ޙަޤީޤީ ތަރައްޤީއެއް ގެނެވޭނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދެވިގެން އަދި ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް ހަމަޖެހޭނެގޮތް ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފާދިއްޕޮޅު އޮޅުވެލިފުށްޓަށް މިއަދު މެންދުރެއްހާއިރު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ރަށްރަށަށްވެސް ބަނދަރާއި، ނަރުދަމާއާއި، ކަރަންޓާއި، ފެނާއި މިފަދަ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވޭތޯ މަސައްކަތް ކުރެއްވުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ދެމިއޮންނަނީ މި ޚިދްމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ރަށްރަށުގެ ރައްޔިތުންގެ ނޭދުމުގައި އެއްރަށުން އަނެއް ރަށްރަށަށް ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދެވުމަކަށް މި ސަރުކާރުން ނުވިސްނަވާނެ ކަމަށާއި، ސަރުކާރުގެ ބޭނުންފުޅަކީ، އޮޅުވެލިފުށީގެ ރައްޔިތުންނަށްވެސް ރަށުގައި ތިއްބަވައިގެން ރިވެތި ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަތުރުފަތުރުގެ ނިޒާމެއް ނެތި ތަރައްޤީވެފައިވާ ޤައުމެއް ދުނިޔޭގައި ނެތް ކަމަށާއި، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ވަރަށް އުންމީދި ތަޞައްވުރެއް ފާދިއްޕޮޅާ ގުޅިފައި އޮންނަ ކަމަށާއި، އެންމެ މުހިންމު ކަމެއް ދެއްވައިގެން ހިންގަވާ އެއްކަމަކީ، ދަތުރުފަތުރުގެ ނިޒާމަކުން ނ. އަތޮޅާއި، ރ.އަތޮޅާއި، ބ.އަތޮޅާއި ޅ. އަތޮޅު ގުޅާލެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މި 4 އަތޮޅުގައި މިކަން ކުރެވިގެންދާއިރު، މިކަން ކުރެވިގެންދާނީ އެހެން އަތޮޅުތަކުގައި މިކަން ކޮށް އެއިން ލިބުނު ތަޖުރިބާއާއި ފިލާވަޅުތަކުގެ އަލީގައި ކަމަށްވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް މި ކުރައްވާ ދަތުރުފުޅުގައި ހިންނަވަރު ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ހަވީރު ފަށްޓަވައިދެއްވާނެއެވެ.