بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަޙީދާ، ކޮމިޝަންގެ މެންބަރުން، ދިވެހި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރެޔަކީ އަޅުގަނޑަށްވެސް ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވޭ ރެއެއް. އަޅުގަނޑުގެ ޙަޔާތުގެ ވަރަށް މުހިންމު ދުވަސްތަކެއް، އާދެ، އެންމެ ޒުވާން ދުވަސްވަރު އަޅުގަނޑުވެސް ހޭދަކުރީ ބްރޯޑްކާސްޓިންގގެ ދާއިރާގެ ތެރޭގައި. އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި ވަރަށްގިނަ ބޭފުޅުން މިތަނުން އެބަ ފާހަގަކުރެވޭ. މަރްޔަމް، ޠައްޔިބު، މޮންދު، ޚަލީލް. އަދިވެސް އަޅުގަނޑަށް ދުރުން ނަމަވެސް ވަރަށްގިނަ ބޭފުޅުން އެބަ ފާހަގަވޭ. އަޅުގަނޑުގެ ފުރަތަމަ ބޮސްއަކީވެސް، ވެރިޔަކީވެސް ބްރޯޑްކާސްޓިންގ ދާއިރާގެ ބޭފުޅެއް. ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރެއްވި މަޝްހޫރު ޙުސައިން ޝިހާބަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ ބޮސް. އަދިވެސް އެ އިޙްތިރާމާއި، އެ ޤަދަރު ޙުސައިން ޝިހާބާ ދޭތެރޭގައި އަޅުގަނޑުގެ އެބައޮތް. ޙުސައިން ޝިހާބުގެ ފަރާތުން ގިނަ ކަންތައްތަކެއް އަޅުގަނޑަށް ދަސްވެގެންދިޔަ.

އާދެ، 60 އަހަރު ފަހުން ނަމަވެސް، ލަސްވިޔަސް، މިއީ ކުރަން ޖެހިފައި އޮތް ކަމެއް. މިކަމަށްޓަކައި މިކަން އިންތިޒާމުކޮށް، ފަށައިގެން ކަމަށްޓަކައި މިހާރުގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުރިހާ މެންބަރުންނަށް، ޚާއްޞަކޮށް، އެ ކޮމިޝަންގެ ރައީސަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ރާއްޖޭގައި ބްރޯޑްކާސްޓިންގ އުފެދިގެން އައި ގޮތުގެ ރިޕޯޓް، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ރާއްޖޭގައި ބްރޯޑްކާސްޓިންގ ފެށިގެން އައީ، އޭގައި ބުނިގޮތުން ކަމަށްވަންޏާ، ރާއްޖޭގެ ދެކުނުގައި އުފެދުނު ގަޑުބަޑެއްގެ ވާހަކަ، ސަރުކާރުން ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައި. އެހެން ނަމަވެސް، އޭގެ ފަހުން ބްރޯޑްކާސްޓިންގގެ ދާއިރާއިން ރާއްޖޭގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެން ހިނގައްޖެ.

ބްރޯޑްކާސްޓިންގއަކީ، ހަޤީޤަތުގައި އިންސާނުންގެ ބަހުރުވައާއި ބަސްމޮށުންތެރިކަމާ ގުޅިފައިވާ އެއްޗެއް ނުވަތަ ކަމެއް. ފަހުޒަމާނަށް ދުނިޔެ ބަދަލުވާން ފެށިއިރު، ބްރޯޑްކާސްޓިންގގެ ގޮތުގައި ފެށުނީ، ރޭޑިއޯގެ ޚިދުމަތް. ދުނިޔޭގެ ތާރީޚު މިއަދާ ހަމައަށްވެސް، ގިސްލާ އެއްކަމަކީ، ދެވަނަ ބޮޑު ހަނގުރާމަ. އެ ހަނގުރާމައިން އިންސާނިއްޔަތަށް ދިން ގެއްލުމާއި، ހަލާކު ބޮޑު. ހަމަ އެގޮތަށް، ދެވަނަ ބޮޑު ހަނގުރާމަ ދިން ފިލާވަޅުތައްވެސް ގިނަ. އެ ހަނގުރާމައިން، އިނގިރޭސިން މޮޅުވުމަށް ބޭނުންކުރި އެންމެ ވަރުގަދަ، އެއް ހަތިޔާރަކީ ރޭޑިޔޯ. އޭރުގެ އިނގިރޭސި ބޮޑުވަޒީރުގެ ދުވަސް ފަށްޓަވަނީ، ރޭޑިޔޯ މެދުވެރިކުރައްވާ. މެދުނުކެނޑި، ކެނޑިނޭޅި ކޮންމެ ދުވަހަކު، އެތައް ފަހަރަކު އިނގިރޭސި ލަޝްކަރުތަކަށް، ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް، ރޭޑިޔޯ މެދުވެރިކުރައްވައި މުޚާތަބު ކުރެއްވި. ޗާރޗިލްގެ ހިތްވަރާއި، ފަންވަރާއި، ޤައުމީ ޖޯޝުން ފުރިގެންވީ ތަޤްރީރުތައް، އިނގިރޭސި ސިފައިންގެ ކަންފަތް ފަހަނައަޅައި، ހިތްތައް ފަތަޙަކުރި.

އެއަށްފަހު ދޭއް، ތިނެއްގައިވެސް، މިސާލު ދެއްކެން އޮތީ، ހަނގުރާމައިން. ވިއެޓްނާމް ހަނގުރާމަޔަށް ބޭނުންކުރެވުނު އެއް ވަނަމަކީ، "ޓެލެވިޒަން ވޯ،" ނުވަތަ "ޓީ.ވީ. ހަނގުރާމަ." އެއަށްފަހު ފެނުނީ، ގަލްފް ހަނގުރާމަ. ހަނގުރާމަ ފެށުމަށް ޞައްދާމް ޙުސައިން، ޢިރާޤުގެ ފައުޖްތަކާ މުޚާތަބު ކުރެއްވީވެސް، ރޭޑިޔޯއާއި ޓީ.ވީ. މެދުވެރިކޮށް. ހަމައެގޮތަށް، އެމެރިކާގެ ރައީސް ހަނގުރާމަ އިޢުލާނު ކުރެއްވީވެސް، ޓީ.ވީ. އާއި ރޭޑިޔޯ މެދުވެރިކޮށް. އެ ހަނގުރާމައިން ފެށިގެން، ނޫސް ކްރޫ ތިބެނީ ފުރިހަމަ ހަނގުރާމަމަތީ ހެދުމުގައި، ލަޝްކަރުތަކާއެކު، ހަނގުރާމަ ލައިވް ކުރުމަށް.

އެ ދުވަހު އާދެ، އެމެރިކާގެ ސިފައިން ބަޣްދާދަށް އެރި ދުވަހު، އެމެރިކާގެ ސިފައިން ބަޣްދާދަށް ފެތުރިގަންނަ ތަން، ޓީ.ވީ.ގެ އެއްފަޅިން ފެނޭ. ހަމަ އެވަގުތު، އަނެއްފަޅިން ދައްކަނީ، ޢިރާޤުގެ އިންފޮމޭޝަން މިނިސްޓަރ، އަލް ސައްޚާފް ދެއްވާ ލައިވް ނިއުސް ކޮންފަރެންސެއް. ވިދާޅުވީ "ބަޣްދާދް އިޒް ސޭފް" ކަމަށް. ނޫސްވެރިޔާއަށް ވިދާޅުވީ "ކަލޭ ތިހުރީ ބިރުންހެއްޔޭ. ތިމަން މަނިކުފާނުގެ އެއްވެސް ބިރެއް، ކަންބޮޑުވުމެއް ނެތޭ. އެމެރިކާ ސިފައިންގެ އެންމެ ޓޭންކަރެއްވެސް ނެތޭ. ތިޔަބޭފުޅާވެސް ކަންބޮޑުނުވާށޭ." އޭރު ޢިރާޤުގެ ފިރްދައުސް މައިދާނުގައި ހުރި، ޞައްދާމް ޙުސައިންގެ ބޮޑު ބުދު ދަނީ އެމެރިކާއިން ތަޅާ ރޫޅަމުން. މި ދެންނެވި ނިއުސް ކޮންފަރެންސްގެ ލައިވް ފީޑް ކެނޑުނުގޮތް، މިވަގުތު އަޅުގަނޑުގެ ހަނދާނަކު ނެތް. ހަމަ ޔަޤީނުންވެސް، އެދުވަހަށްފަހު ސައްޚާފެއް ނުފެނޭ.

ޒަމާނާއެކު، ބްރޯޑްކާސްޓިންގގެ ދާއިރާއަށް މިވަނީ، ވަރަށް ބޮޑު ބަދަލުތަކެއް އައިސް ތަރައްޤީވެފައި. ޓެކްނޮލޮޖީ ގެނެސްދިން ތަރައްޤީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގ އަށް. ރޭޑިޔޯއިން، ޓީ.ވީ. އިން، އިންޓަރނެޓުން، ވެބްސައިޓާއި ބްލޮގްތައް. އަދި އޭގެފަހުން ޕޮޑްކާސްޓްގެ ޒަރިއްޔާއިން، މިހާރު ކޮންމެ މީހަކީވެސް ޚަބަރު ފަތުރާ މީހެއް. މުނިފޫހިފިލުވައިދޭ މީހެއް. އާޓިސްޓެއް ނުވަތަ ފަންނާނެއް.

1962 ވަނަ އަހަރު، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ފެށުނު. އެހެން ނަމަވެސް، ދައުލަތުގެ މީޑިޔާގެ ގޮތުގައި، އެ ޚިދުމަތް ހަމައިސްކޮޅަށް ހިންދެމިލީ، ހެންވޭރު އަޑިޕާކުގައި ޖެހި ދިގު އެންޓެނާތަކާއެކު، 1966 ވަނަ އަހަރު.

ރޭޑިޔޯގެ ޒަރިއްޔާއިން، ދިވެހިންނަށް ލިއްބައިދިން ރަނގަޅު، ގުނާ ޢަދަދު ނުކުރެވޭ، ތަފާތު ދީނީ ޕްރޮގްރާމްތަކާއި، ތާރީޚާއި، ސަގާފަތާއި، މުނިފޫހިފިލުވުން އަދި އުގަންނައިދިނުން ގުޅިފައި އޮތީ ރޭޑިޔޯއާ. މިހާރުވެސް، އަޅުގަނޑުގެ ހެނދުނުގެ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދަނީ، ދިވެހިރާއްޖޭގެ އަޑުގެ، ބާއްޖަވެރި ހެނދުނާއެކު. ކުރިންނަމަ އެއީ އަޅުގަނޑުމެންގެ ސޯނާގަޑި. ސްކޫލަށް ދާން ތައްޔާރުވުމާއި، އޮފީހަށް ދާން ތައްޔާރުވަނީ އެ ޕްރޮގްރާމްގެ އަލީގައި. އާދެ، ފަތިސް ނަމާދަށްފަހު ގެނެސްދޭ، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ. ބާއްޖަވެރި ހެނދުނަކުން، ޚަބަރު ފީތާއިން، އެހުންތެރިންގެ ހޮވުމުން، އަލީގެ މައްޗަށް އައްޔެއް. ކީރިތި ރަސޫލާގެ ސީރަތާއި، ފިނިމައިޒާނާއި، ޚިޔާލީ ފޮލާއާއި، އެބައުޅޭ އެބައުޅޭއިން ގޮސް، އަދި ގިތެޔޮގުޅިން ނެގި ލޯބި، ހިނިފުޅުވަޑުވައިލުމަށްޓަކައި ޕްރޮގްރާމާއި، މިހެން ގޮސް ދުވަސް ނިމެނީ، ރޭގަނޑުގެ ވަކިވުމުގެ ކުރިން، ޕްރޮގްރާމުން.

މިރޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ، ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްމަރްޙޫމާ ޒާހިދާ އިބްރާހީމަކީ، މި ދެންނެވި ވާހަކަތަކުގެ ރަމްޒެއް.

އެބޭފުޅުންގެ ޚިދުމަތުގެ ދުވަސްތަކަކީ، ރާއްޖޭގެ ހުރިހާ ކަމެއް ފުރޮޅެމުން، ބަދަލުވަމުން އައި ދުވަސްވަރު. އިޖުތިމާޢީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން، އަދި ޞިއްޙީ ދާއިރާއިންނާއިން، ތަޢުލީމީ ދާއިރާއިންވެސް ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ދުވަސްވަރެއް. އެ ބަދަލުތަކަށް ޢާންމު ރައްޔިތުން އަހުލުވެރިކުރުވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، ބްރޯޑްކާސްޓިންގގެ ޚިދުމަތް.

1978 ވަނަ އަހަރުގެ މާރިޗު އޮނަތިރީސް ވަނަ ދުވަހު، ދިވެހިރާއްޖެއަށް ޓީ.ވީ.ގެ ޚިދުމަތް އަލަށް ލިބުނު. އޭރު އަވަށްޓެރި ސިލޯނަށް، ޓީ.ވީ.ގެ ޚިދުމަތެއް ނުލިބޭ. ދިވެހިންނާ، ޓީ.ވީ. ޚިދުމަތާ ގުޅި، ބަދަހިވެދިޔަގޮތް ބޮޑުވެފައި ވަރަށް އަވަސް. ޓީ.ވީ. އިން ގެނެސްދިން މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި، "مُحَمَّدُ رَسُوْلُ اللهِ"، "ހޭޔަންބޯ"، "ސްކޫލް ކުދިންގެ ލަވަ މުބާރާތް"، ފަހުންނަމަ، "މޯލްޑިވިއަން އައިޑޮލް"، "އެހާރާއި މިހާރު" ފަދަ މުހިންމު ޕްރޮގްރާމްތައް އެއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ހުރި ޕްރޮގްރާމްތަކެއް.

އާދެ، ވަރަށް ގިނަ ތަކުލީފާއި ދައްޗާއެކު، ސްކްރީން ރީތިކުރުމަށް، ޓީ.ވީ. މުވައްޒަފުން ކުރި، ބުރަ މަސައްކަތް އަޅުގަނޑަށް އެނގޭ. އަދި މިހާރު، ރާއްޖޭގެ ވަރަށް ގިނަ ޕްރައިވެޓް ޓީ.ވީ. ޗެނަލްތަކުން، އެ ކުރައްވާ ޤައުމީ ޚިދުމަތުގެ އަގު، އަޅުގަނޑު ވަޒަންކުރަން. މުހިންމު ޕްރޮގްރާމްތަކެއް، ޕްރައިވެޓް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުން، ޓެލެކާސްޓް ކުރަމުން ގެންދާކަން އަޅުގަނޑު ފާހަގަކުރަން. އެގޮތުން، ރާއްޖެ ޓީ.ވީ. އިން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ބޭނުންތެރި މަޢުލޫމާތުތަކެއް، ކޮންމެ ދުވަހަކު އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދޭ ޕްރޮގްރާމެއް.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެވޯޑް ފަށައިގަނެވޭ، މި ރަސްމިއްޔާތުގެ ޝުޢޫރު ތަފާތު. މި މަރުޙަލާއަށް އާދެވުނީ ކޮންކަމެއް، ކިހިނެއް ހިނގުމުންތޯ، އެބަ ވިސްނާލެވޭ. އަޅުގަނޑުގެ ނަޒަރުގައި، މިރޭގެ މި ފެށުން ފެށޭ ސަބަބު، ގުޅިފައި ވަނީ އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާ.

އަމިއްލަ މާދަރީ ބަހާއި، އަދަބިއްޔާތުގެ ތަފާތު ބަހާގައި، ދިވެހިންގެ ތޫނުފިލިކަން އަބަދުވެސް ބޮޑު. ބަހަވީ ފަންނުވެރިކަމުގައި، ދިވެހިންގެ ހުނަރު އަބަދުވެސް ބޮޑު. ބުނަން ބޭނުންވާ ވާހަކައާއި، ހާމަކުރަން ބޭނުންވާ އިޙްސާސާއި ޝުޢޫރުގައި، ދިވެހިންނަކީ މިނިވަނުން.

ޅެންފަރިއްސާއި، ބަންޖާއި ރައިވަރާއި، ކާ އިން، ކާބަފައިން ތިބީ ހިތްފުރިފައި. އެއީ، ލިޔެކިޔޭ ކިޔުމާއި، ބޮންތިއާއި، ދެލިގުރާބާއި، ވޮށުފިލާއިން. ލޯމާފާނާއި، ބޮޑުތާހީދާއި، ސިޔަރަތުގެ ބައިތަކުގެ ފުރިހަމަކަން ބޮޑު.

އެހެން ނަމަވެސް، ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ، ބައިނަލްއަޤްވާމީ ގުޅުންތައް، ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުން. އިސް ރަށްވެއްސެއްގެ އުމުރާއި، ޤައުމުގެ މި ދެންނެވި މާޒީއާ ދާދި އެއް އިސްކޮޅު. ފަހުން އަންނާން ފެށި ބަދަލާއެކު ފާހަގަވި އުނިކަމަކީ، ކުރިންވެސް، އަދި ފަހުންވެސް އޮތް އުނިކަމެއް. މި ދެންނެވީ ބްރޯޑްކާސްޓިންގގެ، މުހިއްމު އެއް ދާއިރާ ކަމުގައިވާ، ނޫސްވެރިކަމުގެ މިނިވަންކަން. ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު.

ބަދަލުގެ ރޯޅި، އެއްދިމާއަކަށް ފަހިވީ، ވީބަޔަކު ވަރަށްބޮޑު ޤުރްބާނީއެއް ވެގެން. އެ ރޯޅި އަރާ ފައިބައިގެން ދިޔައިރު، ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައި. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޑިމޮކްރަސީއާއި، އެއްވެ އުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިފައި.

އެދި އެދި ތިބި، ނެތް އެއްޗެއް އަލަށް ލިބުމުން، އެކަމުން އަލާކެނޑެން، ވަގުތު ނަގާނެ. ހަނދި ޙަސަނަށް، މޫދު ހިތަކަށް ލިބުނު ދުވަހުވެސް ވީގޮތް، ކޮންމެ ކަމެއްގައިވެސް ވާނެ.

ކޮންމެ ޤައުމެއް ނަމަވެސް، އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގައި، ހުރިހާ އެންމެންނަށް އޮންނަ އާކަން، ނޫސްވެރިންނަށްވެސް އޮންނާނެ. ސިޔާސީ ޕާޓީތަކާއި، ސަރުކާރު އުފެދުމާއި ނިމުމާ، މިނިވަން މުއައްސަސާތަކުންވެސް އެކަން ފާހަގަވާނެ. މިވަގުތުގެ މަންޒަރު އެންމެ އެއްގޮތްވާނީ، ރޯލު އަވަސްވެފައިވާ، 1940ގެ ކަޅާއި ހުދުގެ ވީޑިއޯ ފިލްމަކާ. 2008ގެ ފަހުން، ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށްފަހު، ކުރިމަތިވި ކަންތައްތަކުން އެކަނިވެސް، މި މަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީ.ވީ. ޗެނަލްގެ ޢިމާރާތް، އަންދާ އަޅިއަށް ހަދާލި. އެތައް ނޫސްވެރިންނަކަށް، ނުރައްކާތެރި ޙާލަތްތަކާ ކުރިމަތިވި. ސިޔާސީ މީހުން ނޫސްވެރިންނަށް، އަދި ނޫސްވެރިން ސިޔާސީ މީހުންނަށް، ބަދަލުވާ އަވަސް މަންޒަރު ފެނޭ.

ބަސް ބުނުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ މުހިއްމު ތަނބެއް. ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެ. ސުވާލަކީ، ވަކި މިންގަނޑެއް، މިކަމުގައި އޮންނަންޖެހޭތޯ ކުރެވޭ ސުވާލު.

ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަންކަމެއް. އެހެނަސް، ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިޙްތިރާމް ކުރެވޭ ޚިޔާލަކަށް. އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ.

ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެ. އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ، ގޯސް ކަމަކަށް ވެގެންނެއް ނޫން. ނަމަވެސް، އެ ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް.

ތިމާގެ ބާރުހުރި އަތް، ހޫރާލުމުގެ ޙައްޤު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ، ރަނގަޅަކަށް ނޫން. ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުމެއްނުވޭ. މިއީ ނޫސްވެރިކަމުގެ އެތިކްސް.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވާ ދުވަހަކީ، މާބޮޑު އުފަލެއް ލިބޭ ދުވަހަކަށް ހަދައިގެން ނުވާނެ. އަވަށްޓެރި ޤައުމަކަށް ކުރިމަތިވި ހިތާމަވެރި ޙާލަތެއް، ތިމާގެ ޤައުމަށް ކުރިމަތިނުވެގެން، ލޮލުފިޔަ ނުޖެހިފައި ތިބެގެން ނުވާނެ. ސަރުކާރާ ޚިޔާލު ތަފާތުވެވިދާނެ. އަޅުގަނޑާ ނުރުހި، އިދިކޮޅުވެސް ވެވިދާނެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް، ޤައުމަކާ ދެކޮޅެއްނުވެވޭނެ. ނެތް ކަމެއް އޮތް ކަމަކަށް، އަދި އޮތް ކަމެއް ނެތް ކަމަކަށް، ހަދައިގެންވެސް ނުވާނެ.

ރާއްޖޭގެ ނޫސްވެރިކަން، އަންނަން އޮތް ޖީލަށް، އަމާނާތްތެރިކަމާއެކު، ރައްދު ކުރެވެންޖެހޭނެ. ރާއްޖޭގެ ގިނަ ނޫސްވެރިން، އެކަމަށް ގަދައަޅައި ކުރައްވާ މަސައްކަތް، އަޅުގަނޑު ފާހަގަކުރަން.
ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ޙަރަކާތްތެރިވާނެ ފުރުޞަތު މިއަދު އެބައޮތް. ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް.

ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ. މާލީ ދަތިކަން ހުރިކަން، އަޅުގަނޑުވެސް ގަބޫލުކުރަން. އެހެން ނަމަވެސް، ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް، ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން، އެ މަންޒަރާއި އަޑު، ޢާއިލީ ސިޓިންގރޫމްތަކަކަށް ނުފެތޭ. އެއްވެސް ޙާލެއްގައި ފިޔަވަޅު އަޅާ ތަޙުޤީޤު ކުރަންޖެހޭ ކަމަކަށް ނުދަންނަވަން. ބޭނުންވާ ތަމްރީނާއި، އެހެނިހެން ފުރުޞަތުގެ ޒަރީޢާއިންވެސް، އިޞްލާޙުވާންޖެހޭ ކަމެއް، އިޞްލާޙު ކުރެވެންޖެހޭ. ވަކިބަޔަކަށްޓަކައެއް ނޫން. މި ޤައުމަށްޓަކައި.

ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ތަމްރީނު، ރާއްޖޭގެ ނޫސްވެރިންނަށް ލިއްބައިދިނުމަށް، އިހުނަށްވުރެ އިތުރަށް، މަސައްކަތް ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. މިކަމުގައި ސަރުކާރާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ދައުރު މުހިއްމު.

ނޫސްވެރިކަމަށް ކުރިމަތިވާ ޤާނޫނީ ހުރަހެއްގެ ގޮތުގައި، ކުރިން އޮތް ޤާނޫނު ނަންބަރު 2016/15 މިހާރަކު ނެތް. އަޅުގަނޑު ސަރުކާރާ ޙަވާލުވެ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އޮތް، އެ ޤާނޫނު އުވާލިން.

މިދިޔަ ޖުލައި މަހު ތަޞްދީޤުކުރި، ހެތްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިޞްލާޙާމެދު މީޑިއާގެ ކަންބޮޑުވުމެއް އެބައޮތް. މިކަމާ ގުޅޭގޮތުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު މަޝްވަރާ ކުރިން. މިކަމުގައި ޙައްލެއް ހޯދުމަށް، އެ ޤާނޫނު އަލުން އިޞްލާޙު ކުރުމަށް، އަޅުގަނޑު މިހުރީ ނިންމައިގެން.

ޚިޔާލު ފާޅުކުރުމާއި، މަޢުލޫމާތު ފެތުރުމަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާބޮޑު. އެއީ ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުން. ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންކަމަށް، ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސީދާކޮށްދިނުން. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތާރީޚުންވެސް ސާބިތުކޮށްދެނީ އެ ޙަޤީޤަތް.

ދިވެހި ނޫސްވެރިންނަށް ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރައްވާށި. ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވާށި. ދިވެހިރާއްޖެއަށް ނަޞްރާއި ނަޞީބާއި، ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
____________________________