بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު، ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑުމެން އެއްވެ މިތިބީ، މި ވެރިކަން ފެށުނު އިރު، އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެނައި ވަރަށް މުހިންމު ކަމަކާ ގުޅޭ ބައްދަލުވުމެއްގައި. ހަނދާނަށް ގެންނަވާ، 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަސް. "ދުޅަހެޔޮ ހަށިހެޔޮ ޢީދު"ގެ ނަމުގައި، ކުޅިވަރު ހަރަކާތްތަކެއް އެ ދުވަހު އަޅުގަނޑުމެން ބޭއްވިން.

އެ ހަރަކާތުން އަޅުގަނޑުމެން ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން. ވަކި މީހެއް ނުވަތަ ވަކި އުމުރުފުރައެއްގެ ބައެއް ނޫން. ކުޑަކުދިންނާއި ޒުވާނުންވެސް އަދި ދެވަންފުރައިގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުންވެސް، އުޅެންވީ ހަރަކާތްތެރި ދިރިއުޅުމެއް.

އެ މުހިންމު މެސެޖް އަޅުގަނޑުމެން ދޭން ބޭނުންވީ، ދިވެހިންގެ ޞިއްޙީ ހާލަތާ ގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑު އަޅުގަނޑުމެންނަށް އޭރުވެސް އިވެމުން ދާތީ. އެ އަޑު އިވޭތާ އެތައް އަހަރުތަކެއް ވެއްޖެ. ޤައުމީ ޔުނިވަރސިޓީން މިރޭ އެ ހުށަހަޅައިދިން ދިރާސާގެ ނަތީޖާވެސް އެ ދައްކައިދެނީ، އަޅުގަނޑު މި ދެންނެވި ވާހަކަތަކުގެ ޙަޤީޤަތް. އަޅުގަނޑު ހިތުން ޔުނިވަރސިޓީން ކޮށްދެއްވައިފައި އެ އޮތީ، ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަސައްކަތެއް. އެކަމަށްޓަކައި ޔުނިވަރސިޓީގެ އިސްވެރިންނަށާއި، މި ދިރާސާ ހައްދަވައިދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު، އެ ދިރާސާއިން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ. އެ ދިރާސާގައި ބުނަނީ، ހަކުރު ހުންނަ މިންވަރު މާ މައްޗޭ. ލޭގެ ޕްރެޝަރުވެސް ހުރީ މާ މަތިވެފައޭ. އަދި ކޮލެސްޓެރޯލްވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރަށްވުރެ މާ މައްޗަށް ގޮސްފައޭ. ނުވަތަ ބޯޑަރު ލައިނުން ނައްޓައިފައޭ.

އެ ދިރާސާގެ ކުރު ޚުލާޞާއަކީ، މިހެން ބަލަން ތިބެވޭކަށް ނެތޭ. ތެދުވާށޭ. ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ. ވަޒީފާ އަދާކުރުމުގައިވެސް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދޭށޭ.

ގިނަ ވަގުތު އިށީނދެ ތިބެގެން މަސައްކަތް ކުރުމަކީވެސް، ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކޭ. ޓީ.ވީ. ބެލުމާއި، ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމަކީވެސް، ޞިއްޙީ އެތައް މައްސަލަތަކެއްގެ ފެށުން ކަމަށް.

މިކަމުގެ ނަތީޖާވެސް ޤައުމީ ޔުނިވަރސިޓީގެ ދިރާސާގައި ފާހަގަކޮށްފައި އެބަ އޮތް. އެއް ކަމަކީ، އާބާދީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަކީ، ހުންނަންވާ މިންވަރަށް ވުރެ ބަރުދަން މަތިވެފައިވާ މީހުންކަން. އަނެއް ކަމަކީ، އާބާދީގެ 20 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ، މިހާރު ކިޔާ ގޮތުން ނަމަ، ޑައެޓް ކުރަންޖެހޭ މީހުން ކަމަށް.

ހަށިގަނޑުގެ ވަޒަން ގެއްލި، ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ، ދުޅަހެޔޮވުމެއް ނޫން. އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއްވެސް އެބަހުރި. އެއް ކަމަކީ، ހެލިފެލިވެ އުޅުން މަދުވުން. އަނެއް ކަމަކީ، ޞިއްޙަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުން. މި ހުރިހާ ނުރަނގަޅު ކަމަކީވެސް، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތައް.

ދެން އަޅުގަނޑުމެންގެ ތެރޭގައި އޮތް، ޞިއްޙަތަށް ގެއްލުންދޭ، ނުރަނގަޅު އަނެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން. ދިރާސާގައި ދައްކާގޮތުން، އާބާދީގެ 26 އިންސައްތަ މީހުން، ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިޢުމާލެއް ކުރާ ކަމަށް އެބަ ދައްކާ. އޭގެ ތެރެއިން 22 އިންސައްތަ މީހުންނަކީ، ކޮންމެ ދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން.

އަޅުގަނޑު ހިތުން މިކަންވެސް މި އޮތީ ވަރަށް ބޮޑަށް ފެތުރިފައި. އަޅުގަނޑުމެންގެ ތެރޭގައި، ޒުވާނުންގެ ކުއްލި މަރުތައް މިހާރަކަށް އައިސް ގިނަވެއްޖެ. އެއީވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށްވެސް ވެދާނެ. އެކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި ދިރާސާތަކެއްކޮށް، ހޯދައި ބަލަން އެބަޖެހޭ.

ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ، އެ ދިރާސާގައި ބުނާގޮތުންވެސް ގައިން ގަޔަށް ނާރާ ބަލިތަކުން. އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ. މިއީ، މީގެ ފަންސާސް، ފަސްދޮޅަސް އަހަރު ކުރިއާ އަޅައިބަލާއިރު، މުޅިން ތަފާތު މަންޒަރެއް. ބުނެވިދާނެ، ތަރައްޤީއާ އެކީގައި އަޅުގަނޑުމެންގެ ލައިފްސްޓައިލަށް އަންނަމުން މިދާ ބަދަލުތަކާ ގުޅުންހުރި ކަމެއް ކަމަށްވެސް. އެ ދިރާސާއިން ދައްކާގޮތުގައި، ރާއްޖެއިން ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، މި ދެންނެވި ބަލިތަކުގައި.

ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. މީގެ ކުރިން، ސަރުކާރުތަކުން ކުރަން ފަސްޖެހުނު ބައެއް ކަންތައްތައް މިހާރު ވަނީ ތަންފީޒު ކުރަން ފެށިފައި. އޭގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ޖެހި އިންޒާރުގެ މެސެޖްތައް ޖަހަން ފެށުން. މިކަން ފަށައިގެން އައިއިރު، އަޅުގަނޑުމެންނާ ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވި. ގޮންޖެހުންތަކެއް ކުރިމަތިވި. އެހެންނަމަވެސް، އެކަން ތަންފީޒު ކުރެވެމުން މިހާރު އެބަދޭ.

ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް، ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކުން މިހާރު ދެވޭގޮތަށް ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސައިފައި. އެ ޚިދުމަތް އެބަ ލިބޭ. އަދި ސެޒޭޝަންގެ ހުރިހާ ޚިދުމަތްތަކަކާއި، ބޭހުގެ ޚަރަދު އާސަންދައިން ވަނީ ހަމަޖައްސައިދީފައި.

ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭ. އައުޓްޑޯރ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި، އެނޫން ކުޅިވަރު ކުޅޭނެ އިންތިޒާމުތައް ރަށްރަށުގައި އެބަ ގާއިމުކުރެވޭ.

ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިންވެސް، ނެޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، މުޅި ރާއްޖޭގައި މިހާރު އަންނަނީ، މި ވެކްސިން ދެވެމުން. މި ރާއްޖެއަކީ މި ސަރަޙައްދުގައި އެންމެ ފުރަތަމަ މި ވެކްސިން ދޭން ފެށި އެއް ޤައުމު.

މީގެ އިތުރުންވެސް، ކެންސަރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ރާއްޖޭގައި ކެންސަރުގެ ހާލަތު ހުރި ގޮތް ދެނެގަތުމުގެ ދިރާސާއެއްގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރައްވަމުން އެބަ ގެންދަވާ. އަދި ކެންސަރުގެ ފަރުވާ ފުޅާކުރުމާއި، ކެންސަރަށް ޚާއްޞަ ހަސްފަތާލެއް ގާއިމު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު މި އަންނަނީ ކުރަމުން.

ރައްޔިތުންގެ އާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް، މިހާރު ރާވައިފައިވާ އަނެއް ކަމަކީ، ހެލްތު މިނިސްޓްރީން ފަށްޓަވަން އެ މަސައްކަތްކުރައްވާ "ޕްރައިމަރީ ހެލްތް ކެއަރ" ގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ. އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުން. އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާއި، މިފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި، ފަރުވާ އަދި އަޅައިލުން މިހާރަށްވުރެ ފުރިހަމައަށް ލިބިދިނުން.

ނުރައްކާތެރި ބަލިތައް ފެތުރެމުން ދިޔަޔަސް، ދިވެހިންނަކީ އަބަދުވެސް ޞިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އައި ބައެއް. އިހުގައިވެސް އަދި މިހާރުވެސް ދިވެހިން އެކަމަށް ސަމާލުކަން ދޭ. ނަމަވެސް، ދިރިއުޅުމާއި ޞިއްޙަތާ ދެމެދަށް ވަންނަނީ ނުރަނގަޅު އާދަތަކެއް.

އަޅުގަނޑުމެން މި ކަންބޮޑުވާ ބަލިބައްޔަކީ، މުލައްދަނޑީގައި ބަނދެލާ ތަވީދަކުން، ނުވަތަ އުނަގަނޑުގައި އަޅާ ބަޑިއަކުން ފަސޭހަވާނެ ބަލިބައްޔެއް ނޫން. އަދި ވިލާތު ބޭސްގުޅައަކުން ނުވަތަ ވެކްސިނަކުން ފަރުވާ ދެވޭނެވެސް ބައްޔެއް ނޫން.

މި ބަލިތަކަށް އޮތް ފަރުވާއަކީ، އަޅުގަނޑުމެންގެ ޢަޒުމާއި ހިތްވަރު. ބޭނުންވަނީ ބަދަލެއް. ބޭނުންވަނީ ފެށުމެއް. އެ ބަދަލުގެ ފެށުމަކީ މިރޭ ކަމުގައި އަޅުގަނޑުމެން ހަދަންވެއްޖެ. ފުރަތަމަ ބަދަލަކީ، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހިޖްރަކުރުން. ދުވަހުގެ ތާވަލުން، ކުޅިވަރާއި ކަސްރަތަށް ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރުން. ހިންގެވުމަށް އިސްކަން ދެއްވައި، އިންޖީނުލީ އެއްގަމު އުޅަނދުތައް ބޭނުންކުރެއްވުން ވީވަރަކުން މަދުކުރެއްވުން.

ދެން ބަދަލުކޮށްލަންވީ އަޅުގަނޑުމެންގެ ކެއުމުގެ އާދަތަކާއި ކާބޯތަކެތި. ކާންވީ އަނގަޔަށް މީރު ޖަންކް ފުޑެއް ނޫން. އަޅުގަނޑުމެން ކާންވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ. ތަރުކާރީ އާއި މޭވާ. މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ، ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން.

ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި، ހަރަކާތްތެރިވެ އުޅުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައި އޮތްކަން އަޅުގަނޑުމެންނަށް ހާމަވެގެން އެބަދޭ. އަދި ކާނާގެ ތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނުމަށްވެސް ވަކި މިންގަނޑެއް ކަނޑައަޅައިފައި އެބަ އޮވޭ. ނަމަވެސް، މި ދިރާސާ އެ ބުނަނީ، އެ މިންވަރަށް ހަރަކާތްތެރިނުވާ އަދި އެ މިންވަރަށް މޭވާ އާއި ތަރުކާރީ ބޭނުން ނުކުރާ މީހުންގެ އިންސައްތަ، ރާއްޖޭގެ އާބާދީގައި ވަރަށްމަތި ކަމަށް.

މިއީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އިންޒާރެއް. މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ މުހިންމު ޤައުމީ މައްސަލައެއް. ހުރިހާ ރަށެއްގައި އަދި ހުރިހާ އުމުރުފުރައެއްގައިވެސް އަޅުގަނޑުމެން ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަރަށް ބޮޑު މައްސަލައެއް.

މިރޭ އިފްތިތާޙްކުރި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ތަންފީޒުކުރަން ފެށުމުން، މި މައްސަލަތަކަށް އެދެވޭ ޙައްލެއް އަންނަން ފަށާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ އެބަ އޮތް. މި އެކްޝަން ޕްލޭނަށް ފުރިހަމައަށް ޢަމަލުކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަޤީން.

ސަރުކާރުގެ އަމާޒަކީ، މި ފެށޭ އަހަރުވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން. 2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިންސައްތައެއް ހިމަނާފައި އޮތް އެއް ދާއިރާއަކީ ޞިއްޙީ ދާއިރާ. މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރުގައިވެސް ޖީ.ޑީ.ޕީ.ގެ ނިސްބަތުން އެންމެ ބޮޑު ހޭދައެއް ޞިއްޙީ ދާއިރާއަށް ކުރާ ޤައުމަކީ ދިވެހިރާއްޖެ.

ޞިއްޙީ ކަންކަމަށް ހިނގާ ޚަރަދަށް ބަލާއިރު، އަދިވެސް އެންމެ ބޮޑު ބައެއް ހޭދަވަނީ ބަލިވުމުން ބޭސްކުރުމަށް. މި އާދަ އެބަޖެހޭ އަޅުގަނޑުމެން ބަދަލުކުރަން. ދެންމެގެ ދިރާސާއިން ފެނުނުފަދައިން، ޕްރިވެންޝަނަށް ކުރާ އެންމެ ރުފިޔާއަކުން ސޯޅަ ރުފިޔާ ސަލާމަތްކުރެވޭ ކަމަށްވަންޏާ، ފިނޭންސް މިނިސްޓަރު ބަޖެޓް ހައްދަވާއިރުގައި، އެންމެ މުހިންކަން ދޭންވީ، އެއް ދާއިރާ އެ އޮތީ ފެންނަން.

އާދެ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންވީ، ބަލިތަކުން ރައްކާތެރިވެވޭ ފަދަ އާދަތަކަކަށް ދިރިއުޅުން ބަދަލުކޮށްލަން. އެކަމުގެވެސް ޙައްލަކީ ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު ކުރުން. އަޅުގަނޑަށް މިތަނުން ފެންނަ ހަމަ ގައިމުވެސް ގިނަ މޫނުތަކަކީ، ގިނަ ބޭފުޅުންނަކީ މި ކަންތައްތައް ދާއިމީކޮށް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން އަޅުގަނޑަށް އެބަ ސިފަވޭ. ފަހަރެއްގައި އަޅުގަނޑުވެސް އޭގެތެރޭގައި ހިމެނުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހެނދުނު ފަށްޓަނީ ހަމަގައިމުވެސް ކަސްރަތުން. 4:45 ގައި ހޭލަން. އެއަށްފަހު، ފަސްގަޑި ބައިހާއިރު ފުރަތަމަ ކަސްރަތު. ހެނދުނުގެ މާ ގިނަ ނާސްތާއެއް އަޅުގަނޑުގެ ނޯވޭ. އޯޓްސް ސްމޫތީއެއް. ދެން ފަޅޯކޮޅެއް ނިމުނީ. އެއީ އަޅުގަނޑުގެ ހެނދުނުގެ ނާސްތާއަކީ. މެންދުރު ގަރުދިޔަޔާއި ބަތާ. ރޭގަނޑު ހަތްގަޑި ބައިގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައެޓް ދުވާލަށް ނިމުނީ އެ. ފަހަރުގައި ވެދާނެ މިއީ އެންމެ ރަނގަޅުނޫން ގޮތްކަމަށް. އެކަމަކު މިކަހަލަ ގޮތެއް ހިފެހެއްޓީމަ، އަޅުގަނޑު ހިތުން މިކަހަލަ ގޮތަކަށް މީހާ ފެނުމަކީ އެކަށީގެންވާ ކަމެއް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރަނގަޅު ޞިއްޙީ އާދަތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ބަދަލުކޮށްލުމުގެ ހިތްވަރާއި ކެރުން، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެން އެންމެންނަކީވެސް، އަމިއްލަ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ސަމާލުކަންދޭ، އަދި ހަށިގަނޑަށް ގެއްލުން ލިބޭ އެންމެހައި ނުރަނގަޅު އާދަތަކުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ތަނަވަސްކަމާއި ފާގަތިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އާމީން

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.