެސް އިތުރަށް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި، ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން މިދަނީ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ، ދިރާސީ އާ އަހަރުގައި އެ ސްކޫލްގެވެސް ކިޔެވުން ފެށިގެންދިޔުން.

އާދެ، މިއީ އަޅުގަނޑަށް ހީވާގޮތުގައި، ދިރާސީ މި އަހަރުގައި، މުދައްރިސުންނާއި އަދި ބެލެނިވެރިންގެ ކުރިމަތީގައި ހުރެގެން މިގޮތަށް އެއްޗެއް ބުނެލުމުގައި ލިބޭނެ އެންމެ ފަހު ފުރުޞަތު. މާދަމާ ނޫން އަނެއް ދުވަހަކީ، ސްކޫލްތަކުގެ އެންމެފަހު ދުވަސް. ރިޕޯޓްތައް ލިބޭ ދުވަސް. އެހެންވެ އަޅުގަނޑު ހަމަ މި ފުރުޞަތުގައި ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި، އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަށާއި، ޑެޕިއުޓީ މިނިސްޓަރުންނަށާއި، އަދި އެހެނިހެން ހުރިހާ އިސް ބޭފުޅުންނަށާއި، މުޅި ޓީމަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވޭތުވެދިޔަ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު، ގިނަގުނަ މަސައްކަތްތަކެއް ކުރަން އަޅުގަނޑުމެންނަށް އެކީގައި އުޅެވިއްޖެ. ޚާއްޞަކޮށް، ސްކޫލްތަކުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި. ސްކޫލްތައް ބިނާކޮށް، މަސައްކަތްތައް ކުރުމާއި އަދި ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ.

އަޅުގަނޑަށް ވަރަށް ގާތުން ފެނުނީ، ޝައުޤުވެރިކަމާއެކު، ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި، މަގުފަހިކުރަންޖެހޭ ހަމަ ކޮންމެ ކަމެއް ކުރުމަށްޓަކައި، ތައްޔާރުވެފައި އޮތް ޓީމެއް. އެކަމުގައި ބައިވެރިވެވުނީތީ، އަޅުގަނޑު އިންތިހާއަށް އެކަމަށް އުފާކޮށް ޚާއްޞަކޮށް، މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި، އަދި މުޅި ޓީމަށް އަޅުގަނޑު ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ވަރަށް ގިނަ ސުކޫލްތަކަށް ދެވިއްޖެ. ރާއްޖޭގެ އުތުރާއި ދެކުނުގެ އެތައް ސްކޫލަކަށް، އެތައް އެތައް ސްކޫލަކަށް ދެވިއްޖެ. މާކުރީގައިވެސް އަޅުގަނޑުމެން މީގެ އަހަރުތަކެއް، ތިރީހަކަށް އަހަރު ކުރިންވެސް ސްކޫލް ތަޢުލީމު، ތަޢުލީމު އުނގަންނައިދޭ ފަރާތްތަކަކީ އަޅުގަނޑުމެން ވަރަށް ލޯބިވާ ބައެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ، އެ ބޭފުޅުންނަށް ފުރުޞަތުތައް ލިބިގެންދާން. އެއީ ޤައުމުގެ މުސްތަޤްބަލްކަން އެނގޭތީ. އެގޮތުން، އޭރުވެސް އެ ކުރި ދަތުރުތައް މިހާރު މަގާމުގެ ގޮތުން މާބޮޑަށް ފަހިވެ، އެ ފުރުޞަތުތައް ލިބިފައި އޮތުމާއެކު، ވަރަށް ގިނަ ސްކޫލްތަކަށް ދެވިއްޖެ. ރާއްޖޭގެ އެކި ރަށްރަށުގެ، އެކިވަރުގެ، އެކި ސައިޒުގެ، އެކި އާބާދީ އޮންނަ ސްކޫލްތަކަށް ދެވިއްޖެ. މާލޭ އޭރިޔާގެ ހުރިހާ ސްކޫލްތަކަކަށް ދެވިއްޖެ. އަޅުގަނޑަށް ފެނުނީ ހުރިހާ ޕްރިންސިޕަލުންނާ ހިސާބުން ފެށިގެން ލީޑިންގ ޓީޗަރުންނާ ހިސާބުން ފެށިގެން ގޮސް، އެތަނުގައި ތިބި ދައްތަމެންނާ ހަމައަށް، އަދި އިން ބިޓްވީންގައި ތިބި ހުރިހާ ފަރާތްތަކުން ކުދިންނަށްޓަކައި، ތަޢުލީމު ދިނުމަށްޓަކައި އެ ކުރެއްވި މަސައްކަތް.

އަޅުގަނޑަށް އެ ބޭފުޅުންނާވެސް ބައްދަލުކޮށްލައި، ވާހަކަދައްކައި، އެ ބޭފުޅުންގެ ހުރި ކަންތައްތައް އެނގިގެން، އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ މިއަދު އަޅުގަނޑު ހަމަ އިންތިހާއަށް އުފާކުރަން. އެ ކުރެއްވި ހުރިހާ މަސައްކަތްތައް ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފެށިގެން، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ އެންމެހައި ވެރިން، މުދައްރިސުން އެ ކުރެއްވި ހުރިހާ މަސައްކަތްތައް ފާހަގަކޮށް އަދި މި އަހަރު މި ނިމިގެންމިދާ ދިރާސީ އަހަރުގެ ތަޢުލީމު ރަނގަޅުގޮތުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ކުދިން އަނެއް ގްރޭޑަށް ވާސިލް ކުރުމަށްޓަކައި ޖުމްލަކޮށް އެ ކުރެއްވި ހުރިހާ މަސައްކަތްތައް ފާހަގަކޮށް، މުޅި ސަރުކާރުގެ ނަމުގައްޔާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ސްކޫލްގައި ކުދިން ހޭދަކުރަނީ ވަރަށް ކުޑަ ވަގުތުކޮޅެއް. ހުރިހާ ޒިންމާއެއް، ހުރިހާ ބުރައެއް އުފުލުން މިއޮތީ ބެލެނިވެރިންނަށް. އަޅުގަނޑުމެންނަށް ގާތުން އެކި ގޮތްގޮތަށް ފެނޭ. ލޮލުގެ ކުރިމަތިން ފެނޭ. ޚާއްޞަކޮށް ޓުވިޓާ، ފޭސްބުކް މިއީ ވަރަށް ފައްކާ އެއްޗެއް މިހާރު. އެއީ ވަރަށް ގިނަ އެއްޗެތިތައް ލިޔެލެވޭވެސް އެއްޗެއް. ބޭނުން އެއްޗެއް، ބޭނުންގޮތަކަށް، ބޭނުން ފޮޓޯއެއްވެސް ލާފައި، އޭގައި ލިޔެލެވޭނެ އެއްޗެއް.

އެހެންނަމަވެސް، އަޅުގަނޑުމެންނަށް ޓުވިޓާ، ފޭސްބުކް، އަދި ސޯޝަލް މީޑިއާގެ ޒަރީއާއިންވެސް ފެނިގެންދިޔަ، ބެލެނިވެރިން ކޮށްފައި ހުރި މަސައްކަތްތަކާއި، ކުދިންގެ ކިބައިގައި އުފެއްދި ޓެލެންޓްތައް. އޭގައި ރަނގަޅު ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނުނު. އޭގައި އަންނަ ނުބައި ކަންތައްތަކެއް އަޅުގަނޑުމެން ނުބަލަން. އަޅުގަނޑުމެން އެކަހަލަ ކަންތައްތައް ދެން މި ޢުމުރުގައި ބޭނުމެއްނުވޭ، ކުރީގައި ދަސްވެފައި ނެތް އެއްޗެއް، ނުފެންނަ އެއްޗެއް ކޮންމެހެން ބަލާކަށް. އެހެންވީމާ، އެކަހަލަ އެއްޗެތި ފެނުނީމާ ދެން އަޅުގަނޑުމެން ނުބަލަން. އެހެން ނަމަވެސް، ކޮންމެ ރަނގަޅު އެއްޗެއް، ތިޔަބޭފުޅުން އެ ކުރައްވާ މަސައްކަތްތަކާއި، ކަންތައްތައް އަޅުގަނޑަކީ ވަރަށް ބޮޑަށް ބަލާ މީހެއް. ދެން މި ހުރިހާ އެއްޗެއް ބަލައިގެން ސްކޫލްތަކަށްވެސް އަޅުގަނޑު ގުޅަން. ޕްރިންސިޕަލް މަރްޔަމް މުޙައްމަދަށްވެސް ގުޅާފައި އަޅުގަނޑު އަހާލަން.

އެހެންވެ އެގޮތުން ބެލެނިވެރިން މާދަމާއަށް ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށްޓަކައި ރެޔާއިދުވާލު އެބަ މަސައްކަތް ކުރައްވާ. މި ޤައުމަށް މިއަދު މި ބޭނުންވަނީ، އެންމެ ރަނގަޅު ޖީލެއް ބިނާކުރުން. މި ޤައުމުގައި މި މަގާމުތަކުގައި، ސްކޫލްތަކުގައި، ޓީޗަރުންގެ ގޮތުގައި، ޤައުމު ހިންގަން އިންޖިނިއަރުންގެ ގޮތުގައިވެސް، ޑޮކްޓަރުންގެ ގޮތުގައި، ޕައިލެޓުންގެ ގޮތުގައި، ޓެކްނީޝަނުންގެ ގޮތުގައި، މި ހުރިހާ މަސައްކަތްތަކެއްގައި ތިބޭނީ މި ކުދިން. އެހެންވީމާ، އެއަށްވުރެ އަޅުގަނޑުމެން ބޭނުންވާ އެއްވެސް ކަމެއް ނެތް.

އަޅުގަނޑު މި ދުނިޔެމަތީގައި އެންމެ ބޭނުންވާ ކަމަކީ، އަޅުގަނޑުގެ ކުދިން ހެޔޮ ރަނގަޅު ދަރިންތަކެއްގެ ގޮތުގައި ބޮޑުވެ، ޤައުމަށް ނަމޫނާ ބައެއްގެ ގޮތުގައި ތިބެ، ޤައުމަށް ޚިދުމަތްކުރާ ބައެއްގެ ގޮތުގައި، އަމިއްލަ ރަނގަޅު ދިރިއުޅުމެއް އުޅޭނެ ބަޔަކަށްވުން. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، އެއީ ތިޔަބޭފުޅުން، ކޮންމެ ބެލެނިވެރިޔަކުވެސް އަދި މާބޮޑަށް ބޭނުންވާނެ ކަމެއްކަން. އެހެންވެ އެކަމަށްޓަކައި ބެލެނިވެރިން އެ ކުރައްވާ މަސައްކަތް، އަޅުގަނޑު ގަބޫލުކުރަނީ، އެއީ ދަރިންނަށްވީތީ ތިޔަބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި. އަދި ޤައުމަށްޓަކައި ޤައުމީ ޚިދުމަތަކަށް ބޮޑު ޓީމެއް، ޖީލެއް ބިނާކުރުމަށްޓަކައިވެސް ތިޔަބޭފުޅުން ކުރައްވާ މަސައްކަތެއް ކަމުގައި. އެހެންވީމާ، އެކަންތައްވެސް ފާހަގަކޮށް، ޚާއްޞަކޮށް، ހަމަ ތިޔަ ހުރިހާ ބެލެނިވެރިންނަށް ހަމަ ހިތުގެ އެންމެ ފުންމިނުން ވަރަށް ލޯތްބާއެކު، އިޙްތިރާމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ފެށުމުގައި އަޅުގަނޑު ދެންނެވިން، އެމް.ކިޔޫ ޕްރީސްކޫލަކީ ދީލަތި އެހީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބުނު ހަދިޔާއެކޭ. ވަރަށް ގިނަ ބަޔެއްގެ މަދަދާއި އެހީތެރިކަން އަޅުގަނޑުމެންނަށް އެކި ދާއިރާތަކަށް ލިބޭ. ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގެ ސްކޫލްތަކަށާއި، ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ އަމިއްލަ ފަރާތްތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ބެލެނިވެރިންނާއި، އެތައް ބައެއްގެ މަދަދާއި އެހީތެރިކަން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބެމުންދޭ. އަޅުގަނޑުމެންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށާއި، އެކިއެކި ކަންތައްތަކުގައި އަބަދުވެސް ތައްޔާރަށް ތިބޭ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އިއްޔެވެސް އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކަންތައްތަކުގައި އުޅުނުއިރު، އަޅުގަނޑުމެންނާއެކު ހައެއްކަ ކުންފުނިން، އިސްބޭފުޅުން އަމިއްލައަށް ވޮލަންޓިއަރ ކުރައްވައިގެން ތިމަންނާމެންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، މި ސްކޫލް ކުދިންނަށްޓަކައި، ދަރިވަރުންނަށް އެއްޗެއް އުނގަންނައިދިނުމަށްޓަކައި، ކުރެވޭނީ ކޮން ކަމެއްތޯ ބައްލަވައި އެކަމުގައި އިއްޔެވެސް ބައިވެރިވެވަޑައިގެންނެވި.

އެހެންވީމާ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ސްކޫލްތަކަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ރަނގަޅުކުރުމަށްޓަކައި، ދަރިންނަށްޓަކައި، އެއީ ކުޑަ ނަމަވެސް، އެއީ ކިތަންމެ ކުޑަ ޒައްރެއްގެ މިންވަރު ނަމަވެސް، ކަމެއް އަޅުގަނޑުމެންނަށް ކޮށްދެއްވާފައިވާ ހުރި ފަރާތެއް ކަމަށްވަންޏާ، އެ ހުރިހާ ފަރާތްތައް އެކުލެވޭގޮތަށް، އަދި ވަކިން ޚާއްޞަކޮށް، އެމް.ކިޔޫ ޕްރީސްކޫލް އަޅުގަނޑުމެންނަށް ހަދިޔާކޮށްދެއްވި އަލްފާޟިލް ޢަލީ ފިރާޤަށާއި، މިތާ އިންނެވި ޢަލީ ފިރާޤުގެ ދަރިކަނބަލުންނަށާއި، ޢަލީ ފިރާޤުގެ މުޅި ޢާއިލާއަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ގުނަމުން މިދަނީ، މާތްވެގެންވާ ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްތައް. ދިވެހިރާއްޖޭގެ ޙައްޖާޖީން މިހާރުވަނީ މައްކާއަށް ވަޑައިގެންފައި. މަތިވެރި އަޅުކަމަށް. މިއީ ރަނގަޅު މޫސުމެއް. އެންމެ މާތް ދުވަސްތައް އަޅުގަނޑުމެން ގުނަމުން މިދަނީ. އަޅުގަނޑުމެން އަބަދުވެސް ބަލަންވީ، ހެޔޮ ކަންތައްތައް ކުރެވޭތޯ. ހެޔޮ ކަންތައްތައް ކިޔައިދެވޭތޯ. ހެޔޮބަސް އަހާ ބަޔަކަށް ވުމަކީ އެއީ، އަޅުގަނޑުމެން އިންސާނުންގެ ގޮތުގައި، އަޅުގަނޑުމެން ދުނިޔެ ނިންމާފައި، އާޚިރަތަށް އަޅުގަނޑުމެން ވާސިލުވާއިރު، ހަމަގައިމުވެސް އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އެދޭނެ ކަމެއް ނޯންނާނެ. އެދުވަހަކުން އަޅުގަނޑުމެން ހިތަށްއަރާނެ، އަޅުގަނޑުމެން ދުނިޔޭގައި، މިވެނިގޮތަކަށް، އެވެނިގޮތަކަށް އުޅެ، އެވެނިކަމެއް ކުރެވުނުނަމައޭވެސް.

އެހެންވީމާ، ވަގުތު އޮއްވާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން ވީހާވެސް ރަނގަޅަކަށް، އިސްލާމްދީނުގައި ކަނޑައެޅިގެން އަޅުގަނޑުމެންނަށް އަންގަވާފައިވާ އެންމެ ރީތި ގޮތަށް، އަޅުގަނޑުމެން އަބަދުވެސް އުޅެން. ކުދިންނަށް ފެންނާނީވެސް އަޅުގަނޑުމެން އުޅޭގޮތެއް. މިއަދު އަޅުގަނޑުމެންގެ ހިތުގައި އޮތް ހެޔޮ ދުޢާ، އެންމެ ހެޔޮއެދުން އޮތީ މައްކާއަށް ވަޑައިގެންފައިވާ ދިވެހިރާއްޖޭގެ އެންމެހައި ޙައްޖާޖީންނަށާއި، އަދި ޙައްޖާޖީންގެ ޢާއިލާތަކަށް. އަޅުގަނޑުމެންގެ އެދުމަކީ، اللهُ سُبْحَانَهُ وَتَعَالَى ގެ ބަރަކާތުން ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖެއް، ފުރިހަމަ ޙައްޖެއް ލިބިގެންދިޔުން.

އާދެ، ތިޔަ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި! އަޅުގަނޑުމެންގެ ތުއްތު ކުދިންނަކީ، މުޅި ޤައުމު އެދޭފަދަ، މައިންބަފައިން އެދޭފަދަ ރަނގަޅު، ހެޔޮލަފާ، މަސައްކަތްތެރި ރަނގަޅު ދަރިންތަކެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވާށި! އަދި މުދައްރިސުންނާއި ޓީޗަރުންނާއި، އަބަދުވެސް ހެޔޮ ދަރިންތަކެއް، ރަނގަޅު ދަރިންތަކެއް، ޖީލެއް ބިނާކުރުމަށްޓަކައި ކުރައްވާ މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى ދެއްވާށި! އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން އަބަދުވެސް ދެއްވާށި! ހެޔޮ ބަސް ބުނުމުގެ ނަސީބު އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.