ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި ފަދައިން، މާރިޗުމަހުގެ 1 ވަނަ ދުވަހުންފެށިގެން މަތީ ތަޢުލީމީ ދާއިރާތަކުގެ މަޤާމުތަަކުގެ މުސާރައަށް ގެނެވުނު ކުރިއެރުންތަކުގެ ތަފްސީލް ސަރުކާރުން ހާމަކުރައްވައިފިއެވެ. މުސާރައިގެ ކުރިއެރުންތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސާރައިގެ ކުރިއެރުމުގެ ތަފްޞީލްތައް ޙިއްސާކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންގެ އިތުރުން، ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލްއެވެ.

ރަނގަޅު ޓީޗަރުންނާއި، މުވައްޒަފުން އިތުރުކޮށް ރަނގަޅު މުސާރައެއްދީ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި ރަނގަޅު ޒިންމާދާރު މީހަކު އުފެއްދުމަށްޓަކައި ފުރަތަމަ އެޅޭ ބިންގަލަކީ، ތަޢުލީމާ ތަމްރީންދޭ ފަރާތްތައް ކަމުގައިވުމާއެކު، މަތީތަޢުލީމީ ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީ، އެކަމަށް އެކަށޭނަ މާޙައުލެއްގައި މަސައްކަތް ކުރެވޭ، އެކަަމަށް ވަގުތު ދެވޭ ފަރާތްތަކަށް ހެއްދެވުމަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މުސާރައަށް ގެނެވުނު ކުރިއެރުމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ޙަސަން ވިދާޅުވީ، މިތަންފީޒްވެގެން ދިޔައީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. އަދި މިއީ މަތީތަޢުލީމާއި ތަމްރީންގެ ދާއިރާގެ މުސާރަތަކަށް ގެނެވުނު އިންޤިލާބީ ބޮޑު ބަދަލެއް ކަމަށާ، މިކަމުގެ މައިގަނޑު ބޭނުމަކީ ތަޢުލީމީ ދާއިރާ ކުރިއެރުވުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މަތީތަޢުލީމީ ދާއިރާތަކުގެ މަޤާމުތަކުގެ މުސާރައަށް ގެނެވުނު ކުރިއެރުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މުސާރައިގެ ކުރިއެރުންތައް އެކަށައެޅުއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވާފައިވާ ކަަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، މުސާރައަށް މިގެނެވުނު ބަދަލާއިއެކު ކޮންމެ 2 އަހަރަކުން އެއްފަހަރު މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މިބަދަލާއި އެކު ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާ، ރާއްޖޭގެ އިޤުތިޞާދަށް ބަލާއިރު މުސާރައަށް މިގެނެވުނު ކުރިއެރުމަކީ، ދުނިޔޭގެ ފެންވަރުގައިވެސް އެކަށޭނަ މުސާރައެއް ކަމުގައި މިނިސްޓަ އަމީރު ވިދާޅުވިއެެވެ.

މަތީތަޢުލީމީ ދާއިރާތަކުގެ މަޤާމްތަކަށް ވަނީ 14 އިންސައްތައިން ފެށިގެން 99 އިންސައްތައާ ހަމައަށް މުސާރައިގެ ކުރިއެރުން ދެއްވާފައެވެ. އަދި މަތީތަޢުލީމީ ދާއިރާތަކުގެ އެހެން މުވައްޒަފުންގެ އަސާސީ މުސާރައިގެ %35 އެލަވަންސާއިއެކު އެމުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުންތައް ވަނީ ދެއްވާފައެވެ.

މުސާރަތަކަށް ގެނެވުނު ބަދަލާއި ގުޅޭ ގޮތުން ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، މުސާރައިގެ ކުރިއެރުން ގެންނަވާފައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއާ މަޝްވަރާކުރެވި އައު އޮނިގަނޑެއް އެކުލަވާލުމަށް ފަހުގައި ކަަމަށެވެ.

ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައެވެ. އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެއެވެ.