بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَى ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އައްޑޫ އީކްއެޓޯރިއަލް ހޮސްޕިޓަލުގެ ސީ.އީ.އޯ. މުޙައްމަދު ޞާލިޙް، އައްޑޫ މޭޔަރ ޢަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ތަމްސީލު ކުރައްވާ އެންމެހައި މެންބަރުން، ސިޓީ ކައުންސިލުގެ މެންބަރުން، އީކްއެޓޯރިއަލް ހޮސްޕިޓަލް އަދި ހުޅުމީދޫ ހެލްތު ސެންޓަރުގެ އިސްވެރިން، ބޯޑު މެންބަރުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް، މިހާ މުހިންމު ޚިދުމަތްތަކެއް މިފެށޭ ދުވަހު މިކަމުގައި ތިޔަބޭފުޅުންނާއެކު ބައިވެރިވުމަކީ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ، ރައްޔިތުންގެ ދުޅަހެޔޮކަން. ފުރިހަމަ ޞިއްޙަތަކާއި ހެލްތު ކެއަރ، ކައިރިން ލިބޭނޭ މަގުފަހިކުރެއްވުން. މި ދެންނެވި ފުރުޞަތުތައް ހޯއްދަވައި ދެއްވުން. މިގޮތުން އެނގިވަޑައިގަންނަވާނެ، މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކުރީގައި ނުދެވޭ އެތައް ޚިދުމަތްތަކެއް، ހއ.އިން ފެށިގެން، އައްޑުއާ ދެމެދުގައި ފެށިއްޖެ. އޭގެ ހެޔޮ ނަތީޖާ، އޭގެ ފަސޭހަ، އޭގެ މަންފާ، ދިވެހި ރައްޔިތުންނަށް ކުރަމުން މިދަނީ.

އާދެ، ދެންމެ ޑޮކްޓަރ ޞާލިޙްވެސް އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް މި ދެ ރަށުން ފެނިގެން މިދަނީ، ދުވަހަކުވެސް މި ދެ ރަށު ރައްޔިތުންނަށް ނުލިބޭފަދަ ފަސޭހަކަމެއް ލިބިގެންދާ ތަން. އާދެ، އެކްސްރޭގެ ޚިދުމަތް. ޑެންޓަލްގެ ޚިދުމަތް. ލޮލުގެ ފަރުވާ. އަދި ފިޒިއޮތެރަޕީގެ ޚިދުމަތް. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން މިއަދު މިވަނީ ހުޅުމީދޫގައި ޑަޔަލިސިސް ތަޢާރުފްކޮށްފައި. އޭގެ ފަސޭހަކަން، އިރާދަކުރެއްވިއްޔާ، މި ދެ ރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް.

އަޅުގަނޑު ތިޔަބޭފުޅުންނަށް، މި ދެ ރަށުގެ ރައްޔިތުންނަށާއި، އަދި މުޅި އައްޑޫ ރައްޔިތުންނަށް ދަންނަވާލަން އޮތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތައް، މި ސަރުކާރުން ކުރަން ނިންމެވި ކަންތައްތައް ވަޢުދުވުމާއެކު، އަޅުގަނޑުމެންގެ ޓީމު ރައީސުލްޖުމްހޫރިއްޔާ އަތުރާލައްވާފައިވަނީ މި ކަންތައްތައް ހާސިލުކުރުމަށޭ. ދެންމެ ވިދާޅުވިގޮތަށް އަޅުގަނޑުމެން ގުޅަންޖެހެނީ، އެކިއެކި ފަރާތްތަކާ. އެއީ، އަޅުގަނޑުމެންނަށް މި މަސައްކަތް ކާމިޔާބުކުރެވެނީ ހުރިހާ އެންމެން އެކީގައި ކުރާ މަސައްކަތަކުން ކަމަށްވާތީ. ސިޓީ ކައުންސިލާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަޅުގަނޑުމެންގެ މިނިސްޓްރީތަކާއި، ޚިދުމަތްދޭ މުއައްސަސާތަކާއި، ބޯޑު މެންބަރުންނާއި، ދެންވެސް މި ސަރުކާރުގައި ތިބި ހުރިހާ އެންމެން އެކީގައި މިއަދު މަސައްކަތް ފަށާފައި މިއޮތީ، މީގެ ހަތަރު އަހަރު ކުރިން، ރައީސުލްޖުމްހޫރިއްޔާ މި ހުޅުމީދުއަށާއި، އަދި އައްޑުއަތޮޅަށް ވަޑައިގެން ތިޔަބޭފުޅުންގެ އަރިހުގައި ވިދާޅުވި ކަންތައްތައް ހާސިލުކުރުމަށްޓަކައި. އަޅުގަނޑުމެންގެ 24 ގަޑިއިރު މިއަދު މި ހޭދަކޮށްލަނީ، ރައްޔިތުންނަށް ފަސޭހަކަން ހޯދައިދިނުމަށްޓަކައި. ކައިރިން ރަށުން، އަތޮޅުން، ސިޓީން ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ދާއިރާގެ ކަންތައްތައް ފުޅާކުރުމަށް.

އަޅުގަނޑު މިއަދުވެސް ދަންނަވަން އޮތީ، މި އަދި ނިމުނީކީ ނޫނޭ. މި ނިމުނީކީ ނޫނޭ. އަދި ކުރިއަށް އޮތީ. އަދި ބޮޑެތި ކަންތައްތައް، މާފުރިހަމަ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ. މި ފަސްގަނޑުންވެސް، މުޅި އައްޑޫސިޓީއަށްވެސް ބޮޑެތި ބަދަލުތަކެއް އަޅުގަނޑުމެން ގެނައީ. މި ބަދަލުތައް ގެނައީ ރާއްޖޭގައި އޮތް ނިޒާމަށް. އަދިވެސް އަޅުގަނޑުމެން އެ ބަދަލުތައް ގެންނަމުން މިދަނީ. އެއީ ފަސޭހަކުރުމަށްޓަކައި. ހިންގުން ހަރުދަނާ ކުރުމަށްޓަކައި. ތަނަށް އެކަށީގެންވާ ރަނގަޅު މީހުން ހަމަޖައްސަވާފައި، އެ މީހުންނަށް އެ ފުރުޞަތުތައް މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މި ދެއްވަނީ. އޭގެ ނަތީޖާއަކީ، ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދިޔުން. އީކްއެޓޯރިއަލް ހޮސްޕިޓަލުގެ ކަންތައްތައް ކުރިއަރަމުންދާ މަންޒަރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަޅުގަނޑުމެން ބަލައިލިނަމަވެސް، ފެނިގެން މިދަނީ، ދިވެހިރާއްޖޭގެ ތާރީޚުގައި، ޚާއްޞަކޮށް، އަތޮޅުތަކުން ދުވަހަކުވެސް ނުލިބޭފަދަ ޚިދުމަތްތަކެއް ލިބިގެންދާތަން. އަތޮޅުތަކުގެ، ރަށްތަކުގެ ތަރައްޤީއަށް ބަލައިލައިފި ކަމަށްވަންޏާ، ސިކުނޑިއަށް ނުގެނެވޭ އެތައް ކަމެއް، މިއަދުގެ ވިސްނުންތެރި، ޙިކްމަތްތެރި އަޅުގަނޑުމެންގެ ރައީސްގެ ވިސްނުންފުޅާއެކީ އެބަ ގެނެވޭ. ދައްކާ ވާހަކައަށްވުރެ ބޮޑަށް ކަންތައްތައް ޢަމަލީގޮތުން އަޅުގަނޑުމެން މިދަނީ ދައްކައިދެމުން.

އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔެ، މުޅި ޤައުމު، ހުރިހާ ރައްޔިތުން، ދުނިޔޭގައި ހިމެނޭ 8 ބިލިއަން މީހުން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު، ދުވަހަކުވެސް ތަޙައްމަލް ނުކުރާފަދަ ދަތި އުނދަގޫ ކަންތައްތަކެއް ތަޙައްމަލްކޮށްފި. ދިވެހި ރައްޔިތުންވެސް ނުދެކޭފަދަ، ސިކުނޑިއަށް ނުގެނެވޭފަދަ އެތައް ދަތި އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެން ގޯ ތްރޫ ކޮށްފިން. އެހެންނަމަވެސް، އެއްކަމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އެންމެ ދަތިވެގެންދިޔަ ވަގުތުވެސް، ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ ޞިއްޙީގޮތުން މެދުނުކެނޑި ފަރުވާދެވޭނެގޮތް ހަމަޖެއްސެވުމަށް. އަދި ދިވެހި ރައްޔިތުންނަށް ކާޑާއި ތެލާއި، ބޭހާއި، ގޭހުގެ ބާވަތްތައް ލިބޭނެގޮތް ހަމަޖެއްސެވުމަށް. އަދި އެންމެ އުނދަގޫ ވަގުތުވެސް، މުޅި ދުނިޔޭގެ ހުރިހާ ބޯޑަރެއް ބަންދުވެފައި، ކައިރި ޤައުމަކަށް، އެ ޤައުމު ނޫން އެހެން ޤައުމަކަށް، އެ ޤައުމުން ބޭރުގައި ހުރި އެއްވެސް މީހަކަށް ނުދެވޭ ޙާލަތުގައިވެސް، އަޅުގަނޑުމެންގެ ތެރޭގައި ތިބި ކޮންމެހެން ފަރުވާ ބޭނުންވާ ކްރިޓިކަލް، ސީރިއަސް ބަލީގެ މީހުން، ކައިރި ޤައުމުތަކަށް އަޅުގަނޑުމެން ފޮނުވިން.މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެކަން ހަމަޖެއްސެވީ. އެއީ، ރައްޔިތުންނަށްޓަކައި ވެރިކަން ކުރުމަކީ. އެއީ، ވެރިޔަކު ހުރުމުގެ ބޭނުމަކީ.

ދެން އަޅުގަނޑު މިއަދު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ އައްޑޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާނެ. އައްޑޫގެ ޓުއަރިޒަމް ފުޅާވެގެންދާނެ. ސްމޫތުކޮށް މަގުތައް ހެދުމުން، އެކްސްރޭ ނަގަންޖެހޭ މިންވަރު މަދުވެގެންވެސްދާނެ. ސްކޫލްތަކުގެ 100 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް، އޭގެތެރެއިން 12 ކްލާސްރޫމް ފިޔަވައި، އެހެން ހުރިހާ ކްލާސްރޫމެއްގެ މަސައްކަތް ހުރީ ނިމިފައި. ނޫނީ މުޅިން ނިމުމަކާ ކައިރީގައި. ސްކޫލަށް ބޭނުންވާ އެހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ސައިންސް ލެބް އެބަ ޤާއިމްކުރެވޭ. މުދައްރިސުންނަށް ބޭނުންވާ މާޙައުލު ޤާއިމްކުރުމުގެ ކަންތައްތައް ކުރިއަށް އެބަދޭ. މަލްޓި-ޕަރޕަސް ހޯލުގެ ކަންތައްތައް ކުރިއަށް އެބަދޭ. މިއީ، ސަރުކާރެއް އޮތުމުގެ ބޭނުމަކީ.

މިއަދު އަޅުގަނޑުމެންގެ ސަރުކާރު އަމާޒު ހިފާފައި މިއޮތީ، އަޅުގަނޑު ދެންމެ މި ދެންނެވި ޓީމާއެކު. ދިވެހި ކޮންމެ ދަރިޔަކީ، ޤައުމަށްޓަކައި މަސައްކަތް ކުރެވޭ ދަރިޔަކަށް ހެދުމަށް. އަޅުގަނޑު މިހެން ދެންނެވި ކަމުގައިވިޔަސް، އައްޑޫ ރައްޔިތުންނަށް، ތިޔަބޭފުޅުންނަށް ހުނަރަކީ ކޮންއެއްޗެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިއީ ހުނަރު ދައްކައިދޭ ތަނެއް މާކުރިއްސުރެ ފެށިގެން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހުނަރު ހުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސްކޫލް ތެރެއިންވެސް، އަޅުގަނޑުމެން ދަސްކޮށްދޭނީ، ކިޔަވައި ނިމިގެން އެކްސްރޭ މެޝިންވެސް ބޭނުންކުރަން އެނގުން. އެހެންނޫނަސް، ޓެކްނިކަލް ދާއިރާތަކަށް އަހުލުވެރިވެފައި، ދިރިއުޅުމަށް ތައްޔާރުވެފައި، އެކުގައި އުޅެވޭ، އަމިއްލަ ފައިމައްޗަށް ތެދުވެވޭކަހަލަ ދަރިންތަކެއް އަޅުގަނޑުމެން ބޭނުންވަނީ. އެއީ، އަޅުގަނޑުމެންގެ މުސްތަޤްބަލް. އެކަން ކުރުމަށްޓަކައި އެގޮތުގެ މަތީގައި އަޅުގަނޑުމެން ފަސް އަހަރު ނިންމާލާފައި، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަދި ކުރިއަށްއޮތީވެސް މި ހެޔޮ ވެރިކަން މި ކުރައްވާ އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާއެކު މާދުރަށް ދިޔުމުގެ ވިސްނުން. އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން އޮތީ، ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކު، ޤައުމަށް އެ ފައިދާ ހޯދުމަށްޓަކައި، ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަންވާނެއޭ. އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެކޭ.

އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެސްވެއްޖެ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން ބޭނުން، އީކްއެޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތާ ޑޮކްޓަރ ޞާލިޙް ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ވަރަށް ގިނައިން އަޅުގަނޑުމެންނާ ވާހަކަ ދެކެވުނު. ކަންތައްތައް ރަނގަޅު ކުރުމަށް، މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް. އެކަންކަން ހުއްޓުމެއްނެތި އެބަދޭ. ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މި ޚިދުމަތް ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. މިހާރު މާބޮޑުތަނުން އިރާދަކުރެއްވިއްޔާ ފަސޭހަވެގެންދާނެ. މުޅި ހޮސްޕިޓަލުގެ ޓީމު އަޅުގަނޑުމެންގެ މާލޭގެ އައި.ޖީ.އެމް.އެޗް. އާއި އަދި ހުޅުމާލޭ ހޮސްޕިޓަލާ އެކީވެސް މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑު އެކަންވެސް ފާހަގަކޮށް، މި ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ޑޮކްޓަރ ޞާލިޙަށް ވަރަށްބޮޑު ޝުކުރެއް ދަންނަވަން.

ހަމަމިއާއެކު، އަޅުގަނޑުމެންނާއެކު މިއަދު ބައިވެރިނުވިނަމަވެސް މިނިސްޓަރ ޢަލީ ޝިޔާމް، މި ހުރިހާ ހޮސްޕިޓަލެއްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވާ. އެކަމަށްޓަކައި މިނިސްޓަރ ޢަލީ ޝިޔާމަށާއި، އަދި އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރ، ދިވެހިރާއްޖޭގެ ހެލްތު ނިޒާމް ވަރުގަދަކުރުމަށްޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމަށްވެސް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން. މި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން، އެއް އަމާޒަކަށް އަދި ހުރިހާ މުވައްޒަފުން ގުޅިގެން، ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް، މުޅި އައްޑުއަށް، މުޅި ސަރަޙައްދަށް، މުޅި ސައުތު މި ރީޖަނާ އެކީގައި ޚިދުމަތް ދިނުމަށްޓަކައި އެވާ ތައްޔާރީތަކާއި، އެ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންނާ ވަރަށް އެކުގައި ކައުންސިލް މަސައްކަތް ކުރެއްވި. ވަރަށް ގާތުން މަސައްކަތް ކުރެއްވި. ކޮންމެ ކަމެއްގައިވެސް ފަސްޖެހުމެއްނެތި، ޝައުޤުވެރިކަމާއެކު، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށްޓަކައި އެ މަސައްކަތް ކުރެއްވި.

އަޅުގަނޑު މިހެން މި ދަންނަވަނީ، އަޅުގަނޑަށް ވަރަށް ގިނައިން ގުޅޭތީ. ވާހަކަ ދެއްކޭތީ. މީހަކު އެ ވާހަކަ އަޅުގަނޑު ކައިރީގައި ބުނެގެނެއް ނޫން. އަޅުގަނޑު އަމިއްލައަށް އެކަން އިޙްސާސް ކުރެވޭތީ. އަޅުގަނޑަށް އެކްސްޕީރިއަންސް ކުރެވޭތީ، އަޅުގަނޑު މި ދަންނަވާލީ. މޭޔަރާއި އަދި މޭޔަރުގެ ޓީމު ކުރައްވާ މަސައްކަތްތަކުގެ ވާހަކަ. އޭގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިއަތޮޅުގެ ތިން މެންބަރުން އަޅުގަނޑުމެންނާއެކު މިއަދު ތިއްބެވި ނަމަވެސް، އައްޑުއަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް އައްޑޫގެ ތަރައްޤީއަށްޓަކައި އެ ކުރައްވާ މަސައްކަތް ފާހަގަކުރަން. އެ ބޭފުޅުން ގުޅުއްވާ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ. ކަމާ ގުޅުންހުރި ހުރިހާ ވަޒީރުންނާއި ހުރިހާ ފަރާތްތަކާ އެކީގައި އެބަ ބައްދަލުކުރައްވާ. އަޅުގަނޑުމެންގެ މަސައްކަތުގައި ވަރަށް ބޮޑަށް އުޅުއްވާ އެއް ބޭފުޅެއް އަޅުގަނޑަށް އެނގޭ. ކިހާވަރަކަށް މަސައްކަތްތައް ކުރެވޭކަން. ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ. ޢަޙްމަދު ސަޢީދަށާއި، ހުރިހާ ވަޒީރުންނަށާއި އަދި ސިޓީ ކައުންސިލަށާ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މި ދައްކައިދެނީއޭ ކަންކަން ކުރެވެމުންދާކަން. ތިޔަބޭފުޅުން އިތުބާރު ކުރައްވާށޭ. ޤައުމަށް ރަނގަޅުގޮތް ފެންނަން އޮއްވާ، ރައްޔިތުންނަށް ރަނގަޅުގޮތް ފެންނަން އޮއްވާ، އެ ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑުމެން އެގޮތުގައި ހިފަހައްޓަންވާނެ. މިހާރު މިތިބީ ހަމަ ރަނގަޅު މިޞްރާބެއްގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދަތުރު އެންމެފަހުން ގޮސް ނިމޭ ހިސާބަށްދާއިރު، އެންމެންނަށް އޭގެ ހެޔޮ ފަސޭހަކަން، އެ ލާބައާއި މަންފާ އިރާދަކުރެއްވިއްޔާ، ކޮންމެ މީހަކުވެސް އެ އިޙްސާސް ކުރެވިގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ، މިއާއެކު އަދި އިތުރު ކަންތައްތައް ވީހާވެސް އަވަހަށް އަޅުގަނޑުމެންނަށް ކުރެވި، ރައްޔިތުންނަށް ފަސޭހަވެގެންދިޔުން. އަޅުގަނޑުމެން ކުރާ މި މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި. ޚާއްޞަކޮށް، އަޅުގަނޑުމެން އެންމެން، އައްޑޫ ރައްޔިތުން، މުޅި ދިވެހިން، ހުރިހާ ރައްޔިތުންނަކީ، ދުޅަހެޔޮ ހަށިހެޔޮ، ފުރިހަމަ ޞިއްޙަތެއް ލިބިގެންވާ ބަޔަކު ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި. އަޅުގަނޑުމެންނާ ގުޅިގެން، އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ވިސްނުން އަބަދުމެ ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.