بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ހާޒިރުވެ ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުން، ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޔަޢުޤޫބް ޢަބްދުﷲ، ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޞިފް އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އެސް.އޯ.އީ.ތަކުގެ ހިންގުންތެރި ވެރިން، ޚާއްޞަކޮށް، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމް، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ދާންދޫގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިރޭ ދާންދޫގައި މި ބޭއްވޭ ޙަފްލާއަކީ، އަޅުގަނޑުވެސް ވަރަށް އުފަލާއެކު ބައިވެރިވާ ޙަފްލާއެއް. ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން، މިރޭގެ މި ޙަފްލާއަކީ، މި ރަށަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށްވާ، މި ރަށަށް ބިން އިތުރުކުރުމުގެ މަސައްކަތް ނިންމައި، އެ ބިން ދާންދޫ ރައްޔިތުންނާ، ދާންދޫ ކައުންސިލާ ހަވާލުކުރުމަށް ބޭއްވޭ ރަސްމިއްޔާތު.

އެ ހިއްކި ބިމުގައި، އިތުރުކުރެވުނު ބިމުގައި، މި ރަސްމިއްޔާތު ބޭއްވޭއިރު، އެކަމުގައި އަޅުގަނޑަށް ބައިވެރިވެވޭގޮތް މެދުވެރިވި ކަމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ކައުންސިލްގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޔަޢުޤޫބް ޢަބްދުﷲ އަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރައްޔިތުން މި ސަރުކާރު ބަލައިގެންތާ، އިންތިޚާބު ކުރިތާ ހަތަރު އަހަރު ވެއްޖެ. މީގެ ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރު ރައްޔިތުން އަޅުގަނޑަށް ވޯޓުދީ، ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދިނީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުން ބޭނުންވެ ތިބެގެން. ފުރަތަމަ ކަމަކަށް، އޭރު ރާއްޖޭގައި އޮތް ހަލަބޮލިކަން ޚާއްޞަކޮށް، ސިޔާސީ ހަލަބޮލިކަމާއި، ނުތަނަވަސްކަމާއި، އިޖުތިމާޢީ ގޮތުން ހުރި ބިރުވެރިކަން ނައްތާލަން ރައްޔިތުން ބޭނުންވި. އޭރު ގެއްލިފައި އޮތް ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން އެދުނު. ބޭނުންވެފައި އޮތް އަސާސީ ޚިދުމަތްތަކެއް، އެތައް ދުވަހެއް ވާންދެން ވަކިވަކި ފަރުދުންނަށާއި، ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތައް ރައްޔިތުން އަވަހަށް ބޭނުންވޭ.

މި ދެންނެވީ ރައްޔިތުން އޭރު ކަންބޮޑުވެފައި ހުރި ކަންތައްތައް. އަޅުގަނޑުމެން ރައްޔިތުންނާ ހިސާބަށް އައީ، މެނިފެސްޓޯއަކާ އެކީގައި. މުޅި ރާއްޖެއަށް ބޭނުންވާ ބަދަލުތަކަކާއި، އަތޮޅުތަކަށާއި، ރަށްރަށަށް ބޭނުންވާ ކަންތައްތަކެއް ލިޔެ ހިމަނައިގެން. ރައްޔިތުން އެ ދުވަހު މި ސަރުކާރު ގަބޫލުކުރީ، ބަލައިގަތީ، އަޅުގަނޑުމެންނަށް ވޯޓުދިނީ މި ކަންތައްތައް ކޮށްދިނުމުގެ ޔަޤީންކަމާ އެކުގައި.

މި ރަށަށްވެސް އަޅުގަނޑުމެންނަށް އާދެވުނު. މި ރަށަށް ކޮށްދޭން ހުރި ކަންތަކެއްގެ ވާހަކަ އަޅުގަނޑުމެން ދެއްކިން. އަދި ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކުރި.

މިއަދު މިތާހުރެ އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑު ވާހަކަ މި ދައްކަނީ އިރާދަކުރެއްވިއްޔާ ހިތްހަމަޖެހުމާއެކީ. ފުރަތަމަ ކަމަކަށް، އޭރުއޮތް ހަމަނުޖެހުން، ހަލަބޮލިކަން، އިރާދަކުރެއްވިއްޔާ، އޭރު އޮތްގޮތަކަށް ނެތް ހަމަގައިމުވެސް. ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައި ހުރި އެތައް އަސާސީ ޙައްޤުތަކެއް، މިނިވަންކަމެއް ހޯދައިދެވިއްޖެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް މިހާރަކު ހުރަހެއް ނެތް. ނޫސްތަކުގައި އެ ގެންދަވަނީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރަމުން، ހާމަކުރަމުން. އެއީ، އަޅުގަނޑު ކަމަށްވިޔަސް، މި ތިއްބެވި ވަޒީރުންނާ ދިމާއަށް ކަމަށްވިޔަސް، ބޭނުން ވާހަކައެއް، ބޭނުންގޮތަކަށް ލިޔެ ވާހަކަ ދައްކަމުން އެ ގެންދަނީ. ހުރަހެއްނާޅަން. އަޅުގަނޑުމެންނަށް އެ ކަންތައް ބަލައިގަނެވޭނެ.

ވިޔަފާރިވެރިން އޭރު އުޅެމުންދިޔަގޮތް ވިސްނާވަޑައިގަންނަވާ. ކޮން ވިޔަފާރިވެރިޔަކަށްތޯ، މިނިވަންކަމާއެކީގައި ވިޔަފާރިއެއް ކުރުމުގެ ފުރުޞަތު އޮތީ؟ ވިޔަފާރިއެއް ކުރަން ބޭނުންކަމަށްވަންޏާ، އަދި ޓޫރިޒަމް ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ބޭނުންވެއްޖެ ކަމަށްވަންޏާ، ކުރަންޖެހޭގޮތް، އޭރު ކުރެވިފައި އޮތްގޮތް، ކުރިގޮތް މިއަދު އޮތީ ފެންނަން. މިއަދު މިހިސާބަށް އައިއިރުގައި، މި ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް ތިޔަބޭފުޅުން ބައްލަވާ. އެއްވެސް ވިޔަފާރިވެރިޔަކަށް، އެއްވެސް އިންވެސްޓަރަކަށް ހުރަސްއަޅާފައި އޮތްތޯ. މިނިވަންކަމާއެކީގައި ވިޔަފާރި ކުރެވޭނެ މާޙައުލެއް އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެން މިވަނީ ޤާއިމުކޮށްދީފައި. ޔަޤީންކަމާއެކު އަޅުގަނޑު މި ދަންނަވަނީ، ސިޔާސީ ޚިޔާލުތަފާތުވުމުގެ ތެރޭގައި، އެއްވެސް ވިޔަފާރިވެރިޔަކަށް ހުރަސްނާޅާނެކަމުގެ. ކުރިއަށް ވަޑައިގަންނަވަންވީ. ސަރުކާރު މިއޮތީ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް، ފަސޭހަކޮށްދިނުމަށް، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އުޞޫލުތައް ހަރުދަނާކުރުމުގައި.

ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް އޭރު ހުރިގޮތް ތިޔަބޭފުޅުން މިއަދުވެސް ވިސްނާވަޑައިގަންނަވާ. ޚިޔާލަށް ގެންނަވާ. އަޅުގަނޑުމެންނަށް އޭރު ވެރިކަމާ ހަވާލުވެ، އެންމެ ދުވަހެއްވެސް ނުދޭ، ކޮންމެވެސް ރަށެއްގެ ކަރަންޓް ކެނޑިގެން، އިންޖީނެއް ބަދަލުކުރަންނުޖެހޭ، ޚާއްޞަކޮށް، ހުކުރު ދުވަސް ދުވަހު، ރޯދަމަހު، މިއީ ތަކުރާރުކޮށް، ތަކުރާރުކޮށް އަޅުގަނޑުމެންނާ ހިސާބަށް އައި ޝަކުވާތައް. މިއަދު އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އެ ޝަކުވާތައް މުޅިން ނެތޭ އަޅުގަނޑަށް ދެންނެވިދާނެ. ފެނަކައިން ވަރަށް ރަނގަޅު، ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން އެ ގެންދަވަނީ.

ސާފު ބޯފެނާއި ނަރުދަމާ، މިއީ އަސާސީ ޚިދުމަތްތަކެއް. މިއީ ވަކި ރަށެއްގައި މީހަކު އުޅޭތީ، ވަކި ގެއެއްގައި މީހަކު އުޅޭތީ ތަފާތުކޮށްގެން ދެވެންޖެހޭނެ އެއްޗެއް ނޫން. ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެއޮތީ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްދޭންޖެހޭނެ ވާހަކަ.

އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ޙާލަތު އޮތްގޮތް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެން ނަމަވެސް، މި ސަރުކާރުގެ މި ފަސް އަހަރު ނިމިގެންދާއިރުގައި، ރާއްޖޭގެ ކޮންމެ ތަނެއްގައި، ކޮންމެ ރަށެއްގައި ދިރިއުޅޭ މީހަކަށްވެސް، މި ދެންނެވި ގޮތަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ސަރުކާރުން އަޅުގަނޑުމެން ފޯރުކޮށްދޭނަން.

އަޅުގަނޑުމެން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ، ޤައުމަށް ބޭނުންތެރި ޖީލެއް އުފެއްދުން. ހިތްހަމަޖެހުމާ އެކީގައި، މިރޭ އަޅުގަނޑު ދަންނަވަންޖެހެނީ، މިކަން ބަރާބަރަށް ފުރިހަމަވަމުންދާ ކަމުގެ އުފާވެރި ވާހަކަ. މިއަދު މިތަނަށް އައިސްހުރެ ވާހަކަ ދައްކާއިރުގައި، ސަރުކާރުގެ ހިލޭ އެހީގައި، 15,000 އަށްވުރެ ގިނަ ޒުވާނުން، ފަސްޓް ޑިގްރީއަށް ކިޔަވަމުން އެބަދޭ. ހަމައެކަނި މި ރަށުގެ 125 ދަރިވަރުން ކިޔަވަމުންދޭ. މީގެ ރަނގަޅު ނަތީޖާ ޤައުމަށް ލިބެން ފަށާނީ، ކުރިއަށް އޮތް ދެތިން ހަތަރު ފަހުން. އިރާދަކުރެއްވިއްޔާ، މި ރަށަށްވެސް މީގެ ފައިދާ ފޯރާނެ.

މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމުގެ ޝަކުވާއަކީ، އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރާ މީހުން ކުރަމުން އައި ކަމެއް. މިއަދު އަޅުގަނޑުމެން މިވަނީ އިރާދަކުރެއްވިއްޔާ، އެކަމަށްވެސް ނިމުމެއް ގެނެސްފައި. ރާއްޖޭގައި މިނިމަމް ވޭޖެއް އަލަށް ކަނޑައެޅި، ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، އެ ތަންފީޒު ކުރަން އަޅުގަނޑުމެން މިއަދު ވާނީ ފަށާފައި.

ރަށްރަށުގެ ބަނދަރު ހެދުމާއި، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވައިލުމަކީ، ރާއްޖޭގެ އިޤްތިޞާދު، އޭގެ ހަލުވިމިނުގައި ކުރިއަރާނެ އެންމެ މުހިންމު އެއް ކަންތައް. އެއްތަނުން އަނެއް ތަނަށް މީހުންނަށް ދަތުރުކުރެވުމާއި، އެއްތަނުން އަނެއް ތަނަށް މުދާ ގެންދެވުމާއި، މިއީ އެއާނުލައި ޤައުމެއް ތަރައްޤީ ކުރެވޭނެ ކަންތައްތަކެއް ނޫން. ބައެއް މީހުންނަށް މި ވެދާނެ، ބޮޑުހިލަ ބަނދަރަށް. އެހެން ނަމަވެސް، މީގެ ތަކުލީފާއި އުނދަގޫ އިޙްސާސްކުރާ މީހުންނަށް، ރަށްރަށުގައި އުޅޭ އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް މީގެ އިޙްސާސް ކުރެވޭނީ. ކޮންމެ ރެޔަކު ހޭލައި، ބަނދަރުމަތީގައި ދޯންޏަށްވާގޮތް ބަލަން ތިބެންޖެހުނީމަކާ، އަނެއް ދުވަހަކު ތެދުވެ މަސައްކަތެއް ނުކުރެވޭނެ. ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން ހުރި ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ، މިއަދު މިދަނީ ރަނގަޅު ބަނދަރުތައް ހަދައިދެވެމުން. އިރާދަކުރެއްވިއްޔާ، މި ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ދާންދުއަށް، މި ރަށަށްވެސް އަޅުގަނޑުމެން ކަންތައްތަކެއް ކޮށްދޭން ވަޢުދުވީން. ރައްޔިތުންގެ ބޭނުންތަކެއް އެބަހުރި. މިއަދުގެ ބައްދަލުވުމުގައިވެސް އޭގެ ލިސްޓެއް އަޅުގަނޑުމެންނާ ހިސާބަށް އެބައޮތް އައިސްފައި. އަޅުގަނޑުމެން އޭރު ވީ ވަޢުދުތަކާ އެއްގޮތަށް، މިހާރުވެސް ދާންދޫގައި 12 އަށްވުރެ ގިނަ ޕްރޮޖެކްޓް، ތަފާތު އެކި ޕްރޮޖެކްޓް ހިނގަމުން އެބަދޭ.

އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، މި ރަށަށް ބިން އިތުރުކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، މިރޭ އެ މަސައްކަތް ނިމި، ރައްޔިތުންނާ މި ހަވާލުކުރެވުނީ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 185 މިލިއަން ރުފިޔާ، މި ބިން ހިއްކުމަށްޓަކައި އަޅުގަނޑުމެން ޚަރަދުކޮށްފިން. ދެން އޮތީ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި ހިއްކި ސަރަޙައްދާ ދާންދުއާ ގުޅުވައިލެވޭނެގޮތެއް ހެދުން. 2023 ވަނަ އަހަރުގެ ބަޖެޓުގައި، އެބައި ހިމަނައި، އެކަން ލަސްތަކެއްނުވެ އެމް.ޓީ.ސީ.ސީ. ފަށައިގެން ކުރިއަށް ގެންދާނެ.

މި ރަށަކީ ފައިސާ ވަންނަ ރަށެއް. މަސްވެރިން އުޅޭ، އާމްދަނީ ލިބޭ ރަށެއް. އަޅުގަނޑުމެންގެ ކެމްޕެއިންގެ ތެރޭގައި، ބޭންކުގެ ޚިދުމަތް މި ރަށަށް ލިބޭނެގޮތް ހަދައިދޭން އެދިވަޑައިގެން. ފުރަތަމަ އަޅުގަނޑުމެން ސެލްފް އޭ.ޓީ.އެމް.އެއްގެ ޚިދުމަތް ދިނިން. ލިބޭގޮތް ހަދައިދިނިން. އެކަމަކު އެއަށްވުރެ ރަނގަޅަށް މި ރަށުން ބޭންކިންގގެ ޚިދުމަތް ލިބެންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، މި ރަށުގައި ބޭންކެއްގެ މަސައްކަތް ޢަމަލީގޮތުން އަޅުގަނޑުމެން ފަށައިގަންނާނަން.

މަސްދޯނިފަހަރު ގެންގުޅޭ، ބޮޑެތި ދޯނިފަހަރު ގެންގުޅޭ ރަށަކަށްވާތީ، މި ރަށުގައި ދޯނިއެހެލާ މަރާމާތުކޮށް އުޅެވޭނެ ގޮތެއް އެބަ ހަދަންޖެހޭ، ރަށުގައި ތިބެގެން. މި ރަށުގެ ބަނދަރު ހެދި ނިމިގެންދާއިރުގައި، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި ރަށަށް ދޯނިއެހެލާ ސްލިޕްވޭއެއް، ނޫނީވިއްޔާ މަރާމާތުކުރެވޭނެ ތަނެއް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެންދާނެ.

މިއަދުގެ ބައްދަލުވުމުގައިވެސް، ދެންމެ ކައުންސިލްގެ ރައީސްވެސް ވިދާޅުވި ފަދައިން، ޞިއްޙީ ޚިދުމަތް، މި ރަށުގެ ޞިއްޙީ މަރުކަޒުން ރަނގަޅަށް ފޯރުކޮށްދެވެން އެބަޖެހޭ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާފައިވާނެ، މި ރަށުގެ ޞިއްޙީ މަރުކަޒު އިތުރަށް އިތުރުކުރުމުގެ އެކްސްޓެންޝަނެއްގެ ވާހަކަ. އެއާއެކީގައި، އަޅުގަނޑަށް މިއަދު ބައްދަލުވުމުގައި އެ ލިބިގެންދިޔަ، ބްލަޑް ބޭންކާއި އަދި އިތުރު ޚިދުމަތްތައް މި ރަށުން ލިބޭނެގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިމިގެންދާއިރުގައި އެކަން ކޮށްދޭނަން.

ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލުގެ ވާހަކަ އައި. އަޅުގަނޑުމެން ކުރިއަށް އޮތް 2023ގެ ބަޖެޓުގައި އެވެސް ވަނީ ހިމަނާފައި. އަދި އެއާއެކީގައި، އިތުރު ކްލާސްރޫމްތަކެއް އިތުރުކުރުމުގެ ވާހަކަ މިއަދު އައީ. އިރާދަކުރެއްވިއްޔާ، އެ މަލްޓި-ޕަރޕަސް ހޯލު އިތުރުވެގެންދާއިރު، މަސައްކަތް ކުރިއަށްދާއިރުގައި، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް ކްލާސްރޫމްތައް އަޅުގަނޑުމެން އިތުރުކޮށްދޭނަން.

އިންޖީނުގެ ބަދަލުކުރުމުގެ ވާހަކަ ކައުންސިލްގެ ރައީސް ދެންމެ ވިދާޅުވި. ރަށުގެ މެދުތެރޭގައި ހުންނާތީ. އެއީ، ހަމަ ޔަޤީނުންވެސް ފެނަކައިން ކޮށްދެއްވާނެ ކަމެއް. ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް. އެކަން އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެބޭފުޅުން ފަށްޓަވާނެ.

މަސްވެރިންގެ ކަންބޮޑުވުން އެއީ، މި އަތޮޅާއި މި ރަށުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުން. ޙައްލެއް ނުލިބި ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުމެން އައިއިރުވެސް މިކަން އޮތީ އެހެން. ބާނާ ހުރިހާ މަހެއް ނުކިރުމާއި، މަސްވެރިންނަށް ފައިސާ ލިބުން ލަސްވުމާއި، އައިސް ނުލިބުމާއި، ތެޔޮ ލިބުމުގެ ދަތިކަމުގެ ވާހަކަ އެއީ، ޝަކުވާ. ޙަޤީޤީ ޝަކުވާ އެއީ. ކަންބޮޑުވާ ކަންތައްތައް އެއީ. އަޅުގަނޑުމެންވެސް ފަށައިގެން ޙައްލު ހޯދަން މަސައްކަތް އެބަ ކުރަން. އެހެން ނަމަވެސް، މަސްވެރިން އެ ބޭނުންވާ ހަލުވި ސްޕީޑްގައި އެކަމެއް އަދިއެއް ނުކުރެވޭ. އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އަދިވެސް ކުރިއަށް މިއޮތް ދެތިން މަހުގެ ތެރޭގައި، އެ ޝަކުވާތައް އެގޮތަށް އަންނާނެ. އެހެން ނަމަވެސް، އެ ޝަކުވާތަކަށް ޙައްލު ހޯދުމަށްޓަކައި، ވަގުތީ ޙައްލާއި، ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. ވަގުތީ ޙައްލުގެ ގޮތުގައި، މިދިޔަ މަސްވެރިންގެ ދުވަހުވެސް އަޅުގަނޑު ދެންނެވި ފަދައިން، ހަތަރު މަސްބޯޓެއް، މަސް ގަންނަ ކަލެކްޓިންގ ވެސަލްއެއް، އޭގެ ހަތަރު އުޅަނދު ގެނައުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ. އެއީ، ގާތްގަނޑަކަށް ކެޕޭސިޓީގައި 700 އަށްވުރެ ގިނަ ޓަނު މަސް ގަނެވޭ، 300 ޓަނުގެ ބްރައިން ފްރީޒިންގއާ އެކުގައި ގެނެވޭ ބޯޓުތަކެއް.

އޭގެއިތުރުން، ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި، ތިނަދުއާއި، އިހަވަންދުއާއި، މުލަކާ، މިހިރީ އަޅުގަނޑުމެންގެ މަޝްރޫޢުތަކުގެ ތެރޭގައި ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓްތައް. ކޯވިޑުގެ ދަތިކަމާ އެކުގައި ބައެއް ކަންތައްތައް، ބޭރުގެ ކުންފުނިތަކުންނާއި ބޭންކުތަކުން ކުރައްވާ ކަންތައްތަކަށް ފަސްޖެހިލާފައި އޮތް ނަމަވެސް، މިހާރު ހަލުވި ރަނގަޅު ސްޕީޑެއްގައި އެބަ ކުރިއަށްދޭ. އެހެން ނަމަވެސް، އަދި ކުޑަ ވަގުތުކޮޅެއް ނަގާނެ. އަޅުގަނޑު މި ދެންނެވިހެން، ދެތިން މަހުގެ ތެރޭގައި މި ވަގުތީ ޙައްލު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

މިއަދުގެ ބައްދަލުވުމުގައިވެސް މަސްވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އައި އެއް ޝަކުވާއަކީ، އެއް ކަންބޮޑުވުމަކީ ފެނަކައިން އައިސް ވިއްކާއިރުގައި، ކްރެޑިޓަށް އައިސް ނުލިބުމުގެ ވާހަކަ. މި އަންނަ ހަފްތާގައި އިރާދަކުރެއްވިއްޔާ، ޖަނަވަރީ 1ން ފެށިގެން ތިޔަބޭފުޅުންނަށް ފެނަކައިން އައިސް ވިއްކާއިރުގައި، ކްރެޑިޓަކާ އެކީގައި އެކަން ކުރެވޭނެގޮތް އެބޭފުޅުން ހަމަޖައްސަވައިދެއްވާނެ.

އަދި ތެޔޮ ލިބޭއިރުގައި، ބޭނުންވާވަރަށް ތެޔޮ ނުލިބުމާއި، ކްރެޑިޓަށް ނުލިބުމުގެ ވާހަކައަކީ މިދިޔަ މަސްވެރިންގެ ދުވަހުވެސް އަޅުގަނޑަށް އައިސްފައި އޮތް ކަންބޮޑުވުމެއް. މިހާރު އެސް.ޓީ.އޯ. އިން އެ އިންތިޒާމު ކުރާގޮތަށް، އެކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާއިރުގައި، މަސްވެރިން ބޭނުންވާވަރަށް ތެޔޮލިބި، އަދި ކްރެޑިޓް ފެސިލިޓީއަކާއެކު، އެކަން ހަމަޖެހިގެންދާނެ ވާހަކަވެސް މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

ދެންވެސް އެބަހުރި، ތިޔަބޭފުޅުންގެ މި ދާއިރާގެ ކަންތައްތައް. އަޅުގަނޑުމެން ނިންމަން ޖެހިފައި ހުރި. އޭގެތެރެއިން ބައެއް ކަންތައްތައް އަޅުގަނޑުމެން މާދަމާ ކައުންސިލާ އެކީގައި ބޭއްވޭ ބައްދަލުވުމުގައި، ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމޭނެ ކަންތައްތައް އެބަހުރި. އޭގެތެރޭގައި، ކައިރީގައި ޖެހިގެން މިއޮތް އޮޑަގައްލާ ފަޅުރަށާއި، އަދިވެސް ޓޫރިޒަމްގެ އެކިއެކި ކަންތައްތަކަށް އެކި މަސައްކަތް ފެށުމާ، މިހެންގޮސް ހުރި ބައެއް ކަންތައްތަކަކީ، ކައުންސިލާ އެކީގައި އަޅުގަނޑުމެން އިށީނދެ ވާހަކަ ދައްކައިގެން ނިންމޭނެ ކަންތައްތައް. އެއަށް އިރާދަކުރެއްވިއްޔާ، އޭގެ ބައެއް ކަންތައްތައް ހަމަގައިމުވެސް މާދަމާ ކައުންސިލާ އެކީގައި އަޅުގަނޑުމެން ނިންމައިދޭނަން.

އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، މިއަދު އަޅުގަނޑުމެން މި ރަށަށް އައުމުން، ވިދާޅުވި މަރުޙަބާއަށް އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި  ޝުކުރު ދަންނަވަން.

އަދި އަޅުގަނޑުމެންގެ މި މަސައްކަތްތައް ރައްޔިތުންނާ ހިސާބަށް ހަލުވި ސްޕީޑްގައި މި ފޯރުކޮށްދެވެނީ، މި ތިއްބެވި އެސް.އޯ.އީ.ތަކުގެ ބުރަ މަސައްކަތުން. ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި އެމް.ޓީ.ސީ.ސީ.ގެ އާދަމް ޢާޒިމް، ފެނަކަ، ސަޢީދު، އެސް.ޓީ.އޯ.، ޢަމްރު. ތިޔަބޭފުޅުންގެ މިންނެތް ބުރަ މަސައްކަތް މިރޭ އަޅުގަނޑު ފާހަގަކޮށް، އެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި ސަރުކާރުން ޝުކުރު އަދާކުރަން.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެން. ޤައުމީ މި ޚިދުމަތުގައި ޤައުމު ކުރިއަރުވަން މި ކުރާ މަސައްކަތުގައި، އަޅުގަނޑުމެންނާ އެކީގައި ތިއްބަވައިދެއްވާށޭ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވެވަޑައިގަންނަވާ މި ރަށް، މި ދާންދޫ ތަރައްޤީވެގެން ކުރިއަށްދާނީ، ހަމަ މިގޮތަށް އެކީގައި ތިބެގެން.

މުޙައްމަދު ޢަލީ މިއަދު ހުށަހަޅުއްވަމުން ވިދާޅުވިހެން،

ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެންނެ ރޫޙެއް ހަމަ ދިރޭ،
              އައުދާނަ ޤައުމީ ލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه