بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، ކައުންސިލްތަކުގެ ރައީސުން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. ތަމްސީލު ކުރައްވާ ރައީސުން އަދި މެންބަރުން، ކުންފުނިތަކުގެ އިސްވެރިން، އެމް.އެން.ޑީ.އެފް. އާއި ޕޮލިސްގެ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އާދެ، މިކަމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވި އައި.އާރު.އައި، އަދި ޔޫ.އެސް.އެއިޑް، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑު ހަނދާނެއް ނުނެތޭ އެލް.ޖީ.އޭ.ގެ ދައުރު މިކަމުގައި. އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. އަފްޝަން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސް ނިމުމަކާ ހިސާބަށް މިއަދު މިއައީ. އުކުޅަހުން ގަމަށް މިކުރި ދަތުރުގައި، އަޅުގަނޑު ހިތުން ރަނގަޅު ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ހާސިލު ކުރެވިއްޖެ. ހުކުރު ދުވަހުގެ ހަވީރު އަޅުގަނޑުމެން މި ފެށި މަސައްކަތް މިއަދު ނިންމާލާއިރުގައި، އެ ދުވަހުގެ ކުޅިވަރުގެ ޙަރަކާތްތަކުގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން އެ ދެއްކެވި އެކުވެރިކަމާއި ބައިވެރިވުމާ އެކީގައި، މިއަދު ނިމެމުންދާއިރުގައިވެސް އެކަން އަޅުގަނޑަށް މިތަނުން ފާހަގަވެގެންދޭ. އެ ދުވަހުގެ އެ ކުޅިވަރުގެ ޙަރަކާތްތަކުގައި ތަފާތު ހުނަރުތައް ޢަމްރޫމެންފަދަ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަތަން އަޅުގަނޑު ފާހަގަކޮށްލަން.

ހަމައެއާއެކު، މިއަދުގެއާއި އިއްޔެގެ އެކި ބަޙުޘްތަކުގައި ތަފާތު ކައުންސިލަރުން އަޅުގަނޑު މި ދެންނެވީ ރީނދޫ ކުލައާއި، ވައިލެޓް ކުލައާއި، ރަތް ކުލައާއި، ވަކި ކުލައަކަށް ހިމެނިވަޑައިނުގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެން، އެ ފާޅުކުރެއްވި ޚިޔާލުތައް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ.

އާދެ، މި ކޮންފަރެންސްގައި، މި ބައްދަލުވުމުގައި މުހިންމު ވާހަކަތަކެއް ދެކެވިއްޖެ. މިންތީގެ ހަމަހަމަކަމާ ބެހޭގޮތުން ފުރަތަމަ ސެޝަންގައި އަޅުގަނޑުމެން މަޝްވަރާ ކުރިން. ބިނާވެށި ޕްލޭނާ ބެހޭގޮތުން ވާހަކަ ދެކެވުނު. މާލީގޮތުން ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ. ބާރުވެރިކުރުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިއްޖެ. ވިލުންތެރި މުޖުތަމަޢެއް، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ގެއްލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރެވިއްޖެ. އަދި އޭގެއިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ތިޔަބޭފުޅުންނާ ޙިއްޞާ ކުރެވިއްޖެ. ކުންފުނިތަކާ އެކުގައި ބައްދަލުވުން ވަކިން ބޭއްވިއްޖެ. އަޅުގަނޑު ހިތުން މިއިން ކޮންމެ ބައްދަލުވުމެއްގައި ރަށު ފެންވަރުގައި ހުރި މައްސަލަތަކާއި، އަތޮޅު ފެންވަރުގައި ހުރި މައްސަލަތަކާ ބެހޭގޮތުން ވަރަށް ރަނގަޅަށް ވާހަކަ ދެކެވިއްޖެ.

ޑަބްލިޔޫ.ޑީ.ސީ.ގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ ބެހޭގޮތުން އެ ދެކެވުނު ވާހަކަތަކުގައި އަޅުގަނޑު ހިތުން ބުރަދަނެއް އެބަހުރި. މިހާރު މިއޮތްގޮތަށް ކުރިއަށްދާއިރުގައި، ދިމާވާ އެންމެބޮޑު ދައްޗެއް ކަމަށް އެބޭފުޅުން މި ފާހަގަކުރައްވަނީ، ބަޖެޓުގެ ދަތިކަން. ހަމައެއާއެކުގައި، މަސައްކަތް ކުރާނެ ރަނގަޅު މާޙައުލެއް ނެތުމުގެ ވާހަކަ. އޭގެއިތުރުން، ޕާޓްޓައިމް ތަނެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުމުން، ކުރިމަތިވާ ބައެއް އުނދަގޫތަކާއި ދަތިތައް ހުރި ވާހަކަ. މިސާލަކަށް ދަންނަވަނީނަމަ، ރަމަޟާން މަހުގެ ޢިނާޔަތް ނުލިބުމާއި، މެޓަރނިޓީ ލީވް އެބޭފުޅުންނަށް ހަމަނުޖެހުމުގެ ވާހަކައާއި، ކައުންސިލްތަކުން ބަޖެޓް ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ ދެކެވުނު. ތަފާތު ޚިޔާލުތައް އަތުވެއްޖެ.

އަޅުގަނޑަކަށް ނުފެނޭ، ޑަބްލިޔޫ.ޑީ.ސީ އުވާލާފައި ކައުންސިލާ އެކީގައި އެއްކޮށްލަންޖެހޭ ހިސާބަށް އަދި ދިޔަކަމަކަށެއް. އަޅުގަނޑަށް ފެންނަނީ މިހާރު މިއޮތްގޮތަށް ކުރިއަށް އަދި ގެންދެވޭތޯ މަސައްކަތް ކުރަން. އެގޮތުން، އެންމެ ފުރަތަމަ އަޅުގަނޑު ހިތުން ކުރަންވީ ކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުން. އަޅުގަނޑު ހިތުން ވަރަށްބޮޑު ޙައްލެއް އޭރަށް އަންނާނެ. ގިނަ ކައުންސިލްތަކުން އަޅުގަނޑު ހިތުން އެބަ ފޯރުކޮށްދޭ. ޚާއްޞަކޮށް، އަޅުގަނޑަށް ރޭގައި އެއް މޭޒެއްގައި ކެއުމުގައި އައްޑޫސިޓީގެ މޭޔަރާއި ފުވައްމުލައް ސިޓީގެ މޭޔަރާ އެކީގައި ވާހަކަ ދައްކާލަން ފުރުޞަތު ލިބުނު. އެބޭފުޅުންގެ ވާހަކައިގައި ވަރަށްބޮޑު އެހީތެރިކަމެއް، ވަރަށްބޮޑު ބޭނުންތަކެއް ފުދިގެންދާކަން ފާހަގަކުރެއްވި ޑަބްލިޔޫ.ޑީ.ސީ. މިހާރު އޮތްގޮތަށް އޮވެ މަސައްކަތް ކުރީމަ.

އަޅުގަނޑުމެން ކުރަންވީ ކަމަކީ، މި ދެންނެވި ގޮތަށް މާލީގޮތުން ހުރި ދަތިތައް ޙައްލުކޮށްދީ، މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުން. އެއާއެކީގައި، ފުލްޓައިމްކޮށް ތިބި ބަޔަކު އިންތިޚާބު ކުރެވޭ ތަނަކަށް ހެދުމާ ދޭތެރޭގައި ވިސްނުން ގެންގުޅެން އަޅުގަނޑަށް ފެނޭ. އެހެން ނޫނީވިއްޔާ، އެބޭފުޅުން އެ ވިދާޅުވި ފަދައިން، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވަމުން، ވަޑައިގެން އޭގައި ސޮއިކޮށްލާފައި، އެ ނަންގަވާ ޢިނާޔަތް ލިބުމުން، ދެން ތިބި މެންބަރުންނާ ދޭތެރޭ ކުޑަ ތަފާތެއް އަންނަކަން މި ފާހަގަވެގެންދަނީ. އެހެންވީމާ، އެއީ ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްތޯ ބެއްލެވުމަށްފަހުގައި، އެކަން ޙައްލުކުރުމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަން.

ބިނާވެށި ޕްލޭން، ލޭންޑްޔޫސް ޕްލޭން އެއީ، އުކުޅަހުގައި އޮތް އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ. އެހެން ނަމަވެސް، މިއަދު މި ބައްދަލުވުން ނިމިގެންދާއިރުގައި، އަޅުގަނޑު ހިތުން މިއޮތީ މިއަށް ވަރަށް ރަނގަޅު ޙައްލެއް ގެނެވިފައި. އުކުޅަހުގައި އެ ނިންމި ނިންމުމާ އެކީގައި ޕްލޭންތައް ހެދުމުގެ މަސައްކަތް ކައުންސިލްތަކުން ކުރައްވަމުން އެބަ ގެންދަވާ. ދެން އޮތީ ހުއްދަ ދިނުމުގައި ގެންގުޅޭނެ އަވަސް ގޮތްތަކެއް ހޯދުން. އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިއްޖެ، ކޮންޑިޝަނަލް އެޕްރޫވަލްއެއް ދިނުމަށް. ބައިބައި ވަކިން ހުއްދަ ދޭކަހަލަ ގޮތަކަށް ހަމަޖެހިގެންދިޔުން. މިހާރުވެސް ޓޫރިޒަމް ސެކްޓަރަށް، ޓޫރިޒަމް ޤާނޫނުގެ ދަށުން ރަށްރަށުން އެ ކަނޑައަޅާ ބަޔަށް، ސެކްޓަރަށް ހުއްދަ ލިބޭގޮތަށް އަޅުގަނޑުމެން މިހާރުވާނީ ބަދަލުކޮށްފައި. އެހެންވީމާ، އަޅުގަނޑު ހިތުން އުކުޅަހުގައި އެންމެ ކުރީގައި އޮތް އެ މައްސަލައަށް މި ކޮންފަރެންސް ނިމިގެންދާއިރުގައި، ރަނގަޅު ބަދަލުތަކެއް ގެނެވޭނެ.

މާލީގޮތުން ބާރުވެރިކުރުވުން މިއީ އެންމެބޮޑު މައްސަލަ. އެންމެ މުހިންމު ކަންތައް. ފުރަތަމަ ވިސްނަންޖެހޭ ކަމަކީ، ކޮންމެ ރައްޔިތަކަށްވީތީ، ވަކި ތަފާތެއްނެތި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން. އެއީ، ކޮންމެ ރަށެއްގައި އުޅުނަސް، ކޮންމެ ސިޓީއެއްގައި އުޅުނަސް، ކޮންމެ ގެއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ. ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އެކަމަށް. އޭގެތެރޭގައި، ފެނާއި ނަރުދަމާ ހަމަހަމަކޮށް ލިބުން. ދަރިންނަށް ތަޢުލީމު ލިބޭނެގޮތް ހަމަޖައްސައިދިނުން. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން. އެއަށްފަހުގައި، ދެންހުރި ކަންތައްތައް ތަރުތީބުވާންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ.

ދެން އޭގެއިތުރުން، އަޅުގަނޑުމެން އިސްކަންދޭންޖެހޭނީ، އެ އުފެދިފައި އޮންނަ ގޮތުން ކުޑަރަށަކާއި، ބޮޑު ރަށަކާ ދޭތެރޭގައި ނޫނީވިއްޔާ ޤުދުރަތީ ގޮތުން އެހުރި މައްސަލަތައް ޙައްލު ކުރުމަށް ތަފާތުކުރަންޖެހޭ ތަފާތުކުރުންތައްކޮށް، ދޭންޖެހޭ ބަޖެޓް ސަޕޯޓްދީ، އިތުރުކުރަންޖެހޭ ކަންކަން އިތުރުކުރުމަށް. މިގޮތުން ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރެވިގެންދިޔައީ. އަޅުގަނޑު ހިތުން މި ބަދަލު އަޅުގަނޑުމެން ގެންނަންޖެހޭނެ. ކޮންމެ ރަށަކަށް ހަމަހަމަކޮށް އެއްގޮތަކަށެއް އެ ފައިސާއެއް ދިނުން އެއީ، އަޅުގަނޑު ހިތުން އިންޞާފަކަށް ނުވެދާނެ. ޤުދުރަތީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ރަށްރަށް އެބަހުރި. ލަފާފުރުމުގެ ދަތިކަން ހުރި، މައްސަލަ ހުރި ރަށްރަށް އެބަހުރި. ޗަސްބިން އޮތް ރަށްރަށް އެބަހުރި. ގޯތިދިނުމާއި އެހެން ކަންކަން ކުރުމުގައި ހުރި ދަތިތައް.

އެހެންވީމާ، މިކަމަށް ވިސްނައިގެން ގްރާންޓް ކަނޑައެޅުމުގައި ގޮތްތަކެއް ހޯދަން އަޅުގަނޑަށް ފެނޭ. ސިޓީތަކަށް ފައިސާ ބެހުމުގައިވެސް އެބަޖެހޭ ވިސްނުންތަކެއް ގެންގުޅެން. ހުށަހެޅިގެންދިޔަ، މާލޭސިޓީ ވަކިކޮށްފައި، ދެންހުރި ސިޓީތަކަށް ވަކިގޮތަކަށް އެ ފައިސާ ބެހުމުގައި އުޞޫލެއް ކަނޑައެޅުމަށް. އަޅުގަނޑު ހިތުން ހަމަ ރަނގަޅު ވިސްނުމަކަށްވާނެ. އެއާއެކީގައި ސިޓީގެ ގޮތުގައި ހުރި ވަކިވަކި ރަށްރަށާއި، ގިނަ ރަށްތަކެއް އެކުވެގެން ހެދޭ ސިޓީތަކާވެސް ތަފާތުތަކެއް ގެންގުޅެންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

އެހެންވީމާ، އަޅުގަނޑު ހިތުން ސިޓީތަކަށް މިހާރު އޮތީ 20 ޕަސެންޓް ކަންނޭނގެ ގްރާންޓްގެ. އަޅުގަނޑަށް ނޯޓްކުރެވިފައެއް ނެތް. އެ ދޭއިރުގައި މިބައިވެސް އަޅުގަނޑު ހިތުން އަދި ބައިކޮށްލަންވީ. ބައިކޮށްލާފައި މާލެއަށް ވަކިގޮތެއް، ވަކިން އޮންނަ ސިޓީތަކަށް ވަކިގޮތެއް، ގިނަ ރަށްތައް އެކުލެވިގެން އޮންނަ ސިޓީތަކަށް ވަކިގޮތެއް ހެދުމަކީ ރަނގަޅު ގޮތަކަށް ވެދާނެ. އަޅުގަނޑު ހިތުން މިހާރު އައްޑޫސިޓީ އެކަނި އެގޮތަށް މިއޮތީ. ބައިވަރު ރަށްތަކެއް އެކުވެގެން އުފެދިފައި އޮތް.

ރަށު ކައުންސިލާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ވާހަކަ އައި. މިހާރު ޤާނޫނުގައި އޮތް ގޮތުން މިއޮތީ ރަށު ކައުންސިލްގެ އިޚްތިޞާޞް ކަނޑައެޅިފައި. އަތޮޅުތަކުގެ ނެތް. އެކަމަކު ރާއްޖެ އުފެދިފައި މި އޮތްގޮތުން އަޅުގަނޑަކަށް ހިއެއްނުވޭ އަތޮޅުތައް ބާކީއެއް ކުރެވޭނެހެނެއް. އެއީ ޒަމާނުއްސުރެ ރާއްޖެ ބައިކުރެވިފައި އޮތްގޮތް. ވަކިވަކި ދާއިރާތަކެއް އެބަހުރި. އެހެންވީމާ، އަތޮޅުތަކަށް އަޅުގަނޑުމެންނަށް އިޚްތިޞާޞެއް ކަނޑަނޭޅުނަސް، އެ އުވިގެން ނުދާނެގޮތަށް އަޅުގަނޑުމެންގެ އުޞޫލުތަކާއި ޕްލޭންތައް ރާވަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ، ޤުދުރަތީ ގޮތުން އަޅުގަނޑުމެން އުފެދިފައި އޮތްގޮތް. އެ ބަދަލުކުރަން އުޅޭކަށް އަޅުގަނޑަކަށް ނުފެނޭ.

ގްރާންޓް އެއިޑް ފިނޭންސް މިނިސްޓްރީން ދޫކުރުމުގައި މަހުން މަހަށް ފައިސާ ދޫކުރުމުގެ ބަދަލުގައި، ކައުންސިލްތަކަށް ކުއާރޓަރލީކޮށް އެ ފައިސާ ދޫކުރުން އެއީ، ފަސޭހަ ގޮތަކަށް ވެދާނެ ކަމަށް ކައުންސިލްތަކުން ހުށަހެޅި. އަޅުގަނޑު ހިތުން އެއަށް ޕޮޒިޓިވް ޖަވާބެއް ފިނޭންސް މިނިސްޓަރު މިއަދުގެ ޕެނަލްގައި ދެއްވާފައި ވަނީ. ކުރިއަށް އޮތް އަހަރުގައި ބަޖެޓު ދެމުން ގެންދާއިރުގައި އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ބަދަލުކުރާނެ ވާހަކަ ދަންނަވަން.

އަތޮޅުފިހާރަތައް ޑިވެލޮޕް ކުރުމުގެ ވާހަކަ ގެނެވުނު. މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއިރުގައި، މުޅި އެ ސަރަޙައްދު ތަރައްޤީ ކުރުމުގެ ޕްލޭނެއް މިނިސްޓަރ އަސްލަމް އެބަ ގެންގުޅުއްވާ. އޭގެތެރޭގައި ބޮޑު ތަރައްޤީއެއް، ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ޑިވެލޮޕް ކުރެވިގެންދާނެ. އެހެން ނަމަވެސް، މިހާރު އެ އޮތްގޮތަށް އޭގެ މަންފާ، އަޅުގަނޑު ހިތުން ލިބެންވާނީ އެ އަތޮޅު ކައުންސިލަކަށް، ސަރުކާރަށް ނުނަގާހާހިނދަކު. އަޅުގަނޑު ހިތުން އެ ނެގުން އެއީ ރަނގަޅު ކަމެއް ނޫން. އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުން އެއީ، އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ.

ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނެގުމުގެ ވާހަކަ އައި. އަޅުގަނޑަކަށް ނުފެނޭ އެކަން ކުރާކަށެއް. އަޅުގަނޑަށް ފެންނަނީ، މިހާރު އޮތްގޮތަށް ތިޔަބޭފުޅުންނަށް ދެއްވެން އޮތިއްޔާ ވީހާވެސް ފަސޭހައިން ޔުޓިލިޓީ ކުންފުނިތަކަށް ބިން ދޫކުރުން. އެކަމަކު ޚިދުމަތްތައް ރަނގަޅަށް ދެއްވަންވާނެ. އަދި ޑިސްކައުންޓް ދޭންޖެހޭ ޚާއްޞަ ޚިދުމަތްތަކަށް، ފެނަކައިންނާއި ސްޓެލްކޯއިންނާއި އަދި އެހެން ކުންފުނިތަކުންނާއި، ޚިދުމަތްދޭ ކުންފުނިތަކުން ލުއި ގޮތްތަކެއް ހަމަޖައްސަވައި އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މިއަދުގެ އެންމެފަހު ސެޝަންގައި ވިލުންތެރި ރާއްޖެއަށް ތިމާވެށްޓާ ބެހޭގޮތުން މިނިސްޓަރ ޝައުނާ އެ ހުށަހެޅުއްވީ އަޅުގަނޑުމެންގެ ޕްލޭން އޮތްގޮތް. އޭގެތެރޭގައި، ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތަކެއް ހުރިކަމާއި، ކުނި މެނޭޖް ކުރުމާއި، މިހެންގޮސް ސޯލަރ ހަކަތައަށް ބަދަލުކުރުމާ، މި ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ރާވާފައި އޮތް ޕްލޭންތައް އެ ޙިއްޞާ ކުރެއްވީ. އަދި އެއާއެކީގައި ކުނި މެނޭޖް ކުރުމަށްޓަކައި، ކުނި ނައްތާލުމަށްޓަކައި ގްރީން ޓެކްސްގެ ތެރެއިން، ވަކި ޕަސެންޓެއް މި އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދެއްވާނެ ކަމަށް އެ ވިދާޅުވީ. އަޅުގަނޑު ހިތުން އެއީ، ތިޔަބޭފުޅުންގެ އެދިވަޑައިގަތުމެއް. މީގެކުރީގެ ސެޝަންތަކުގައި އެކަން ހުށަހަޅުއްވާފައި އޮތީ. އަޅުގަނޑު ހިތުން ރަށްރަށުގެ ކުނި މެނޭޖް ކުރުމުގައި މިކަމުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.

ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ތިން ކަންތަކުގެ ވާހަކަ އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ އޯޕަނިންގ ސްޕީޗްގައި. އެއީ، މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގް ކުށްތަކުގެ ވާހަކައާއި، ހަރުކަށި ފިކުރުގެ ވާހަކަ. މި ކަންތައްތަކާ ބެހޭގޮތުން އެމް.އެން.ޑީ.އެފް. އިންނާއި ޕޮލިހުން ކަންތައް ކުރަމުން ގެންދާގޮތް، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް އެ ބޭފުޅުން ހާމަކުރެއްވި. ރާއްޖޭގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހުރަސްކުރުމަށްޓަކައި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ޙިއްޞާ ކުރެއްވީ. ކައުންސިލް ފެންވަރުގައި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މީގެ މިސާލެއް، އެއޮތީ ގެމަނަފުށިން ފެންނަން. އެ މިސާލު ތިޔަބޭފުޅުން ނަންގަވައިގެން، ޕޮލިސްއާ އެކީގައި މަސައްކަތްތަކެއް މިއަދުން ފެށިގެން ކުރައްވަން ފަށްޓަވާ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ. އަރައިގަނެވޭނީ މި ދެންނެވިހެން ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކާއި އަދި އަމިއްލަ ފަރުދުންގެ ފެންވަރުގައި މިކަމުގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރެވިގެން.

ކުންފުނިތަކާއެކު ބައްދަލުކުރެވިއްޖެ. އެސް.ޓީ.އޯ، އެއީ ރަށްރަށުގައި ވަރަށްބޮޑު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއް. ފެނަކަ، އެމް.ޓީ.ސީ.ސީ. އާރު.ޑީ.ސީ. އައިލެންޑް އޭވިއޭޝަން، އެގްރޯ ކޯޕަރޭޝަން، އެސް.އެމް.އީ. ބޭންކް އަދި ބީ.ސީ.ސީ. މި ހުރިހާ ކުންފުނިތަކާ އެކީގައި މަޝްވަރާ ކުރެވިއްޖެ. ރަށްރަށުން ދަތިނުވެ ބޭސް ލިބޭނެގޮތް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް. އެސް.ޓީ.އޯ.ގެ ފާމަސީތައް ރަށްރަށުގައި މިހާރު އެބަހުރި. އަޅުގަނޑު ހިތުން މިހާރަށްވުރެ ރަނގަޅަށް އެ މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ކޮންމެ ރަށަކުން ނޫނަސް، ވަރަށް ގިނަ ރަށްރަށުން މި ޝަކުވާ އާދޭ. އެހެންވީމާ، މިއަށްވުރެ ކައިރިން ބައްލަވައިގެން، ރަށްރަށުން ފަސޭހައިން ބޭސް ލިބޭނެގޮތެއް ފޯރުކޮށްދޭން އެބަޖެހޭ.

ފެނަކައިން ކުރައްވަމުން އެ ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް. އަޅުގަނޑު ފަށަމުން ދެންނެވި ފަދައިން، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ރާއްޖޭގެ ރަށްރަށުގެ 70 ޕަސެންޓަށް އޮތީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި. ބޯފެން ރަނގަޅަށް ނުލިބި. އެހެން ނަމަވެސް، އަމާޒަކީ އަޅުގަނޑުމެންގެ މި ދައުރު ނިމޭއިރުގައި، ހުރިހާ ރަށަކަށް އެ ޚިދުމަތް ދިނުން. އޭގެ ޕްރޮޖެކްޓްތައް އެބަ ހިނގާ، އެކި ކުންފުނިތަކާ ހަވާލުކޮށްގެން.

މަޝްރޫޢުތައް ނިމުމަށްފަހުގައި، ޚިދުމަތް ދޭން ޙަވާލުކުރާނީ ފެނަކައާ. ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެ. އަގުވެސް ވާންޖެހޭނީ އަތްފޯރާފަށުގައި ހުރި އަގަކަށް. ފެނަކައިގެ ވިޔަފާރި ޕްލޭން އެގޮތަށް ބައްޓަން ކުރުން އަޅުގަނޑު އެދެނީ. ފެނަކައަކީ އަސާސީ ޚިދުމަތެއްދޭ ތަނެއްގެ ގޮތުގައި ދެކި، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށް ދެކިވަޑައިގެން އެކަން ކުރިއަށް ގެންދެވުން އަޅުގަނޑު އެދެން.

އެމް.ޓީ.ސީ.ސީ. ވަރަށްބޮޑު މަސައްކަތެއް ކުރައްވަނީ. ބަނދަރުތައް ހެދުން އަދި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވައިލުމުގެ މުހިންމު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އަދި ރަށްރަށުގައި ބަސްދަތުރުތައްވެސް ކުރައްވަމުން އެބަ ގެންދަވާ.

މާލޭ ސިޓީގައި ދާދިފަހުން އަޅުގަނޑުމެން ޓްރައަލް ބަސް ދަތުރުތައް އެ ފެށީ. ކައުންސިލްތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުން. އަދި މާލޭގެ މަގު ހެދުންވެސް އާރު.ޑީ.ސީ. އިން ފަށައިގެން އެބަ ގެންދޭ. ކައުންސިލްތަކާ ވަރަށް ބޮޑަށް ގުޅިފައި ހުރި މަސައްކަތެއް. ފަށައިގެންއިރުގައި މާލޭ ސިޓީގެ އެހީތެރިކަމެއް އެހާ ރަނގަޅަކަށް ނުލިބޭ އަޅުގަނޑުމެންނަކަށް. އެހެން ނަމަވެސް، މިގޮތަށް މަޝްވަރާ ކުރެވި، އެއް ތަނެއްގައި ތިބެގެން ވާހަކަ ދެއްކިގެން، މި ދެ މަޝްރޫޢު މާލޭގައި ހިންގުމުގައި ކައުންސިލްގެ އެހީތެރިކަން މިހާރު ލިބޭކަން އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑަށް އެނގޭ އެކިއެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން މިތާ ތިއްބަވާނެ. އެހެން ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދެއްވައި، އެއީ ރައްޔިތުންގެ ރަށުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުން އަޅުގަނޑު މިއަދު އެދޭ އެދުމެއް.

އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ދޭ އެހީއާއި، ފޯރުކޮށްދޭ ކަންތައްތަކުގެ ވާހަކަ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެ ޙިއްޞާ ކުރެއްވީ. އަދި ގެވެށި އަނިޔާ ނައްތާލުމަށްޓަކައި ރަށްރަށުގެ ފެންވަރުގައި ކުރަން ރާވާފައި ހުރި މަސައްކަތްތަކުގެ ތަފްޞީލުވެސް ދެއްވައިފި. މިކަމުގައިވެސް ކައުންސިލްތަކުގެ އެހީތެރިކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ ދަންނަވަން.

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ޢިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ، ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

މާލެއަށް ހިޖުރަކުރާ މީހުން މަދުނުވާ ވާހަކަ އެބަ ފެނޭ ހެޑްލައިންތަކުން. ތެދެއް އަދިއެއް ނުވޭ މަދެއް. މަދުނުވާ ސަބަބު އެނގޭ އަޅުގަނޑަށްވެސް. ކޮންމެ ކަމެއް ކުރަން ޖެހުނަސް، ކޮންމެ ބޭނުމެއްގައިވެސް އަދިވެސް ދާން މިޖެހެނީ މާލެއަށް. އެކަން ބަދަލުކުރެވޭނީ ރަށްރަށުގައި މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދެވިގެން. ރައްޔިތުންނަށް ޔަޤީންކަން އޮންނަން އެބަޖެހޭ، ރަށުގައި ހުރެގެން ތިމަންނާއަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ. ފެނާއި ނަރުދަމާ ހިސާބުން ފެށިޔަސް،
އެ ޔަޤީންކަން ކޮންމެ ރަށެއްގައި އޮންނަން އެބަޖެހޭ. ދަރިފުޅަށް ތަޢުލީމު ދެވޭނެކަމުގެ ޔަޤީންކަން އޮންނަންޖެހޭ. ޞިއްޙީ ޚިދުމަތް ކައިރިން ލިބޭނެކަމުގެ ޔަޤީންކަން އޮންނަންޖެހޭނެ. ކައިރިން ވަޒީފާ ހޯދެންޖެހޭނެ. މިއީ ބުރަ މަސައްކަތެއް. ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއް. ސަރުކާރުގެ ބަޖެޓުތައް މިދިޔަ ދެތިން އަހަރު ބޮޑުވާ ވާހަކަ ދައްކާނެ. ރަނގަޅު. އަޅުގަނޑުމެންނަށް އެއްފަހަރާ މި ހުރިހާ ކަމެއް ކުރަން ޖެހުނީމާ، ޕްރޮޖެކްޓްތައް ހިންގަން ޖެހުނީމާ ޚަރަދުތައް ބޮޑުވާނެ. އެހެން ނަމަވެސް، މި ރާއްޖެއަށް އަދި ޚާއްޞަކޮށް މާލެއަށް މިއޮތް ތޮއްޖެހުން ދުރު ރާސްތާގައި ކުޑަވެގެން އަންނާނީ މި ކަންތައްތައް ކޮށްގެން. އެހެންވީމާ، މި ސަރުކާރުގެ ޕްލޭނަކީ ހަމަ މި ޖަޒީރާ ތަރައްޤީގައި މިގޮތަށް ރަށްރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުން.

މިތާ ތިއްބަވާނެ ބައްޕަމެން، ކާފަމެން ދިރިއުޅުނުގޮތް ހަނދާން ހުންނާނެ ބައެއް ޢާއިލާތައް. މި ސަރަޙައްދަށް ބެއްޔަސް ފުދުންތެރި ދިރިއުޅުމެއް އުޅުނު ރަށްރަށް އެބަހުރި، އައްޑޫސިޓީ، ފުވައްމުލައް، ތިނަދޫ މިހެންގޮސް ހަމައެކަނި މި ސަރަޙައްދަށް ބެއްޔަސް. ސީދާ އެ ރަށަކުން ކޮޅުނބަށް އިންޑިޔާއަށް ދަތުރުކޮށް މުދާ ގެނެސް، މުދާ ވިއްކައި، ހަމަޖެހޭ ދިރިއުޅުމެއް، ރަނގަޅު އިޤްތިޞާދެއް އެ ރަށެއްގައި އުފައްދައި ކުރިއަށްދިޔަ ރަށްރަށް އެބަހުރި. އެހެން ނަމަވެސް، އޭރުގެ ސަރުކާރުން، މީގެކުރީގައި އޮތް ސަރުކާރުތަކުން، ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، ސިޔާސަތުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން މާލެއަށް ދާން މަޖުބޫރުވެފައި މިއޮތީ. މިއީ މިވަގުތު އެހާ ބޮޑަށް ޑިބޭޓަކަށް ދާން ބޭނުން ވާހަކައެއް ނޫން. އަޅުގަނޑު ބޭނުންވަނީ، މިހެންހުރި ކަންތައްތައް ރަނގަޅު ކުރަން. ރަނގަޅުކޮށް، ރަށްފުށުގެ ތަނަވަސް ދިރިއުޅުން އަލުން އަނބުރާ އިޢާދަކުރަން.

ދެން އަޅުގަނޑުމެން ދަތުރުހިފާނީ އެންމެ އުތުރަށް. ކުޅުދުއްފުށި ސިޓީއާއި، އެންމެ އުތުރުގެ އަތޮޅުތަކާ އެކީގައި އިރާދަކުރެއްވިއްޔާ، މިފަދަ ކޮންފަރެންސެއް، ރާއްޖޭގެ ހަތަރުވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހުގެ ތެރޭގައި މިކަމަށް އަޅުގަނޑުމެންނަށް ތައްޔާރުވެވި، ހަމަ މިފަދަ، މިއަށްވުރެ ރަނގަޅު ބައްދަލުވުމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބާއްވާނަން. އަދި މިވޭތުވެދިޔަ ތިން ކޮންފަރެންސުން އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި އަޅުގަނޑަށް އެބަ ފެނޭ، އަދިވެސް މިއަށް އިތުރުކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރިކަން. އަދި އިތުރަށް ވަގުތުވެސް ބޭނުންވާނެ. ބައެއްކަހަލަ އިޝޫތަކުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވި، ޚިޔާލުފާޅުކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އަޅުގަނޑުމެންނަށް ފުރުޞަތުވެސް ނުދެވުނު. އެހެން ނަމަވެސް، މި ހުރިހާ ކަމެއްގެ އަލީގައި އިރާދަކުރެއްވިއްޔާ ދެން އަންނަ ބައްދަލުވުމެއް މިއަށްވުރެ ފުރިހަމަކޮށް ބޭއްވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ނިންމާލުމުގެ ކުރިން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިފަދަ ބައްދަލުވުމެއް މިގޮތަށް ރަށެއްގައި ބޭއްވޭނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެން. ލ. އަތޮޅު ކައުންސިލާއި، ލ. ގަން ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން އަދި ލ. ފޮނަދޫ ކައުންސިލާއި، ފޮނަދޫގެ ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން ދެއްވި މެހްމާންދާރީއާއި، އެ ދެއްވި އެހީތެރިކަމަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން.

ފުލުހުންނާއި ސިފައިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ. އެކަމަށްޓަކައި އެ ދެ މުއައްސަސާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެމް.ޓީ.ސީ.ސީ، ފެނަކަ، އާރު.ޑީ.ސީ، އައިލެންޑް އޭވިއޭޝަން، އެމް.ޑަބްލިޔޫ.އެސް.އީ.ގެ ފަރާތުން ކުރި މަސައްކަތްވެސް އަޅުގަނޑު ފާހަގަކުރަން. އަދި ޕްލޭނިންގ މިނިސްޓްރީގެ ޕަބްލިކް ސަރވިސްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، މި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން. އައި.އާރު.އައި، އަދި ޔޫ.އެސް.އެއިޑާއި، ޔޫ.އެން.ޑީ.ޕީ. އިން މި ކޮންފަރެންސް ބޭއްވުމަށް ވެދެއްވި އެހީތެރިކަމަށްޓަކައި އަދިވެސް އެއްފަހަރު އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. އާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ހަނދާނެއްނުނެތޭ. އެބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން. މިކޮންފަރެންސް އިންތިޒާމު ކުރުމުގައި ރައީސް އޮފީހުގެ ފަރާތުން ޕޮލިސީ އޮފީހާއި، ކޮމިއުނިކޭޝަންސް އޮފީހާއި، ސެކްރެޓޭރިއަޓް އޮފް ދަ ޕްރެޒިޑެންޓުން ކޮށްފައިވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް.