ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދަރަނބޫދޫގެ ކަންކަން ދަރަނބޫދޫގެ ޒުވާނުން ބޭނުންވާ ގޮތަށް ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ދަރަނބޫދޫ ބަނދަރު ސަރަޙައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ވަޒީފާއާއި ގުޅޭ މައްސަލަތަކާއި، ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެއެވެ.

​ދަރަނބޫދޫގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ވެފައިވާ މައިގަނޑު ވަޢުދުތައް ފުއްދިފައިވާކަމަށާއި، އަދި އިތުރަށް ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި ދަރަނބޫދޫއަށް ފަހު ދެން ވަޑައިގަންނަވާނީ މަގޫދޫއަށެވެ.