بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ހިޒް އެކްސަލަންސީ ވީ. މުރަލިދަރަން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ހިޒް އެކްސަލަންސީ މުނޫ މަހާވަރު، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، އައްޑޫ ސިޓީގެ ކައުންސިލަރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެޕްރީލް 1، 1957ން ފެށިގެން އައްޑޫ ގަމަށް މަތިންދާބޯޓު ތިރިކޮށް އުދުއްސާ. މިއީ 66 އަހަރަށްވުރެ ދޮށީ އެއަރޕޯޓެއް. "އެންރޫޓް"ގެ ނަމުން ނަން ދެވިގެން، އިނގިރޭސި ރޯޔަލް އެއަރފޯސްގެ ސްޓޭޝަނެއްގެ ގޮތުގައި، މި މަރުކަޒު ބޭނުންކުރީ. ހިތަދޫ ކޯއްޓޭކޮޅުން ބެލިޔަސް، ކަނޑެހެރަ، ނޫނީ އޭގެ އިރުމަތީ ދުނީގެ އުސްހެރައިން މިންއެޅިޔަސް، ގަމުގެ އެންމެ ދެކުނަށް އޮތް އައްޑޫމުލި ތަފާތު. އެންމެ ފުރަތަމަ ސަބަބަކީ، އައްޑޫއަށް އައްޑޫ ކިޔާފައި މިވަނީ އެ މުލީގެ ނަމުން. މިއީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ، އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ޕޮއިންޓް. އިނގިރޭސިން ގަން ޚިޔާރުކުރީ އެ ސަބަބަށްޓަކައި.

އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ، އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާކޮޅާ ހަމަޔަށް ފޯރި. ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި.

ތެދުފުޅެއް. އޭރު އެ އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް، ފެންނަން އޮތް ޙަޤީޤަތް ކިތަންމެހާވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ، ރާއްޖޭގެ ދެކުނުކޮޅު. އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ.

ދެންމެ ތިޔަ ދެކެވަޑައިގެން ޕްރެޒެންޓޭޝަންގައިވާ ފެންވަރަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އެއަރޕޯޓް ނިންމާނަން. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައްޑޫގެ ފަޚުރަކަށްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާވަރަށް އަޅުގަނޑުވެސް އެދެން. މިއީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ އެއަރޕޯޓެއް. މި މަޝްރޫޢަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިންޑިއާ ސަރުކާރާއި، އިންޑިއާ އެގްޒިމް ބޭންކުން ދެއްވާ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން.

ރާއްޖޭގެ އިޤްތިޞާދު، 10 އަހަރުން ދެގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް މިގެންދަނީ އިންޤިލާބީ މަޝްރޫޢުތަކެއް. މިގޮތުން، 7000 ޓޫރިސްޓް އެނދު، އައްޑޫ ސިޓީއަށް އަންނާނެ. މި ވާހަކަ އިއްޔެވެސް އަޅުގަނޑު ދެންނެވިން. ފަތުރުވެރިކަން ފުޅާވުމަކީ އެއާ ގުޅޭ އެހެން ކިތަންމެ ވިޔަފާރިއަކަށް ވަޒީފާގެ ފުރުޞަތު ފުޅާވެގެންދާނެ ކަމެއް. އޭގެ ސަބަބުން މިތަނުގައި ހިނގާ މުދަލުގެ މުޢާމަލާތު އިތުރުވާނެ. މި އެއަރޕޯޓް ފަރުމާކޮށްފައި އެވަނީ މިކަންކަމަށް ރިޢާޔަތްކޮށްގެން. ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތްތަކަށް ވިސްނައިގެން.

ސަރަޙައްދީ، އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. މި ދެންނެވި މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް. މިއަދު މި ތަނަށް ޖަމާވެ، ރަސްމީގޮތުން އަޅުގަނޑުމެން މި ފަށަނީ އެ މަސައްކަތް.

ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މި އެއަރޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއްވޭ. އެއީ، ތަރައްޤީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، މި އެއަރޕޯޓްގެ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތް. އެއީ، ޚަރަދުކުޑަވެ، މަގުކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ޙައްލެއް.

އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ.

އިއްޔެވެސް އަޅުގަނޑު ދެންނެވި ފަދައިން، އިޤްތިޞާދީ ހުރިހާ ބުރު، އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ. އައްޑޫއަށް ބަލާނަމަ، ބިން އިތުރުކޮށް، މަގުތައް ހަދައި، ފަތުރުވެރިކަމަށް އިތުރު ރަށްތައް އުފައްދައި އަދި އެއަރޕޯޓް ތަރައްޤީ ކުރުން، އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އެކުއެކީގައި.

ހަންކެޑޭގެ އިތުރަށް، ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރުކުރެވޭ އިތުރު ފަސް ރަށް، ދާދި އަވަހަށް މިތަނުން ފެނިވަޑައިގަންނަވާނެ. މީގެ ފަސް އަހަރު ކުރިން، އައްޑޫ ސިޓީން އެދުނު ކަންކަން މިހާރު އެދަނީ ހިނގަމުން.

ޖުމްލަ 7000 ޓޫރިސްޓް އެނދުގެ އަމާޒު މިތަނުގައި ހާސިލުކުރުމަށް މިހާރު އިރާދަކުރެއްވިއްޔާ ހުރަހެއް ނޯންނާނެ. ޝަންގްރިއްލާ އަދި ހަންކެޑެގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިންތައް އޮޕަރޭޝަނަށް ގެނައުމަށް އިރާދަކުރެއްވިއްޔާ މިހާރު ދައްޗެއް ދެން ނޯންނާނެ.

މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިނގާ ފަރަކުނުޖެހޭނެ. އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން މިދަނީ ހިންގަމުން. އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ.

ވައިގެ މަގުން ރާއްޖެ ގުޅައިލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް. މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބުރިއަށް އިތުރުކުރެވޭ އެއަރޕޯޓް އަޅުގަނޑުމެން އަޅާނީ އިރާދަކުރެއްވިއްޔާ އެ އަތޮޅު ބެރިޔަންފަރުގައި.

މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ ކޮންމެ ކަމަކީ، ދެމެހެއްޓެނިވި ގޮތަށް މި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކެއް. މި ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އެކަށޭނަ، އުފާފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް. ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް، މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން، އޭގެ މަންފާ، އަންނަން އޮތް ޖީލުތަކަށް ފޯރާނެ. ހަމަހަމަ ޙައްޤުތަކާއި، މިންހަމަ، އުފާވެރި ދިރިއުޅުން، ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ، މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ބާއްޖަވެރިކަމާއި، ރައްޔިތުންގެ ފާގަތިކަމަށް މިކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ މަދަދާއި ބަރަކާތް އަޅުގަނޑުމެންގެ މައްޗަށް ވެއްސަވައި، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާޙް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.