ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބަޙްރައިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ޤައުމަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބަޙްރައިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިން އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއާއި، ބަޙްރައިންގެ ޝާހީ ޢާއިލާގެ މެންބަރެއްކަމުގައިވާ އަދި ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ބޯޑު މެންބަރ ޝެއިޚާ ހެސާ ބިންތް ޚަލީފާ އަލް ޚަލީފާ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބަޙްރައިންގެ ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ގޮތުން ރަސްމީގޮތުން މަޝްވަރާކުރެއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުގައެވެ.