ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޕަބްލިކް އޮފް ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާބިއާގެ ރައީސް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސާބިއާގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެބޭފުޅުންވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓަރ އެއްބާރުލުން އަލުން އާކުރުމަށް އުންމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.