بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، އިސްކަންދަރު ސްކޫލް ބޯޑުގެ މެންބަރުން، މުދައްރިސުން، ބެލެނިވެރިން، އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުރަތަމަ ކަމަކަށް، މި ސްކޫލްގެ މިކަމުގައި އަޅުގަނޑަށް ބައިވެރިވެވުނީތީ، އެކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، ސްކޫލް ޕްރިންސިޕަލަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ، އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި އަދި ސްކޫލްގެ އެންމެހައި މުވައްޒަފުންނާއި، މުދައްރިސުންނާ ބައްދަލުކޮށްލުމަށް އައުމުގެ އިންތިޒާރީގައި އަޅުގަނޑު ހުންނަތާ. ލަސްވި ނަމަވެސް، އަޅުގަނޑަށް މިއަދު އާދެވުނީތީ، އަދި ވަކިން ޚާއްޞަކޮށް، މިހާ މުހިންމު ކަމެއްގައި ބައިވެރިވުމަށްޓަކައި އާދެވުނީތީ، އެކަމަށް އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސްޓެމް ފެއަރއަކީ، ޚާއްޞަކޮށް ސައިންސް، ޓެކްނޯލޮޖީ، އިންޖިނިއަރިންގ މިއީ އެއާނުލައި، ދެން ކުރިއަށް އޮތް ދުވަސްތަކުގައި ނޫޅެވޭނެ ކަންކަން. މިކަހަލަ ކަމަކުން ދަރިވަރުންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދާނެ. ދެންމެ ވީޑިއޯ ރިޕޯޓުގައިވެސް އައިގޮތަށް، ފޮތުން ކިޔައިގެން، ފޮތުން ބަލައިގެން، ނުވަތަ އަޑުއަހައިގެން، މިދަސްކުރެވެނީ ވަކިވަރަކަށް، ވަކި ކަންތައްތަކެއް. އެހެންނަމަވެސް، ކުދިން އަމިއްލައަށް އެކްސްޕީރިއަންސް ކޮށްގެން، އަމިއްލައަށް އީޖާދުކޮށްގެން، ބައެއްފަހަރަށް އެ ކުރާ ކަމެއް އެންމެ ރަނގަޅު ނުވިނަމަވެސް، ޓްރައިކޮށްގެން މިކަހަލަ ކަންތައްތަކެއް އަމިއްލައަށް ކުރުމުން، ދެން އެކުއްޖާގެ މުޅި ދިރިއުޅުމަށް އެކަމުން ފައިދާތަކެއް ކުރާނެ.

އާދެ، އަޅުގަނޑުމެންގެ ތަޢުލީމީ މުޅި ސިޔާސަތު މިހާރު އަމާޒު ހިފައިފައި މިއޮތީ، 21 ވަނަ ޤަރުނަށް ދަރިން ތައްޔާރުކުރުމަށް. އެފަދަ ސްކިލްތައް ހުރި ހުނަރުވެރި ދަރިންތަކެއްގެ ގޮތުގައި ހުރިހާ ކުދިންވެސް ހެދުމަކީ އެއީ، މިއަދު އަޅުގަނޑުމެން އެންމެންވެސް ކުރަން ޖެހިފައި އޮތް މަސައްކަތްތައް. ސްކޫލް ތެރެއިން ލިބޭ ފިލާވަޅުތަކުގެ އިތުރަށް، ސްކޫލުން ބޭރުންވެސް
މި ކަންތައްތަކަށް ދެވޭ ސަމާލުކަން އިތުރުކުރަން އެބަޖެހޭ.

އާދެ، ދެންމެ އަޅުގަނޑު އަޑުއަހާލިން، އެއް ދަރިވަރެއްގެ ވާހަކަ. ދަރިވަރުން އަމިއްލައަށް އެ ކަންތައްތައް ކުރުމަށްޓަކައި ދޫކޮށްލުމުން، ދެން އޭގެ ނަތީޖާއަކަށް، އޭގެ ފައިދާއަކަށް ވެގެން މިދަނީ، އަމިއްލައަށް މައްސަލަތައް ޙައްލުކުރުމަށް، ޕްރޮބްލަމް ސޯލްވިންގ، ނޫނީ ކްރިޓިކަލް ތިންކިންގ، ޓީމް ވަރކް، ޓީމް ބިލްޑިންގ، މިކަހަލަ ކަންތައްތަކުގެ ތެރެއަށް ކުދިންނަށް ވަދެވި، އަމިއްލައަށް ދިމާވާ ކަންތައްތައް، ގޭތެރޭގައި، ރައްޓެހިންނާއެކީ، ބޭރުތެރޭގައި، ސްކޫލްގައި، އެކިއެކި ކަންތައްތައް ޙައްލުކުރުމުގެ ހުނަރު ނުވަތަ އެ ޤާބިލްކަން ކުދިންނަށް ދަސްވެގެންދިޔުން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ކުދިން، ދަރިވަރުން ޕްރޮޑަކްޓިވް ކުދިންނަށް ހަދަން އަޅުގަނޑުމެން އަމާޒު ހިފައިފައިވާއިރު، މިފަދަ ކަންތައްތަކަށް އިތުރު ސަމާލުކަން ދޭން އެބަޖެހޭ. އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މުޅި މުސްތަޤްބަލް ބިނާވެފައި އޮތީ ޓެކްނޯލޮޖީގެ މައްޗަށް. މުޅި ދުނިޔެ ގުޅި ލާމެހިފައި މިއޮތީ. އަޅުގަނޑުމެންގެ ޤައުމުވެސް މިއޮތީ ހަމަ އެގޮތަށް. ކޮންމެ ދިމާއަކުން ބެލިޔަސް، އަޅުގަނޑުމެންނަށް މި ފެންނަނީ، އިންޖިނިއަރިންގގެ ރޮނގުން، މެޑިސިންގެ ރޮނގުން، ޓެކްނިކަލް ދާއިރާތަކުން، ޓީޗިންގ، މި ދާއިރާތަކުން މީހުން ބޭނުންވެފައި، ދަރިން ބޭނުންވެފައިވާ މަންޒަރު.

އެހެންވީމާ، ހަމަ ޚާއްޞަކޮށް ކުދިންނަށް މިއަދު ހަމަ ބުނެލަން ބޭނުންވޭ. ތިޔަކުދިން، އެކަކު އަނެކަކަށް، އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދީ، މަސައްކަތްތައް ކުރުމުގައި އަނެއް ކުއްޖާއަށް ނޭނގޭ ކަންތައްތައް ކިޔައިދީ، އެ ކަންތައްތަކަށް ހުރިހާ ކުދިންވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭށޭ. މިއިން ކޮންމެ ކަމެއްވެސް މި ކުރެވެނީ އެއްކުއްޖަކު އަނެއް ކުއްޖަކާ ވަރަށް ބޮޑަށް ގުޅިގެން. އެހެންވީމާ، އެ ގުޅުން، ސްކޫލް މަދަރުސާގައި އޮންނަ ގުޅުން، ރައްޓެހިންނާ އޮންނަ ގުޅުން، ޚާއްޞަކޮށް މައިންބަފައިންނާއި މުދައްރިސުންނާ އެ އޮންނަންޖެހޭ ކައިންޑްނެސް، އެ އޮންނަ ރެސްޕެކްޓް، ގޭތެރޭގައިވެސް ވަރަށްބޮޑަށް ބާއްވަންވާނެ. އެއީ، އެންމެ މުހިންމު ކަމަކީ.

ދެން އަޅުގަނޑު ވިސްނާލިން، ކީއްވެގެންތޯ އަޅުގަނޑަށް ގަޑިއެއް މި ދެއްވީ. އަޅުގަނޑު ވަރަށް އުފާވެސްވެއްޖެ. އަޅުގަނޑު ވަރަށްބޮޑަށް ބަލަން އަބަދުވެސް ގަޑިއަށް ފަރުވާތެރިވެވޭތޯ. އެހެންނަމަވެސް، ހަމަ މިއަދު ކުދިން ކައިރީގައި ބުނެލަން ބޭނުންވަނީ، ކާމިޔާބު ކަމެއް ކުރުމުގެ އެންމެ ފުރަތަމަ ފެށުން އަންނަނީ، ޕަންކްޗުއަލިޓީއިންނޭ. ކޮންމެ ކުއްޖަކުވެސް ގަޑިއަށް ފަރުވާތެރިވާންވާނެ. އެއްވެސް ކަމެއް ގަޑިއަށް ކުރަން އޮންނަ ކަމަށްވަންޏާ، އެ ގަޑިއަށް އެކަމެއް ކުރަންވާނެ. ފަހަރެއްގައި ވެދާނެ، އަޅުގަނޑަށްވެސް ހަމަ އެކަން ހަނދާންކޮށްދެއްވީ ކަމަށްވެސް.

އާދެ، ކުދިންނަށް އަދިވެސް ބުނެލާނަން. ކަމެއް ކުރާއިރު، އެންމެ ފުރަތަމަ ކުރާ ކަންތައް އެންމެ ރަނގަޅު ގޮތަކަށް ބައެއްފަހަރު ނުވެ ހިނގައިދާނެއޭ. ފަހަރެއްގައި ކާމިޔާބު ކަމަކަށް، ޕްރޮޖެކްޓަކަށް ނުވެ ހިނގައިދާނެއޭ. އެއީކީ އެއްވެސް މައްސަލައެއް ނޫން. ކުދިންނަށް މިހާރު ފެންނާނެ، ދުނިޔޭގެ ކާމިޔާބު އެކިއެކި ބިޒްނަސްމަނުންވެސް، އެކިއެކި ލީޑަރސް، އެކިއެކި އެތުލީޓުން، އެންވަޔަރަންމަންޓަލް ސްޕެޝަލިސްޓުން، ޓީޗަރުން އަދި ޢިލްމުވެރިން. މިއިން ކޮންމެ މީހަކަށް ބަލައިލާއިރުވެސް ވަރަށް ގިނަ މީހުންނަކީ، އެއްފަހަރު، ދެފަހަރު، ތިންފަހަރު، ހަތަރުފަހަރު، ފަސްފަހަރު ޓްރައި ކޮށްގެން ކާމިޔާބީ ހޯދިފައި ތިބި، ވަރަށް މަޝްހޫރުވި މީހުން. ތިޔަކުދިންނަށް އެނގޭނެ. އެހެންވީމާ، ކަމެއް ހުއްޓާލައިގެނެއް ނުވާނެ. އަބަދުވެސް ބަލަންޖެހޭނީ އިމްޕޮސިބަލް އިޒް ނަތިންގ ކަމަށް. މަސައްކަތެއްގައި ރަނގަޅަށް އުޅެވިއްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބުވާނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ހަމަ މި ވާހަކަ ކުދިން ކައިރީގައި މިއަދު ބުނެލަންޖެހޭނެއޭ.

ވަރަށް ހުނަރުވެރި ކުދިން ރާއްޖޭގެ ސްކޫލްތަކުގައި އެބަތިބި. ސްކޫލް ނިންމާފައި އެބަތިބި. އެނގިވަޑައިގަންނަވާނެ، 2020 ވަނަ އަހަރުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ، ސްކޫލް ކުއްޖަކު ވެންޓިލޭޓަރެއް ހެދި ވާހަކަ. އެއީ ށ. ގޮއިދޫ ސްކޫލް ކުއްޖެއް ކަމަށްވާ އަޙްމަދު އަޝްހަމް. ޙައިރާންކުރުވަނިވި ކަމެއް. ދާދި އިހަށްދުވަހު އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ ޙުސައިން ޙައިކަލްގެ ވާހަކަ. އެއީ، އދ. ދިގުރަށު ކުއްޖެއް. ގްރޭޑް 10 ގައި ކިޔަވަމުންދަނީ. މިހިރަ ފެންނަނީ އީޖާދީ، އިންވެންޓް މަސައްކަތްތަކެއް. އެހެންވީމާ، ވަރަށް ހުނަރުވެރި، ވަރަށް ކުޅަދާނަ ދަރިން ރާއްޖޭގައި އެބަތިބި. އިރާދަކުރެއްވިއްޔާ، ތިޔައިން ކޮންމެ ކުއްޖަކުވެސް ވެގެންދާނީ މުޅި ދިވެހިރާއްޖެއަށް، ޢާއިލާގެ މަންމައާއި ބައްޕަ އަދި ޢާއިލާގެ ހުރިހާ މެންބަރުން، މުދައްރިސުން، ފަޚުރުވެރިވާފަދަ، އުފާކުރާކަހަލަ ދަރިންތަކެއްގެ ގޮތުގައި. އެކަމަކު އެކަން ކުރުމަށްޓަކައި އެންމެން ގުޅިގެން އެކުގައި ވަރަށް އުފާވެރިކަމާއެކު، އޯގާތެރިކަން ބާއްވައިގެން އެގޮތަށް މަސައްކަތްތައް ކުރަންޖެހޭނެ.

އާދެ، އަޅުގަނޑު ދަންނަވައިފިން، ހަތަރު އަހަރު ފަހުންނޭ މި ދައުރުގައި އިސްކަންދަރު ސްކޫލަށް މިގޮތަށް އަޅުގަނޑަށް މި އާދެވުނީ. ޚާއްޞަކޮށް، ޕްރިންސިޕަލް އަދި އިސްކަންދަރު ސްކޫލްގެ އިސް ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނަން. އަދި ބެލެނިވެރިންނަށާއި ބޯޑު މެންބަރުންނަށް އަޅުގަނޑު ދަންނަވާލާނަން. ކޮންމެ ކަމެއްވެސް ކާމިޔާބުވަނީ، ސްކޫލެއްވެސް ރަނގަޅަށް ހިނގަނީ، ސްކޫލެއްގެ ނަތީޖާވެސް ރަނގަޅަށް ނެރެވެނީ، ހުރިހާ އެންމެން އެކީގައި މަސައްކަތްކޮށްގެންނޭ. މުދައްރިސުން، ރަނގަޅު ޕްރިންސިޕަލެއް، ރަނގަޅު ލީޑަރެއް ބޭނުންވޭ. ޙުސައިން ސަޢީދަކީ ވަރަށް ވަރުގަދަ ލީޑަރެއް. ޕްރިންސިޕަލް ޙުސައިން ސަޢީދާ އެކީގައި ވަރަށް ވަރުގަދަ ޓީމެއް އެބައޮތް. އެއާއެކީ ދެން ތިއްބެވީ ބެލެނިވެރިން. ވަރަށް ވިސްނުންތެރި ރަނގަޅު ބެލެނިވެރިންތަކެއް ތިއްބެވީ. އެއާއެކީ އެޑިޔުކޭޝަން މިނިސްޓްރީގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް. އެންމެން ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ، ކާމިޔާބީއެއް ނުހޯދޭނެ. އެންމެން ގުޅިގެން ހޯދާ ކާމިޔާބީން އަޅުގަނޑުމެންގެ މުޅި ޤައުމަށް ފައިދާކުރާނެ.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ. އަޅުގަނޑުމެންނަކީ އަބަދުވެސް ކަންތައްތައް ހޯދައި ބަލާ ބަޔަކަށްވެސް ވާންޖެހޭނެ. އަޅުގަނޑުމެން ބަލަންވާނެ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ކަންތައްތައް އޮންނަގޮތް. ސިންގަޕޯރގައި އޮންނަ ގޮތް. ފިންލޭންޑުގައި އޮންނަގޮތް. އޮސްޓްރޭލިޔާގައި އޮންނަގޮތް. ކެނެޑާގައި އޮންނަގޮތް. މި ހުރިހާ ޤައުމުތަކެއްގައި ކިޔަވައިދިނުމުގެ ސިޔާސަތު، ކިޔަވައިދެމުންދާ ގޮތް، މުދައްރިސުންގެ ފުރިހަމަ ރޯލު، ބެލެނިވެރިންގެ ފުރިހަމަ ރޯލު، މި ގުޅުން އޮންނަ ގޮތާއި، ކަރިކިއުލަމާއި، ސިލަބަހާ، އެ ކަންތައްތައް އިމްޕްލިމެންޓް ކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތްތަކާއި، މި ކަންތައްތައް އަޅުގަނޑުމެން ބަލަންވާނެ.

އަޅުގަނޑު ދަންނަވަން އޮތީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް މަސައްކަތްތައް އަޅުގަނޑުމެން ކުރާނެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި، އެންމެ އިސް މަސައްކަތެއްގެ ގޮތުގައި، ދެކެވަޑައިގަންނަވަނީ، ތަޢުލީމީ ދާއިރާ ފުޅާކުރެއްވުން. ތަޢުލީމީ ދާއިރާގެ ކަންތައްތައް އިތުރަށް ހަރުދަނާކުރެއްވުން.

އަޅުގަނޑަށް ވާހަކަ ދައްކަން ލިބިފައި އޮތް ވަގުތު ވަރަށް ކުޑަ. އެހެންނަމަވެސް، ތިޔަބޭފުޅުން ވިސްނާއިވަޑައިގަތީމަ އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް ހަމައެކަނި ތަޢުލީމީ ދާއިރާއަށް ކޮށްދެވިފައި ހުރި ކަންތައްތައް. ރަނގަޅު މާޙައުލެއް ބޭނުންވޭ. ހިތްހަމަޖެހުން ބޭނުންވޭ. ރަނގަޅު ޓީޗަރުން ބޭނުންވޭ. މިހާރުވެސް އިތުރަށް ތަމްރީނު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަނީ 20 ޕްރިންސިޕަލުން، ޓްރޭނިންގއަށް މެލޭޝިޔާއަށް ފޮނުވިފައި. ރަނގަޅު ލީޑަރުން ބޭނުންވޭ. ހަމައެއާއެކު، ވަރުގަދަ ޓީމެއް އެބަ އޮންނަންޖެހޭ.

ދެން އަޅުގަނޑަށް ހީވަނީ، މި ދުވަސްކޮޅު ޓީމޭ ބުނީމާ، އަޅުގަނޑު މިހެން ދަންނަވާލީމާ، ޓީމްވަރކަކީ ކިހާވަރެއްގެ އެއްޗެއްކަން ފެންނާނެހެން. ރޭގައިވެސް ގާތްގަނޑަކަށް އުޅުނު، އެއްހާހުން މަތީގައި ޕާސް. ޕާސްކުރުން އޮތީ. އެއް ޓީމެއްގެ މައްޗަށް ބަލައިފި ކަމަށްވަންޏާ، އެއީ ޓީމްވަރކަކީ. އެގޮތަށް ގޮސް ލަނޑު މި ޖެހެނީ، އެންމެން ކުރާ މަސައްކަތަކުން. އެހެންވީމާ، އެކަހަލަ ޓީމްވަރކެއް އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އޮވެގެން ނޫނީ، އަޅުގަނޑުމެންނަކަށް ކާމިޔާބީއެއް ނެތް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަ ހުރިހާ ބޭފުޅުން، ޚާއްޞަކޮށް މުދައްރިސުންނާއި، އަދި ބެލެނިވެރިން ކާމިޔާބީ ހޯއްދަވައިދެއްވުމަށްޓަކައި، ޤައުމަށް ހެޔޮއެދިގެން، ޤައުމަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، ޚާއްޞަކޮށް މިހާރު ހުރި ހުރިހާ ޗެލެންޖްތަކާއި، ގޮންޖެހުންތައް ގިރާކުރެއްވުމަށްޓަކައި، އެކަންތައްތަކަށް ފޭސްކުރެއްވުމަށްޓަކައި، ޓީމެއް ތައްޔާރު ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. ވަކިން ޚާއްޞަކޮށް، ސްކޫލްގެ ޕްރިންސިޕަލް، މި ސްކޫލްގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި، ހެޔޮލަފާ، ރަނގަޅު ދަރިންތަކެއް ބިނާކުރެއްވުމަށްޓަކައި، ރަނގަޅު ނަތީޖާ ނެރޭ ދަރިންތަކެއް ބިނާކުރުމަށްޓަކައި، ޓީމަކާއެކު ކުރައްވާ މަސައްކަތްތަކަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަދި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، އަދި މިނިސްޓަރުގެ ޓީމުންވެސް، މިކަމުގައި ކުރައްވާ މަސައްކަތާއި، ބެލެނިވެރިން ދެއްވާ ކޮންޓްރިބިއުޝަން ފާހަގަކުރަން.

އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތްތަކުން ކުރިއަރައިގެންދާ ދަރިންތަކެއް، އަޅުގަނޑުމެން ހީވެސްނުކުރާ ކަހަލަ، ތޫނުފިލި، ޢިލްމީގޮތުން ފުރިފައިވާ ދަރިންތަކެއް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި ޤައުމަށް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންގެ ދަރިންނަކީ ރަނގަޅު، ވިސްނުންތެރި، ތޫނުފިލި ދަރިންތަކެއް ގޮތުގައި ލެއްވުން. اللهُ سُبْحَانَهُ وَتَعَالَى ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ތާއަބަދު، ހެޔޮގޮތްތައް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.