بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ރިޕަބްލިކް އޮފް ސީޝެލްގެ ރައީސް ހިޒް އެކްސެލެންސީ ވޭވަލް ރާމްކަލާވަން، ޢިއްޒަތްތެރި ވަޒީރުން، މީޑިއާތަކުގެ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރިޕަބްލިކް އޮފް ސީޝެލްގެ ރައީސް ހިޒް އެކްސެލެންސީ ވޭވަލް ރާމްކަލާވަންއަށާއި، އެ މަނިކުފާނުގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

ރައީސް ރާމްކަލާވަންގެ މި ދަތުރުފުޅަކީ، އަޅުގަނޑުމެން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރުވެގެންދާ ތާރީޚީ އާ ކުރިއެރުމެއް. ދިވެހިރާއްޖެއާއި ސީޝެލްސްއަކީ، ދުރު އަވަށްޓެރި ދެ ޤައުމު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ އެއްގޮތް ކަންކަން ގިނަ. ޖަޒީރާތަކުގެ ރަށްވެހީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އާދަކާދަތަކާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގައިވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުރޭ.

އަޅުގަނޑުމެންގެ އިޤްތިޞާދުތަކަށް ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު، އަޅުގަނޑުމެންގެ ޞުލްޙައާއި ސަލާމަތްތެރިކަން ގުޅިފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް. އަޅުގަނޑުމެންގެ އެންމެބޮޑު އެއް ކަންބޮޑުވުމެއް ކަމަށްވާ، މޫސުމީ ބަދަލުތަކާއި، އެކަމުން ކުރާ ނޭދެވޭ އަސަރުތައްވެސް ގުޅިފައި ވަނީ އަޅުގަނޑުމެންގެ ޤައުމުތައް ވަށާލާފައިވާ ބިޔަ ކަނޑުގެ އޮއިވަރަށާއި ދިޔަވަރަށް.

ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ދެ ޤައުމުގެ ތަޖުރިބާއާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އަޅުގަނޑުމެން ދެ ޤައުމުގައިވެސް ޙައްސާސް މައްސަލަތަކަށް ޙައްލު ހޯދުމުގައި މިހާރަށްވުރެ ބޮޑަށް ދެ ޤައުމުން ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންވާނެ ކަމަށް އަޅުގަނޑު ދެކެން.

ޢިއްޒަތްތެރި ރައީސް؛

ދިވެހިރާއްޖެއަށް މަނިކުފާނު ތިޔަ ކުރައްވާ ދަތުރުފުޅަކީ، ސީޝެލްސްގެ ސަރުކާރުން ދިވެހިރާއްޖެއާއި ސީޝެލްސްގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ އަލިގަދަ ހެތްކެއް. މިއަދު މި ދަތުރުފުޅުގެ ތެރެއިން އަޅުގަނޑާ ރައީސް ރާމްކަލާވަން މަޝްވަރާތައް ބޭއްވިން. މި މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުން ކުރާ އެންމެހައި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށްހިތުމުގެ ރޫޙު އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ޚިޔާލުތައް ބަދަލުކުރެވުނު.

ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔުމަކީ، އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް. މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ފުޅާވެ، ދެ ޤައުމުގެ ދެމެދުގައި ހިނގާ މުޢާމަލާތްތައް އިތުރުކުރުމަށް ފަހިވެގެންދާނެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމާ ބެހޭގޮތުން އަދި ދެ ޤައުމުންވެސް މި ޞިނާޢަތުގައި ގެންގުޅޭ މަސައްކަތުގެ ވައްޓަފާޅިން ތަޖުރިބާ ލިބިގަނެވޭނެ ގޮތްތަކާމެދު އަޅުގަނޑާއި ރައީސް ރާމްކަލާވަން މަޝްވަރާ ކުރިން.

އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ހިނގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށާއި، ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އިތުރުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި.

މިގޮތުން، ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔުމަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ.

އަދި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށާއި، އަޅުގަނޑުމެންގެ ޖަޒީރާ ދެ ޤައުމު ތަޖުރިބާ ކޮށްލުމަށް ކެތްމަދުވެފައި ތިބި ފަތުރުވެރިންނަށް، ރާއްޖޭގައި ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކޮށްލައި، އެނަދަރ ވާރލްޑް ސީޝެލްސްގައި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ.

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން މިވަނީ ވޮކޭޝަނަލް ޓްރޭނިންގއާއި، ޒުވާނުން ތަރައްޤީ ކުރުމާ ގުޅޭ ފަހުމުނާމާ އާކޮށްފައި. މި ދާއިރާތަކުން އަޅުގަނޑުމެން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ޤައުމުގެ ޒުވާނުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއާއި ސީޝެލްސް އަދި މުހިންމު ދާއިރާތަކުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ ދިގު މާޒީއެއް އެބައޮތް.

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއި، ކަނޑުތަކާއި މަސްވެރިކަން ބެލެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި، ސަލާމަތާއި ރައްކާތެރިކަން ފަދަ ކަންކަމުގައި ރާއްޖެއާއި ސީޝެލްސްއިން ވަނީ ގުޅިގެން އެތަކެއް މަސައްކަތްތަކެއް ކޮށްފައި.

އ.ދ.ގެ އިތުރުން، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނާއި، އެލެއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްއާއި، އެންމެފަހުން ރާއްޖެއިން ބައިވެރިވި އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ޖަމުޢިއްޔާގެ ތެރެއިންވެސް ރާއްޖެއާއި ސީޝެލްސް ގުޅިގެން މިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.

ސީޝެލްސްއާއި ދިވެހިރާއްޖެއިން އެއް ޤައުމު އަނެއް ޤައުމަށް ދެމުންދާ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މިއަދު އަޅުގަނޑުމެން މަޝްވަރާ ކުރީމު. ވަކިން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ޝަރަމުއްޝައިޚްގައި ނިމިދިޔަ ކޮޕް-27 ގައި ޤާއިމްކުރެވުނު ލޮސް އެންޑް ޑެމޭޖް ފެސިލިޓީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި، ނޫ އިޤްތިޞާދާ ގުޅޭ ކަންކަމުގައި، އެކުގައި މަސައްކަތް ކުރުމާއި، އިންޑިއާ ކަނޑުގެ މަހުގެ އާބާދީ ބެލެހެއްޓުމުގައި އެއްބާރުލުން ދިނުން ފާހަގަކޮށްލެވޭ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ، ދިވެހިރާއްޖެއާއި ސީޝެލްސްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅި ލާމެހިފައިވާ ކަމެއް. ދެ ޤައުމަށްވެސް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެއާއި ސީޝެލްސްފަދަ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތް.

މިގޮތުން، އަޅުގަނޑާ ރައީސް ރާމްކަލާވަން ވާނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތައް ކަމަށްވާ ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވަގުފާރިއާއި، ނިރުބަވެރިކަމާއި، ޤާނޫނާ ޚިލާފަށް، ގަވާއިދުތަކުގެ ބޭރުން ޑޮކިއުމަންޓް ނުކުރެވޭ ގޮތަށް، މި ސަރަޙައްދުގައި ކުރެވޭ މަސްވެރިކަންފަދަ ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅުގަނޑުމެން ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މަޝްވަރާކޮށްފައި.

އަދި މިއަދު ސޮއިކުރި ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސްއަކީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަސައްކަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.

ޢިއްޒަތްތެރި ރައީސް؛

މިއަދު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކާމެދު އަޅުގަނޑު ހިތްހަމަޖެހޭ. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ އޮފިޝަލުން މަޝްވަރާތައް ކުރިއަށް ގެންގޮސް، ރާއްޖެއާއި ސީޝެލްސްއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެ، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރެވޭނެކަމާމެދު އަޅުގަނޑުގެ ޔަޤީންކަން އެބައޮތް.

މަނިކުފާނު ރާއްޖެއަށް ތިޔަ ކުރައްވާ ދަތުރުފުޅަކީ، ނިޔާމަ، އުފާވެރި ދަތުރުފުޅަކަށްވާނެ ކަމަށް އުންމީދު ކުރަން. ހަމަ އެހެންމެ، އެނބުރި ޤައުމަށް ވަޑައިގަންނަވާއިރު، ރާއްޖޭގެ އުފާވެރި ހަނދާންތައް ގެންދަވާނެ ކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން. އަދި އަޅުގަނޑުމެންގެ ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، މަނިކުފާނުގެ ގާތް އެކުވެރިއެއް، އަދި ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު އަޅުގަނޑު އަރުވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.