بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އާދެ، މާދަމާއިން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ. އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް، އެކަން ކުރެވިދާނެކަން މިއަދު އިޢުލާނު ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މީގެ ކުރިން، ތަޢުލީމީ ދާއިރާގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް، އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެނެސްފިން. ޞިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައި ވަނީ އިންސާނީ ވަސީލަތްތަކާ. ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެ ބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް އާ ޚިދުމަތްތަކާއި ވަސީލަތްތައް އަޅުގަނޑުމެން މި އަންނަނީ ތަޢާރަފް ކުރަމުން. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އެބަ ކުރިއަށްދޭ. ނަމަވެސް، މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިން މަދުވުން. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތިވުން. ޚާއްޞަކޮށް، ތަމްރީނު ލިބިފައިވާ ދިވެހިން މި ދާއިރާތަކަށް ނުލިބުން.

އަޅުގަނޑުގެ އުއްމީދަކީ، ޞިއްޙީ ދާއިރާގެ މުސާރައަށް މި ގެނެވޭ ހެޔޮ ބަދަލާއެކު، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން. 

އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަކަށް ޙައްލު ލިބިގެންދާނެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުން. މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތް ކުރާ ބައެއް. އެ ފަންނުތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިވުމަކީ މި ދާއިރާއަށް ލިބޭނެ ކުރިއެރުމެއް.

ޞިއްޙީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެންނައިރު، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކުން، ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރައެއް މިހާރު ވާނީ ކަނޑައެޅިފައި.

މީގެ ކުރިން، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރުގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20,459 ރުފިޔާ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29,271 ރުފިޔާ ލިބޭނެ. އަދި ސްޕެޝަލިސްޓް ނަރުހުންގެ މުސާރަ މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 41,976 ރުފިޔާގެ ގޮތުގައި ކަނޑައަޅާފައި.

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރުގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28,727 ރުފިޔާ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41,541 ރުފިޔާ ލިބޭނެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތަޢާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 98,137 ރުފިޔާ ކަނޑައަޅާފައި. އިތުރުގަޑީގެ އެލަވަންސާއެކު، މި ދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެ.

މި ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަކުރާ ބޭފުޅުންނަށް އިންޓަރން އެލަވަންސެއް ދިނުމަށް އަޅުގަނޑުމެން ނިންމައިފިން. ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ފާމަކޮލޮޖިސްޓުންނާއި، ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މިވަގުތު ދިވެހިންނެއް ނެތް. އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެއް. އަދި މުސާރަ ބޮޑު ވަޒީފާތަކެއް. ޞިއްޙީ ދާއިރާއިން ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި، ލޯނު ޕްރޮގްރާމްތައް ތަޢާރަފުކުރުމަށް ވެސް އަޅުގަނޑުމެން ވަނީ ނިންމާފައި.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މޭ 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވަރކަރުންނާއި، ސޯޝަލް ސަރވިސް ވަރކަރުން ހިމެނޭގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ނިންމައިފިން.

ސޯޝަލް ވަރކަރަކަށް މީގެކުރިން އިތުރުގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12,944 ރުފިޔާ. މި ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސް ނުލައި އެވްރެޖްކޮށް މަހަކު 21,585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް.

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި ގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާނެ.

މުސާރަތަކަށް މި ގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ކަމާބެހޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާ ޙިއްޞާ ކުރައްވާނެ.

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި، ސަލާމަތީ ޚިދުމަތްތަކާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.

އަޅުގަނޑުގެ އުއްމީދަކީ، ޞިއްޙީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެންދިޔުން. އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވުން.

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރާކަތް ލައްވައި، އެންމެހައި ދިވެހިންނަށް ފުރިހަމަ ޞިއްޙަތާއި، ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.