ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު، ގއ. ނިލަންދޫ ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި، ނިލަންދޫ ކައުންސިލުން ވަނީ މިސަރުކާރުން ނިލަންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި ނިލަންދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ގިނަ ގުނަ ކަންކަން ކައުންސިލާއި ރައްޔިތުން ބަލައިގަނެފައިވާކަމުގައި ވިދާޅުވެފައެވެ. މިގޮތުން އެބޭފުޅުން ވަނީ ނިލަންދޫގެ ސްކޫލު ޢިމާރާތާއި، އެގްރޯނެޓް ގެ ޢިމާރާތް އަދި ވޮލީ ކޯޓް ނިމިފައިވާކަމުގައި ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ވެސް ނިލަންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލައާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ޢިމާރާތުގެ ދަތިކަމާއި، ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމާއެކީ ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ނިލަންދޫ އ.ތ.މ. ކޮމިޓީއިން ވަނީ ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓް މެދުވެރިކޮށް ބޮޑު އަގުގައި ނުވިއްކޭތީ ހުރި ކަންބޮޑުވުންތަކާއި، ބަޖެޓްގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.