بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު، ކާށިދޫ ކައުންސިލްގެ މެންބަރުން، ކާށިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ޚާއްޞަކޮށް، ކާށިދޫގެ ދަނޑުވެރި ކަމަށް ލޯބިކުރައްވާ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މި އަންނަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް. އިއްޔެ އަޅުގަނޑުމެން ފާހަގަކުރީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް. އެހެންކަމުން، މި ދެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި ހުރިހާ ދަނޑުވެރިންނަށާއި، މި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނާއި، އެބޭފުޅުންގެ ޢާއިލާތަކަށް ތަހުނިޔާއާއި ހެޔޮއެދުން އަޅުގަނޑު އަރިސްކުރަން. އަދި ވަކިން ޚާއްޞަކޮށް، މި ކާށިދޫގެ ދަނޑުވެރިކަމަށް ލޯބިކުރާ، ދަނޑުވެރިކަމުގެ ޞިނާޢަތުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް، މަރްޙަބާއެއް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު އަރިސްކުރަން.

އާދެ، މި އަހަރު ދަނޑުވެރިންގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ކާށިދޫގައި. ކާށިދުއަކީ ޒަމާނުއްސުރެ ދިވެހި ދަނޑުވެރިކަމުގައި މަޝްހޫރު އެއް ރަށް. ރާއްޖޭގެ ސަރުކާރުތަކުން، ޤައުމީ ފެންވަރުގައި އެކި ދުވަސްތައް، އެކި ރަށްރަށުގައި، އެކި ޙަފްލާތައް ބާއްވަމުން އައިއިރުގައިވެސް، މި ކާށިދޫގައި މިހާތަނަށް ޤައުމީ ފެންވަރުގައި، އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނެތް. މިއަދު އިރާދަކުރެއްވިޔާ، މި ރަށަށް ނިސްބަތްވާ ރައްޔިތުން، މި ދުވަސް ފާހަގަކުރުމަށްޓަކައި ވެފައިވާ ތައްޔާރީތަކާއި، އަދާކުރައްވަމުން ގެންދެވި މެހްމާންދާރީން، އަޅުގަނޑަށް އުފާވެރިކަން ލިބިގެން ދިޔައީ، ތިޔަބޭފުޅުން މިފަދަ އެތައް މުނާސަބަތެއް ފާހަގަކުރުމަށް އެދި އެދި ތިބިކަން. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، ކާށިދޫ ކައުންސިލަށާއި، ޑަބްލިޔު.ޑީ.ސީ.ގެ މެންބަރުންނަށާއި، ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން އަރިސްކުރަން.

އާދެ، ކާށިދުއަކީ، ދަނޑުވެރިކަމުގައި އުފައްދާ ހުރިހާ ބާވަތެއް މިރަށުގައި އާލާވެފައި ހައްދަމުންގެންދާ ރަށެއް. މޭވާ އާއި ތަރުކާރީގެވެސް ގިނަ ބާވަތްތަކެއް މި ރަށުގައި އެބަ ހައްދާ. މާގަހާއި ބަގީޗާ ގަހުގެ ދަނޑުވެރިކަންވެސް މިރަށުގައި އެބައޮތް.

ކާށިދޫގައި ދަނޑުވެރިކަން ކުރަނީކީ، ހަމައެކަނި ކާށިދޫގެ ރައްޔިތުންނެއް ނޫން. މި ރަށުގައި މި ރަށުން ބޭރު އެތައް ބަޔަކުވެސް ދަނޑުވެރިކަން ކުރަމުން އެބަ ގެންދޭ. އަދި މި ރަށުން ބިން ބޭނުންވެފައި ތިބި، ދަނޑުވެރި ކަމަށް އިންވެސްޓް ކުރަން ތިބި އެތައް ބަޔަކުވެސް ރާއްޖޭގައި މިހާރު އެބަތިބި. މިއިން އެނގޭ އެއްކަމަކީ، ކާށިދޫގައި ދަނޑުވެރިކަމަށް ފަހި މުސްތަޤްބަލެއް އޮތްކަން.

ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރާނެ ގޮތްތަކާ ބެހޭގޮތުން މި ވޭތުވެދިޔަ މި ސަރުކާރުގެ ހަތަރު އަހަރުދުވަހުގެ ތެރޭގައި، ގިނަ މަޝްވަރާތަކެއް މިކަމާ ގުޅުން ހުރި ފަރާތްތަކާ އެކީގައި އަޅުގަނޑުމެންނަށް ކުރެވިއްޖެ. މަޝްވަރާ ކުރެވިއްޖެ. ބައްދަލުވުންތައް ބޭއްވިއްޖެ. އަދި މިއަދު މި ފާހަގަކުރާ ދުވަހުގެ ކުރިން، މީގެ ދެ ދުވަސް ކުރިންވެސް، ދަނޑުވެރިންނާ އެކީގައި ވާރކްޝޮޕްތަކެއް ބާއްވައި ޚިޔާލު ހޯދިއްޖެ. އެގްރިކަލްޗަރ މިނިސްޓަރު ވިދާޅުވި ފަދައިން، ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކެއް އަދިވެސް އެބަހުރި. ދަނޑުވެރިކަމަކީ ދުނިޔޭގައިވެސް ފެށުނު އެންމެ ކުރީ އެއް ޞިނާޢަތް. އަދި ރާއްޖޭގައިވެސް އެހެން ހުރިހާ މަސައްކަތަކަށްވުރެ ކުރިން ރައްޔިތުން ކުރަން ފެށި މަސައްކަތަކީ ދަނޑުވެރިކަމޭ ބުނެވިދާނެ. އެހެން ނަމަވެސް، މިހާތަނަށް އައިއިރުގައި، އެހެން ޞިނާޢަތްތައް ކުރިއަރަމުންދާ ސްޕީޑްގައި، ކުރިނާރާ މި އޮތް ސަބަބެއް ހޯދައި، އެއަށް ޙައްލު ހޯދަން އެބަޖެހޭ.

އަޅުގަނޑު މިދެންނެވި މަޝްވަރާތަކާއި، އަދި މިތަނުގައި ބޭއްވުނު ވާރކްޝޮޕްގެ އަލީގައި ފާހަގަކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، އެއްކަމަކަށް ފާހަގަކުރެވިފައި މިވަނީ، އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް، ބޭނުންވާ ސައިޒުގެ ދަނޑު، ބިން ނުލިބުން. ހަމަ އެއާއެކީގައި، ލިބޭ ބިން ކަށަވަރުކަމާ އެކީގައި އެފަރާތެއްގައި އޮންނާނެ ކަމުގެ މުއްދަތު ކުޑަވުމުގެ މައްސަލަ. އިންވެސްޓެއް ކުރަން ފައިސާއެއް ހޯދަން ބޭންކަކަށް ދާއިރުގައި، ފައިސާއެއް ބޭންކަކުން ދޫކުރަނީ، ޔަޤީންކަމާއެކީގައި އެމީހެއްގެ އަތުގައި އެ އޮންނަ އެސެޓެއް އޮންނާނެކަމުގެ ޔަޤީންކަން އޮތީމަ. މިއަދު ޤާނޫނުތަކަށް ގެނެވިފައި މިހުރި ބަދަލުތަކުން، ލާމަރުކަޒީ ނިޒާމުގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ ބާރާއި އިޚްތިޔާރު އޮންނަނީ ކައުންސިލްތަކަށް.

އަޅުގަނޑު މިރޭ ކާށިދޫ ކައުންސިލަށާއި އަދި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް، ޚާއްޞަކޮށް، ދަނޑުވެރިކަން ކުރިއަރުވަން ބޭނުންވެފައި އަދި ބޭނުންޖެހިފައި ތިބި ރައްޔިތުން ތިބި ރަށްރަށުގެ ކައުންސިލްތަކަށް އަޅުގަނޑު ދަންނަވާނީ، މިކަމަށް ރަނގަޅު މުއްދަތެއް، ދިގު މުއްދަތެއް، ރަނގަޅު އިންވެސްޓެއް ކުރެވޭވަރުގެ ޖާގައެއް، އެކަން ކުރަން ތިބި ފަރާތްތަކަށް ދެއްވާށޭ.

ދެވަނަ ކަމަކަށް، ކުރިންވެސް ދެންނެވިފަދައިން، ފައިސާ ހޯދުން ދަތިވުމާއި، އަދި ވަކި ފަރުދުންނަށް ސަރުކާރުން މި ދޫކުރާ ލޯނުގެ އަދަދު ކުޑަވުމުގެ ވާހަކަ. އަދި ފަސޭހައިން އެ ލޯނު ލިބޭނޭ ގޮތްތައް ހޯދައިދިނުމުގެ ޝަކުވާއަކީ، މިދިޔަ ދަނޑުވެރިންގެ ދުވަހުވެސް އަޅުގަނޑުމެންނާ ހިސާބަށް އައި ކަމެއް. އަދި އިއްޔެގެ، އަދި މިދިޔަ ވާރކްޝޮޕްގައިވެސް އެކަން ފާހަގަކުރެވިގެން އެބަދޭ. އަޅުގަނޑު ހިތުން މިކަމުގައި ޒިންމާ އުފުލައްވާ ފަރާތަކީ ޓްރޭޑް މިނިސްޓްރީ. މިހާރުވެސް ރަނގަޅު ޙައްލުތަކެއް ހޯއްދަވައި ދެއްވައިފި. އަދިވެސް އިތުރަށް އެކަމުގައި ވިސްނުން ގެންގުޅުއްވުމަށް އަޅުގަނޑު ދަންނަވަން. މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ވަކިވަކި ފަރުދުންނަށް ދޫކުރާ ލޯނު 2 މިލިޔަން ރުފިޔާއަށް ވަނީ، ބޮޑުކޮށް، އެ ލޯނު ދޫކުރަން ފަށާފައި.

ދަނޑުވެރިކަމުގައި މުސްތަޤްބަލެއް އޮތްކަން އަޅުގަނޑުމެންނަށް ކަށަވަރުން މިހާރު އެބަ އިނގޭ. އޭގެ ހެއްކަކީ ޞިނާޢަތެއްގެ ގޮތުގައި މިކަން ތަރައްޤީ ކުރުމަށްޓަކައި، ކުންފުނިތަކުން މީގެ ތެރެއަށް ވަންނަމުން ދާކަން. އިންވެސްޓް ކުރަމުން ދާކަން. އައު އެތައް ފަރާތްތަކެއް މަޑުމަޑުން ނަމަވެސް، މީގެ ތެރެއަށް ވަދެ، އިންވެސްޓް ކުރަމުން ދާ ތަން އެބަ ފެނޭ. މިރޭވެސް އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ، މި ދާއިރާއަށް ޚިދުމަތްކުރި އަދި އެހީތެރިވާ ފަރާތްތަކުގެ ތެރޭގައި އަލަށް، މި ޞިނާޢަތަށް ވަދެ އިންވެސްޓްކޮށް، ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތްތަކެއް. ސަރުކާރުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، އެހެން ޞިނާޢަތްތަކެކޭވެސް އެއްގޮތަށް، މީގެ ތެރެއަށް ނުވަދެ، މިކަމުގައި އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް ހުރި ދަތިތައް ޙައްލު ކުރުން. މެދުވެރިއެއްގެ ދައުރު އަދާކުރުން. އަޅުގަނޑުމެންނަށް މީގެ އެންމެ ރަނގަޅު އެއް މިސާލެއް ފެންނަން މި އޮތީ ޓޫރިޒަމް ދާއިރާއިން.

މަސްވެރިކަމުގެ ދާއިރާގައިވެސް ސަރުކާރުން އަދާކުރަމުން މިގެންދަނީ، އެ ދައުރު. މަސްވެރިކަމުގެ ތެރެއަށް ނުވަދެ، މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކޮށްދީ، މަސްވެރިންނަށް މާކެޓް ހޯދައިދީ، އޭގެ ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުން. ހަމަ އެގޮތަށް ދަނޑުވެރިކަމުގައިވެސް ކުރަން ޖެހިފައި އޮތް ކަމަކީ އެއީ. އެކަމަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރި އެއްކަމަކީ، އަދި މިހާރުވެސް ކުރަމުންގެންދާ އެއްކަމަކީ، އެގްރޯ ކުންފުނީގެ ނަމުގައި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންނަށް ދިމާވެފައި ހުރި، މާކެޓިންގގައި ދިމާވެފައި ހުރި ދަތިތައް ޙައްލުކޮށްދީ، ފަސޭހައިން މާކެޓަށް، އެ އުފައްދާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

އަޅުގަނޑު ހިތުން މިހާރުވެސް ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިފަދައިން، 715 ދަނޑުވެރިއަކާ އެކު އެގްރީމެންޓް ކުރެވި، އެ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަވާ. އަދި މީގެ އިތުރުންވެސް، ދަނޑުވެރިންނަށް ކޮށްދޭންޖެހޭ ކަންތައްތައް އެބަހުރި. ތާޒާކަމާ އެކީގައި އަވަހަށް މާކެޓަށް އެ ތަކެތި ފޯރުކޮށްދިނުން. ޚާއްޞަކޮށް، ވަކިވަކި ފަރުދުން ރަށްރަށުގައި އެ އުފައްދާ ތަކެތި މާކެޓާ ހިސާބަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، އޭގެ ބުރަ މިވަގުތު ސަރުކާރުން އުފުލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ފެނޭ. އެގްރޯ ކުންފުނީގެ ފަރާތުން އެގޮތުން މިހާރު 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތަކަކާއެކު، އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ، ކޯލްޑް ސްޓޯރޭޖް ތަކެއް ޤާއިމްކުރުމުގެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައި ހުރީ. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ، އެތަންތަނުގެ ޢަމަލީ މަސައްކަތް ފަށައި، އެ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ފަހިވެގެން ދާނެ.

ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބައޮތް. އެއް ބާޒާރަކީ، ލޯކަލް މާކެޓް. މީހުން ދިރިއުޅޭ ރަށްރަށަށް، ދިވެހީންނަށް ބޭނުންވާ ތަކެތި އުފެއްދުން. އަނެއް ބާޒާރަކީ ޓޫރިޒަމް ދާއިރާ. ރިޒޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަދި މިހެން ގޮސް ރާއްޖެއަށް ފަތުރުވެރިން އައިސް، އެ ޚިދުމަތް ދެމުންގެންދާ ތަންތަނަށް އޮތް މާކެޓް. މި ދެ ދާއިރާއަށް ބަލާއިރުވެސް، ދަނޑުވެރިކަމަށް ވިސްނާއިރުގައި، ނުކިއްސަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. ބޭނުންވާވަރަށް މާކެޓް އެބައޮތް. ބޭނުންވާވަރަކަށެއް ނުއުފެއްދޭ. އަދި އުފެއްދުނަސް، ފަސޭހައިން އެ ހިސާބަށް ފޯރުކޮށްދިނުމުގައި ދަތިތައް އެބަހުރި. މިއީ ޙައްލު ހޯދަން ޖެހިފައި އޮތް ކަމެއް. އަޅުގަނޑު ހިތުން ބައެއް ބާވަތްތައް މިހާރު އިމްޕޯޓު މުޅިން ނުކޮށް، ފުދޭވަރަށް އުފެއްދޭ ސާފު ބައެއް ބާވަތްތައް އެބަހުރި. އަޅުގަނޑުމެން އެއާ ދޭތެރޭގައި ވިސްނައި، ރާއްޖެއަށް އެ ތަކެތި އިމްޕޯޓު ކުރާއިރު، އެއިން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ވިސްނުމަކީ އެއީ މިވަގުތު ގެންގުޅެންޖެހޭ ސިޔާސަތެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު.

ދަނޑުވެރިކަމަކީ ކުރިންވެސް ދެންނެވިފަދައިން، ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ޞިނާޢަތް. އަދި ދުނިޔެ ކުރިއަރައިފައި މި އޮތް މިންވަރުން، އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ވަރަށް ފަސޭހަ ކަންތައްތަކެއް ޓެކްނޮލޮޖީއާ އެކީގައި އެބަހުރި. އެހެން ނަމަވެސް، މިއަދުވެސް ދުނިޔޭގެ ގިނަ ޤައުމުތަކަށް އޮތް ނުރައްކަލަކީ، ކާބޯތަކެތި ނުލިބުމުގެ ދަތިތަކާ ކުރިމަތިވުން. އެ ޔަޤީންކަން ނެތް ކިތަންމެ ޤައުމެއް އަދިވެސް އެބަހުރި. ބައެއްފަހަރު ދިމާވާ ޞިއްޙީ ކާރިސާތަކާ ގުޅިގެން މި ކަންބޮޑުވުން އިތުރުވެގެންދޭ. އަދި އަނެއްބައިފަހަރު ޢަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން މި ޝައްކު ބޮޑުވެގެންދޭ. އަޅުގަނޑުމެންނަށް އޭގެ ދެ ކަމެއް، މި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހިގެން މިދިޔައީ. ކޯވިޑް-19 އާއި އަދި ޔޫރަޕްގައި މިހާރު ހިނގަމުންމިދާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި، އެކި ޤައުމުތަކަށް ލިބުމުގައި ހުރި ދަތިކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވެމުން އެބަދޭ. ރާއްޖެފަދަ ޤައުމަކަށް މީގެ ނުރައްކާ އަދި މާބޮޑު. މިކަމަށް އޮތް ޙައްލަކީ، ރާއްޖޭގައި އުފެއްދެން ހުރި ތަކެތި އުފައްދައި، މާކެޓަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުން.

އެގްރިކަލްޗަރ މިނިސްޓްރީން އެގޮތަށް ވިސްނައި، ކުރީގެ ދަނޑުވެރިންގެ ދުވަހުވެސް އަޅުގަނޑު ދެންނެވިފަދައިން، 17 ބާވަތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް އެބަކުރޭ. އަދި އެ 17 ބާވަތް އުފައްދާ ފަރާތްތަކުން އެ ހުރިހާ ތަކެއްޗެއް އެގްރޯ ކުންފުންޏަށް ގަނެ، މާކެޓް ކުރުމުގެ ޔަޤީންކަން، އެފަރާތްތަކަށް ދީފައިވެސް މިހާރު އެބައޮތް. އެހެންވީމާ، އަޅުގަނޑު ހިތުން މި އުފެދޭ، ގުޅުމާ އެކީގައި، ދަނޑުވެރިކަން މިހާރަށްވުރެ ކުރިއަށް ގެންދިއުމަށް އެތައް މަސައްކަތެއް އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ތަނުގައި ކުރެވިގެންދާނެ.

އާދެ، އެގްރިކަލްޗަރ މިނިސްޓަރު ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ތެރޭގައި އޮތް، މިހާރު ކަންބޮޑުވާ މިންވަރަކަށް މި އޮތް، ގައިން ގަޔަށް ނާރާ ބަލިތައް ފެތުރުމުގެ އެއް ކަމަކަށް، ބައެއް ބޭފުޅުން ވިދާޅުވަނީ، ދަނޑުވެރިކަމުގައި މި ބޭނުންކުރާ ފަރޓިލައިޒަރގައި ހުންނަ ކެމިކަލްގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި. ނަމަވެސް އަދި މިހާތަނަކަށް ރާއްޖެއަކު މީގެ ދިރާސާއެއް ހެދިފައެއް ނެތް. އެހެން ނަމަވެސް، ދުނިޔޭގެ އެންމެން ޤަބޫލުކުރާ ގޮތުގައި، މިއީކީ ޞިއްޙަތަށް އެންމެ ރަނގަޅު ކާނާއެއް ނޫންކަމަށް އެބަ ބުނޭ. އެހެންކަމުން، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގައި މިހާރު ބަދަލުވަމުން އެދަނީ، އޯގަނިކް ފަރމިންގ އަށް.

ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް މިކަމާ ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ ރަނގަޅު ކަމެއް. އެހެން ނަމަވެސް، އޯގަނިކް ފަރމިންގ އަށް ކުއްލިއަކަށް މުޅިން ބަދަލުވުމަކީ، ކުރެވޭނެ ކަމެއް ނޫން. އަދި ނުވެސް ކުރެވޭނެ. އަޅުގަނޑުމެންނާ ވަރަށް ކައިރި އަވަށްޓެރި ޤައުމަކުން އޭގެ މިސާލެއް ފެނިގެން އެ ދިޔައީ. ސްރީލަންކާގައި، ކުއްލިއަކަށް ފަރޓިލައިޒަރ އެތެރެކުރުން މަނާކުރުމާ ގުޅިގެން، މުޅި ޤައުމުގެ އިޤްތިޞާދު، އެގްރިކަލްޗަރަލް ސެކްޓަރ މުޅިން ހުއްޓުމަކަށް ގޮސް، އެންމެފަހުން ދެން ކުރިމަތިވި ކަންތައްތައް އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަވެގެން ދިޔައީ.

އެހެންވީމާ، މިކަމާ ދޭތެރޭގައި ވިސްނައި، ފުރަތަމަ ކުރަންވީ ކަމަކީ އެ ގެނެވެނީރަނގަޅު ފަރޓިލައިޒަރތޯ ބެލުން. އެއަށް ގަޑުބަޑުނުކޮށް ހުރި ރަނގަޅު ފަރޓިލައިޒަރ، އެ ބޭނުންކުރަން އޮންނަ ގޮތަށް ބޭނުންކުރުން. އެއަށްފަހުގައި މަޑުމަޑުން އޯގަނިކް ފަރމިންގ އަށް ބަދަލުވުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް.

އާދެ، މި ޒަމާނުގެ ދަނޑުވެރިކަމަކީ ހަމައެކަނި ބޮޑެތި ހުސްބިންތަކުގައި ކުރާ ދަނޑުވެރި ކަމެއް ނޫން. ޓެކްނޮލޮޖީގެ ބަހުރުވައިގައި ކޮންމެ ތަނަކީވެސް ދަނޑުބިމެއް. ކޮންމެ އިމާރާތެއްގެ ފާރަކީވެސް ދަނޑެއް. ގޭ ފުރާޅަކީވެސް ދަނޑެއް. ސްކޫލްތަކުގައި އޮންނަ ހުސްބިމާއި، ޕާކްތަކަކީވެސް ދަނޑުބިންތައް. ސިންގަޕޫރު ފަދަ ބިން ކުޑަ ޤައުމުތަކުން އެ ދަނީ މި ޓެކްނޮލޮޖީގެ ބޭނުންކޮށް، މުޅި ޤައުމަށް ބޭނުންވާ ބާވަތްތަކުގެ ބޮޑު ބައެއް، އެ ޤައުމުގައި އުފެއްދުމަށް ޕްލޭނެއް ކޮށް، އެ މަސައްކަތް ކުރަމުން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވިސްނުމުގައި މިކަން ގެންގުޅެން އެބަޖެހޭ.

އެގްރިކަލްޗަރ މިނިސްޓަރު ވިދާޅުވި، މީގެ ޓްރެއިނިންގ ޕުރޮގްރާމްތަކެއް އެކި ރަށްރަށުގައި ހިންގައި، އޭގެ ޢަމަލީ މަސައްކަތް މިހާރު ކުރަމުންގެންދާ ވާހަކަ.

އާދެ، މިހުރިހާ ކަމެއް ކުރަމުން ދާއިރުގައިވެސް، އަޅުގަނޑުމެން ވިސްނަންޖެހޭ އަނެއް ކަމަކީ، މޫސުމަށް އަންނަ ބަދަލު. މީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް، ދަތިތައް. މީގެ އަސަރު ދަނޑުވެރިކަމަށްވެސް އެބަކުރޭ. މީގެ ހަފްތާއެއް ކުރިން، ރާއްޖޭގެ އެކި ހިސާބުތަކަށް، އެކި ރަށްރަށަށް އުދައަރައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދަނޑުބިންތައް ހަލާކުވެދިޔައީ. މިހެންކަމުން، އަޅުގަނޑުމެން ދަނޑުވެރިކަން ކުރާއިރުގައިވެސް ތިމާވެށްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމަކީ، އަޅުގަނޑުގެ އިލްތިމާސެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށާއި، މި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މިއަދަށްވުރެ ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން. އަޅުގަނޑުގެ ދުޢާއަކީ، ކާށިދޫގެ ދަނޑުވެރިންނަށް މިއަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.