بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސް. މިއުފާވެރި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން. މިތަހުނިޔާގައި އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ރައްޔިތުން، ފިރިހެނުންނާއި އަންހެނުން، ކުޑަކުދިންނާއި ބޮޑެތިމީހުން އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހުން ހިމަނަން.

ދުވަހަކީ ޝައްކެއްނެތްގޮތުގައި، މުހިންމު ދުވަހެއް. އާދެ، އެއްގޮތަކުން ބަލާއިރު، އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރީ ވެރިކަމަށް 18 އަހަރު ފުރޭ ދުވަސް. އަނެއްގޮތަކުން ބަލާނަމަ، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިއްމު ބައެއް އަދާކުރާ، މަސްވެރިކަމުގެ ދާއިރާއަށް އިތުރު ފަހިކަމެއް ލިބިގެންދާނެ ދުވަހެއް. މިއިން ކޮންމެ ގޮތަކުން ބެލިކަމުގައިވިޔަސް، ދުވަހަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެންވާނެ ދުވަހެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ ދެންނެވުމަށްފަހުގައި، މިއަދު ފެލިވަރުގައި، ދަޅުގައި މަސްބަންދުކުރާ ކާރުޚާނާ ހުޅުވޭގޮތަށް ހަމަޖެހުމާއެކު، އެމުހިއްމު މުނާސަބަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވަންޖެހޭ. ސަބަބަކީ މިއަދު މިހުޅުވޭ ކާރުޚާނާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ދިރުމެއް އަންނާނެތީ. ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިއްމު ބައި އަދާކުރާ އަޅުގަނޑުމެންގެ ހީވާގި މުރާލި މަސްވެރިންނަށް އިތުރު ފަހިކަމަކާއި ތިޔާގިކަމެއް ލިބިދޭނެ ކަމެއް މިއަދު ފެށޭކަން.

މިއަދު ފެލިވަރުގައި މިހުޅުވޭ ކާރުޚާނާއާ ބެހޭގޮތުން އަޅުގަނޑު މާގިނަ ތަފްޞީލުތަކަކަށް ދިޔުމުގެ ބޭނުމެއް ނެތް. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އެވާހަކަތައް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، މިއަދު މިހުޅުވޭ ކާރުޚާނާއަކީ އެއްތަނެއް ނޫނޭ ދަންނަވާލުން. އާދެ، މީގެކުރިން މިތާނގައި ހުރީ ހަމައެކަނި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް. އެނޫން އެހެން ކަންތައްތައް ކުރެވޭކަށެއް އޭރަކު ނޯވޭ. މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އޭރު ހުސްދަޅުވެސް ގެންނަންޖެހެނީ ބޭރުން. އަދި ދަޅުގައި މަސް ބަންދުކުރުމަށްފަހު، ބާކީވާބައި، އާދެ، މަހުގެ ތަކެތި ޖެހެނީ އުކާލަން. އެއްވެސް ބޭނުމެއްނުކޮށް ދާންޖެހެނީ. ދަޅުގައި މަސް ބަންދުކުރެވެންދެން، މަސްބަހައްޓާ ތަން ފިނިކޮށްފައި ހުންނަނީ ނުވަތަ އަޅުގަނޑުމެން މަސް ފިނިކުރަންޖެހެނީ، އޭރު ބޭރުން އަޅުގަނޑުމެން އެތެރެކުރާ ގަނޑުފެނުން. މިހުރިހާ ކަމެއް މިހެން އޮއްވައި، މިއަދު އެކަންތައްތައް ބަދަލުވެގެން މިދަނީ. މިއަދު ދަޅު ހަދަނީވެސް މިތާނގައި. ބޭރުން އަޅުގަނޑުމެން ގެންނަނީ ހަމައެކަނި އެކަމަށް ބޭނުންވާ ޖަސްތު. ގަނޑުފެން ހަދަނީ މިތާނގައި. އަދި މިކަންތައްތަކުގެ އިތުރަށް، ދަޅުގައި މަސް ބަންދުކުރުމަށްފަހު، ބާކީވާ މަހުގެ އެކިއެކި އެއްޗެތި، އެ އެއްޗެތީގެ ބޭނުންކޮށްގެން، މަސްކުނޑި ހެދޭގޮތަށްވެސް ވަނީ މިކާރުޚާނާގައި ބައެއް ތައްޔާރުވެފައި. އެހެންވީމާ، މިހުރިހާ ގޮތަކުން ބަލާއިރު، މިއަދު މިތާނގައި މިހުޅުވެނީ ހަމައެކަނި އެންމެ ކާރުޚާނާއެކޭ ދެންނެވޭކަށެއް ނެތް.

އާދެ، ދުނިޔޭގެ އިޤްތިޞާދީ ކަންތައްތަކަށް ބަލާއިރު، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ބާރުއަޅަނީ، އެބައެއްގެ އިޤްތިޞާދުގައި ހިމެނޭ ދާއިރާތަކުގައި އުފެއްދޭ ތަކެތި، ވަކި ފެންވަރަކަށް އުފައްދާފައި ބޭރުކުރެވޭތޯ. އެންމެ ފުރަތަމަ މާއްދާއެއްގެ ގޮތުގައި، ތަކެތި ބޭރުކުރުމުން ލިބޭ އާމްދަނީ ކުޑަވާތީ، ފުރަތަމަ މާއްދާއެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި، އޭގެ އެހެން ހަރުފަތަކަށް ބަދަލުކޮށްލަނީ. ކުރިން އަޅުގަނޑުމެން މަސް ރޯކޮށްހުއްޓާ، ބޭރުކުރަމުން މިގެންދިޔައީ. މިނިސްޓަރު އެ ވިދާޅުވިފަދައިން، 1970 ވަނަ އަހަރުގެ ތެރެއިން ފެށިގެން މިހާތަނާ ޖެހެންދެން. އެއީ މަހުގެ އެއްބާވަތެއް. އޭގެ އިތުރުން، ހިކިމަހާއި ލޮނުމަހާ، މިބާވަތުގެ މަހުގެ އިޤްތިޞާދީ ކުރިއެރުން ދައްކައިދޭ ބާވަތްތައްވެސް އަޅުގަނޑުމެން ބޭރުކުރަމުން ގެންދިޔައިން. އެހެން ނަމަވެސް، މިހާރު އެހެން ތަންތާނގައިވެސް ހަދާ އުޞޫލުގެ މަތިން، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެ ފުރަތަމަ މާއްދާ އެހެން އެއްޗަކަށް ބަދަލުކޮށްފައި، އެއަށް އިތުރު އަގެއް ލިބޭގޮތަށް ތައްޔާރުކޮށްފައި ބޭރުކުރުމުގެ މުހިންމުކަން ފެނިގެން، އެގޮތުގެ މަތިން ޢަމަލުކުރަމުން މިގެންދަނީ. އެހެންވީމާ، އެއަށް ލިބޭ އަގު، އެއީ އާދައިގެ މަސްބޭރުކުރުމުން ލިބޭ އަގަށްވުރެ އިތުރުވެފައި، ރާއްޖޭގެ އިޤްތިޞާދަށް ޢާންމުކޮށް ބަލާއިރު، އިތުރު ތަރައްޤީއެއް ލިބޭނެކަން ކަށަވަރު.

އާދެ، މިއަދުގެ މިކާރުޚާނާ މިހުޅުވެނީ ވަރަށް ގިނަބައެއްގެ މަސައްކަތާއި ފިކުރާއި ވަގުތު އެކަމުގައި ހިމެނިގެން ގޮސްފައިވާ ގޮތެއްގެ މަތިން. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ޢިއްޒަތްތެރިން، އެފަރާތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވޭ. އެހެންނަމަވެސް، ކަމުގެ މުހިއްމުކަން ބޮޑުކަމުން، މިކަމުގައި ހިމެނޭ ބައެއް ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި މިއަދު ދެކެން. އޭގެތެރެއިން އެންމެ ފުރަތަމަ ފަރާތަކީ، މިކަން ހިންގެވުމުގައި ޢަމަލީގޮތުން އެންމެ ބޮޑުބައި އަދާކުރެއްވި ފަރާތް. އާދެ، އެއީ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހިމް. އޭނާ މިކަމުގައި އުޅުއްވިގޮތް، އަޅުގަނޑުހިތުން މިތާނގައި މަސައްކަތްކުރާ އެންމެންނަށްވެސް އެނގޭނެ. އަދި އެސް.ޓީ.އޯ.ގެ އެންމެންނަށްވެސް އެނގޭނެ. ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެކަމާ ދޭތެރޭގައި މާދިގު ވާހަކައެއް ނުދެއްކި ކަމުގައިވިޔަސް، އޭނާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދެން އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ފާހަގަކުރެއްވި ފަރާތެއް. އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރުވެސް ފާހަގަކުރެއްވި ފަރާތެއް. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކުގައި، ވަރަށް އެކަށީގެންވާ ގޮތެއްގެ މަތިން ސަރުކާރަށް ބޭނުންވާ ލަފާ ދެއްވައި އަދި ސަރުކާރުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމުގައި، ވަކި ދާއިރާއެއްނެތި، ހުރިހާ ދާއިރާއެއްގައިވެސް ވަރަށް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެއް. އާދެ، އަލްފާޟިލް ޢަލީ ޢުމަރު މަނިކު.

ފެލިވަރުގެ ކާރުޚާނާ މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާފަދަ ދަރަޖައަކަށް، އެކަންތައް ރާވައި ތައްޔާރުކޮށް ހިންގުމުގެ ހުރިހާ ހަރުފަތެއްގައި، އަލްފާޟިލް ޢަލީ ޢުމަރު މަނިކު ކުޅުއްވާފައި ވަނީ ވަރަށްވެސް މުހިއްމު ބައެއް. އެކަން މިއަދުވެސް އަޅުގަނޑު ފާހަގަކުރަން. އަދި މީގެކުރިން މިބާވަތުގެ ބައެއް މުހިންމު ކަންތައްތައް ނިމިގެންދިޔަ ދުވަސް ދުވަހު، އަޅުގަނޑު ހަމަ އެކަން އޮންނާނީ ފާހަގަކޮށްފައި. ހަނދުމަފުޅު ހުންނާނޭ ފަދައިން، ރާއްޖޭގައި ހެދުނު އެންމެ ރީތި، އެންމެބޮޑު، އެންމެ ފުރިހަމަ އެއް ޢިމާރާތް، އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތު ހާމަކޮށްދޭ އިސްލާމީ މަރުކަޒު. އެތަން ހުޅުވުނު ދުވަހުވެސް، އެތާނގެ މަސައްކަތުގައި އަލްފާޟިލް ޢަލީ ޢުމަރު މަނިކު ކުރެއްވި ޚިދުމަތާއި، ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރިން. އަދި އެމަނިކުފާނަށް ޝުކުރު ދެންނެވިން. އޭގެފަހުން، މާލޭ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެން، އެކަން ފާހަގަކުރި ދުވަހުވެސް އަޅުގަނޑު އެވާހަކަ ދެއްކިން. މިއަދުވެސް އަޅުގަނޑު ހަމަ އެމޭރުމުން އެވާހަކަ އެހެން ދަންނަވަންޖެހޭ.

ހަމައެއާއެކު، އަޅުގަނޑު ފާހަގަކޮށްލަނީ، މަސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އަހަންމިއްޔަތެއް، ވަރަށްބޮޑު ޝައުޤުވެރިކަމެއް ވަރަށް ކުރިއްސުރެ ބަހައްޓަވަމުން ގެންދަވާ ފަރާތެއް. އެކަން އަޅުގަނޑަށް އެނގުނީ އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށްކުރީކޮޅުގައި. އޭނާ އެއްދުވަހަކު އެދިވަޑައިގަތީ އަޅުގަނޑާ ބައްދަލުކޮށްލައްވަން. މަސްވެރިކަމާ ބެހޭގޮތުން އޭނާގެ ޚިޔާލުފުޅަށް އައި ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުވެލައްވަން ބޭނުންފުޅުވެގެން، ބައްދަލުކޮށްލުމަށް އެދިވަޑައިގަތީ. ދުވަހުގެ މަސައްކަތްތައް ހުރިގޮތުން އަޅުގަނޑު އެބޭފުޅަކަށް އެރުވީ 15 މިނިޓް. އެހެންނަމަވެސް، އޭނާ ވަޑައިގެން ވާހަކަފުޅު ފެށްޓެވުމާއެކުގައި، އޭނާ ދެއްކެވި ވާހަކަތަކުގެ މުހިއްމުކަމާއި، ފާޅުކުރެއްވި ޚިޔާލުތަކުގެ ބޭނުންތެރިކަމުން އަޅުގަނޑަށްވެސް އިނދެވުނީ. އެހެން މަސައްކަތްތައް ހުއްޓާލާފައި، އޭނާ އަރިހުގައި ގާތްގަނޑަކަށް ދޮޅުގަޑިއިރު އަޅުގަނޑަށް ހޭދަކުރަންޖެހުނު. އެދުވަހު އަޅުގަނޑަށް އެނގުނީ، މިދަންނަވާ ބޭފުޅެއްގެ ހިތްޕުޅުގައި، މަސްވެރިކަން ތަރައްޤީކޮށް އާލާކުރުމާ ދޭތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަން. އޭނާ ވިދާޅުވީ، ތިމަންނާއަށް ހެވޭ، ސަރުކާރުގެ މާމަތީ މަޤާމެއް ނެތް ކަމުގައިވިޔަސް، ތިމަންނާ ބޭނުންވަނީ، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ގޮތެއް ތިމަންނާއަށް ހަދައިދިނުމޭ. ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ތިމަންނާ ހުރެދާނަމޭ. ކޮންމެކަހަލަ މާޙައުލެއްގައިވިޔަސް މަސައްކަތް ކޮށްފާނަމޭ، އެއްވެސް ފޫހިކަމެއްނެތި. އެހެން އެވިދާޅުވި ބޭފުޅަކު، މިމަޝްރޫޢުގައި ވަރަށް ބޮޑު ބައެއް އަދާކުރެއްވިކަން ތިޔަބޭފުޅުންނަށް މިހާރު އޮންނާނީ އެނގިވަޑައިގެންފައި. އެހެންވީމާ، ސަރުކާރުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަލްފާޟިލް ޢަލީ ޙުސައިންދީދީ އަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު މިހުޅުވޭ ކާރުޚާނާއަކީ، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިއްމު ބައެއް އަދާކުރާނެ ކާރުޚާނާއެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެން އެދޭ ބައި އަދާކުރެވޭނީ، އަދާކުރެވޭނެ ގޮތްތައް ހަމަޖެހިފައި އޮވެގެން. އާދެ، މިހާރު އެހެރީ ތަންތަން ހެދިފައި. ބޭނުންވާ އެކިއެކި ސާމާނު، މެޝިނަރީ އެހެރީ ގެނެވިފައި. އެހެރީ ބެހެއްޓިފައި. އެހެރީ މިހާރުވެސް ސްވިޗަކަށް އޮބާލީމާ މަސައްކަތް ފެށޭގޮތަށް ހުރިހާ ކަމެއް ތައްޔާރުވެފައި. އެހެންނަމަވެސް، އެމަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނީ، ޝައްކެއްނެތްގޮތުގައި، އެމަސައްކަތް ކުރާނެ މީހުން ތިބެގެން. މިނުކުތާ މިއީ މިހާރު ސަރުކާރުން އެންމެބޮޑަށް ވިސްނަން ޖެހިފައިވާ އެއް ނުކުތާ. ކުރިން، އިލްޔާސްގެ ވާހަކަފުޅުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައިވެސް މިނުކުތާއަށް އިޝާރާތް ކުރެއްވި. މިކަމަކީ މުޅި ޤައުމަށް ދިމާވެފައިވާ ކަމެއް. ހަމައެކަނި ސަރުކާރުގެ ކުރިމަތީގައި އޮތް މައްސަލައެއް ނޫން. ސަރުކާރަށް މުވައްޒަފުން ނުލިބޭ ވާހަކަ، ސަރުކާރުގެ މަސައްކަތްތައް ހަލުވިކަމާއެކު ނުގެންދެވެނީ، މީހުން މަދުކަމުން ކަމުގެ ވާހަކަ. މިއީ އަޅުގަނޑުމެންނަށް އިވެމުންދާތާ އެތައް ދުވަހެއް ވެއްޖެ ވާހަކައެއް. ހަމައެއާއެކުގައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށްވެސް މަސައްކަތު މީހުން، މުވައްޒަފުން ނުލިބޭ ވާހަކަ، ފަހަކަށްއައިސް ވަރަށްބޮޑަށް ދެކެވެމުން އެބަދޭ. ރާއްޖޭގެ މުހިންމު އިޤްތިޞާދީ އަނެއް މަސައްކަތަކީ ޓޫރިޒަމް. ޓޫރިޒަމްގެ ދާއިރާއަށްވެސް ބޭނުންވާ އެކިއެކި ވަޒީފާ އަދާކުރާނެ މީހުން މިހާރު ދިވެހިންގެ ތެރެއިން ލިބެމުންނެއް ނުދޭ.

ހަމަ އެފަދައިން، ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިން. އެބައިމީހުންނަކީ ޝައްކެއްނެތްގޮތުގައި، ޤައުމުގެ އިޤްތިޞާދަށް ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް ކުރަމުންދާ ބައެއް. އެމީހުންގެ ޚިދުމަތްތައް އަދާކުރުމަށް ބޭނުންވާ މީހުން އޮންނަނީ އެމީހުންނަށްވެސް މިހާރު ނުލިބިފައި. އެހެންވީމާ، މިމައްސަލައަކީ އެއްވެސް ޙާލެއްގައި ހަމައެކަނި ސަރުކާރާ ކުރިމަތިވެފައިވާ މައްސަލައެއް ނޫން. މުޅި ރާއްޖެއާ ކުރިމަތިވެފައިވާ މައްސަލައެއް. މިކަމުގެ ޙައްލު ހޯދަންޖެހޭނީ. އެހުރިހާ ފަރާތެއް ގުޅިގެން، ވާހަކަ ދައްކައިގެން، ހެދެން އޮތް އެންމެ މޮޅު ގޮތްތަކެއް ރާވައިގެން.

އާދެ، މިއަދު މިހުޅުވޭ ކާރުޚާނާއަކީ، އެތާނގައި އުފެއްދޭ ތަކެތި އެއީ، ދަޅުމަސް ނުވަތަ މަސްކުނޑި. މިއެއްޗެތި މި އުފެއްދެނީ ރާއްޖެއިން ބޭރުކުރުމަށް. އެކްސްޕޯޓް ކުރުމަށް. ޝައްކެއްނެތްގޮތުގައި، ތަނެއްގައި އުފައްދާ ތަކެތި އިތުރުކޮށް، އެތަނަކުން ބޭރުކުރާ މުދާ އިތުރުކުރުން އެއީ، އެތަނެއްގެ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއްސުރެ ބިނާވެފައި އޮންނަނީ އެއާ ޚިލާފް ގޮތަކަށް. އަބަދުވެސް ބޭރުން އަޅުގަނޑުމެން ރާއްޖެއަށް ގެންނަންޖެހޭ ތަކެތި އޮންނަނީ ގިނަވެފައި. ރާއްޖެއިން ތައްޔާރުކޮށްގެން ނުވަތަ އުފައްދައިގެން ބޭރުކުރާ ތަކެތި އޮންނަނީ ވަރަށް ކުޑަކުޑަ ޢަދަދެއްގެ ގޮތުގައި. މިހާތަނާ ޖެހެންދެން އޮތީ މިހެން. އަދި ކުރިއަށް އޮތް ތާނގައިވެސް، ލައްކަދުވަސް ވަންދެން އޮންނާނީ އެހެންކަމަށް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.

ރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނަކަށްވެފައި، ރާއްޖޭގައި އިޤްތިޞާދީ މުއްސަނދިކަމުގެ ވަސީލަތްތައް ނެތިފައި، ބޭރުގެ ބާޒާރުތަކަށް ކަމުދާގޮތަށް ރާއްޖޭގައި ތަކެތި އުފެއްދުން އެއީ، ވަރަށްދަތި އަދި އުނދަގޫ ކަމަކަށްވާނެތީ، ކުރިއަށް އޮތް ތާނގައިވެސް މިކަން އޮންނާނީ މިކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ. އެހެންނަމަވެސް، އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަންޖެހޭނީ، އަދި ސަރުކާރު ފިޔަވައި ރާއްޖެއިން މުދާ ބޭރުކުރާ އެހެން ފަރާތްތަކުންވެސް ވިސްނަންޖެހޭނީ، އެބަޔަކު އެ ބޭރުކުރާ މުދަލެއް އިތުރުކުރެވޭތޯ. އޭރުން ދުވަހެއްގައިވެސް އަޅުގަނޑުމެންނަށް މިއަށްވުރެ އިޤްތިޞާދީ ތަނަވަސްކަން ބޮޑު ދުވަހެއް ފެންނާނީ.

އާދެ، އެގޮތުގެ މަތިން ބަލާއިރު، މީގެކުރިން ރާއްޖޭގައި ހިންގަމުން ގެނެސްފައިވާ އެކިއެކި ޞިނާޢީ ކަންތައްތައް، އޭގެތެރެއިން އެންމެ ޚާއްޞަ ކަމަކީ، ތައްޔާރީ ހެދުން އުފައްދައި، އެ ހެދުން ބޭރުކުރުން. އެކަމަށްވެސް މިހާރުވަނީ ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވެފައި. އެއީވެސް މިދެންނެވި ސަބަބަށްޓަކައި. އެއީ، މަސައްކަތުމީހުން ނުލިބުމުގެ ދަތިކަމާއި، ލިބޭ މީހުންވެސް ޤަވާޢިދުން މަސައްކަތަށް ނުނިކުތުމާ، މިކަހަލަ ކަންތައްތައް ދިމާވާތީ. މިއަދު މިހުޅުވޭ އާ ކާރުޚާނާގެ ފައިދާ ލިބޭނީ، އެހެންވީމާ، އަޅުގަނޑު ދަންނަވަންޖެހެނީ، ކުރީގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، މިކަން ހިންގޭފަދަ ޢަދަދަކަށް މަސައްކަތުމީހުން ލިބިގެންނޭ. އާދެ، މަސައްކަތުމީހުންނޭ ދަންނަވާއިރު، ޝައްކެއްނެތްގޮތުގައި، މިކަހަލަ ތަނެއްގައި މަސައްކަތް ކުރަން، ސަރުކާރުން ބޭނުންވާނީ ދިވެހިން. ދިވެހިން ފިޔަވައި، އެހެން މީސްމީހުން ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި ނޫނީ، އެފަދަ މީހުން ސަރުކާރުން ބޭނުންކުރާކަށް ޤަޞްދެއްނުކުރޭ. މިހެން ދެންނެވިޔަސް، ބައެއްކަހަލަ ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރުވެރިކަން ލިބިގަނެގެން، މަސައްކަތް ކުރެވޭ ފެންވަރުގެ މީހުން، އަޅުގަނޑުމެންގެ ކަންތައްތައް އަދި އޮތްގޮތުން ހޯދަންޖެހޭނީ ބޭރުން. އެކިއެކި ޓެކްނީޝަނުން ނުވަތަ އިންޖިނޭރުން، އެކިއެކި ކަންތައްތަކުގެ މާހިރުން، އެފަދަ މީހުން އަޅުގަނޑުމެން އަދިވެސް ބޭރުން ގެންނަންޖެހޭނެ. އެހެންނަމަވެސް، މާބޮޑު ތަމްރީނުތަކެއް ނުލިބި، މަސައްކަތް ހިންގޭ ފެންވަރުތަކުގެ މަޤާމުތަކުގައި ތިބޭ މީހުން، އާދައިގެ މަސައްކަތުމީހުން ނުވަތަ އެއަށްވުރެ މަތީ މީހުން ނަމަވެސް، ސަރުދާރުން ނަމަވެސް، މިމީސްމީހުން އަޅުގަނޑުމެން ހޯދަންޖެހޭނީ ހަމަ ރާއްޖެއިން. ރާއްޖެއިން ބޭރުން އެފަދަ މީހުން ގެނައުމުން، ވަރަށްގިނަ މައްސަލަތައް ކުރިމަތިވާނެ. މިހާރުވެސް އެކަހަލަ ބައެއް މައްސަލަ ދިމާވޭ. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މިތިބަ ޢަދަދަށްވުރެ ގިނަ ޢަދަދަކަށް ބޭރުން މަސައްކަތުމީހުން ގެންނަން ޖެހިއްޖިއްޔާ، ޝައްކެއްނެތްގޮތުގައި، އެތަކެއް އިޖުތިމާޢީ، އިޤްތިޞާދީ އަދި ފަހަރެއްގައި ސިޔާސީ މައްސަލަތަކެއްވެސް ނުކުންނަ ގޮތް ދިމާވެދާނެ. އެހެންވީމާ، އެއީ އެއްވެސް ޙާލެއްގައި، ހިތުންރުހުމުން، އަމިއްލަ އިޚްތިޔާރުގައި، އެއްވެސް ސަރުކާރަކުން ޢަމަލުކުރާނެ ގޮތެއްނޫން. އެގޮތަށް ޢަމަލުކުރާނީ، މަޖުބޫރުވެއްޖެ ހިނދެއްގައި އެކަނި.

އާދެ، އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ، މިކާރުޚާނާ ހިންގުމަށް 700 މީހުން ބޭނުންވާ ކަމުގައިވަންޏާ، މިހާރު ތިބީ އޭގެ ވަރަށް މަދު ޢަދަދެކޭ. އެއްގޮތަކަށްވެސް ފުރިހަމަގޮތުގައި މިކަން ހިންގޭވަރަކަށް މީހުންނެއް ނެތޭ. މީހުން ލިބިގެން ނޫނީ އެކަށީގެންވާ ގޮތަކަށް ނުހިންގޭނޭ. އާދެ، މީހުން ނުލިބުމުގެ އެއް ސަބަބެއް ކަމަށް ވަނީ މުސާރައިގެ ކުޑަކަން. އެއީ، ސަރުކާރުގެ ހުރިހާ ދާއިރާއެއްގައިވެސް ފާހަގަކުރެވޭ ކަމެއް. މުސާރަ ކުޑަވީމާ، ވަޒީފާއަށް އަންނަ މީހުން ނުވަތަ ވަޒީފާއަށް ކުރިމަތިލާ މީހުން މަދުވާނެ. އެއީ ޙަޤީޤަތެއް. އެހެންވީމާ، އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނާފައި، މިހާރު ގަސްތުކުރަނީ، ރާއްޖެއިން މުދާ ބޭރުކުރުމަށްޓަކައި މުދާ ތައްޔާރުކުރުމުގައި މަސައްކަތް ކުރަންޖެހޭ މީހުން، އެމީހުންގެ މުސާރަ، ސަރުކާރުގެ އެހެން ތަންތާނގެ މުވައްޒަފުންގެ މުސާރައަށްވުރެ ބޮޑުކުރަން.

އާދެ، މިގޮތަށް ހަމަޖައްސަންޖެހޭ ސަބަބަކީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތި ގިނަވެގެން ނޫނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ކުރިއަށްނުދާނެތީ. އެއްދުވަހުން އަނެއް ދުވަހަށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ނުގެންދެވޭނެތީ. އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ، ރާއްޖެއިން ބޭރުކުރާ މުދަލަށް. ރާއްޖެއިން ބޭރުކުރާ މުދާ އިތުރުކޮށްގެން، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތާނގައި ތަނަވަސްކަމާއި ފާގަތިކަން ލިބޭނީ. އެއީ، ވަރަށް ޚާއްޞަ ދާއިރާއެއް. އެހެންވީމާ، އެދާއިރާއަށް ހަމަޖައްސާ ޚާއްޞަ ޢިނާޔަތެއްގެ ގޮތުން، މިހާރު ގަސްތުކޮށްފައިވަނީ، މިދެންނެވި އުޞޫލުގެ މަތިން، މިފަދަ މަސައްކަތްތަކުގައި، ރާއްޖެއިން ބޭރަށް މުދާ ފޮނުވުމަށް، މުދާ ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅޭ މަސައްކަތު މީހުންނަށާއި، އަދި އެނޫންވެސް މުވައްޒަފުންނަށް މުސާރަ އިތުރުކޮށްދޭން. އާދެ، އެހެން ހަދައިގެންވެސް މަސައްކަތުމީހުން އެކަށީގެންވާ ޢަދަދަކަށް ނުލިބުނު ކަމުގައިވަންޏާ، ދެން ދާންޖެހޭނީ އެންމެފަހުގެ ޙައްލަށް. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ބޭރުން މީހުން ގެނައުން. އެކަމަކު އެއީ އަޅުގަނޑު ދެކޭހިތްވާ ދުވަހެއް ނޫން.

އާދެ، މިއަދަކީ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ޖުމްހޫރީ ދުވަސް. ޖުމްހޫރީ ދުވަހާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަރަށް ފުރިހަމަ ވާހަކަފުޅުތަކެއް ދައްކަވައި ދެއްވައިފި. އަޅުގަނޑުމެން އެންމެންނަށް ވަރަށް ގިނަ އަގުހުރި މަޢުލޫމާތުތަކެއް ދެއްވައިފި. އެހެން ކަމުގައިވިޔަސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެތިން ވާހަކައެއްވެސް އެބައޮތް. އާދެ، އޭގެތެރެއިން އެއްވާހަކައަކީ، ޖުމްހޫރީ ނިޒާމަކީ ޝާހީ ނިޒާމާ ވަރަށް ތަފާތު ނިޒާމެކޭ ދަންނަވާލުން. އާދެ، ހުރިހާ ބޭފުޅުންނަށްވެސް މިޙަޤީޤަތް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، އަޅުގަނޑު މިއަދު އަދާކުރަންޖެހޭ މަޤާމުގެ ގޮތުން މިވާހަކަޔާ ދޭތެރޭގައި އެއްޗެއް ދަންނަވާލަން ޖެހެނީ.

އާދެ، ޝާހީވެރިކަމަކީ ގިނަ ތަންތާނގައި ވާރުތަވާ ވެރިކަމެއް. އެއީ ރައްޔިތުން އިންތިޚާބުކުރާ ނުވަތަ އިޚްތިޔާރުކުރާ މީހަކު ހިންގާ ވެރިކަމެއް ނޫން. ރާއްޖޭގައި އެކަން އޮތީ ކުޑަކޮށް ތަފާތުގޮތަކަށް. ފަހަކަށްއައިސް އެއީ، ޝާހީވެރިކަން އޮތް ކަމުގައިވިޔަސް، ވާރުތަވެރިކަމެއް އޮތުމުގެ ބަދަލުގައި، އިންތިޚާބީ ވެރިކަމަކަށް އޮތީ ބަދަލުވެފައި. އެބަދަލު ރާއްޖެއާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮތް ކަމުގައިވިޔަސް، ޝާހީވެރިކަން ބިނާވެފައިވަނީ، އެ ވެރިކަމަށް، ވެރިކަމުގައި ހުންނަ މީހަކު އަބަދުވެސް އެކަމުގައި ދެމިހުންނަ ގޮތަށް. އެމީހަކު މަރުވަންދެން ނުވަތަ ކަމެއް ދިމާވެގެން އެމީހަކު ޢަޒްލު ކުރެވެންދެން. އެއާޚިލާފަށް، ޖުމްހޫރީ ވެރިކަމަކީ، އެންމެ ފުރަތަމަ ރައްޔިތުން އިންތިޚާބުކުރާ މީހަކު ވެރިޔަކަށް ހުންނަ ވެރިކަމެއް. އަދި އެމީހަކު ހުންނަނީވެސް ވަކިމުއްދަތަކަށް. ރައްޔިތުން، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އިންތިޚާބުކުރާ މުއްދަތަކަށް. އެކި ތަންތާނގައި އެމުއްދަތު ތަފާތުވޭ. ކޮންމެއަކަސް، އެމީހަކު އެހުންނަނީ، އެމީހެއްގެ ވާޖިބު އަދާކުރުމަށް ހޮވިފައި. އެމީހެއްގެ ވާޖިބު، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އަދާކުރެވޭ ކަމުގައި ނުވަނީނަމަ، އެޤާނޫނުގައި އޮންނަ ގޮތްތަކެއްގެ މަތިން އެމީހަކު ވަޒީފާއިން ވަކިވެސްކުރެވިދާނެ. މަޤާމުން ދުރުކުރެވިދާނެ.

އާދެ، ޖުމްހޫރީ ވެރިކަން ތަޢާރުފްކޮށްދިނުމުގައި، ކަމާބެހޭ މާހިރުން ލިޔުއްވާފައިވާ ލިޔުއްވުންތަކަށް ބަލައިލާއިރު، ޖުމްހޫރީ ވެރިކަމަކީ "ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، ރައްޔިތުންގެ ފައިދާއަށްޓަކައި ހިންގާ ރައްޔިތުންގެ ވެރިކަމެކޭ." އެހެން ބުނެފައި އެބަހުރި. "ރައްޔިތުން އިންތިޚާބުކުރާ"، އެއީ ޖުމްހޫރީ ވެރިކަމުގެ އެއްމެ ފުރަތަމަ ޝަރުޠު. ރައްޔިތުން އިންތިޚާބުކުރާ މީހަކު، އިސް ވެރިޔަކަށް ހުންނަންޖެހެނީ. ރައްޔިތުންގެ ފައިދާއަށް ވެރިކަން ހިންގުން އެއީ ޖުމްހޫރީ ވެރިކަމުގެ ދެވަނަ ޝަރުޠު. ހުރިހާ ކަމެއްވެސް ހިންގަންޖެހޭނީ ރައްޔިތުންގެ ފައިދާއަށް. އެމީހާގެ އަމިއްލަ ފައިދާއަކަށް ނޫން. ރައްޔިތުންގެ ވެރިކަމަކަށް ވާންޖެހޭ. އެއީ، ރައްޔިތުން ވެރިކަންކުރަނީ، ވަކި ނިޒާމެއްގެ ތެރެއިން. މިދެންނެވީ، ރާއްޖޭގެ ރައްޔިތުންގެ ޢަދަދަކީ މިއަދު އެއްލައްކަ އަށްޑިހަ އެއްހާސް މީހުން ކަމުގައިވާއިރު، އެ އެންމެން އެއްތަނަކަށް އެއްވެ، ހުރިހާ ކަންކަމާ ދޭތެރޭގައި ޚިޔާލު ބަދަލުކޮށް، އެމީހުންނަށް ފެންނަ ގޮތްތަކެއް ނުނިންމޭނެ. އެއީ، ވާނެ ކަމެއްނޫން.

އެހެންވީމާ، ދީމުޤްރާޠީ ނިޒާމުގައި އެކަން އޮންނަނީ އެހެން ގޮތަކަށް ބަދަލުކޮށްފައި. ރައްޔިތުން އެމީހުންގެ ފަރާތުން ވާހަކަދައްކާނެ ބަޔަކު އިންތިޚާބު ކުރަނީ. އިންތިޚާބުކޮށްފައި، އެމީހުންނާ ޙަވާލުކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ބޭނުންވާ އުޞޫލެއްގެ މަތިން ކޮށްދޭން. ރައްޔިތުންގެ ފައިދާއަށްޓަކައި ކޮށްދޭން. އެއީ އެކި ތަންތާނގައި، އެކި ނަން ކިޔާފައި ހުއްޓަސް އެއް މަޖިލީހެއް. އަޅުގަނޑުމެންގެ ރާއްޖޭގައިނަމަ، ރައްޔިތުންގެ މަޖިލިސް. އެހެން ތަންތާނގައި، އެހެން ނަންނަން ކިޔާފައި ހުރޭ. އެހެންވީމާ، ރައްޔިތުންގެ މަޖިލިސް، ރައްޔިތުން ހޮވާފައި އޮންނަނީ، ރައްޔިތުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި. ނުވަތަ އެ ވެރިކަމަކީ ރައްޔިތުން ހިންގާ ވެރިކަމަކަށް ހެދުމަށްޓަކައި.

އާދެ، އަޅުގަނޑުމެން މި ތަޖުރިބާ މި ކުރަނީ. ދެންމެ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބް ވިދާޅުވިފަދައިން، ރާއްޖޭގައި މީގެކުރިންވެސް ޖުމްހޫރީ ވެރިކަމެއް ޤާއިމްވި، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު. އެ ވެރިކަން ހިނގީ ހަމައެކަނި 7 މަސްދުވަހު. އޭގެ ފަހުން އެހެން ވެރިކަމަކަށް ބަދަލުވެގެންދިޔައީ. ދެވަނަފަހަރަށް، ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރެވުނީ، 1968 ވަނަ އަހަރު. އާދެ، މީގެ 18 އަހަރު ކުރިން. އެ ޖުމްހޫރީ ވެރިކަން މިހާތަނަށް ދެމިގެން މިދަނީ.

އާދެ، މިދެންނެވި 18 އަހަރުވެސް ކޮންމެވެސްގޮތަކަށް ވިސްނާލާފާއި، އަޅުގަނޑަށް ހީވަނީ ދެބަޔަކަށް ބަހާލެވިދާނެހެން. އެއީ ވެރިކަންކުރާ މީހާގެ ނަމަށް ބަލައިލިޔަސް، އަޅުގަނޑުހިތުން އެ ދެބައި، އެހެން ދެބައިކޮށްލެވިދާނެ. ފުރަތަމަ 10 އަހަރު، ރައީސްކަމުގެ މަޤާމުގައި ހުންނެވީ އެހެން ބޭފުޅަކު. އޭގެފަހުން މި ހިނގަމުންދާ އަހަރުތަކުގެ ތެރޭގައި އާދެ، ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، އެމަޤާމުގައި ހުންނަން ޖެހިފައި އޮތީ އަޅުގަނޑަށް. އެހެންވީމާ، އެގޮތުން ބަލާއިރުވެސް، މި ޖުމްހޫރީ ވެރިކަން ދެބަޔަކަށް ބަހާލެވިދާނެ. ދެން މިވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި، ނުވަތަ ކަނޑައެޅިގެން އަށްއަހަރު ދުވަހުގެ ތެރޭގައި، ވަރަށް ގިނަ ކަންތައްތައް ބަދަލުވެގެން ހިނގައްޖެ ކަމަށް، އަޅުގަނޑުހިތުން ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާނެ. ރާއްޖޭގެ ސިޔާސަތު، ޚާރިޖީ ސިޔާސަތުވެސް ބަދަލުވެއްޖެ. އަދި ދާޚިލީ ސިޔާސަތުވެސް ބަދަލުވެއްޖެ. އަދި ދާޚިލީ ސިޔާސަތުގައި އިސްކަންދޭ ކަންތައްތައްވެސް ބަދަލުވެގެން ހިނގައްޖެ. ސަރުކާރުން ދޭ ޚިދުމަތްތަށްވެސް ބަދަލުވެގެން ހިނގައްޖެ. މިދެންނެވީ ތަޢުލީމުގެ ކަންތައްތައްވެސް، ކުރިޔާ މިހާރާ ތަފާތު. ޞިއްޙީ ޚިދުމަތްތައްވެސް ކުރިޔާ މިހާރާ ތަފާތު. އިޤްތިޞާދީ ކަންތައްތައްވެސް ކުރިޔާ މިހާރާ ތަފާތު. ޤައުމީ ކަންތައްތައްވެސް ކުރިޔާ މިހާރާ ތަފާތު. މިހެންގޮސް ތަފާތުނުވާ ކަންތައްތައް ވަރަށްވެސް މަދު.

އަޅުގަނޑުގެ މަޤްޞަދަކީ، މިވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި، މާގިނަ ކުރިއެރުންތަކެއް، ތަފާތު މައިދާންތަކުގައި ރާއްޖެއަށް ލިބިއްޖެއޭ ދެންނެވުމެއް ނޫން. އެވާހަކަ ދައްކަން ނުވަތަ ދަންނަވަން އެކަށީގެންވާ މީހަކީ، ފަހަރެއްގައިވެސް އަޅުގަނޑު ކަމުގައި ވެގެނެއްނުވާނެ. އަޅުގަނޑު ކުރާ ކަންތައްތަކުގެ ރަނގަޅާއި ނުބައި ވަޒަންކުރައްވަން ތިއްބަވާނީ ރައްޔިތުން. އެހެންވީމާ، މިވޭތުވެދިޔަ އަށް އަހަރު ކަންތައްތައް ހިނގިގޮތާ ދޭތެރޭގައި އެއްޗެއް ވިދާޅުވުން ޙައްޤު ފަރާތަކީ، ދިވެހިރާއްޖޭގެ ރައްޔިތުން.

އަޅުގަނޑު ދަންނަވަން ބޭނުންވާ ނުކުތާއަކީ، ޖުމްހޫރީ ވެރިކަމެއް އަޅުގަނޑުމެންގެ ރާއްޖެއަށް އައިސްފައި މިއޮތީ ލޭއޮހޮރުވާލުމުގެ އިންޤިލާބަކަށްފަހުގައެއް ނޫނޭ. ދުނިޔޭގެ ބައެއް ތަންތާނގައި ވާގޮތަކީ، ޝާހީވެރިކަން ވަރަށް ދިގު ޒަމާނަކަށް ދެމިގެން ދިޔުމަށްފަހު، އެ ވެރިކަމުގެ ހުރި އަނިޔާއާއި ނުބައި ރައްޔިތުންނަށް އިޙްސާސް ކުރެވިގެން، ކޮންމެވެސް ބަޔަކު ނުކުމެގެން އިންޤިލާބެއް ކޮށްލަނީ. އެ އިންޤިލާބުގެ ތެރޭގައި، ވަރަށްގިނަފަހަރަށް ލޭއޮހޮރިގެން ގޮސްފައިވޭ. އޭގެފަހުގައި، ޖުމްހޫރީ ނިޒާމެއް ޤާއިމްކުރެވެނީ. الله سبحانه وتعالى ދިވެހިރާއްޖެއަށް ލައްވާފައިވާ ހެޔޮ ރަޙްމަތުން އެފަދަ ގޮތެއް ރާއްޖެއަކަށް ދިމައެއްނުވޭ. ޝާހީވެރިކަން، ރާއްޖޭގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންދިޔައީ، ޞުލްޙަވެރި އިންޤިލާބެއްގެ ގޮތުގައި. އާދެ، ވެރިކަން ބަދަލުވީ. އެހެންނަމަވެސް، ލޭއޮހޮރުވުމެއްނެތި.

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، އަޅުގަނޑުމެންގެ ތަޞައްވުރަށް، ސިކުނޑިއަށް މިއައި ބަދަލު، ގެންނަންވެއްޖެ ނޫންތޯއޭ. ޝާހީވެރިކަމެއް އޮންނައިރު، ވެރިކަންކުރާ ފަރާތާއި ރައްޔިތުންނާ އެއީ މުޅިން ތަފާތު ދެފަރާތް. އެއްބަޔަކު އަނެއްބަޔަކާ، ގިނަފަހަރަށް ތިބޭނީ ޖެހިފައި. ޝާހީވެރިކަމުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރައްވާނީ، އެބޭފުޅުންގެ އަމިއްލަ ފައިދާއަށް. އެބޭފުޅުންގެ ވެރިކަން ދެމެހެއްޓެވުމަށް ނުވަތަ ޢާއިލާގެ ޝަރަފަށް. ރައްޔިތުން، އޭގެ އަނެއްކޮޅުގައި ހުރިހާ އަނިޔާއަކާއި ދެރައެއް ލިބެން ތިބެނީ. ޖުމްހޫރީ ވެރިކަމެއްގައި، ކަން އޮންނަންވީ ގޮތަކީ އެއީއެއް ނޫން. ރައްޔިތުންނާއި ސަރުކާރު އެއީ އެއްބައެއް. ރައްޔިތުންނާއި ސަރުކާރާ އެއީ ތަފާތު ދެބައެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމަށް، އަޅުގަނޑުމެންގެ ތަޞައްވުރަށް، މިއުޞޫލު ގެނައުން އެއީ ވަރަށް މުހިއްމު ކަމެކޭ އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވަނީ. އެހެން ދަންނަވަން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެން އެކިއެކި ކަންތައްތައް ކުރަމުންދާއިރު، އަޅުގަނޑުމެންނަށް ޚިޔާލުކުރެވެނީ، ސަރުކާރުގެ މުވައްޒަފުންނާއި ރައްޔިތުންނާ އެއީ ތަފާތު ދެބައެއްގެ ގޮތުގައި. ކޮންމެވެސް ބޮޑު މަސައްކަތެއް ހިންގާއިރު، ޚަބަރު ކިޔާއިރުވެސް ކިޔާނީ، އެކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ރައްޔިތުންނާ ބައިވެރިވިއޭ. އެހެން ބުނީމާ، އެ ދޭހަވާ އެއްޗަކީ، ސަރުކާރުގެ މުވައްޒަފުން އެއީ ރައްޔިތުންނެއް ނޫނޭ. މުޅިން އެހެން ބައެކޭ. އެކަމަކު އެއީ ޖުމްހޫރީ ނިޒާމުގައި އެކަން އޮންނަންވީ ގޮތެއް ނޫން. އޭގެ ތަޞައްވުރެއް ނޫން. ޖުމްހޫރީ ނިޒާމުގައި، އެންމެންނަކީ ރައްޔިތުން. ވެރިންނަށް ތިބޭނީވެސް ރައްޔިތުން. އެމީހުން އިންތިޚާބުކޮށްފައި ތިބޭ ބަޔަކު. އެހެންވީމާ، ރައްޔިތުންނާއި ސަރުކާރުގެ މުވައްޒަފުންނާ އެއީ އެއްބައެއް. އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްލަންވީ. އެގޮތަށް އަޅުގަނޑުމެންގެ ކަންތައްތައްވެސް ބަހައްޓަމުން ގެންދަންވީ. ތަނެއްގައި މަސައްކަތް ކުރާއިރު، އެމަސައްކަތް ކުރަނީ ރައްޔިތުން ކަމަށްވަންޏާ، ކޮންމެހެން ސަރުކާރުގެ މުވައްޒަފުންނޭ ކިޔައި، ވަކިބަޔަކު ފާހަގަކުރާނެ ބޭނުމެއް ނެތް.

އާދެ، މިގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްލައިގެން، އަޅުގަނޑުމެން އަބަދުވެސް މިކިޔާ ޖަމާޢަތުގެ ޚިދުމަތުގައި، މީހުންނަށް އުޅެވޭގޮތް ދިމާވާނީ. މިހާރު ކުރިއްސުރެ ރާއްޖޭގައި ޝާހީވެރިކަމެއް ހިނގަމުން އައިސްފައި ވުމުގެ ސަބަބުން ކަމަށްވެސްވެދާނެ، މީހުންގެ ހިތްތަކަށް ވަދެފައި އޮންނަނީ، ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރުން ކުރާ ކަންތަކާއި، ރައްޔިތުންކުރާ ކަންތަކާ އެއީ ތަފާތު ދެކަމެއްގެ ގޮތުގައި. އެހެންވީމާ، ހުރިހާ ކަމެއްވެސް ސަރުކާރުން ކޮށްދެންޖެހެނީ. ރައްޔިތުން ތިބެންޖެހެނީ، އެޚިދުމަތްތައް ބަލައިގަންނަން. އެކަމަކު އަޅުގަނޑު މިދެންނެވި ޖަމާޢަތުގެ ފައިދާއަށް، ޖަމާޢަތުގެ މީހުން އެކުވެގެން މަސައްކަތްކުރާ ކުރުމުގައި، އެކަން އޮންނަނީކީ އެހެނެއް ނޫން. އޮންނަންވާނީކީވެސް އެހެނެއް ނޫން. ޖަމާޢަތުގެ ކުރިއެރުމަށް، ޖަމާޢަތަށް މަންފާހުރި ކަންތައްތައް ކުރުމުގައި، މީހުން ނުކުމެގެން މަސައްކަތް ކުރަނީ، އެއީ ޖަމާޢަތުގެ އަފްރާދުން ކަމަށްވީތީ.

އަޅުގަނޑުމެންގެ ރާއްޖެ މިހާރު ހުރިހާ ދާއިރާއެއްގައިވެސް ކުރިއަރަމުންދާ މިންވަރަށް ވިސްނާއިރު، ހަމައެކަނި ސަރުކާރުން ހުރިހާ ކަމެއް ކުރެވޭކަށް ނޯންނާނެކަން، ތިޔަބޭފުޅުންނަށްވެސް އަޅުގަނޑުހިތުން ޤަބޫލު ކުރެއްވޭނެ. އެއް ދުވަހުން އަނެއްދުވަހަށް، ސަރުކާރުން ޢިމާރާތްކޮށް ހިންގާ މަދަރުސާތައް ގިނަވަމުންދިޔުމާއެކު، މުދައްރިސުންވެސް ވަރަށްގިނަ ޢަދަދަކަށް ބޭނުންވޭ. އިތުރު ހަސްފަތާލުތައް ހަދަމުން ދިޔުމާ އެކުގައި، ވަރަށްގިނަ ޢަދަދަކަށް ޑަކްޓަރުންނާއި ނަރުހުންނާއި އަދި އެނޫންވެސް ހަސްފަތާލުތަކުގައި މަސައްކަތް ކުރާނެ މީހުންނަށް ބޭނުންވޭ. އެކިއެކި ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް ހިންގާއިރު، އެމަސައްކަތްތަކަށް ބޭނުންވާނެ އިދާރީ މީހުންނާއި، ޓެކްނިކަލް، ފަންނީ މީހުންނާއި އަދި އާދައިގެ މަސައްކަތުމީހުން ބޭނުންވޭ. މިހުރިހާ ކަންތައްތައް މިއީ ރައްޔިތުންގެ ފައިދާއަށްޓަކައި ނުވަތަ ޖަމާޢަތުގެ ފައިދާއަށްޓަކައި ނުވަތަ މުޅި އުއްމަތުގެ ފައިދާއަށްޓަކައި ކުރެވޭ ކަންތައްތައް.

އެހެންވީމާ، އެކަމުގެ މަސްއޫލިއްޔަތު، އެކަންތައްތައް ހިންގެވުމުގެ މަސްއޫލިއްޔަތު، ކޮންމެ ރައްޔިތެއްގެ ބޮލުގައިވެސް އެޅިފައި އޮންނާނެ. ރާއްޖޭގައި ތިބީ އެއްލައްކަ އަށްޑިހަ އެއްހާސް މީހުން ކަމުގައިވަންޏާ، އެކަން ހިންގުމުގެ މަސްއޫލިއްޔަތުގެ އެއްލައްކަ އަށްޑިހަ އެއްހާސް ބައިކުޅަ އެއްބައި އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި ނޭޅިއެއްނުދާނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ. އަޅުގަނޑުމެން މިއީ އެކައްޗެއްކަން، ރައްޔިތުންނާ ސަރުކާރާ އެއީ އެކައްޗެއްކަން. އަޅުގަނޑުމެން އަފްރާދުންނީވެސް ހަމަ އެއްބައެއްކަން. އަދި ވަކިން ޚާއްޞަގޮތެއްގައި، އަޅުގަނޑުމެންގެ ރައްޔިތުންނަކީ، ހުރިހާގޮތަކުންވެސް އެއްބައިވަންތަ ކަމުގެ ސަބަބުތައް ﷲ މެދުވެރިކުރައްވާފައިވާ ބަޔަކަށްވީތީ، އެކަން އަޅުގަނޑުމެން ވަކިން ބޮޑަށް ހަނދާންކުރަންޖެހޭ. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން، އެންމެންނަކީ ދިވެހިން، އެންމެންނަކީ އެއްނަސްލަކުން އައިސްފައި ތިބި ބައެއް. އެހެންވީމާ، ދުނިޔޭގެ އެހެން ތަންތާނގައި އެ އުފެދޭކަހަލަ ސިޔާސީ ހަމަނުޖެހުންތައް އުފެދޭކަށް ނުޖެހޭ. އެހެން މިދަންނަވަނީ، ގިނަ ތަންތާނގައި ޚާއްޞަކޮށް އަޅުގަނޑުމެންގެ ކައިރި އަވަށްޓެރި ޤައުމުތަކަށް ވިސްނާލައިފިނަމަ، އެތަންތާނގައި އުޅޭ ސިޔާސީ މައްސަލަތަކަކީ، ހަމައެކަނި ނަސްލީ މައްސަލަތަކެއް ކަމުގައި ބެލިވެސްދާނެ.

އާދެ، އަޅުގަނޑުމެންގެ އެންމެ ކައިރީގައިވާ އަވަށްޓެރި ޤައުމުގައި އެއުޅެނީވެސް ނަސްލީ މައްސަލައެއް. އުތުރު ކަރައިގައިވެސް ނަސްލީ މައްސަލައެއް އުޅޭ. އަދި އެނޫން ތަންތާނގައިވެސް އެކަހަލަ މައްސަލަތައް އެބަހުރި. އެހުރިހާ ކަމެއް ރާއްޖޭގައި މިއޮތީ މާރީތި ގޮތަކަށް، މާއޮމާން، ހަރުދަނާ ގޮތަކަށް، ކުރިއްސުރެ ހަމަޖެހިގެން އައިސްފައި. އެކަންތައް އެގޮތަށް ހަމަޖެހިފައި އެއޮތީ الله سبحانه وتعالى މި އުއްމަތަށް ދެއްވި މަތިވެރި ނިޢުމަތެއްގެ ސަބަބުން.

އާދެ، އަޅުގަނޑުގެ ވާހަކައަކީ، އެހެންވީމާ، މިހާރު އަޅުގަނޑުމެން މިކުރާ ޚިޔާލު އެގޮތަށް ބަދަލުކޮށްލަންވެއްޖެއޭ. ކޮންމެ މީހަކުވެސް، އެމީހެއްގެ ޙިއްޞާ ޤައުމީ ޚިދުމަތުގައި އަދާކުރަންވެއްޖެއޭ. އާދެ، މީގެކުރިން މިކަހަލަ ބައެއް މުނާސަބަތުތަކުގައި، އަޅުގަނޑު ދެއްކި ބައެއް ވާހަކައިގެ ތެރޭގައި، ރައްޔިތުންގެ ޚިޔާލު ބޭނުންވާކަމަށް އޮންނާނީ ދެންނެވިފައި. އެހެން ނަމަވެސް، ހިތަމާއާއެކު ދަންނަވަންޖެހެނީ، ރައްޔިތުންގެ ޚިޔާލު ލިބޭލެއް މަދުކަމުގެ ވާހަކަ. މީގެ ކުރިން ދެފަހަރެއްގެ މަތިން އަޅުގަނޑު މިވާހަކަ ދައްކައިފިން. މިއީ ތިންވަނަ ފަހަރު ކަމަށް ލަފާކުރެވެނީ.

އަޅުގަނޑު އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، އަޅުގަނޑު ވަރަށްބޮޑަށް ބޭނުމޭ، ރައްޔިތުންގެ ޚިޔާލު. ސަރުކާރުން ކަންތައްތައް ގެންދާގޮތާ ދޭތެރޭގައި، ކޮންމެ ދިވެހި ރައްޔިތަކަށް ފެންނަގޮތް ލިޔެފައި، އެމީހަކު އަޅުގަނޑަށް ފޮނުވައިދީފިއްޔާ، އެއީ އެމީހަކު އަޅުގަނޑަށް ކޮށްދޭ ވަރަށްބޮޑު ޚިދުމަތެއް ކަމުގައޭ އަޅުގަނޑު ދެކެނީ. އަޅުގަނޑު މިދަންނަވަނީ، ހަމައެކަނި ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެއްޗެއް އަޅުގަނޑު ގާތު ވިދާޅުވެދެއްވާށެކޭ ނޫން. އެބޭފުޅުންވެސް ހިމެނޭގޮތުން، މިނިސްޓަރުން ހިމެނޭގޮތުން، މިނިސްޓަރުންގެ ނައިބުން، ޑިރެކްޓަރ ޖެނެރަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެނޫންވެސް ހުރިހާ ޢިއްޒަތްތެރި ބޭފުޅުންވެސް ހިމެނޭގޮތުން އަދި އެންމެ އާދައިގެ ރާއްޖޭގެ މަސްވެރިޔާވެސް ހިމެނޭގޮތުން، އެމީހަކަށް ފެންނަ އެއްޗެއް، ފެންނަ ގޮތެއްގެ މަތިން އަޅުގަނޑަށް ލިޔެފައި ފޮނުވައިދޭށޭ. އަޅުގަނޑު އެމީހަކަށް ޔަޤީންކަންދެން، ކިތަންމެވަރަކަށް ފާޑުކިޔާފައި ހުއްޓަސް، އަޅުގަނޑު ކަންތައް ގެންދާގޮތާ ދޭތެރޭގައި، ކިތަންމެ ބޮޑަކަށް ނުރުހުން ފާޅުކޮށްފައި ހުއްޓަސް، އެމީހަކާ ދޭތެރޭގައި އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅޭނެ. ނުވެސްއަޅާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑު ޤަބޫލުކުރާނީ ހެޔޮހިތުން އެމީހަކު ދިން ނަޞޭޙަތެއް ކަމުގައި.

އާދެ، ކުރިން އަޅުގަނޑު ދެންނެވި ވަރަށްވުރެ އިތުރަށް މިއަދު މިދެންނެވީ، އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން. ކުރިން އަޅުގަނޑު ދަންނަވާފައި އޮންނާނީ، ރައްޔިތުން، އެމީހުންނަށް ފެންނަ ޚިޔާލެއް ލިޔެފައި ފޮނުވާށޭ. ފާޑުކިޔުމުގެ މައްސަލައަކަށް އެއްޗެއް ބުނެވިފައެއް ނެތް. އެހެންވީމާ، މިއަދު އަޅުގަނޑު އެވާހަކަ މިދަންނަވަނީ އެއީ، އަޅުގަނޑު ބޭނުންވާ ކަމަކީ. "ހުރިހާ ކަމެއް ދަނީ ރަނގަޅަށޭ." އެހެން ކޮންމެ މީހަކު ބުނާކަށެއް އަޅުގަނޑު ނޭދެން. އަޅުގަނޑު އެދެނީ، ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަގޮތް ޞަރީޙަކޮށް، ސާފުކޮށް ބުނުން. ފަހަރެއްގައި، އެމީހަކަށް ފެންނަގޮތް ބުނީމާ، އެއިން އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ފައިދާއެއްވެސް އޮވެދާނެ. ފަހަރެއްގައެއް ނޫން، އަޅުގަނޑުހިތުން ވަރަށްބޮޑެތި ފައިދާ ހުންނާނެ. މިހާރުވެސް ސަރުކާރުން ހިންގާ އެތައް ކަމެއްގެ އަޞްލު ފެށިފައި ވަނީ، ރައްޔިތުންގެ ފަރާތުން ކަމަށް ދަންނަވާލަންޖެހޭ. މިސާލަކަށް، މީގެކުރިން އެއްދުވަހަކު ދަންނަވާލިން. މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރުން އެއީ، އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނޭ. އެއީ، ހަމަ ރައްޔިތުންގެ ތެރެއިން މީހަކު އަޅުގަނޑަށް ފޮނުވި ޚިޔާލެކޭ. އެނޫންވެސް އެކަހަލަ ކިތަންމެ ކަމެއް އެބަހުރި، ރައްޔިތުންގެ ތެރެއިން އެމީހުންނަށް ފެނިގެން ފޮނުވާ ޚިޔާލަށް، ސަރުކާރުން ޢަމަލުކޮށްފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ކަންތައްތައް ހިނގަމުންދާ ގޮތާ ދޭތެރޭގައި، ރައްޔިތުންނަށް ފެނިވަޑައިގަންނަވާ އެއްޗެއް ޞަރީޙަކޮށް، ސާފުކޮށް ލިޔުއްވާފައި، ސީދާ އަޅުގަނޑަށް އެޑްރެސް ކުރައްވާފައި، އަޅުގަނޑަށް ފޮނުއްވައިދެއްވާށޭ. އެ ސިޓީ، އަޅުގަނޑު ދެކެނީ ސިއްރު ސިޓީއެއްގެ ގޮތުގައޭ. އޭގައި ހުރި ވާހަކަތައް ކޮންމެހެން އެހެން ފަރާތްތަކަށް އަންގާކަށް ބޭނުމެއްވެސް ނުވޭ. އެހެންނަމަވެސް، އޭގައި ހުންނަ ޚިޔާލުތަކާ ދޭތެރޭގައި އަޅުގަނޑު ވިސްނަން ވަރަށް ބޮޑަށް ބޭނުންވޭ. މިހެން ދަންނަވާއިރު އަދި ދަންނަވާލަންޖެހޭ، އެޚިޔާލުތަކުގެ ތެރޭގައި، ޢަމަލުނުކުރެވޭފަދަ ކަންތައްތަކެއްވެސް ހުރެދާނެ. ހުންނާނެކަން ޔަޤީން. އެއީ އެގޮތަށް ސިޓީއެއް ލިޔާ މީހަކަށް، ހުރިހާ ކަމެއް ހަމަޖެހިފައިވާ ގޮތުގެ ފުރިހަމަ މަޢުލޫމާތެއް ލިބިފައެއް ނޯންނާނެ. އަދި ޚާއްޞަކޮށް، އިޤްތިޞާދީ ކަންތައްތަކާ ބެހޭގޮތުން ލިޔާ ކަމުގައިވަންޏާ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، އެކަމާބެހޭ ތަފާތު މަޢުލޫމާތުތައް ފުދޭވަރަށް ލިބިފައެއް ނުހުންނާނެ. އެހެން ވުމުގެ ސަބަބުން، ލިޔާ އެއްޗެއް އެއީ ޙަޤީޤަތުގައި އެކަން އޮތްގޮތުގެ ވާހަކައަކަށް ނުވެހިނގައިދާނެ. އެކަން އެހެން އޮތް ކަމުގައިވިޔަސް، އެ ލިބޭ ޚިޔާލަކުން ޝައްކެއްނެތްގޮތުގައި، ފައިދާ ޙާޞިލްވާނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ތާނގައި، އާދެ، އަޅުގަނޑު މިމަޤާމުގައި ހުންނަތާ، ރައްޔިތުން އިންތިޚާބު ކުރައްވައިގެން، ރައްޔިތުންގެ އިސް ޚާދިމުގެ މަޤާމުގައި ހުންނަތާ، މިއަދަށް އަށްއަހަރު މިވީ. އެހެންވީމާ، އަޅުގަނޑު އެދެނީ މިވޭތުވެދިޔަ ތާނގައި، އަޅުގަނޑަށް ކުރެވިފައި ހުރި ކަންތައްތައް، އެކަމުގެ ރަނގަޅާއި ނުބައި ސާފުކޮށް ބަޔާންކުރައްވާފައި، އަޅުގަނޑަށް ރައްޔިތުން ސިޓީ ފޮނުއްވުން.

އާދެ، އެއީ މިއަދުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ރައްޔިތުންނަށް ދަންނަވަން ބޭނުންވި އެންމެބޮޑު ވާހަކައަކީ. މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައި އޮތްގޮތުން އަދި ފެލިވަރުގައި މިހާރު މިތައްޔާރުވި، ދަޅުގައި މަސް ބަންދުކުރުމުގެ ކާރުޚާނާ ހުޅުވުން އެބައޮތް. އޭގެ ފަހުންވެސް، ޕްރޮގްރާމްގެ އެހެން ބައެއް ކަންތައްތައް އެބަހުރި. އެހެން ކަމަށްވުމާއެކު، މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން ގަސްތުކުރަނީ.

އަޅުގަނޑުގެ ދުޢާއަކީ الله سبحانه وتعالى ދިވެހިރާއްޖެއަށް ތަނަވަސް، ފާގަތި، ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން. ރާއްޖޭގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ރައްޔިތުންނަށް ރޯދިބަރަކާތް އިތުރުކުރައްވައި، ރާއްޖޭގެ ތަނަވަސްކަން އިތުރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.