މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމުގައި ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޮލޮޖީގެ މުހިންމުކަމުގެ މައްޗަށް [ވާރލްޑް ފިއުޗަރ އެނަރޖީ ސަމިޓް]ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޤްރީރު ކުރައްވައިފިއެވެ. އެ ސަމިޓު ހުޅުވުމުގެ ޖަލްސާގައި މިއަދު މެންދުރެއްހާއިރު، ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށްޓަކައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންއެބަޖެހޭ ކަމަށާއި، އާ އުފެއްދުންތައް އުފެއްދުމަށާއި، ބަދަލުތައް ގެނައުމަށް އިންސާނިއްޔަތު ކިބައިގައިވާ ޤާބިލުކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިބަދަލުތައް ގެނައުމުގައި އިސްނަގާ ޤައުމުތަކާއި ކުންފުނިތަކަކީ މިޤަރުނުގެ ކާމިޔާބު ވެރިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޢާދަކުރަނިވި ހަކަތައިގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ފޮސިލް ފިއުލަކީ އަގުހެޔޮ ހަކަތައެއް ކަމުގައިވިޔަސް، އުފެއްދުންތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލުދޭން ޖައްވު ނުސާފުކުރާ ފަރާތްތަކަށް މަޖުބޫރުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯޕަންހޭގަން ސަމިޓަކީ، މަދު އެހެންނަމަވެސް މުހިންމު ކަންތައްތަކެއް ޙާސިލުވި ސަމިޓެއްކަން ހާމަކުރައްވަމުން، ޖައްވު ހޫނުވުން ވަކިމިންވަރެއްގައި ހިފެހެއްޓުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ފަޤީރު ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް އެއްބަސްވި އެއްބަސްވުމަކީ، އެ ސަމިޓުގައި އެޅުނު މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޯޕަންހޭގަން އެއްބަސްވުމަށް ޢަމަލީ ސިފަ ގެންނެވުމަށް ދުނިޔޭގެ ގިނަ ލީޑަރުން ތިއްބެވީ، ޢަޒުމް ކަނޑައަޅުއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން މިގޮތަށްވުމުން، އިޤްތިޞާދު ރަނގަޅުވެ ޖައްވު ނުސާފުވުން ނެތިގެންދާނެ ކަމަށާއި، ކާބަން އެކުލެވިގެންވާ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް މައްޗަށްދާނެ ކަމަށްވެސް ލަފާކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ބައްލަވާލެއްވިއެވެ. އަދި ރާއްޖެއިން ބޭނުންވަނީ އެހެން ޤައުމުތަކަށް މަގުދައްކައިދިނުމަށް ކަމަށް ވިދާޅުވެ، ރާއްޖެ މިކުރާ ދަތުރުގައި ބައިވެރިވުމަށް އެހެން ޤައުމުތަކަށް ރައީސް ނަޝީދު ދަޢުވަތު ދެއްވިއެވެ.