ކަރަންޓްގެ ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކަނޑައަޅުއްވާ މިންގަނޑުތައް ކުރިއަށްވުރެ މާބޮޑުތަނުން ލުއިކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އަބޫދާބީއަށާއި، ބަޙުރައިނަށާއި، އިންޑިއާއަށް މިއަދު ފެށްޓެވި ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކުރިން ކަނޑައެޅިފައިވަނީ، 1997 ނުވަތަ 2000 ވަނަ އަހަރާ ހިސާބުގައި ގޭގޭގެ އާމްދަނީއާއި ޚަރަދުގެ މައްޗަށް ކޮށްފައިވާ ސަރވޭއަކަށް ބައްލަވައިގެން، ދުވާލަކަށް އެކާވީސް ރުފިޔާ ނުޖެހޭނަމަ، އެއީ ފަޤީރެއްގެ ގޮތުގައި ކަނޑައެޅިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު އެ ޢަދަދު އަލުން މުރާޖަޢާ ކުރައްވާއިރު، އެ ޢަދަދަކީ އެއަށްވުރެ މާ މަތީ ޢަދަދަކަށް ހެއްދެވިދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް ކަމަށާއި، ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ގިނަ ފަރާތްތަކަށް ސަބްސިޑީ ފޯރުއްވައިދެއްވޭނެ ކަމަށް ސަރުކާރުން މިހާރު ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކިޔަވާ ކުދިންނަށް ފަންސާސް މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް އުފައްދަވަން ޤަޞްދު ކުރައްވާކަންވެސް ހާމަކުރެއްވިއެވެ. މާލޭގައި މަތީ ތަޢްލީމު ޙާޞިލު ކުރަމުންދާ ކުދިންނާއި، އަދި ރާއްޖެއިން ބޭރުގައި މަތީ ތަޢްލީމު ޙާޞިލު ކުރަމުންދާ ކުދިންނަށް އެލަވަންސްގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މިއީ މިކަން ޙައްލު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިމަސައްކަތް ބާރަށް ކުރެއްވޭ ކަމުގައިވަނީނަމަ، މި ޖަނަވަރީ މަސް ނިމުމުގެ ކުރިން މިކަން ހަމަޖެހިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހަތަރުސަތޭކަ ހައުސިންގ ޔުނިޓާއި، މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދުއިސައްތަ ފަންސާސް ހައުސިންގ ޔުނިޓުގެ މަސައްކަތުގެ އެގްރީމަންޓްގައި، މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ތައިލެންޑްގެ [ޕްރިޔުކްސާ] ކުންފުންޏާއެކު ސޮއިކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެކަމާގުޅޭ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި ގެތައް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި، އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ސޮއިކުރުމާ ހިސާބަށް، މި ޖަނަވަރީ މަސް ނިމުމުގެ ކުރިން ގެންދެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.