ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ، ކުރީގެ ވަޒީރު ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު. 1:00އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މި ކަންއިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ނެރުއްވި 4/2023 ނަމްބަރު ދެންނެވުމުގައެވެ.
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 6 މޭ 1953 އިން ފެށިގެން، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ނ.ޢ.ޢ.ވ ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، މ. ދޫރެސްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.