ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން، އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތް އިބްރާހީމް އަލް ޚާލިފާއާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، އަމީރާ ސަބީކާ، ބަޙްރައިންގެ އަންހެނުންގެ ހައްޤުތަކަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައެވެ. މިގޮތުން، އަމީރާ ސަބީކާ ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ޗެއަރގެ މަޤާމުގައި ހުންނަވައިގެން އަންހެނުންގެ ޙައްޤުތައް ހޯއްދަވައި ދެއްވުމަށާއި، މިންތީގެ ހަމަހަމަކަމަށާއި، އަދި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި އަމީރާ ސަބީކާގެ ފަރާތްޕުޅުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ދިރިއުޅުމުގެ ހުނަރުތަކާއި، އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގަންނައިދިނުން ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލުމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަޙްރައިންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަޙްރައިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.