ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ދަށުން އެކުލަވައިލައިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިންގ ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައި މި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން މިއަހަރު ފެބުރުވަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މަޢުލޫމާތު ސެޝަންތައް ކުރިއަށްގެންދެވިފައިވާކަން އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

އަދި، މި ބައްދަލުކުރެއްވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެމް.ޖީ.އީ.އެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެއްކަމުގައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) ވަނީ ފާސްކޮށްފައެވެ. މި ނިޒާމުގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑަރ ޕެރިޓީ ޤާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ އިންޑެކްސްއެއް ތަޢާރުފު ކުރެވިގެންދާނެއެވެ. އަދި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤާނޫނުތަކާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޛުކޮށް، އެ އިދާރާއެއްގައި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު ޢައްޔަނުކުރާނެއެވެ.

ހަމަ އެއާއެކު، އަންނަ އަހަރަށް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛުކުރުމަށްޓަކައި އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވަނީ ފާސްކޮށްފައެވެ. މި އެކްޝަން ޕްލޭން ތަންފީޛު ކުރުމުގެ ގޮތުން 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމުގައި ކޮމިޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

"ހައިލެވެލް ސްޓިއަރިންގ ކޮމިޓީ"ގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛުކުރަމުންދާ މިންވަރު މޮނިޓަރކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.