بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި އެކި ގޮތްގޮތުން ޙިއްޞާވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް މިއަދު ފާހަގަކުރާ އުފާވެރި މުނާސަބާ އިއްތިފާޤުވެފައިވާ އަނެއް މުނާސަބަތަކީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް 75 އަހަރު ފުރުމެވެ. މީގެ 75 އަހަރު ކުރިން، 1948 ވަނަ އަހަރު، ދުނިޔޭގެ ޤައުމުތަކަށް ވެވުނު މުހިންމު އެއްބަސްވުމެއްގެ ދަށުން އުފެއްދި ވާރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމުގައާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ވަރަށް ގިނަގުނަ ވަރަށް ކާމިޔާބު މަޝްރޫޢުތަކެއް ހިންގައިފައެވެ. މި ތާރީޚީ މުނާސަބަތާ ގުޅިގެން، އެ ޖަމްޢިއްޔާގެ ހިންގުންތެރިންނަށާއި އެންމެހައި މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ފާއިތުވި 75 އަހަރުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެންމެހައި ދިވެހިންގެ ނަމުގައި އެ ޖަމްޢިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިއަހަރުގެ ޞިއްޙަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަކީ، އެ ޖަމްޢިއްޔާގެ 75 އަހަރުގެ ޚިދުމަތްތަކާއި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މިހާރު އެންމެ ބޮޑަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ދާއިރާއާ ވަރަށް ގުޅުން ހުރި ޝިޢާރެކެވެ. "ޞިއްޙަތު އެންމެނަށް" (HEALTH FOR ALL) މި ޝިޢާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިޢާރެކެވެ. ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މި ހޭދަވި މުއްދަތުގެ ތެރޭގައިވެސް، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމެވެ.
އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ މަސައްކަތް، އެއް ޤައުމުން އަނެއް ޤައުމާވެސް ތަފާތުވެއެވެ. ރާއްޖޭގެ މިހާރުގެ ޙާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޢާންމު ޞިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފާހަގަކުރެވެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުމެވެ. ވަކިން ޚާއްޞަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަތިވަމުން ދިއުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.
އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ، ކެމިކަލްތަކާއި ޞިއްޙަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުމެވެ. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ޤުދުރަތީ ވެށި އޭގެ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުމެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. މިއީވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމުގެ ހެޔޮ ތައުފީޤާއި މަދަދު އެކަލާނގެ ދެއްވުމެވެ. ދިވެހިރާއްޖެއަކީ، ފާގަތިކަމާއި ތަނަވަސްކަން ލިބިގެންވާ، އަދި އެންމެހައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މެހުމާނަކަށް ވެސް، ޞިއްހީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވެސް ރައްކާތެރިކަން ލިބިގެންވާ ބިމެއްކަމުގައި މި ރާއްޖެ ލައްވައި، އުފާވެރިކަމާއި ހިތްހަމަޖެހުން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރައްވާށިއެވެ. އާމީން