ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިންގެ ގޮތުގައި ހިންގަމުން އައި އެއަރ މޯލްޑިވްސް ލިމިޓެޑަށް ދިމާވި މާލީ ދަތިތަކާހުރެ އެކުންފުނީގެ އޮޕަރޭޝަންސް ހުއްޓާލަންޖެހި، ކުންފުނި ދަރަނިވެރިވުމާ ގުޅިގެން، އެކުންފުނީގެ މެނޭޖްމަންޓް ޙަވާލުކޮށްފައިވާ މެލޭޝިއަން އެއަރލައިންސްގެ މައްޗަށް އާބިޓްރޭޝަނަށް ހުށަހަޅުއްވާފައިވާ މައްސަލައާއި، އެކުންފުނީގެ މައްޗަށް މެލޭޝިއަން އެއަރލައިންސުން ދަޢުވާ ކުރާ މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މެލޭޝިއަން އެއަރލައިންސުން އެދި ހުށަހަޅާފައިވާ ގޮތްތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައެވެ.

އެއަރ މޯލްޑިވްސް ލިމިޓެޑް އުފެދިފައިވަނީ 1994 ވަނަ އަހަރު، ދިވެހި ސަރުކާރާއި މެލޭޝިއަން ހެލިކޮޕްޓަރ ސަރވިސަސް ބަރްހާދު (ފަހުން ނަރޫލީ ބަރްހާދު)އާއެކު ކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު، އެއަރ މޯލްޑިވްސް ލިމިޓެޑާއި މެލޭޝިއަން އެއަރލައިންސް ސިސްޓަމްސް ބަރްހާދް ("މެލޭޝިއަން އެއަރލައިންސް")އާދެމެދު 16 ޖެނުއަރީ 1996ގައި މެނޭޖްމަންޓް އެގްރީމެންޓެއް ކުރެވި، އެއެއްބަސްވުމުގެ ދަށުން ބައެއް ޚިދުމަތްތައް ދިނުމަށް އެއްބަސްވެވިފައިވެއެވެ. މެލޭޝިއަން އެއަރލައިންސުން އެއަރ މޯލްޑިވްސް ހިންގި ގޮތުގެ ސަބަބުން، 2000 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެއަރމޯލްޑިވްސްގެ އޮޕަރޭޝަންސް ހުއްޓާލަންޖެހި، ގިނަ ގެއްލުންތަކާ ކުރިމަތިވެ، ކުންފުނި ދަރަނިވެރިވެފައިވެއެވެ.

މި ކުންފުނީގެ ދަރަނި 91 މިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މީގެތެރޭގައި މެލޭޝިއަން އެއަރލައިންސަށް ދައްކަންޖެހޭ 32 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާއާއި، ފަރަންސޭސިވިލާތުގެ އެއަރބަސްއަށް ދައްކަންޖެހޭ 36 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހިމެނެއެވެ. މީގެއިތުރުންވެސް މެލޭޝިއާއާއި ރާއްޖެއިން ބޭރު އެހެން ފަރާތްތަކަށާއި، ދިވެހިރާއްޖޭގެ ކްރެޑިޓަރުންނަށް ދޭންޖެހޭ ފައިސާވެސް ހިމެނެއެވެ.

މިމައްސަލައަކީ ފައިސާގެ ބޮޑު ޢަދަދުތަކެއް ހިމެނޭ މައްސަލައެއް ކަމަށްވުމުން، ވަޒީރުންގެ މަޖިލީހުން މިކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، މިމައްސަލަ ޙައްލު ކުރެއްވުމަށް މަގެއް ހޯއްދަވައި އަދި މިކަމުގެ ތަފްޞީލު ބަޔާނެއް ބަންޑާރަ ނައިބު، ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 2010 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ ބަޔޯޑައިވަރސިޓީ އަހަރު ކަމުގައި އ.ދ.އިން ހަމަޖެއްސެވުމާ ގުޅިގެން، ރާއްޖޭގައިވެސް އެ އަހަރަކީ ބަޔޯޑައިވަރސިޓީ އަހަރުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމެވިއެވެ.