ދިވެހި ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށް އައި.އެމް.އެފް.އިން ތަޢުރީފް ކޮށްފިއެވެ. މި ސިޔާސަތަށް އައި.އެ.މް.އެފް.އިން ތަޢުރީފް ކޮށްފައިވަނީ، ރާއްޖެއަށް 92.5 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އައި.އެމް.އެފް.ގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށް، މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

މިލޯނުގެ ތެރޭގައި ހިމެނެނީ، ސްޓޭންޑް ބައި އެގްރީމެންޓްގެ ދަށުން ތިން އަހަރު މުއްދަތުގެ ތެރޭގައި ދެވޭ 79.3 މިލިއަން ޑޮލަރާއި، އަމިއްލަ ބާރު ނުފޯރާ ކަންކަމުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށް ދެ އަހަރު ދުވަހުގެ ތެރޭގައި ދެވޭ 13.2 މިލިއަން ޑޮލަރެވެ.

އައި.އެމް.އެފް.ގެ މި ނޫސްބަޔާނުގައިވާގޮތުން، މިލޯނަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށާއި "ސަރުކާރުގެ ހަރުދަނާ ސިޔާސަތު ޕްރޮގްރާމަށް" އެހީތެރިވެ ދިނުމުގެ ގޮތުން ދެވޭ ލޯނެކެވެ.

އެގްޒެކެޓިވް ބޯޑުގެ ނިންމުމާ ގުޅިގެން، އައި.އެމް.އެފް.ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ޓަކަޓޯޝީ ކާޓޯ ނެރުއްވި ބަޔާނުގައި، ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދަށަށްގޮސް، މުދަލާއި ފައިސާ އެތެރެވުން ދަށްވެ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ނޭދެވޭ އަސަރުކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި، އިޤްތިޞާދަށް ނުހިފެހެއްޓޭވަރަށް ހޭދަކުރުމުގެ ސަބަބުން ދައުލަތުގެ ރިޒަރވް މަދުވެ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އައި.އެމް.އެފް.ގެ ތާއީދު ލިބިފައިވާ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ޕްރޮގްރާމްގެ އަމާޒަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ރާއްޖެއަށް ކުރަމުންދާ އަސަރު ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދާއި މާލިއްޔަތު ހަރުދަނާކޮށް ދެމެހެއްޓުން ކަމުގައިވެސް މިސްޓަރ ކާޓޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި، މި ޕްރޮގްރާމްގެ މައިގަނޑު ބައެއްގެ ގޮތުގައި، ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމުގެ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ހިމަނުއްވައި، އިޖްތިމާޢީ ތަރައްޤީއަށް ކުރައްވާ ޚަރަދުތައް ސަލާމަތްކުރެއްވުން ހިމެނޭކަން މިބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

މިސްޓަރ ޓާކޯގެ ބަޔާނުގައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވަމުން، މިކަން ޢަމަލީ ގޮތުން ކުރެއްވުމަށްޓަކައި ކޮމާޝަލް ބޭންކްތައް ހިންގައި، ސުޕަވައިޒްކޮށް އަދި ރެގިއުލޭޓް ކުރުމަށް ޤާނޫނީ އޮނިގަނޑެއް ކަނޑައެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށްވެސް ތަޢުރީފް ކުރައްވާފައިވެއެވެ. ހަމައެއާއެކު، މިޕްރޮގްރާމަކީ ހަރުދަނާ އަދި ލާމެހިފައިވާ ޕްރޮގްރާމެއް ކަމަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުން ޙައްޤުވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އައި.އެމް.އެފް.ގެ ނޫސްބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތާއި، ސަރުކާރުން މިހާރު ގެންގުޅުއްވާ އިޤްތިޞާދީ ޕްރޮގްރާމްގެ މައިގަނޑު ސިޔާސަތުތަކާއި ލަނޑުދަނޑިތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި، މިނޫސް ބަޔާނުގައި ސަރުކާރުގެ އިޤްތިސާދީ ޕްރޮގްރާމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައިވެއެވެ.