އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް.)ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެންގޯލާގެ ލުއާންޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) މާލެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު މި ސަމިޓްގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުންނެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބަޔާން އިއްވައިދެއްވައިފައެވެ. އަދި އޯ.އޭ.ސީ.ޕީ.އެސް.ގެ ރިވައިޒްޑް ޖޯޖްޓައުން އެގްރީމަންޓު ޤަބޫލުކުރުމުގެގޮތުން ރާއްޖޭގެ ފަރާތުން އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށައެޅުއްވުމުން އެ ޖަމުޢިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ވަނީ ލިބިގެންގޮސްފައެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަކަށެވެ.