بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އައްޑޫ މޭޔަރ ޢަލީ ނިޒާރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މިނިސްޓްރީގެ އިސްވެރިން، ކައުންސިލް މެންބަރުން، އަދި ވަކިން ޚާއްޞަކޮށް، އައްޑޫ އަދި ހިތަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި ތުއްތުކުދިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މި މިސްކިތުގެ މަސައްކަތް ބަލައިލަން އަޅުގަނޑަށް އާދެވުނު 2021 ވަނަ އަހަރު. އިއްތިފާޤުން އަޅުގަނޑަށް އާދެވުނު ދުވަހަކީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ބިންގާ އެޅުމަށްޓަކައި ކޮންނަން އުޅުނު ދުވަހެއް. ދެން އަޅުގަނޑު ހަނދާން އެބަހުރި، އެ ދުވަހު އެތާ ތިބި މީހުންނާ ދެކެވުނު ވާހަކައިގައި، އަޅުގަނޑަށް ބުނެވުނު ކަމަށް، ދެންމެ އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ، މިސްކިތް ހުޅުވަން އަޅުގަނޑު އިރާދަކުރެއްވިއްޔާ އަންނާނަމޭ. ދެންމެ މިނިސްޓަރު އެ ވާހަކަ ވިދާޅުވީ. އަޅުގަނޑަށް އެހެން ބުނެވިފައި އޮތީ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވެއްޖެ ފުރަތަމަ ކަމަކަށް ޚާއްޞަކޮށް، ބަރަކާތްތެރި ރަމަޟާން މަހެއްގައި މިފަދަ މާތް މަތިވެރި ކަމެއްގެ ފެށުމުގައި، މި މިސްކިތް ހުޅުވުމުގެ އެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ. އެހެންވީމާ، އަޅުގަނޑު އެކަމަށްޓަކައި ޚާއްޞަކޮށް، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަކަށް ނޭނގެ، ކޮން ބޭފުޅެއް ކަމެއް މި މިސްކިތް މި ހަދިޔާކޮށްދެއްވީ އައްޑޫ ރައްޔިތުންނަށް. އިސްލާމްދީނުގައި ދެން އެނގިވަޑައިގަންނަވާނެ، ކަންތައްތައް މިގޮތަށް ކޮށްދޭ މީހާ، ޞަދަޤާތް ކުރާ މީހާ، މީހުންނަށް ހެޔޮ ކަންތައްތައް މިގޮތަށް ކޮށްދޭ މީހާ ކޮންމެހެން އެނގޭކަށްނުޖެހޭ. އެ އަޅުގަނޑުމެންނަށް ނޭނގުނަސް، އެކަން އެނގިވޮޑިގެންވާ އެ ފަރާތަށް އެކަން އެނގިވޮޑިގެންވާނެ. އަދި އެ މީހަކަށް ލިބޭ އެ ދަރުމައާއި ޘަވާބު ލިބޭ. އެހެންވީމާ، މިއީ އަޅުގަނޑަށް ހީވަނީ ދެންމެ އެ ވިދާޅުވިގޮތަށް، އެންމެ ރިވެތި ގޮތަކަށްހެން މިކަންތައް ގޮސްފައި މިއޮތީ.

އެހެންނަމަވެސް، އަޅުގަނޑު ހަމަ މި ކަންތައްތައް މި ކުރެއްވި ފަރާތަށް ޚާއްޞަކޮށް، މި މިސްކިތް ބިނާކުރެއްވި ފަރާތަށް، މުޅި ޢާއިލާއަށް އަޅުގަނޑުމެން ހިތުގެ ފުންމިނުން އެ ފަރާތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެދެނީ، ދުނިޔޭގައިވެސް އެފަރާތަށް ހެޔޮގޮތްތައް އަދި އާޚިރަތުގެ ފުރިހަމަ ބާއްޖަވެރިކަން އެފަރާތަށް ލިބިގެން ދިއުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ދިގުނުކޮށް ކުރުކޮށްލާނީ. ރީތި މިސްކިތެއް އެޅުމަށްފަހު، އެ މިސްކިތް ޒީނަތްތެރިވެގެން މިދަނީ އެ މިސްކިތަށް އަރައި އަޅުކަންކޮށް، އެ މިސްކިތުގައި އެ ކުރަންޖެހޭ ކަންތައްތައް ކުރުމުން.

މިއަދު ޚާއްޞަކޮށް ބަނދަރުމަތީގައި މި މިސްކިތް އެޅިފައި ހުރީ. އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ފަސް ނަމާދުކުރާ އަދި ގިނަގިނައިން އަޅުކަން ކުރާ އަދި ޤުރްއާން ކިޔަވާ ބަޔަކަށްވާން އެބަޖެހޭ. އެހެންވީމާ، މިސްކިތުގެ ފުރިހަމަ ބޭނުންހިފުމަށް ނަސޭހަތްތެރިވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑު އެދެނީ، ހުރިހާ ރައްޔިތުންނަށް ޚާއްޞަކޮށް، އައްޑޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ހިތަދޫގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން އަދި މި ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.