بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޒީރު އަދި ބޯޑުގެ ހުރިހާ މެންބަރުން، ޗީފް އޮޕަރޭޓިންގ އޮފިސަރ ޢާދިލް މޫސާ، އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަދި ކޮންމެ ދެމަފިރިއަކަށް ވަރަށް އުފާވެރި ދުވަހެއް. ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކެއް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ރާއްޖޭގައި ހުޅުވުމަކީ، އެ ފަރުވާއަށް ބޭނުންވެފައި ތިބި ކޮންމެ ދެމަފިރިއަކަށް، މި ހޮސްޕިޓަލުގެ ފަރާތުން ފޯރުވައިދިން ވަރަށްބޮޑު ހަދިޔާއެއް. އަދި އަލަށް ޒަވާޖީ ޙަޔާތެއް ފެށްޓުމަށް ތައްޔާރަށް ތިބި ޒުވާނުންނަށް ދިން ވަރަށް ބޮޑު އުންމީދެއް.

އެހެންކަމުން، މިފަދަ މުހިންމު ޚިދުމަތެއް ރާއްޖޭގައި ފެށްޓެވި ކަމަށްޓަކައި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މެނޭޖްމަންޓަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް، އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް މި ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބާއި ކުރިއެރުމަށް އެދެން.

މީގެ ކުރިން ވެސް މި ހޮސްޕިޓަލުގެ ފަރާތުން ވަނީ، ކުރިން ރާއްޖޭގައި ނެތް ޞިއްޙީ ބައެއް ޚިދުމަތްތައް ރާއްޖޭގައި އަލަށް ފަށާފައި. އޭގެ ތެރެއިންވެސް މި ހޮސްޕިޓަލުގައި ޤާއިމުކޮށްފައި ހުރި ފެމިލީ މެޑިސިން ކްލިނިކަކީ، ރާއްޖޭގައި ހުރި މިބާވަތުގެ ހަމައެކަނި ކްލިނިކް. އެންމެ ތުއްތުކުދިން ފެށިގެން، ޢުމުރުން ދުވަސްވީ މީހުންނަށް ވެސް އެ ކްލިނިކުން އަންނަނީ، ޢާއިލީ ދުޅަހެޔޮކަމުގެ ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ދެމުން.

މީގެ އިތުރުން ވެސް، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް މި ހޮސްޕިޓަލުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގައި ވެސް މި ހޮސްޕިޓަލުގެ ވަރަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އަޅުގަނޑު ފާހަގަކުރަން.

ކޯވިޑް-19ގެ ވަބާއިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް މި ހޮސްޕިޓަލުން ވަނީ ވަރަށް މަތީ ދަރަޖައެއްގައި އެހީތެރިކަން ފޯރުކޮށްދީފައި. އަދި އެ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުން މި އަންނަ މަސައްކަތުގައި ވެސް، މި ހޮސްޕިޓަލުގެ ފަރާތުން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ވެސް އަންނަނީ އެއްބާރުލުން ދެމުން. އެކަމަށްޓަކައި، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެރިންނަށާއި މެނޭޖްމަންޓަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކޯވިޑުގެ ތެރޭގައި، މި ހޮސްޕިޓަލުގައި ޚިދުމަތް ދެއްވި ހުރިހާ ޑޮކްޓަރުންނަށާއި ނަރުހުން އަދި ލެބޯރެޓަރީ ޓެކްނީޝަނުންނަށާއި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ދެންމެ ނަޒީރު އެ ވިދާޅުވި ފަދައިން، މި ހޮސްޕިޓަލުގެ ޢުމުރުން މިވީ އަދި އެންމެ ފަސް އަހަރު. އެހާ ކުރު މުއްދަތެއްގައި ވެސް، މި ހޮސްޕިޓަލުން ރައްޔިތުންގެ އިތުބާރު ހޯދައިފި. އެއީ ހަމައެކަނި ޚިދުމަތްތައް ފުޅާކޮށްގެންނެއް ނޫން. އެ ކާމިޔާބީގެ އަސްލަކީ، ބަލިމީހުންނާ މެދު ބަހައްޓާ ގާތްކަން، އަދި ޚިދުމަތް ދިނުމުގައި ހޮސްޕިޓަލުގެ މުވައްޒަފުން ގެންގުޅޭ ރަޙްމަތްތެރި ވައްޓަފާޅި.

މިއަދު މި ހުޅުވާ ފަރޓިލިޓީ ސެންޓަރުގެ ސަބަބުން، މި ހޮސްޕިޓަލުގެ މަޤްބޫލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. މިއީ މުޅިން އަލަށް ރާއްޖޭގައި ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ފަރުވާއެއް. ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށްބޮޑު ޤުރްބާނީއެއްވޭ. ބައެއްފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ޚަރަދުކުރޭ.

އަޅުގަނޑު ހިތުން، މި މަރުކަޒާ އެކު، އެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ. އަދި އެތައް ފައިސާއެއް ސަލާމަތްވެސް ކުރެވޭނެ. އަދި ޢާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއްވެސް ގެނެސްދޭނެ. މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން.

މިހާތަނަށް މި ޚިދުމަތް ހޯދަން ޖެހިފައި އޮތް ގޮތުން، އެ ފަރުވާ ހޯދާ ދެމަފިރިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ. މި މަރުކަޒާ އެކު، އެ ހިތްދަތިކަންވެސް ފިލައިގެން ގޮސް، ފަރުވާ ހޯދާ ދެމަފިރިންނަށް، ބޭނުންވާ ނަތީޖާ ޙާޞިލުކުރެވި، ޢާއިލާއަށް ހިނިތުންވުން ލިބުމަކީ، އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދު. އަޅުގަނޑަށް ޔަޤީން، މި ހޮސްޕިޓަލުން މި ފަރުވާ ދެމުންދާއިރުގައި، ކުރިން މި ދެންނެވިހެން، ނަފްސާނީގޮތުން ޢާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުވެސް ޤާއިމުކުރެވިފައި ހުންނާނެކަން. މި ޚިދުމަތް ފުޅާކުރުމަށް މި ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ. އަދި ހޮސްޕިޓަލް ހިންގުމުގައި ސަރުކާރުގެ ބައެއް ގަވާއިދުތަކުގައި ހުރި ދަތި އުނދަގޫތަކުގެ ވާހަކަ ނަޒީރު ދެންމެ ހާމަކުރައްވައިފި. އަޅުގަނޑު އެ ކަންތައްތަކަށް އެޓެންޑްވެ، އަވަސް ޙައްލެއް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ޔަޤީންކަން އަރުވަން.

އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތަށް، ޕްރައިވެޓް ސެކްޓަރއިން އެއްބާރުލުން ދިނުމުގައި، ޓްރީޓޮޕުން މި ދައްކަނީ ވަރަށް ރީތި ނަމޫނާއެއް. އަދި މިއީ ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަކުން ޚިދުމަތް ދިނުމުގެ ވަރަށް ދުރު ވިސްނުމެއް ޓްރީ ޓޮޕުން ގެންގުޅޭ ކަމުގެ ހެއްކެއް.

އެނގިވަޑައިގަންނަވާނެ، ދަރިމައިނުވުމުގެ މައްސަލައަކީ، މުޅި މިސަރަޙައްދުގައި ވެސް ބޮޑު މައްސަލައެއް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެވެސްވަރަކަށް މި މައްސަލަ އެބައޮތް. ވާރލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުން. އައި.ވީ.އެފް.ގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ ޢަދަދުންވެސް އަޅުގަނޑުމެންނަށް އެކަން ފާހަގަކުރެވިގެންދޭ.

އަޅުގަނޑުމެން ވެސް މި އަންނަނީ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުން. މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން.

އެ ޕްރޮގްރާމް ތަޢާރަފްކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ކުރަމުން މި އަންނަ ކަމަކީ، މިފަދަ ޕްރޮގްރާމަކަށް ޝަރުޠު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން.

މިއަދު ޓްރީޓޮޕްގައި މި ހުޅުވުނު ސެންޓަރާއެކު، މާލީގޮތުން މިކަމުގެ ބޭނުން ޖެހިފައި ތިބި މީހުންނަށް، އެތަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން އަޅުގަނޑު ހިތުން ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ.

މީގެ ތެރޭގައި ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކާއި، މި ޚިދުމަތް ބޭނުންވެފައިވާ މީހުންނާ ގުޅުވައިދެވޭނެ ގޮތްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އަދި މިކަމުގައި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަން ކުރުމަށް ވެސް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން.

ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖެއިން ބޭރުން މިފަދަ ފަރުވާތައް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރާ އެތައް ފައިސާއެއް ސަލާމަތްވާނެ. އަދި ރާއްޖެއިން ބޭރުން މިފަދަ ފަރުވާތައް ހޯދުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ.
އެ ފައިސާ ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ދައުރުވުމުގެ ފުރުޞަތު ލިބުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވެސް ލިބޭނެ ވަރަށް ބޮޑު ރަނގަޅަކަށް ވެގެންދާނެ.

މިފަދަ ޞިއްޙީ މައްސަލަތަކުގެ ޙަޤީޤަތް ހޯދުމަކީ އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް. އެއީ ކާބޯތަކެއްޗާ ގުޅުން ހުރި މައްސަލައެއްތޯ، ނޫނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއްތޯ ވެސް އަޅުގަނޑުމެން މިހާރު ދެނެގެންނަން ޖެހިފައި މިއޮތީ. މި މައްސަލައިގެ މޫ އޮތީ ކޮން ހިސާބެއްގައިކަން ދެނެގަނެވުމުން، މައްސަލަ ހައްލުކުރުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިންމު ޚިދުމަތްތައް ދިނުމަށް ޕްރައިވެޓް ސެކްޓަރގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެން ދިއުން. އަދި މި މުހިންމު ޚިދުމަތް ހޯދާ އެންމެންނަށް ފުރިހަމަ ކާމިޔާބަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން ދެއްވައި، މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތަނަވަސްކަމާއި ފާގަތިކަން އެންމެހައި ދިވެހިންނަށް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.