ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު "ވާރލްޑް ފިއުޗަރ އެނަރޖީ ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުބާއީގެ ރޫލަރ އަދި ޔޫ.އޭ.އީ.ގެ ނައިބު ރައީސް ޝައިޚް މުޙަންމަދު ބިން ރާޝިދު އަލް މަޚްޠޫމާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށް ޝައިޙް މުޙަންމަދު ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާމެދު، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ދެޤައުމުގެ އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށް ޔޫ.އޭ.އީ. ސަރުކާރުން ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ރާއްޖޭގައިވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ މޫދުއަޑީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކީވެސް، މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ބޭއްވެވި ޖަލްސާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯއްދެވުމަކީ، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ މަސައްކަތްޕުޅެއް ކަމުގައި ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުން އިޢާދަކުރަނިވި ހަކަތައަށް އެހާ ސަމާލުކަމެއް ނުދޭކަން ފާހަގަކުރައްވަމުން، އަބޫދާބީގައި މިހާރު ހިނގަމުންދާ ހަކަތައާބެހޭ ސަމިޓްފަދަ ބައްދަލުވުންތަކުން މިކަމުގެ މުހިންމުކަން ޤައުމުތަކަށް އިތުރަށް އެނގިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަބޫދާބީއިން ބާރުއަޅަމުންދާތީ، އެކަމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫ.އޭ.އީ.ގައި ހިންގަމުން ގެންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު މި ބައްދަލުކުރެއްވުމުގައި ޝައިޚް މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި، ރާއްޖެއާއި ޔޫ.އޭ.އީ.އާ ދެޤައުމަކީ ޒަމާނުއްސުރެ ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވިއެވެ.