އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންއަށް ކުރެއްވި ދަތުރުފުޅުގައި، މިމަހުގެ 15ވަނ ދުވަހު ވާރލްޑް ބޭންކްގެ ރައީސް ޒޯލިކާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، 6.5 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 120މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދެއްވާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއެހީއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، އެކަމަށް އަހުލުވެރިވުމަށް ރާއްޖެއަށް އެހީތެރިވެދެއްވުމަށްޓަކައި ދިވެހި ސަރުކާރަށް ދެއްވާ އެހީއެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެހީވުމަށް އުފެދިފައިވާ "ކްލައިމެޓް ޗޭންޖް ޓަރަސްޓް ފަންޑް" ހިނގާގޮތް ބަލަހައްޓާނީ ވާރލްޑް ބޭންކުންނެވެ. އަދި ފަންޑުން މަސައްކަތްތައް ކުރިއަށް ގެންދަވާނީ ދިވެހި ސަރުކާރުންނެވެ.

މިފަންޑަށް ފައިސާ ދެއްވާނީ، މައިގަނޑު ގޮތެއްގައި ޔޫރަޕިއަން ކޮމިޝަންގެ "ގްލޯބަލް ކްލައިމެޓް ޗޭންޖް އެލައިއަންސް"ގެ ދަށުންނެވެ. މި އެހީގެ ޕްރޮގްރާމްގައި ރާއްޖެ ހިމެނުއްވުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހޮވާފައިވާ އެންމެ ފުރަތަމަ ފަސް ޤައުމުތެރޭގައި ރާއްޖެވަނީ ހިމެނިފައެވެ. އަދި މީގެއިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މިހާރު ނުހިމެނޭ އެހެންނަމަވެސް މިފަންޑުން ހިލޭ އެހީ ދޫކުރާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ.

މިފަންޑް ބޭނުންކުރާމާ ބެހޭގޮތުން ދިވެހި ސަރުކާރާއި، ޔޫރަޕިއަން ކޮމިޝަނާއި ވާރލްޑް ބޭންކާ ދެމެދުގައި އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެއެވެ.

މިފަންޑު ބޮޑަށް އަމާޒުވެގެންދާނީ މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވާނެ ގޮތްތަކަށެވެ. ޚާއްސަކޮށް، ތަރައްޤީގެ މަސައްކަތްތަކުގައި ކާބަން ވީހާވެސް މަދުން ބޭނުންކުރާނެ ގޮތްތަކަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަސަރުނުކުރާނެފަދަ އިޤްތިޞާދެއް އުފެއްދުންފަދަ ކަންކަމަށެވެ.