بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ޑަބްލިޔު.އެޗް.އޯ.ގެ ރެޕްރެޒެންޓެޓިވް ޑޮކްޓަރ ނާޒްނީން އަންވަރު، ނިލަންދޫ ކައުންސިލްގެ ރައީސް، އަދި ފ. އަތޮޅު ކައުންސިލްގެ ރައީސް، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން، ފ. އަތޮޅު ހޮސްޕިޓަލްގެ ވެރިންނާއި ހީވާގި މުވައްޒަފުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން، ފ. އަތޮޅުގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިއަދު އަޅުގަނޑުމެން މި ރަށަށް އައުމުން، އަޅުގަނޑުމެންނަށް އަދާކުރެއްވި މެހްމާންދާރީ ފާހަގަކޮށް، ނިލަންދޫގެ އަދި ފ. އަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ހަވީރު ފެށިގެންދިޔައީ ޕްރައިމަރީ ހެލްތު ކެއަރގެ މުހިންމުކަން ހާމަކޮށްދޭ ކަންތައްތަކެއްގެ ތެރެއިން. އެނގިވަޑައިގަންނަވާނެ، މިކަމަކީ ޕްރައިމަރީ ހެލްތު ކެއަރ މިއީ ކުރީގައި މިނިސްޓަރވެސް ކޮންމެވެސްވަރަކަށް ފާހަގަކުރެއްވި ގޮތަށް، ރާއްޖޭގައި 1980 އަދި 1990ގެ ތެރޭގައި ވަރަށް ރަނގަޅަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް. އެހެންނަމަވެސް، ކޮންމެވެސްވަރަކަށް އެކަމާ އަޅައިނުލެވުމުގެ ސަބަބުން މިއަދު މިވަނީ އަލުން އެކަން އިޢާދަކޮށް،އެ ކަންތައްތައް މުޅިން ހަރުދަނާކުރަން ޖެހިފައި. އާދެ، މިފަދަ ޕްރޮގްރާމެއް ޚާއްޞަކޮށް، މި އަތޮޅުގައި ފެށްޓޭ މިފަދަ މުނާސަބަތެއްގައި ބައިވެރިވެވުމަކީ، އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އެނގިވަޑައިގަންނަވާނެ، މި ހުށަހެޅިގެންދިޔަ ރިޕޯޓްތަކުންވެސް މިކަމުގެ މުހިންމުކަން އެނގިގެން ހިނގައްޖެ. އަދި ކުރީގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް މިކަމުގައި ހުރި މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފި. ދުރާލައި ތައްޔާރުވުން، ރައްކާތެރިވުން އެއީ، ކޮންމެ ކަމަކަށްވެސް މުހިންމު ކަމެއްކަން. އެއީ، އަޅުގަނޑުމެންގެ ސިކުނޑިން އަޅުގަނޑުމެން ވިސްނާލުމުން، ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް އެނގޭ ކަމެއް. މިއީ ކުޑަ ކަމެއް ކަމުގައި އަޅުގަނޑުމެން ފަހަރެއްގައިވެސް ހީކޮށްގެން ނުވާނެ.

އާދެ، ތެދުފުޅެއް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މުޅި ރާއްޖޭގައިވެސް ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރެވެމުންދޭ. ވަކިން ޚާއްޞަކޮށް، މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލޭ އޭރިޔާއާއި، މުޅި ރާއްޖެ ޚާއްޞަކޮށް، އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި، ކެޕޭސިޓީ ބިލްޑް ކުރުމަށްޓަކައި، އަދި މީހުން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް، ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިޔަށް އެބަ ގެންދަވާ.

އެނގިވަޑައިގަންނަވާނެ، އޭގެތެރެއިން ކުރީގައި ނުކުރެވޭ އެތައް ކަމެއް ކުރެވެމުން އެބަދޭ. އަޅުގަނޑުމެންނަށް އިހަށްދުވަހު އަޑުއިވިގެންދިޔަ، ގދ. ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައިވެސް ކުރީގައި ޢާންމުކޮށް ނުކުރާ، އެހެންނަމަވެސް، މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ކުރަން ފަށްޓާފައިވާ އޮޕަރޭޝަން، ސަރޖަރީތަކެއްވެސް ފެށިކަން. މިއިން ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް ފަސޭހަކަން ލިބިގެންދޭ. މިއަދު އެއްގޮތަކަށްވެސް ހީކޮށްގެންނުވާނެ، އަޅުގަނޑުމެން ބަލިވީމާ އަޅުގަނޑުމެންނަށް ޚިދުމަތް ލިބޭނޭ ފެސިލިޓީތައް، ހޮސްޕިޓަލްތައް ހުރީމާ އަޅުގަނޑުމެން ފަރުވާކުޑަކޮށްގެން ތިބެންވާނެއޭ. އަޅުގަނޑުމެން ކުރަންވީ ކަމަކީ، ފުންކޮށް ވިސްނައި ރައްކާތެރިވެ ތިބުމަށް ގަދައަޅައި މަސައްކަތް ކުރުން. އާދެ، މިކަމާ ގުޅިފައި ވަނީ ވަރަށް ގިނަ ކަންތައްތަކެއް.

ޢާންމުކޮށް އަޅުގަނޑުމެން އުޅޭގޮތް، އަޅުގަނޑުމެންގެ ލައިފް ސްޓައިލް ބަދަލުކޮށްލުމަކީ އެއީ މާފަސޭހަ ކަމަކަށް ނުވޭ. އެހެންނަމަވެސް، އަޅުގަނޑު މިއަދު ދަންނަވަން އޮތީ، ފެނިގެންދިޔަ ޕްރެޒެންޓޭޝަން ރިޕޯޓުންނާއި، މިއަދާ ހަމައަށް އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސްއިންނާއި، އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ސަރވޭތަކުން، ހަދާފައިވާ ސްޓަޑީތަކުން އެބަ އެނގޭ، ކަންބޮޑުވާ ދަރަޖައިގައި، ގައިންގަޔަށް ނާރާ ބަލިތައް އެބަހުރިކަން. މިކަމާ އަޅުގަނޑުމެން ވިސްނަންވީ. މިކަން އަޅުގަނޑުމެންނަށް ބަދަލުކުރެވެން އޮތީ، ފަރުދީ ލެވެލްގައި އަޅުގަނޑުމެން ސީރިއަސްކަމާއެކު މަސައްކަތްކޮށްގެން.

އާދެ، ހެލިފެލިވެ އުޅޭ، ކަސްރަތު ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އަޅުގަނޑުމެން ގިނަފަހަރަށް ބޭނުންވަނީ، މީރު އެއްޗެހި ކާން. އެންމެ މީރު އެއްޗެހި ކާން. އަޅުގަނޑުމެން ނުބަލަން، ހަށިގަނޑަށް އެންމެ ފައިދާހުރީ ކޯޗެއްތޯ. އެއީ އަޅުގަނޑުމެން އެންމެންވެސް އާދަވެފައި ތިބޭގޮތް. އެހެންނަމަވެސް، މި ކަންތައްތައް ބަދަލުނުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ކަންބޮޑުވާ ހިސާބަށް، އެކަމަކުން ހިތާމަކުރާ ހިސާބަށް އަޅުގަނޑުމެންގެ ކަންތައްތައް ހިނގައިދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، ހަކުރު ބަލި، ހިތުގެ ބަލި، ކެންސަރު ބަލި، މިހެން ގޮސް އެތައް ބައްޔެއް ޢާންމުވެއްޖެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ ރައްޓެއްސަކަށް، ތިމާގެ މީހަކަށް ނުވަތަ ކޮންމެވެސް އަވަށްޓެރިޔަކަށް ބޮޑު ކަމެއް ދިމާވެގެން އުޅޭ ވާހަކަ. މިއީ ގިނަ ދުވަސްތަކަކަށް އަޅުގަނޑުމެންގެ އުޅުން ބަދަލުކޮށްގެން ބަދަލުވެސް ކުރެވެން އޮތް ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގޮވާލަން ބޭނުން. ޚާއްޞަކޮށް ފ.އަތޮޅުގައި މި ޕްރޮގްރާމް ފެށިގެންދާތީ، މި އަތޮޅުގެ ހުރިހާ ރައްޔިތުންވެސް މި ކުރެވުނު މަސައްކަތްތައް ބަލައިގެން، އުޅުން ބަދަލުކުރުމަށްޓަކައި ކުޑަކޮށް މަސައްކަތްތަކެއް ކޮށްލައްވަން. އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކާމިޔާބެއް ނުވޭ، ހާސިލެއް ނުކުރެވޭ، ހަމަ މިހެން އިށީނދެލައިގެން ތިބެގެންނެއް. އެއީކީ ކުރެވޭނެ ކަމެއް ނޫން. އެއްވެސް ނަތީޖާއެއް މި ނެރެވެނީ، ކަމެއް އެޗީވް މި ކުރެވެނީ، ކުރާ ބުރަ މަސައްކަތަކުން.

އަޅުގަނޑު ޤަބޫލުކުރަނީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތަކީ ދުޅަހެޔޮ ޞިއްޙަތެއްގައި، ފުރިހަމަ ޞިއްޙަތެއްގައި ތިބުންކަން. އެހެންވީމާ، އެއީ ހުރިހާ ގޮތަކުން ވިސްނިޔަސް، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުކަމެއް. އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް، އަޅުގަނޑުމެންގެ ނަފްސު ބެލެހެއްޓުން. އެހެންވީމާ، އަޅުގަނޑު ހަމަ ނަސޭހަތްތެރިވަން، އަޅުގަނޑުމެންގެ ކޮންމެ އުޅުމެއްގައި، އަޅުގަނޑުމެންގެ ލައިފްސްޓައިލް ބަދަލުކޮށް، ވީހާވެސް ބޮޑަކަށް ދުޅަހެޔޮ ޞިއްޙަތެއްގައި ރައްކާތެރިވެ ތިބުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މިކަހަލަ ކަންތައްތައް ކާމިޔާބު މި ކުރެވެނީ ހޮސްޕިޓަލްތަކާއި، އަދި ކަމާބެހޭ ވުޒާރާއާއި، ވަރަށް ގިނަ ބައެއްގެ މަސައްކަތުން. އަޅުގަނޑު މިއަދު ހަމަ މީޑިއާގައިވެސް އެދެން ބޭނުންވޭ، މި ކަންތައްތައް އިތުރަށް ޕްރޮމޯޓް ކޮށްދީ، މިކަމުގެ އެވެއަރނަސް ބޮޑަށް ފަތުރައިދީ، އެ މަސައްކަތްތައް ކުރުމަށް. އެއީ، އަޅުގަނޑު ޤަބޫލުކުރަނީ ޤައުމީ ކަމެއްގެ ގޮތުގައި. އެއީ، ރައްޔިތުންނަށް ކޮށްދެވޭ ކަމަކަށް ވާނެ، ކޮންމެ މީހަކު މި ކަންތައްތައް ކުރިޔަސް.

އާދެ، އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ މިކަހަލަ ކަމެއް ކުރަންވެސް އެންމެ ރަނގަޅު ވަގުތެއްގެ ގޮތުގައި. މިއީ މިކަހަލަ މަސައްކަތްތަކެއް ހޮސްޕިޓަލްތަކުންވެސް ފަށައިގަންނަން ރަނގަޅު ވަގުތެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކާމިޔާބު ކުރުމަށްޓަކައި އޭގައި ފަހަތުގައި ތިބެނީ ހީވާގިކަމާ އެކީ މަސައްކަތްކުރާ ބައެއް. ހޮސްޕިޓަލެއް ކަމަށްވަންޏާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެޓެންޑެންޓުންނާއި އަދި އެނޫންވެސް އެކިއެކި މަސައްކަތް ކުރައްވަން ތިއްބަވާ ބޭފުޅުން.

އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރެއިން، ޚާއްޞަކޮށް، ފުރިހަމަ ރަނގަޅު އުޖޫރައެއް ލިބިގެން މަސައްކަތް ކުރާގޮތަށް ކަންތައްތައް ކުރުމަކީ އެއީ، އެ މަނިކުފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާ ކަމެއް. މި މަހު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އިރާދަކުރެއްވީތީ، ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލެއް ގެންނެވި ތަން. އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ކުރިޔަށް އޮތް ތާނގައި ދިމާވާ ކަންތައްތައް އަޅުގަނޑުމެން ސަރުކާރުން އިރާދަކުރެއްވިއްޔާ ޙައްލުކޮށް، އެންމެންނަށް ވީހާވެސް ފަސޭހަކަމާއެކު ގުޅިގެން މަސައްކަތް ކުރެވޭނޭ ފަދަ މާޙައުލު އަޅުގަނޑުމެން ޤާއިމުކުރާނަން.

އާދެ، އަޅުގަނޑަށް އެންމެފަހުން ވާހަކަ ދައްކަން ލިބުނީމާ ތަންކޮޅެއް އުނދަގޫވޭ، މާގިނަ ވާހަކަ ދައްކަން. އެއީ، ދެން އެހެން މީހަކު ނުހުންނާނެތީ، އަޅުގަނޑަށް އެނގޭ ހުރިހާ ބޭފުޅުންވެސް ތިއްބަވާނީ، ދެން ނިމޭނެއިރެއްގެ އިންތިޒާރުގައިކަން. ދެން އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތް. އެއީވެސް ހަމަ ކަންބޮޑުވާ ކަމެއް. އެއީވެސް އަޅުގަނޑު މިހާރު ސިފަކުރަނީ ބައްޔެއްގެ ގޮތުގައި. އާ ބައްޔެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި.

އެނގިވަޑައިގަންނަވާނެ، އެއްގަމުގައި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި އަދި ކަނޑުމަތީގައި ހިނގާ އެކްސިޑެންޓްތައް. މިއީވެސް އަޅުގަނޑުމެން ހަމަ ސަމާލުވާންޖެހޭ ކަމެއް. މިކަމަށްވެސް ރައްކާތެރިވާން އެބަޖެހޭ. ރަށް ވަކި ކުޑަވުމަކުންވެސް، ރަނގަޅަށް ފަރުވާތެރިކަމާއެކު ބަލައިގެން އަޅުގަނޑުމެން ނޫޅޭކަމަށްވަންޏާ، ހަމަ ފުރާނަ ދާ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބަދަލުވާވަރުގެ އެކްސިޑެންޓްތައް އެބަ ހިނގާ. މިއީވެސް ރައްޔިތުން ފުންކޮށް ވިސްނައި ސަމާލުވާން ޖެހިއްޖެ ކަމެއް. އަޅުގަނޑު މިއަދު ދަންނަވާނީ ސަމާލުވާން ހަމަ ޖެހިއްޖެއޭ މިކަމާ. އެއީ، މިފަދަ ޤައުމެއްގައި ހިނގަން ނުވާ މިންވަރަށް އެބަ ހިނގާ. ޚާއްޞަކޮށް، މާލޭ އޭރިއާގައި، ވަރަށް ހިތާމަވެރި ހާދިސާތައް. ދެން ވިސްނަވާ، އަޅުގަނޑުމެންގެ އަތުގައި ކިތަންމެ ލާރިއެއް ހުއްޓަސް، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންތައްތައް ހުންނާނެ. ބިލިއަން ޑޮލަރު ހުއްޓަސް، ނުކުރެވޭނެ ކަންތައްތަކެއް ހުންނާނެ.

ފުރިހަމަ ޞިއްޙަތަކީ އެއީ، އަޅުގަނޑުމެންނަށް ގަނެވޭނެ އެއްޗެއް ނޫން. އެއީ، އަޅުގަނޑުމެންނަށް ގަނެވޭ އެއްޗެއް ނޫން. ލާރި ހުރީމާ އަޅުގަނޑުމެންނަށް ހޮސްޕިޓަލް އެޅޭނީ. ފައިސާ ހުރީމާ އަޅުގަނޑުމެންނަށް މޮޅު ޑޮކްޓަރުންވެސް ބޭތިއްބޭނީ. އެކަމަކު ފުރިހަމަ ޞިއްޙަތެއް އެއީކީ އަޅުގަނޑުމެންނަށް ގަނެވޭނެ އެއްޗެއް ނޫން. ނެތިގެންދާ ފުރާނަވެސް އެއީ، ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް، އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއް ނޫން. އެހެންވީމާ، މިކަމަށް އޮތީ ހަމަ ރައްކާތެރިވުން. މިކަމަށް އޮތީ ހަމަ ވިސްނުން. މިކަމަށް އޮތީ ހަމަ އަޑުއެހުން. ހެދިފައި ހުންނަ އުޞޫލުތަކާއި، ގަވާއިދުތަކާއި، ޤާނޫނުތަކަކީ އެއީ ތިމަންނާމެންގެ ރައްކާތެރި ކަމަށްޓަކައި، ތިމަންނާމެންގެ ޙިމާޔަތުގައި ހެދިފައި ހުރި އެއްޗެހިކަން ދެނެގަނެ، އެކަން ހަމަ ހިތުގެ އަޑިން ޤަބޫލުކުރުން. އެނޫން ގޮތަކަށް މިކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ، ސަލާމަތްވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް.

އަޅުގަނޑަށް ވަރަށް ގިނައިން މި ވާހަކަ ދެއްކޭ. ގިނައިން މި ވާހަކަ ދެއްކެނީ، މިކަން ގިނައިން ހިނގާތީ. ހިތާމަވެރިކަމުގެ ބޮޑުކަމުން. އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ، ޢާއިލާތަކުގައި އެފަދަ ކަމެއް ދިމާވުމުން އިޙްސާސްތައް ހުންނާނެ ގޮތް. ދިރިއުޅުމުގެ ބާކީ ބައި، ބައްޕަ، މަންމަ، ތިމާގެ މީހަކު، ދައްތަ، ބޭބެއާއި ނުލައި، އަނބިމީހާ ނުވަތަ ފިރިމީހާއާ ނުލައި ދަރިންނާއެކު ހޭދަކުރަންޖެހުމުން ދެން އުޅެންޖެހޭނެ، އެ ވިސްނުމާއި ހިތްދަތިކަން. އެ ހިތާމަ އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭތީ، މިވަރަށް މި ވާހަކަ ދައްކަންޖެހެނީ.

އާދެ، އަޅުގަނޑު ހަމަ، ޚާއްޞަކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި، މިކަމަށް ތައްޔާރުވުމަށްޓަކައި، މި އަތޮޅު، ފ. އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުން އެ ކުރެއްވި މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށް، އެ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، ހެލްތު މިނިސްޓަރ ނަސީމް މި ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި، ހަރުދަނާ ކުރެއްވުމަށްޓަކައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތް އެންމެ ކައިރިން ފެންނަ މީހެއް އަޅުގަނޑު މިއީ. އަޅުގަނޑާ ވަރަށް ގާތުން މަސައްކަތް ކުރައްވަނީ. ޞިއްޙީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ފަސޭހަ ކުރުމަށްޓަކައި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކަމުގެ މަޝްވަރާތަކެއް، އެކަމުގެ ވިސްނުންތަކެއް ނުގެންނަވާ އެންމެ ދުވަހެއްވެސް ނުދޭ. މިއީވެސް އެ މަނިކުފާނު އެންމެ ގިނައިން އަޅުގަނޑު ގާތުގައި ދައްކަވާ ވާހަކަ. އަޅުގަނޑު ކުޑަކޮށް މިއަދު ވިސްނައިލިން، މިހާތަނަށް މި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުވެސް އެންމެ ގިނައިން ވިދާޅުވެފައި އޮންނަ ޖުމުލައަކަށްވެސް ވަނީ "ޕްރައިމަރީ ހެލްތު ކެއަރ". މި ޖުމްލަ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މިނިސްޓަރ ނަސީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހެލްތު މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތްވެސް އަޅުގަނޑު މީގައި ހަމަ ފާހަގަކޮށް، އެ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު ބައިވެރިއަކަށް މިވަނީ ޑަބްލިޔު.އެޗް.އޯ. ޑަބްލިޔު.އެޗް.އޯ.ގެ ފަރާތުން ކަންޓްރީ ރެޕްރެޒެންޓެޓިވް ވަޑައިގެން އެބަ އިންނެވި. އެ ކަމަނާ އަޅުގަނޑުމެންނަށް ދެއްވާ އެހީތެރިކަމާއި ސަޕޯޓް އަބަދުވެސް ބަލައިގަނެ، އެކަމަށްޓަކައި އެ ކަމަނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

We are very grateful to you, for your immense cooperation and support throughout. I think we can together go for a better and healthier Maldives. Thank you so much.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެންމެން އެކީގައި ގުޅިގެން ކާމިޔާބީއާ ހަމައަށް ވާސިލުވުން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދުޅަހެޔޮ ފުރިހަމަ ޞިއްޙަތެއް މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މި މަސައްކަތް ހާސިލްކުރުމަށްޓަކައި މި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން.