بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، އުތީމު ތަމްސީލު ކުރައްވާ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ފެނަކައިގެ އެމް.ޑީ. އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ އުފާވެރި ދުވަހެއް. މިއަދަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމީ ދުވަސް. ޤައުމީ ދުވަހުގެ ބަޠަލް ބޮޑުތަކުރުފާނުގެ އުފަން ރަށުގައި ތިބެ އަޅުގަނޑުމެން މިއަދު ފާހަގަކުރަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ ފަޚުރުވެރި ދުވަސް. އަދިވެސް އެއްފަހަރު، އުތީމުގެ ލޮބުވެތި ފަޚުރުވެރި ރައްޔިތުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޤައުމީ ދުވަހުގެ އުފަލާއި ތަހުނިޔާ އަރިސްކުރަން.

އިއްޔެއާއި ރެޔާއި އަދި މިއަދު ހެނދުނު އަޅުގަނޑުމެން ވަރަށް އުފާވެރިކަމާ އެކީގައި ވަގުތުތަކެއް ހޭދަކޮށްފިން. މި ރަށަށް އަޅުގަނޑުމެން އައިސް ފޭބީއްސުރެ ފެށިގެން އުތީމުގެ ކައުންސިލުންނާއި، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ވިދާޅުވި މަރުޙަބާއާއި، ބަހައްޓަވަމުން ގެންދަވާ މެހްމާންދާރީއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މި އުފާވެރި ދުވަހު އަނެއްކާވެސް އަޅުގަނޑުމެން އެއްވެ މިތިބީ އެތައް ދުވަހެއް ވާންދެން މި ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ނިމި، އެކަން ފާހަގަކުރުމަށް. ފެނަކައިން މި ރަށުގެ އާ އިންޖީނުގެ އިމާރާތްކޮށް ނިންމައިފި. ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، މި ރަށުގައި 24 އަހަރު ކުރިން ރައްޔިތުން ހޭދަކޮށްގެން، 5 ކިލޯ ވޮޓުގެ އިންޖީނަކާއެކު ޚިދުމަތް ދޭން ފެށި އިންޖީނުގެ މިއަދު މިވަނީ ގާތްގަނޑަކަށް އެއް މެގަވޮޓުގެ ކެޕޭސިޓީއާ އެކުގައި ހުޅުވާފައި. އަޅުގަނޑުމެން މި ބޭނުންވާ، ރައްޔިތުން އެދިއެދި ތިބި ޚިދުމަތްތައް ދިނުމުގައި ބުރަ އިޚްލާޞްތެރި ބޮޑެތި މަސައްކަތްތަކެއް ފެނަކައިން އެބަ ކުރައްވާ. ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ އެމް.ޑީ.އަށާއި ޗެއަރމަން އަދި މުވައްޒަފުންނަށް އެބައޮތް. އަދި ސަރުކާރާއި އަޅުގަނޑުގެވެސް ފުރިހަމަ އިތުބާރާއި ޔަޤީންކަން ފެނަކައާ ދޭތެރޭގައި އަދި އެމް.ޑީ. ސަޢީދަށާއި އަޅުގަނޑުމެންގެ ވަރަށް ގާތް ރައްޓެއްސެއް، މާޑު، މާޑުއާ ދޭތެރޭގައި އެބައޮތް. ޝައްކެއްނެތް، ކަންތައްތައް ކުރުމުގައި އޭގައި އޮތް އެންމެ ރަނގަޅު ގޮތް ހޯއްދަވައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސަރުކާރަށްވެސް އޭގައި އެންމެ ލާބަ އޮތްގޮތަށް ކަންތައްތައް ކޮށް ނިންމަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެން އެންމެންގެ އެބައޮތް.

ފެނަކައިން އަޅުގަނޑު މި ދެންނެވިހެން ކުރަމުން އެ ގެންދަނީ ވަރަށް ވަރަށް ބުރަ، ބޮޑު މަސައްކަތްތަކެއް. މި ރަށުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން، ޢާންމު ރައްޔިތުން މި ރަށުގެ އިންޖީނުގެ ފެށީ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓުގެ ޚިދުމަތް ދެމުން އައިގޮތަކީ. ރަށުގައި ހުންނަ ކޮންމެވެސް ފުދުންތެރި މީހަކު އޭނާގެ އަމިއްލަ ބޭނުމަށާއި، ގާތްތިމާގެ މީހުންނަށާ އެކީގައި ކަރަންޓްދޭން ފަށަނީ. ނޫނީވިއްޔާ ރަށުގެ އޭރު އޮންނަ ރަށު ކައުންސިލަކުން، ރަށު ކޮމިޓީން އެކަމެއް ކުރަނީ. ނޫނީވިއްޔާ ރަށުގައި އޮންނަ ކޮންމެވެސް ޖަމުޢިއްޔާއަކުން ލާރިކޮޅެއް އެއްކޮށްލައިގެން އެކަން ކުރަމުން އަންނަނީ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާތަނާ ޖެހެންދެން އެކަން ކުރަމުން އައިގޮތް. އެހެން ނަމަވެސް، ރާއްޖެ ތަރައްޤީވަމުން މިދާގޮތަށް ރައްޔިތުންގެ ބޭނުމާ އެކީގައި މިކަމަށް ބަދަލު އަންނަން ޖެހިފައި މިއޮތީ.

ޤާނޫނުއަސާސީގައި އެ ވާހަކަ އަޅުގަނޑުމެން ލިޔުނީ އެހެންވެ. ފެނާއި ނަރުދަމާއާއި، ބޯހިޔާވަހިކަމާއި، ކަރަންޓާ މިއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، ސަރުކާރުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަކުން އެކަން ކޮށްދޭންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ލިޔެފައި އެއޮތީ. މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދަނީ އެކަންތައް.
އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންގެ މެނިފެސްޓޯއާއި، އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދުމަށްވުރެ އަޅުގަނޑުމެން ކުރާ ކަމެއް އަޅުގަނޑުމެން މިކުރަނީ ހަމަހަމަކޮށް ތަފާތެއްނެތި. އަދި އެއްވެސް ރަށެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް މި ޙައްޤުތައް ދިނުމުގައި އަދި ވަޢުދުތައް ފުއްދުމުގައި، މެނިފެސްޓޯ ތަންފީޒު ކުރުމުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދުވެސް އަރުވަން.

އެނގިވަޑައިގަންނަވާނެ، ހަމަ މިކަހަލަ ކޮންމެ ދުވަހަކު އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭނެ. އަޅުގަނޑުމެން މީގެ ދެ އަހަރު ކުރިން ކުރިމަތިލާންޖެހުނު ކޯވިޑުގެ ޢާލަމީ ވަބާ. ބައެއް ބޭފުޅުން ހަނދުމަފުޅުނެތި ހިނގައިދާނެ އެ ދުވަސް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ބައެއް ކަންތައްތައް ކުރިއަށް ނުގޮސް މަޑުޖައްސާލަން ޖެހުނު އަދި މަޑުޖެހިގެންދިޔަ އެއް ސަބަބު އެއީ ކޯވިޑުގެ ޢާލަމީ ވަބާ. މުޅި ދުނިޔެ އެކީގައި ބަންދުވެފައި އޮތީ. މިއިން ކޮންމެ ކަމަކަށް ބޭނުންވާ ކޮންމެ އެއްޗެއް އަޅުގަނޑުމެން އެތެރެކުރަންޖެހެނީ ރާއްޖެއިން ބޭރުން. އަދި ރާއްޖެއިން ބޭރުން އެ ދަތިކަމާ އެކީގައި އެތެރެކުރި ނަމަވެސް، އަދި އެ ރަށްރަށާ ހިސާބަށް ފޯރުކޮށްދިނުމުގައިވެސް އެތައް އެތައް ދަތިތަކެއް ކުރިމަތިވި. އެހެން ނަމަވެސް، މަސައްކަތްތައް ހުއްޓާނުލާ ފެނަކައާއި، އެމް.ޓީ.ސީ.ސީ.އާއި، އެސް.ޓީ.އޯ. އޭރު އަދާކުރަމުންދިޔަ ދައުރަކީ، އަޅުގަނޑުމެން މިއިން ކޮންމެ ތަނެއްގައި ފާހަގަކޮށް، އެތަނުގައި މަސައްކަތް ކުރައްވަން ތިއްބެވި ވެރިންނާއި މުވައްޒަފުންގެ މަތިން ހަނދާންކުރަންޖެހޭނެ ދައުރެއް. މިއަދު މިހިސާބަށް އަޅުގަނޑުމެންނަށް އާދެވިފައި މިތިބީ އެބޭފުޅުން އެ ކުރެއްވި އަގުނުކުރެވޭވަރުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން.

އުތީމަކީ ތާރީޚީ ރަށެއް. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ އެ ދުވަސް. ރާއްޖޭގެ ކޮންމެ ރައްޔިތަކު މި ރަށާ ދޭތެރޭގައި ފަޚުރުވެރިވޭ. އަދި މި ރަށް ބަލައިލަން އަންނަންވެސް ބޭނުންވޭ. މި ރަށުގައި ހުރި އުތީމު ގަނޑުވަރާއި އަދި ބޮޑުތަކުރުފާނު މިތަނުގައި އެ ހޭދަކުރެއްވި މަދު ދުވަސްވަރުގެ ހަނދާން އާކޮށްލުމަށްޓަކައި މި ރަށަށް ޒިޔާރަތް ކުރުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް. ދިވެހިން ބޭނުންވާ ކަމެއް. އަދި ހަމަގައިމުވެސް ބޭރުގެ އެތައް ބަޔަކުވެސް، ރާއްޖޭގެ ތާރީޚު ދިރާސާކުރާ ކިތަންމެ ބަޔަކުވެސް މިކަން ބަލައިލަން ބޭނުންވާނެ. މިހާތަނަށް އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ދައްޗަކީ މި ރަށަށް އައުމަށް އޮތް ދަތި. ދެހާސް، ތިންހާސް ރުފިޔާ ހޭދަނުކޮށް މާލެއިން ފުރައިގެން މިހިސާބަކަށް ނާދެވޭ. ހަނިމާދުއަށް އާދެވިދާނެ، ޓިކެޓެއް ނަގައިގެން. އެހެން ނަމަވެސް، އެހިސާބުން މިތަނަށް އަންނަންވެސް ބޮޑު ހޭދައެއް ކުރަންޖެހޭ. އެހެން ނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ މިވަނީ އެ ދަތި މުޅިން ނައްތާލެވިފައި.

ސަރުކާރުން ޕްލޭން ކުރިގޮތަށް އާރު.ޓީ.އެލް.ގެ ޚިދުމަތް އެމް.ޓީ.ސީ.ސީ.އިން ފަށައިގެން މިހާރު ކުރިއަށް އެ ގެންދަނީ. ބޮޑުތިލަދުންމަތި އެކީގައި، 41 ރަށް އެކީގައި ގުޅައި ނިމިއްޖެ. ކުރިން ކުރަމުން ގެންދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެއްޖެ. ދެން އަޅުގަނޑުމެން މި ރަށުގައި ކުރަންވީ ކަމަކީ، މި ރަށުގައި އެހެން އައިސް މަޑުކޮށްލާނެ ތަންތަން ހެދުން. އަދި ބަނދަރުގެ މައްސަލައަށްވެސް އެބަ ބޭނުންވޭ ޙައްލެއް ގެންނަން. އެކަމާ އެކީގައި އަޅުގަނޑު ހިތުން މި ރަށަށް އިޤްތިޞާދީ ބޮޑު ބަދަލުތަކެއް އަންނާނެ. ކަރަންޓުގެ ޚިދުމަތް ނިމުނީ. މިހާރު ފެނުގެ ނިޒާމު ހިނގަމުން އެދަނީ. އަދި އޭގެއިތުރުން، ބޭނުންވާ ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް އެބަގެންދޭ. އަޅުގަނޑު ހިތުން މިއީވެސް މި ރަށަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް.

އަދި މި ރަށުގައި ތިޔަ ހުރިހާ ބޭފުޅުން ފަޚުރުވެރިވާ ބޮޑުތަކުރުފާނުގެ ގަނޑުވަރާއި އަދި ހަނދާނީ މަރުކަޒު މިހާރަށްވުރެ ބޮޑަށް އަޕްގްރޭޑް ކުރެވި، އެތަނުގެ ޚިދުމަތްތައް މި ރަށަށް ޒިޔާރަތްކުރާ މީހުންނަށް އެތަނުން ލިބޭނެގޮތް ހެދުމަކީ، އަޅުގަނޑުމެން ރާވައިގެން ކުރިއަށް ގެންދާނެ ކަމެއް ކަމުގައި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ދަންނަވަން.

އަދިވެސް އުތީމުގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އަބަދުވެސް ހުންނާނެ. އެގޮތުން މި ރަށުގެ މިސްކިތުގެ ވާހަކަ އަޅުގަނޑުމެންނާ ހިސާބަށް އައިސްފައި އެބައޮތް. މިހާރު ހުރި މިސްކިތް މަރާމާތުކޮށް އަޕްގްރޭޑް ކުރާނީތޯ. ނޫނީވިއްޔާ އާ މިސްކިތެއް އަޅާނީތޯ. މިކަމާ ދޭތެރޭގައި މަޝްވަރާ ކުރެވި، މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ މި ރަށުގައި އަލުން މިސްކިތެއް އެޅުމަށް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އެބައި ހިމަނައިގެން އަޅުގަނޑުމެން މަސައްކަތް ފަށާނަން.
އަޅުގަނޑު ހިތުން ސްކޫލްގެ ކްލާސްރޫމްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާނެ. އިއްޔެ ޢަބްދުﷲ ރަޝީދު އަޅުގަނޑާ އެ މަޝްވަރާ ކުރެއްވި. އަދި އެތަނަށް ބޭނުންވާ މަލްޓި-ޕަރޕަސް ހޯލެއްގެ ވާހަކަ ވިދާޅުވެފައި އެބައޮތް. އަޅުގަނޑު އެކަމާ ދޭތެރޭގައި މަޝްވަރާކޮށް، އެ އިމާރާތް ކުރެވެމުންދާއިރުގައި، އެކަން ފަހިވެގެންދާނެ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.
އަޅުގަނޑު މި ވާހަކަ ދެންނެވީމާ، ފަހަތުގައި އެ ތިއްބެވި އަޅުގަނޑުގެ ޕޮލިސީ ޓީމުގެ ބޭފުޅުން އެބަ ބައްލަވާ. އެކަން ނޯޓު ކުރައްވައިގެން ކުރިއަށް ގެންދަވާނެ.

އާދެ، ރޭގައި ވަރަށް މުހިންމު އެގްރީމެންޓްގައި ސޮއިކުރެވިގެން އެދިޔައީ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި. އެއާ އެކީގައި އެއަރޕޯޓް ނިމޭއިރުގައި، މި ސަރަޙައްދަށް ޓޫރިޒަމް ފައްކާވެ ފުޅާވުމަށް ޖާގަ ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް މިއޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި، އެންމެ މަދުވެގެން މިތަނަށް އަށްހާސް އެނދު ޑިވެލޮޕް ކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިޔުން. އަޅުގަނޑު ހިތުން މި ސަރަޙައްދުގައި ޓޫރިޒަމް ޑިވެލޮޕް ކުރާނޭ އިންވެސްޓަރުން ދެން ހޯދާކަށް ނުޖެހޭނެ. އެންމެބޮޑު މައްސަލައަކަށް ވެފައި އޮތީ އެއަރޕޯޓުގެ ދަތިކަން. އެއާ އެކުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފަސޭހަގޮތެއް ނެތުން. އެހެން ނަމަވެސް، މި ގެނެވޭ ތަރައްޤީއާ އެކީގައި، ބަދަލުތަކާ އެކީގައި އަޅުގަނޑު ހިތުން މުޅި ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަތަން ލަސްތަކެއްނުވެ ފެނިގެންދާނެ.

އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ފަސޭހަވޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބޭ ތާއީދާއި އެއްބާރުލުމާ އެކީގައި. މި ދާއިރާ ތަމްސީލު ކުރައްވާ، މި ދާއިރާގެ ލޮބުވެތި މެންބަރު އަޙްމަދު ޢަބްދުﷲއަކީ، އަޅުގަނޑުމެންގެ މި ތަރައްޤީގެ މަޝްރޫޢުތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާ ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކޮންމެ ކަމެއްގައި އެބޭފުޅާ އިސްނަންގަވާ. އަދި ޚާއްޞަކޮށް، މި ދާއިރާގެ ތަރައްޤީއަށްޓަކައި ވަކި ރަށެއް ތަފާތުނުކޮށް ކުރައްވާ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދެއްވައި މަސައްކަތް ކުރައްވާ ބޭފުޅެއް. އެހެންކަމުން، މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲ އަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، ނިންމާލުމުގެ ކުރިން، މި މަސައްކަތް ކޮށްދެއްވި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑުން ކުރެއްވި މަސައްކަތަށްވެސް އެ ކުންފުނީގެ އިސް ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.
އަޅުގަނޑުގެ ދުޢާއަކީ، އުތީމަށާއި ތިލަދުންމައްޗަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތް ކާމިޔާބު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.