بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުން އަދި ފަރެސްމާތޮޑާ ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނާއި އޮޑިވެރިން، ފަރެސްމާތޮޑާގެ ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އިއްޔެއަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މަސްވެރިންގެ ދުވަސް. އެހެންކަމުން މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ހީވާގި ހުރިހާ މަސްވެރިންނަށް އަރިސްކުރަން. އަދި މަސްވެރިންގެ ޢާއިލާތަކަށާއި، މި ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް ދުވަހުގެ ހެޔޮއެދުންތައް ފޮނުވަން.

ދިވެހި މަސްވެރިންނާއި، މަސްވެރިކަމާ ގުޅޭ މިފަދަ ކޮންމެ މުނާސަބަތަކީ، އަދި ޙަފްލާއަކީ، އަޅުގަނޑަށް ވަރަށް މުހިންމު ޙަފްލާއެއް. އެހެން ނަމަވެސް، މި މުހިންމު ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، ދެންމެ އެކި ރޮނގުރޮނގުން އެވޯޑްތަކާއި ހަނދާނީ ލިޔުން ހާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

މި އަހަރަކީވެސް ދިވެހި މަސްވެރިކަމުގެ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެ. މި އަހަރު ނިމިގެން މިދަނީ، 2006 ވަނަ އަހަރުގެ ފަހުން މިހާތަނަށް ސަރުކާރުގެ މަސް ކުންފުންޏަށް، މިހާރުގެ މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި. މިދިޔަ ހަފްތާގެ ނިޔަލަށް، 59 ހާސް މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފި.

އަދި މި އަހަރަކީ ސަރުކާރުގެ މަސް ކުންފުނިން ދިވެހި މަސްވެރިން އަތުން ގަތް މަހަށް އެންމެ ގިނަ ފައިސާ ދޭނެ އަހަރު. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 965 މިލިއަން ރުފިޔާ، މިފްކޯއަށް ގަތް މަހަށް، މަސްވެރިންނަށް ދެވިއްޖެ. މި އަހަރު ނިމޭއިރު، އެ ޢަދަދު އެއްބިލިއަން ފަހަނައަޅައި ދާނެ.

މި ވާހަކަ މިހެން ދަންނަވާއިރުވެސް، މި ވާހަކަތަކަށް ހިޔަނިއެޅޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި. އެއީ، ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތަކާއި ހުރަސްތައް. ޚާއްޞަކޮށް، ހުވަދުއަތޮޅުގެ މަސްވެރިންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް. އަދި ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ "ފަރުބިތު" ގެ މަސްވެރިންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް، ހުރަސްތައް، ދަތިތައް.

މަސްވެރިންގެ މި ކަންބޮޑުވުންތަކަކީ، އެތައް ދުވަހަކުއްސުރެ ތަކުރާރުވަމުން އަންނަ ކަންބޮޑުވުންތަކެއް. ދެންމެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން، މީގެ ތަފްޞީލުތަކެއް ވިދާޅުވެދެއްވައިފި. އަޅުގަނޑުވެސް ތަކުރާރުކޮށް ހަމަ މި ވާހަކަ ދަންނަވާލާނަން. އެއްކަމަކީ، ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދައިދިނުމުގެ ވާހަކަ. ބާނާ ހުރިހާ މަހެއް ބައެއްފަހަރު ނުކިރުވޭ މައްސަލަ. މަސް ކިރުން ލަސްވެ، މަސްކިރުވުމަށް ކިޔޫގައި ގިނަ ވަގުތު ހޭދަކުރަންޖެހުން. ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން. ބޭނުންވާ ވަރަށް އައިސް ނުލިބުން. އަދި ތެޔޮވެސް ބޭނުންވާ ވަރަށް ނުލިބުން.

މިއަދު މި ރަށަށް އަޅުގަނޑު އައިއިރުވެސް، އެ އިޙްސާސްތަކާއި ކަންބޮޑުވުންތައް އަޅުގަނޑުމެންނަށް މަސްވެރިންގެ ފަރާތުން ފެނިގެންދިޔަ. އަދި މިއަދު ހަވީރު އަޅުގަނޑު މަސްވެރިންނާ ބައްދަލުކުރި ފޯރަމްގައިވެސް ތިޔަބޭފުޅުން މި ވާހަކަތައް ތަކުރާރުކޮށް އަޅުގަނޑުމެންނަށް ހުށަހެޅި. އަދި މި ސަރަޙައްދުގެ "ފަރުބިތު"ގެ މަސްވެރިންގެ އިތުރު ޝަކުވާއެއް އޮވޭ. ކަންބޮޑުވުމެއް އޮވޭ. އެއީ، ޑޮކްޓަރ ޙުސައިން އެ ވިދާޅުވި ފަދައިން، އައްޑުއާ ދިމާއިން ހުޅަނގުން މަސް ބާނައިގެން ފިޔޯރީ ކަނޑުން ވަދެ، ކޫއްޑޫއަށް މަސްކިރަން ކުރަންޖެހޭ ދަތުރު ދިގުވެ، ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެ، މަހުގެ ކޮލިޓީ ދަށްވުމުގެ ވާހަކަ.

މިއަދުގެ ބައްދަލުވުމުގައި ޖަމީލް، ވިލެޖް ދޯނީގެ ފަރާތުންވެސް މި ޝަކުވާ ހުށަހެޅި. މިހިސާބުން މަސްކިރޭ ކަމަށްވަންޏާ، 7 ފީފާ ޚަރަދު ކުރަންޖެހޭ ތަނަކަށް، ކޫއްޑޫއަށް ގޮސް މަސްކިރަން ޖެހުމުން 20 ފީފާ، ތެލަށް ޚަރަދުކުރަންޖެހޭ ވާހަކަ. ކިޔޫގައި ތިބެން ޖެހުމުން، މަހުގެ ކޮލިޓީ ދަށްވެ، ބާނާ މަސް އެކީގައި ނުކިރޭ ވާހަކަ.

މީގެއިތުރުންވެސް މިއަދުގެ ބައްދަލުވުމުގައި، ފާހަގަކުރެވުނު ކަންތައްތަކެއް އެބަހުރި. އޮޑިވެރިންގެ ފަރާތުން ބޭންކް ޓްރާންސްފަރގައި ހުރި ދަތިތަކުގެ ވާހަކަ. މިހާރު މަސްވެރިންނަށް، އޮޑިވެރިންނަށް ބޭންކް މެދުވެރިކޮށް މި ޓްރާންސްފަރ ކުރެވެނީ، ދެ ލައްކަ ރުފިޔާ ކަމަށްވާތީ، އެދަތިތައް، ކަންބޮޑުވުންތައް ހުރި ވާހަކަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހުރިހާ ވިޔަފާރިވެރިންނަށް ބޭންކްތަކުން ގެންގުޅެންޖެހޭނީ އެއް އުޞޫލެއް. އެހެން ވިޔަފާރިތަކަށް މިއަށްވުރެ ގިނައިން ޓްރާންސްފަރ ހެދޭ ކަމަށްވަންޏާ، މަސްވެރިންނަށްވެސް އެކަން އެގޮތަށް ކުރެވޭނެ އުޞޫލެއް އެމް.އެމް.އޭ.އިން ކަށަވަރުކޮށްދޭންޖެހޭނެ.

ތިޔަބޭފުޅުންނަށް ކުރިމަތިވެފައި މިއޮތް ދަތި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޙައްލުކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. 

ދެވަނަ ކަމަކަށް މިއަދު ފާހަގަކުރެވުނު އަނެއް ކަމަކީ، ބޭނުންވާވަރަށް ތެޔޮ ނުލިބުން. އަޅުގަނޑުމެން މަސްވެރިންނަށް މި ދޫކުރާ ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބުމުގެ ދަތިކަން. އެސް.ޓީ.އޯ.ގެ ސީ.އީ.އޯ. މިތާ އެބަ އިންނެވި. ކުރީ ޒަމާނުގައި މިފްކޯއިން ތެޔޮ ވިއްކަން އޭރު ހަމަޖެހިފައި އެ އޮންނަނީ، އޭރު އެހެން ގޮތެއް ނޯންނާތީ. އެހެން ނަމަވެސް، މިއަދު އެސް.ޓީ.އޯ. އިން ވަކިން ތެޔޮ އެބަ ވިއްކާ. ވަކިން ސަބްސިޑީ ކުންފުންޏެއް އެބައޮތް. އަޅުގަނޑުމެންގެ ވިސްނުމަކީ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންނެވި ގޮތަށް، ތިޔަބޭފުޅުން ބޭނުންވާވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެގޮތް އެސް.ޓީ.އޯ. އިން ހަމަޖައްސަވައި ދެއްވުން. އިރާދަކުރެއްވިއްޔާ، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް، ފިއުލް ސަޕްލައި އިން ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓްގައި އަދި ކްރެޑިޓް ލިބޭގޮތަށް، ކްރެޑިޓަކާ އެކީގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތް ލަސްތަކެއްނުވެ އެސް.ޓީ.އޯ. އިން ހަމަޖައްސައިދޭނެ.

މީގެއިތުރުންވެސް، މި ޞިނާޢަތުގައި ޙައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. ކުރީގެ ޝަކުވާތަކުގެ ލިސްޓްގައި، ކަންބޮޑުވުންތަކުގެ ލިސްޓްގައި އެއައީ ހަމަ ޙަޤީޤަތުގައިވެސް ހުރި ކަންބޮޑުވުންތައް. ޙައްލުކުރަން ޖެހިފައި ހުރި، އަވަހަށް ޙައްލުކުރަން ޖެހިފައި ހުރި ކަންތައްތައް.

ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބަލާއިރު، މަސްވެރިކަމުގެ ޞިނާޢަތު ކުރިއަށް މިދަނީ ފަތުއަޑުކިޔާފައި ދުވަހުން ދުވަހަށް ކުރިއަށް. މިއީ މަސްވެރިކަމަށް ދިވެހި އޮޑިވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ނަތީޖާ. މަސްވެރިންގެ މިންނެތް މަސައްކަތާއި، މަސްވެރި ޢާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ. މަސްވެރިކަމުގެ ޞިނާޢަތުގެ ތަރައްޤީއަށް މި ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުރިއަށް ފިޔަވަޅެއް އަޅާއިރު، މަސްވެރިން ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅައިގެން.

މީގެ ކުރިން މަސްވެރިންގެ ފަޚުރަކީ ހައްސަ ބޭނުން. އެހެން ނަމަވެސް، މިއަދު އެކަން މިކުރަނީ، ދުވާލަކު 50-60 ޓަނުގެ މަސް ބާނައިގެން. އަޅުގަނޑުމެން މި ދައްކަނީ ދާ ޖަހައިގެން ދޯންޏަށް މަސްކޮޅު ކަހާލާ ވާހަކައެއް ނޫން. މި ދައްކަނީ، ދޮށީގެ މަސްވެރިކަމުގައި ފަހަރަކު މަހެއް، ފަހަރަކު މަހެއް ބާނަމުން ބާނަމުން ގޮސް، ދުވާލަކު 50-60 ޓަނު ދޯންޏަށް އެތެރެކޮށްލާ ވާހަކަ. ދެން ވިސްނަވާ ތިޔަބޭފުޅުން، މަސްވެރިންގެ ގަދަފަދަ ހިތްވަރާއި ފަންވަރު. މިއާ އަޅުގަނޑުމެން ފައިހަމަކުރަން މި ޖެހެނީ.

މިއަދުގެ ދިވެހި މަސްއޮޑިފަހަރަކީ އާދައިގެ ދޯނިތަކެއް ނޫން. މިހާރު އެއީ ކަނޑު ކަފަމުން ދުވާ މަސް ކާރުޚާނާތަކެއް. އެއްފަހަރާ 80 ޓަނުގެ މަސް ރައްކާކޮށްލެވޭ ދޯނިފަހަރު މިހާރު ރާއްޖޭގައި އެބަހުރި. ޚާއްޞަކޮށް، ހުވަދުއަތޮޅުގައި އެބަހުރި.

ސަރުކާރުން އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް.

ކުރިންވެސް އަޅުގަނޑު ފާހަގަކުރި ފަދައިން، އަދި ފިޝަރީޒް ހިންގަވާ ޑޮކްޓަރ ޙުސައިން ފާހަގަކުރެއްވި ފަދައިން، މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ކިރުވާ މަހަށް ލިބޭ އަގު. މިފްކޯއަށް މިހާރު މަސް މި ގަންނަނީ، ކިލޯއަކަށް 17 ރުފިޔާގެ ރޭޓުން. އެހެން ނަމަވެސް، ބޭރުގެ ބާޒާރުތަކުގައި، ރާއްޖޭގެ ރޯމަސް ވިއްކަން މި ޖެހެނީ މިއަށްވުރެ އަގު ހެޔޮކޮށް. ރޯމަހުގެ ގޮތުގައި ގެންދިޔައިމާ ވިއްކަން މި ޖެހެނީ، މިއަށްވުރެ އަގު ހެޔޮކޮށް. މި ދެންނެވި ރޭޓުން ގަނެގެން އެއަށްވުރެ ކުޑަ އަގެއްގައި ވިއްކަން ޖެހުމުން، މިފްކޯއަށް އެތައް ރުފިޔާގެ ގެއްލުންވޭ. އެ ގެއްލުން މި ފޫބައްދަނީ، ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން.

މިވަގުތު މިގޮތަށް މިފްކޯއިން މަސައްކަތް ކުރި ނަމަވެސް، މިއީކީ ވިޔަފާރީގެ އުޞޫލުން މިކަން ކުރާ ޕްރައިވެޓް ސެކްޓަރއަށް ކުރެވޭނެ ކަމެއް ނޫން. ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، މި ޞިނާޢަތުގެ ޕްރައިވެޓް ސެކްޓަރ، ކުންފުނިތައް ދެމެހެއްޓުނީ ސަރުކާރުންވެސް އެހީތެރިކަމެއް ވަރަށް ބޮޑަށް ފޯރުކޮށްދީގެން. ޙަޤީޤަތުގައިވެސް މި ޞިނާޢަތް ކުރިއަރައިގެންދާނީ، ޕްރައިވެޓް ސެކްޓަރގެ ދައުރު މިކަމުގައި ވީހާވެސް ފުޅާކޮށް، މިނިވަން ވިޔަފާރިއަކަށް ޖާގަ ދީގެން.

އަޅުގަނޑުމެން މަހުގެ އަގަށް ބަދަލެއް ގެންނަން ބަލާއިރުގައި، ޕްރެއިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ވެގެންދާނެގޮތް އަޅުގަނޑުމެން މިނެކިރާލަން ޖެހޭނެ. މިއީ ދިމާވާ އެއް މައްސަލަ. ދެން ވިސްނަންވީ މަހަށް މިއަށްވުރެ ބޮޑު އަގެއް ހޯދޭނީ ކީއްކޮށްގެންތޯ. ކޮން ގޮތަކަށް މަސައްކަތް ކޮށްގެންތޯ. ޑޮކްޓަރ ޙުސައިން ވިދާޅުވި ފަދައިން، ކުރެވެން އޮތް ކަމަކީ، ރޯ މަހުގެ ބަދަލުގައި، އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ވެލިއުއެޑްކޮށް، ޕްރޮސެސްކޮށް، އޭގެ އަގު އުފުލޭނެ ގޮތްތައް ހޯދުން. އަދި ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ބޭރުގެ ބާޒާރުތަކުން މިއަށްވުރެ ރަނގަޅު އަގެއް ހޯދުމަށް މަސައްކަތް ކުރުން.

ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ބޭރުގެ ދެ މާކެޓަކީ، އަދި މާކެޓްތަކުގެ ތެރޭގައި، ޔޫރަޕްގެ ޤައުމުތަކާއި އިނގިރޭސިވިލާތް ހިމެނޭ. ޑޮކްޓަރ ޙުސައިން އެ ވިދާޅުވި ފަދައިން، ޔޫރަޕުންނާއި އިނގިރޭސިވިލާތުން، ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް 24 ޕަސެންޓްގެ ޑިއުޓީއެއް މިހާރު ނަގަމުން އެބަ އާދޭ. މިއީ މި ސަރަޙައްދުގައި އޮތް އަޅުގަނޑުމެންގެ ވާދަވެރިންގެ އަތުން ނަގާ އެއްޗެއް ނޫން. މޮރިޝަސްއާއި ސީޝެލްސް އިން މި ޑިއުޓީއެއް ނުނަގާ. އެހެންވީމާ، ރާއްޖޭގެ މަސް، އިނގިރޭސިވިލާތަށާއި ޔޫރަޕަށް ވިއްކުމުގައި ދަތިތަކެއް އެބަހުރި.

ސަރުކާރުން މި އަންނަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ، ޑޮކްޓަރ ޙުސައިން ރަޝީދު، ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި އެސް.ޓީ.އޯ.އާއި މިފްކޯއާއި، ފައިނޭންސް މިނިސްޓަރާ އެކީގައި ބޭރުގެ މި ދެންނެވި ފަރާތްތަކާއެކު މަޝްވަރާތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ، ދުރު ނޫން މުސްތަޤްބަލެއްގައި މިކަމަށް ޙައްލެއް ގެނެވި، ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް، މިއަށްވުރެ ރަނގަޅު އަގު ލިބިގެންދާނެ. އޭރުން އަޅުގަނޑުމެން ގަންނަ މަހަށް ތިޔަބޭފުޅުންނަށް ބޮޑުއަގު ދެވޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަ މަސްވެރިން، ބިޔަ އޮޑިފަހަރުގައި ބާނާ މަސް ގަނެ ފިނިކޮށް، އަދި ޕްރޮސެސްކޮށް، ބޭރަށް އެކްސްޕޯޓް ކުރެވޭނެ ވަރަށް، ސަރުކާރުގެ މަސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުން.

އެގޮތުން އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްޞީލް، ދެންމެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވެދެއްވައިފި. ކޫއްޑޫގެ ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް، ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ ވާހަކަ އެބައޮތް. އެކަން މިހާރު އޮތީ ޓެންޑަރ ޕްރޮސެސްގައި. ލަސްތަކެއްނުވެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. ކޫއްޑޫގެ ބަނދަރުގެ ވާހަކަ ވިދާޅުވި. އަޅުގަނޑުގެ އޭގެ ތަފްޞީލަކަށް ދެން ނުދާނަން.

އޭގެކުރިން، މި ދެންނެވި ކަންތައްތައް ކުރުމުގެ ކުރިން، އަވަސް ޙައްލެއް މިކަމަށް ހޯދުމުގެ ގޮތުން، ކޫއްޑޫގެ މިހާރުހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. އަދި 1250 މެޓްރިކް ޓަން ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށް އެބަދޭ. މި ދެ މަޝްރޫޢުވެސް މި އަންނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރުގައި ނިމި، ޚިދުމަތް ދެވޭވަރު ކުރެވިގެންދާނެ.

މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާއި 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް މިހާރުވަނީ ހެދިފައި. އޭގެއިތުރުން، ތިނަދޫގައި އަޅުގަނޑުމެން ޤާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ އާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖަނަވަރީ ތެރޭގައި ފެށި، އަހަރުގެ މެދުތެރެއަށް ނިމިގެންދާނެ ވާހަކަ ދެންމެ ފިޝަރީޒް މިނިސްޓަރ އިޢުލާނުކޮށްދެއްވި.

މިދެންނެވި މަޝްރޫޢުތައް ކުރިއަށްދާއިރުގައި، މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެގޮތުން، މަސް ގަންނަ ތިން ބޯޓު މިހާރު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. އަދި ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެގްރީމެންޓް ކުރެވި، އެ ބޯޓުވެސް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެ. މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 300 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ހުންނާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، މި ބޯޓުތައް، މި އަންނަ އަހަރުގެ ކުރީކޮޅުގައި ގެނެވި، މި ބޯޓުތައް ބޭނުންކުރެވޭވަރު ކުރުމަށް.

އެ ހަތަރު ބޯޓުގެ ތެރެއިން، 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު، އަންނަ އަހަރުގެ ކުރީކޮޅުގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ފަރުބިތުގައި ބޭއްވުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. މިއީ މި ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަގުތީ ޙައްލެއް. ދެންއޮތީ ތިޔަބޭފުޅުން ހުށަހެޅުއްވި ގޮތަށް ދާއިމީ ޙައްލެއް މި ސަރަޙައްދަށް ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަތުން.

އޭގެ އިތުރުން، މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް، ފިޝަރީޒް މިނިސްޓަރ އެ ވިދާޅުވެދެއްވީ. ފެލިވަރާއި، މުލަކަތޮޅު މުއްޔާއި، އިހަވަންދޫގައި އަޅުގަނޑުމެން ތަރައްޤީކުރާ މަސައްކަތްތައް. އޭގެއިތުރުން، ތ. އަތޮޅު ފުނައްޑޫ މިހާރުވާނީ ސަރުކާރަށް ނަގާފައި. މަސައްކަތް ކުރަމުން މިގެންދަނީ، ފުނައްޑޫއިން މަސްގަނެ ރައްކާ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށުމަށް.

އޭގެއިތުރުން، ފުވައްމުލަކުން އެދިފައި އޮތް ގޮތަށް، އެ ރަށުގައި ހުރި މަސް ގަންނަ ފެސިލިޓީޒުން މަސް ގަނެވޭނެގޮތް އިރާދަކުރެއްވިއްޔާ އެސް.ޓީ.އޯ. އިން ލަސްތަކެއްނުވެ ޢަމަލީ މަސައްކަތް ފަށައިގަންނާނެ.

ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ދޯނިފަހަރުގައި އާރު.އެސް.ޑަބްލިޔޫ. ބެހެއްޓުމުގެ މަސައްކަތްތަކެއް، އަމިއްލަ މަސްވެރިންވެސް އެބަ ކުރަމުން ގެންދޭ. ސަރުކާރުން މިހާރުވަނީ  ދޯނިފަހަރުގައި އާރު.އެސް.ޑަބްލިޔޫ. ބެހެއްޓުމަށްޓަކައި ފެސިލިޓީއެއް ހުޅުވާލާފައި. ލުއި ލޯނު ލިބޭގޮތް ހަދައިދީފައި. އޭގެ ދަށުން 260 ދޯނީގައި އާރު.އެސް.ޑަބްލިޔޫ. ބެހެއްޓޭވަރަށް ލޯނު ދޫކުރުމަށް އެމް.އީ.ޑީ. އިން މިހާރުވަނީ އިޢުލާނުކޮށްފައި.

އަޅުގަނޑުގެ އެދުމަކީ، ވީހާވެސް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވެ، ދޯނިފަހަރުގައި އާރު.އެސް.ޑަބްލިޔޫ. ބެހެއްޓުމަށް މަސައްކަތް ކުރުން.

ރާއްޖޭގައި މި ކުރާ ދޮށީގެ މަސްވެރިކަމުގެ އިތުރުން، އިތުރު ބާވަތްތަކުގެ މަސްވެރިކަންވެސް އެބަ ކުރެވޭ. ފަރުމަހުގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަމަކީވެސް މި ޞިނާޢަތުގެ މުހިންމު ބައެއް. އަޅުގަނޑުމެން އީ.ޔޫ.އާއި އިނގިރޭސިވިލާތާއެކު، މި ދައްކަމުންދާ ވާހަކަތައް ކޮޅެއްގައި ޖެހި ނިމުމުން، މީގެ އެންމެބޮޑު ފައިދާ ވާނެ އެއްބަޔަކީ ބޮޑުކަންނެލީގެ މަސައްކަތްކުރާ ފަރާތްތައް. ފަރުމަހުގެ މަސައްކަތް ކުރާ ފަރާތްތަކަށް ކޯވިޑާ ގުޅިގެން ވަރަށްގިނަ ހުރަސްތައް ކުރިމަތިވި. ފާނަ، ލަނޑާ، ފަރުމަސް އެންމެ ގިނައިން ބޭރުކުރަނީ އިރުމަތީގެ ޤައުމުތަކަށް. ޗައިނާ، ހޮންގްކޮންގ، ޓައިވާނަށް. އަދިވެސް މުޅިން އެތަންތަން ނުހުޅުވާ. އޭގެ ގެއްލުން، ދަތި، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރުވެސް ކުރަމުން އެބަދޭ.

ބޮޑު ކަންނެލީގެ މަސްވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައި ހުރި. އޭގެތެރެއިން ވަރަށްގިނަ ކަންތައްތައް މިހާތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް މިވަނީ ކޮށްދެވިފައި. އެއްކަމަކީ، އެހެން މަސްވެރިންނެކޭ އެއްގޮތަށް، ބޮޑު ކަންނެލީގެ މަސައްކަތް ކުރާ ފަރާތްތަކަށްވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެގޮތް ހަދައިދިނުން. އެކަން މިހާރުވާނީ އަޅުގަނޑުމެން ޙައްލުކޮށްދީފައި.

އަޅުގަނޑުމެންގެ އުންމީދަކީ، އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، ދިވެހި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ފިލުވައިދީ، މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި މަސްވެރިންނާއި، މަސްވެރި ޢާއިލާތަކުން އަދި މި ޞިނާޢަތުގައި ބައިވެރިވާ އެންމެހައި ވިޔަފާރި ކުންފުނިތަކުން، މި ޞިނާޢަތުގެ ކުރިއެރުމަށްޓަކައި ކުރާ ބުރަ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ފާގަތިކަން މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް ޞުލްޙަވެރިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، ކަނޑުފަޅުގެ ރޯދީގައި ބަރަކާތް ލައްވައި، ތިޔާގިކަން މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه