އޭޝިއާ ޕެސިފިކް ރީޖަން، ވޯލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑްސް އަދި ގަރލް ސްކައުޓުންނަށް ދޭ އެންމެ މަތީ ޝަރަފް ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަރުވައިފި

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑްސް އަދި ގަރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ޤައުމުތަކުގައި ގާރލް ގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އަރުވައިފިއެވެ. އެކަމަނާއަށް މިއެވޯޑު އަރުވާފައިވަނީ، މިއަދު ކަސްޓަމްސް ބިލްޑިންގ، މީރުބަހުރު މާލަމުގައި ބޭއްވި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ ޢާންމު ޖަލްސާގައެވެ.

މި އެވޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް އިންޑިވިޖުއަލް ކެޓަގަރީން މި އެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ގައިޑް ފަޒްނާ އަހްމަދަކީ ގައިޑިން ޙަރަކާތުގެ ދަންމަރު ފެތުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންދާ ބޭކަނބަލެކެވެ. ޗީފް ގައިޑުގެ މަޤާމާއި ޙަވާލުވެލެއްވުމުގެ ކުރިން، ސްކޫލު ދައުރުގައިވެސް އެކަމަނާއަކީ ގާރލް ގައިޑެކެވެ. އަދި އެކަމަނާއަކީ ވޯރލްޑް އެސޯސިއޭޝަނުން ރާވާ ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް "ވޮއިސް އަގެންސްޓް ވައިލެންސް" ގެ ފެސިލިޓޭޓަރއެކެވެ. ހަމަ އެއާއެކު އެކަމަނާއަކީ ހޭލުންތެރި ކުރުވުމުގެ ތަފާތު ޙަރަކާތްތަކުގައި އަދި އެޑްވޮކަސީ ކަންކަމުގައި ދަރުމަވެރިއެއްގެ މަސައްކަތްކުރައްވާ ބޭކަނބަލެކެވެ. އެގޮތުން ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ތަފާތު ކާރިޘާތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތުގައި އެކަމަނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި، ދުނިޔޭގެ ލީޑަރުންގެ ފަންތީގައި ދިވެހިރާއްޖޭގެ ގަރލްގައިޑްސް އެސޯސިއޭޝަން ތަމްޞީލުކޮށްދެއްވާފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން ކުރާ ކޮންމެ މަސައްކަތެއް، ވަރަށް ގާތުން ބައްލަވައި އެކަންކަމުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ކ. ޤުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅުން ތިއްބަވާ މަރުކަޒުގައި، ޢީދު ފާހަގަކުރުމަށްޓަކައި ހިންގި ހަރަކާތެއްގައި ޗީފް ގައިޑުގެ ގޮތުގައި އެކަމަނާ ވަނީ ބައިވެވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑްވެސް ދެއްވާފައެވެ. އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯރޑަކީ، ވޯރލްޑް އެސޯސިއޭޝަން ފޮރ ގަރލ ގައިޑްސް (ވެގްސް) ގެ އޭޝިއާ ޕެސިފިކް ރީޖަން، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންވެސް ނިސްބަތްވާ މި ރީޖަންގައި ދެވޭ އެންމެ މަތީ އެވޯރޑެވެ. މި އެވޯރޑްއަކީ، އޭޝިއާ ޕެސިފިކް ރީޖަންގައި ގައިޑް ހަރަކާތް ކުރިއެރުވުމަށް ޓަކައި އެކި ގޮތްގޮތުން މަސައްކަތްކޮށްދެއްވާފައިވާ އަދި މަސައްކަތްކޮށްދެއްވަމުން ގެންދާ ފަރާތްތަކުގެ އަގުވަޒަންކޮށް އެރުވޭ އެވޯޑެކެވެ. މި އެވޯޑު ދެއްވަނީ ކޮންމެ ތިންއަހަރަކުން އެއްފަހަރުއެވެ. މި އެވޯރޑް ދިވެހިރާއްޖެއިން 6 ފަރާތަކަށް އަދި 4 ވުޒާރާއަކަށް ލިބިފައިވެއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް، އަދި ގަރލް ގައިޑް ހަރަކާތަށް އެހީތެރިވެދޭ ފަރާތްތަކަށްދޭ، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ލިބިފައިވެއެވެ. މި ފަހަރު މިއެވޯޑްތައް ހަވާލުކޮށްދެއްވީ، އޭޝިޔާ ޕެސިފިކް ރީޖަން ކޮމިޓީގެ މެމްބަރު ފިރާޝާ މުޙައްމަދެވެ

މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މިޖަލްސާގައި، ކޮމިޝަނަރ ސެޓްފިކެޓާއި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤެވެ.

މިޖަލްސާގައި، 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށް، ޚިދުމަތުގެ އެވޯޑް ދެއްވާފައި ވާއިރު، 5 އަހަރު ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށް، ޚިދުމަތުގެ އެވޯޑް ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ފާޠިމަތު ނަޞީރެވެ. އަދި 10 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް އެވޯޑްތައް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެޙްމާން އެމްޓީސީގެ ސީއީއޯ އާދަމް ޢާޒިމްއެވެ.

މިޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް އޮތެވެ.