بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެލް.ޖީ.އޭ. ބޯޑުގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. ފާޠިމަތު އަފްޝަން ލަޠީފް، ޔޫ.އެސް. އެމްބަސީ، ޔޫ.އެން.ޑީ.ޕީ. އަދި އައި.އާރު.އައި.ގެ އިސްވެރިން، މި ކޮންފަރެންސް، އެބަޔަކަށް ޚާއްޞަވާ ރާއްޖޭގެ ކައުންސިލްތަކުގެ ރައީސުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ހިލާ ޢަމުދުން ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށްވެސް ލިބިއްޖެ. މިއަދުގެ މި އިޙްތިފާލާ ހަމައިން އަޅުގަނޑަށް ފެންނަ އެންމެބޮޑު އެއް ކާމިޔާބީއަކީ އެއީ. މި ކޮންފަރެންސް މި ބޭއްވެނީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކުރެވިގެން ހައްދުންމަތީ ގަމުގައި. އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، ވަރަށްބޮޑު ތަފާތެއް މިހާރު ފެނޭ. ދިމާ ދޮރުމަތިން ތިމާ ގޭ ހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން އަދި މުޅި ރާއްޖެއިންވެސް މިހާރު މި ދެންނެވި ބަދަލު ފެންނާނެ. އަތްލެވޭނެ، ބެލޭނެ.

ލާމަރުކަޒީ ނިޒާމަކީ، މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެބޮޑު އިދާރީ ބަދަލު. މިއިން އަތޮޅެއް، ރަށެއްގައި މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއްޖެހީ މަރުކަޒީކޮށް، މި ރަށްތައް ގުޑިނުލެވޭވަރުކޮށްފައި. އެހެން ނަމަވެސް، މިހާރު މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ އެ ރަށަކަށްޓަކައި ކުރާ ކަމެއް. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކި ތަފާތެއް ނެތް.

މި ހިނގާ ކޮންމެ ސިޔާސަތަކީ، ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްޤީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު އިޚްތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއި، ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުން. އެ ރަށުގައި ނެތް، މި ރަށުގައި ހުރި ކިތަންމެ ފުރުޞަތަކާއި، ޚިދުމަތަކާއި، ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި. މީގެ ކޮންމެ ދެ ރަށެއް އާރު.ޓީ.އެލް.ގެ ޒަރީޢާއިން ދުވާލަކު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ. އޭރުން އެވާގޮތަކީ، ދިރިދިރި ހިނގަހިނގާ އޮތް އިޤްތިޞާދެއްގެ ތަނަވަސްކަން އެންމެންނަށް ލިބުން.

މި ދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރޭ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ޚިލާފު މާދަރީ އުފެއްދުން ހުރޭ. އާރު.ޓީ.އެލް. މެދުވެރިކޮށް މި ތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެ.

އިސްދޫ މުލީގައި އަޅާ އިޤްތިޞާދީ އޮއިވަރު، މާވަށް ގުރައިދޫ ކަނޑުއޮޅިއަށް ވާޞިލުވޭ. އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭނެ. އެއީ ވިއަވަތި ޖަޒީރާ ރާއްޖެ ހިންގަންޖެހޭގޮތް. އާ ގޮތަކުން މާމޮޅު އަނެއްގޮތް ގެނެސްދެނީ މި ނިޒާމު. ތިޔަބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވެ ތިޔަ ތިއްބެވީ، ތަރައްޤީގެ މި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު މި މަގާމުގައި ދެމި މިހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަޞައްވުރެއް އަޅުގަނޑުގެ ނެތް.

އާރު.ޓީ.އެލް.ގެ ބާރު ދުވެއްޔާއި، އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅައި، އަމުނައި، ގަތައި ބަދަހިކޮށްފި. އަޅުގަނޑު މި ދެންނެވި ގޮތަށް، އެ ސަރަޙައްދުގެ 41 ރަށް އެދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުން. ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރިން ކުރި ދަތުރު، ފަސްދޮޅަހަށް، ސަތޭކައަށް ތިރިވެއްޖެ. މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ދަތުރަށް އަރައިފި. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް، މި ނިޒާމުން ގުޅައިލުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށް.

ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށްގިނަ. އެއާއެކުވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން އައި ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާއި ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް އަމާޒު ކުރެވިފައިވަނީ، އެ ޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް.

ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤު. ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެ. ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ. ޤާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް އަޅުގަނޑުމެން ނައްތާލައިފިން.

ސަރުކާރުން ގެނައި މި އިންޤިލާބީ ހެޔޮ ބަދަލަކީ، ކޮންމެހެން ކުރަންޖެހި، ނުވެ އޮތް ކަމެއް. މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަކުރެއްވިއްޔާ، އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް. ރަށްތަކުގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ބަދަލު، މި އަހަރުގެ ހައި އެޗީވަރސް އެވޯޑް ޙާޞިލްކުރި ދަރިވަރުންގެ ޢަދަދުން ފެނިގެން ހިނގައްޖެ. އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ސިއްސައިގެންދާވަރުގެ މަތީ ނަތީޖާ އެ ހޯދީ މުޅި ދުނިޔެއާ ވާދަކޮށް. ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާ ކުދި ސްކޫލްތަކުން އެކަން އެވަނީ ސާބިތުކޮށްދީފައި.

ކަރަންޓާއި ފެނާއި ނަރުދަމާއަކީ އަސާސީ ކަންކަން. އެއީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު ޚިދުމަތްތައް. ޚިދުމަތް އަސާސީ ނަމަވެސް، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމުގައި މުޅި ރާއްޖޭގެ ތަރައްޤީ އޭގެ މައްޗަށް ބިނާވާ އަސާސަކީވެސް އެއީ. 2018އާ ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާއެއް ނެތް. މި ފަސް އަހަރު އަމާޒުކޮށްފައި މިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށް. ގެޔަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ މި ޚިދުމަތް ފުރިހަމަވެ ނިމެމުން.

ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ، މިދިޔަ ދެތިން އަހަރު ދެގުނަ ކުރެވިއްޖެ. ބާވެ، ހަސްނެތި، އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާއި، ބޯ ދުމުން ރައްޔިތުން މިންޖުކުރުމުގެ ބޮޑު މަޝްރޫޢު ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާއެކު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާ އިންޖީނުގެތަކުގައި އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި އިޢާދަކުރަނިވި ހަކަތައަށް ސަރުކާރުން މިވަނީ އަމާޒު ހިފާފައި.

ދާދި މިދާކަށްދުވަހު މުލަކަތޮޅުގެ ފަސް ރަށަކަށް އަޅުގަނޑު ދަތުރުކުރިން. ރައްޔިތުންނާ ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑު ހޯދިން. ބޭނުމަކީ ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން އެދޭގޮތާއި، ބޭނުންވާގޮތް ސާފުކޮށް އެނގުން. ސަބަބަކީ، ރައްޔިތުންގެ ކަންކަން ކުރަންޖެހޭނީ، މަޝްވަރާ ކުރެވިގެން، އެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވާތީ.

ކުޑައެއް ބޮޑެއް، ކުލައެއްގެ ތަފާތެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަވާންޖެހޭތީ، އެ ދަތުރުގައި ރަތްމަންދޫ ރައްޔިތެއްގެ އިޙްސާސްތަކާއި ތަޞައްވުރު އަޅުގަނޑާ ޙިއްޞާކުރި. ރާއްޖެ ތަރައްޤީވާންޖެހޭ ގޮތާއި، އޭނާގެ ވިސްނުމުގައި އެވާގޮތް ނުހަނު އެއްގޮތް. ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަށް ރައްޔިތުން އެދި ތިބޭ މިންވަރު، އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް ސާފުވޭ. އޭނާގެ އެންމެބޮޑު ބޭނުމަކީ، އެކަށޭނަ ރަނގަޅު ތަޢުލީމީ ފުރުޞަތު، ރަތްމަންދޫގެ ބިމުން އޭނާގެ ދަރިންނަށް ލިބުން. ބައްޔެއްވުމުން ބޭސްކުރެވޭނެގޮތް، ރަށު ޞިއްޙީ މަރުކަޒުގައި ހަމަޖެހިފައި އޮތުން. ޞިއްޙަތާއި ތަޢުލީމުގެ އިތުރު ފުރުޞަތު، ކައިރީގައި އޮތް މުލިން ލިބޭނެގޮތްވުން. އެކަށީގެންވާ ތަޢުލީމެއް ލިބުމުން، އެއާ އެކަށޭނަ އުޖޫރައެއް، ނުވަތަ އާމްދަނީއެއް ހޯދޭނެ މަގެއް، ރަށް ނުވަތަ ރަށާ ކައިރިން ފަހިވެފައި އޮތުން. އޭނާގެ ވާހަކައިން އޮހޮރިގެންދިޔައީ، ޖަޒީރާވަންތަ، އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުގެ ޝުޢޫރު. އަމިއްލަ ފަސްގަނޑު ދޫކޮށް، ހިޖުރަ ކުރުމުގެ ދުރުކަމާއި، އޭގެ ހިތިކަން އޭނާގެ ޢާއިލާއިން ބޭނުންނުވާ މިންވަރު. ޙަޤީޤަތުގައި ސަރުކާރުން މިކުރާ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ އުފާވެރި ތަޞްވީރުގެ ކުލަޗާޕް އެއޮތީ އޭނާގެ އަތުގައި.

ސަރުކާރުން މިކުރާ މަސައްކަތަކީ އެއީ. ރާއްޖެ ލާމަރުކަޒުކޮށް، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ފުރުޞަތުތައް، އަމިއްލަ ރަށާއި އަތޮޅާއ، ސަރަޙައްދާ ގާތްކޮށް އަތުރައި ފަތުރައިލުން. ރަތްމަންދޫން އަޅުގަނޑަށް އެ ލިބުނީ، އަޅުގަނޑުމެން ކިތަންމެ ޒަމާނަކު އަޑުއަހައި ދަސްވެފައިވާ އަޅުގަނޑުމެންގެ ވާހަކަ. ޚުދު އަޅުގަނޑަކީ އަދި އަޅުގަނޑުމެން އެންމެންނަކީވެސް އެ ވާހަކަ ދައްކާ މީހުން. ކޮންމެ ރަށަކުން ކޮންމެ ރައްޔިތަކާ ދިމާވިޔަސް އެ އުންމީދު. ދެކެނީ އެ ހުވަފެން.

އަޅުގަނޑަށް ވިސްނުނީ، ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު އިޞްލާޙު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިންވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި ތާށިވެފައިވާ ކަމަށް. މިހާރު ހިނގަމުންމިދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި، ހިނގަމުން އެދަނީ އޭގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ކަނޑައަޅައިގެން. އެއީ އެ ޚިދުމަތާއި މި ޚިދުމަތް، އެ ވިޔަފާރިއާއި މި ވިޔަފާރި އަދި އެ ރަށާއި މިރަށް ގުޅައި ލާމެހިގެން ހިނގާ އުފާވެރި ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް. ތަނަވަސްކަމާއި ބާއްޖަވެރިކަން މި ރަށްތައް ލާވަށައިލުން.

މި ކޮންފަރެންސަށް އެއްވެ މިތިބީ ރާއްޖޭގެ ބޮޑު ދެކުނަށްވުރެވެސް ބޮޑުކޮށް ނިސްބަތްވާ ހުރިހާ ކައުންސިލަރުންނާއި، މޭޔަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން. ހައްދުންމަތިން ފެށިގެން ގޮސް އައްޑުއަށް ނިމުނީ އެކަންޏެއް ނޫން. ކޮޅުމަޑުލާއި، ނިލަދެކުނުންވެސް ވަޑައިގެން ތިޔަ ތިއްބެވީ މި ހޯލުގައި. ލާމަރުކަޒީ ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސްގެ ރަސްމީ ބައިވެރިންގެ ގޮތުގައި. މި މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ، ގެނެވުނު ޤާނޫނީ ބަދަލު ތަންފީޒު ކުރަމުންދާ ގޮތް ބަލައި ދެނެގަތުން. މިކަން މި ހިނގަނީ ރައްޔިތުން އެދޭގޮތަށްތޯ ކަށަވަރު ކުރުން. ލިބޭ އާ ޚިޔާލާއި، އިތުރު މަޝްވަރާތަކުގެ އަލީގައި، އެކަންކަން ބަދަލުކޮށް، އިޞްލާޙުކޮށް ފުރިހަމަކުރުމަށް. އުކުޅަހުން ގަމަށް މިކުރި ދަތުރުގައި، އެކަށީގެންވާ ރަނގަޅު ފޮނި ނަތީޖާތަކަކާއި ކުރިއެރުންތަކެއް ލިބިއްޖެ.

މިއީ ޤައުމީ ފެންވަރުގައި ކަންކަމާމެދު މަޝްވަރާކޮށް، ގޮތްތައް ނިންމުމަށް ލިބޭ ފުރުޞަތެއް. ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގެ ނިންމުންތަކަށް ރިޢާޔަތް ކުރެވި، އެއަށް ޢަމަލީ ސިފަ އަންނާނެކަމީ ޔަޤީން ކަމެއް.

ރާއްޖެ ލާމަރުކަޒު ވަމުންދާއިރު، ސަރުކާރާއި ކައުންސިލްތަކުން ރިޢާޔަތް ކުރަންޖެހޭ އިޖުތިމާޢީ މައްސަލަތަކުގައި ވަނީ ބޮޑު ތިން ކަންތައް. ޒަމާންތަކަކަށް ވޮޑެމުން އައި އަކިރިގަނޑަކަށް ގޮށްރާޅުއެރުންފަދަ ކަމެއް. އެއީ އެއްވެސް އެއްބަޔަކަށް އެކަނި ޙައްލުނުކުރެވޭނެ ކަމެއް. ސަރުކާރުން ކަމަށްވިޔަސް، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.އާއި، ޖަމުޢިއްޔާ، ޖަމާޢަތްތަކާއި، ދައުލަތުގެ އަނެއް ދެ ބާރު ކަމުގައިވިޔަސް، މިކަމުގައި ތިބެންޖެހޭނީ އެކުގައި. ޚާއްޞަކޮށް، ކައުންސިލްތަކުން ސަރުކާރާއެކު އެންމެބޮޑަށް އަތާއިއަތް ގުޅާލަންޖެހޭނީ މިކަމުގައި.

ހަރުކަށި ފިކުރާއި، ގޭންގް ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ހިޔަނި. މިކަމާމެދު ފުޅާ ދާއިރާއެއްގައި ކަވި މަސައްކަތްތަކެއް މި ބައްދަލުވުމުގައި ހިންގަވައި ދެއްވުން އަޅުގަނޑު އެދެން. މިފަދަ ކޮންމެ ބައްދަލުވުމަކުންވެސް ޙާޞިލްވުން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެ.

އެގޮތުން މި ބައްދަލުވުންތަކުންވެސް ހޯދެންޖެހޭ ނަތީޖާތަކެއް އެބަވޭ. ހުރިހާ ކައުންސިލްތަކުން މިހާތަނަށްވެސް ފާހަގަކުރައްވާ އެއްކަމަކީ، ލިބޭ ބްލޮގް ގްރާންޓްގެ ޢަދަދު، ނުވަތަ މިންވަރުގެ ފަރަޤު. ބޭނުންވާވަރާއި ލިބޭ މިންވަރުގައި ހުރި ތަފާތު. ގްރާންޓް ދޫކުރާ ފޯމިއުލަރ އަށް ބަދަލުތަކެއް ގެނައުމުގެ ހުށަހެޅުންތައް މި ބައްދަލުވުމުގެ މޭޒަށް އަންނާނެ. މި ހުށަހެޅުންތަކަށް ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ކޮންމެހެން ބޭނުންވޭ. މިކަމުގައި ތިޔަބޭފުޅުންގެ ބިނާކުރަނިވި އީޖާބީ ވިސްނުން އިސްކުރައްވާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

މީގެއިތުރަށްވެސް ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަޙުޘް ކުރެވި، ނިންމުންތަކަށް ވާސިލްވެވޭނެ ކަމުގައި އަޅުގަނޑު ދެކެން. ކައުންސިލްތަކުގެ ހިންގުމާއި، ރަށުގެ ތަރައްޤީއާއި، އިޖުތިމާޢީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑު. މައްސަލައެއް ޙައްލުކުރުމަށް ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގައިވިޔަސް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންގެ ދައުރު އޮންނަންޖެހޭނެ. ޑަބްލިޔޫ.ޑ.ސީ.އާއި ކައުންސިލް އަދި ސަރުކާރު އެކުގައި ތިބެ ކުރާ މަސައްކަތުގެ ނަތީޖާ މާ ފޮނިވާނެ.

ޤައުމުގެ އަދި އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންނަށް ބައިކުޅަބައި ދީގެން، މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ. ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަންޖެހޭނީ ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި. ދުވަހަކުވެސް މި ނިޒާމާއި މި ބާރުތައް ރައްޔިތުންގެ އަތުން ދެން އަނބުރާ ފިރުކައިނުގަނެވޭނެ މިންވަރަށް. ވިއަވަތި ރާއްޖެ ކޮންފަރެންސް، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއެކު މި ބާއްވަނީ އެ ބޭނުމުގައި.

ދިވެހިރާއްޖޭގެ އުތުރާއި، ދެކުނު، އިރާއި ހުޅަނގުގައިވާ ހުރިހާ ރަށްތަކާއި ރައްޔިތުންގެ ދިރިއުޅުމުގައި އުފާފާގަތިކަމާއި ބަރަކާތް ލައްވާށި. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިންނަށް ގަދަކަން ދެއްވައި، ދެ ދުނިޔެ އަމާންކުރައްވާށި. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު ދެއްވައި ރަޙްމަތް ލައްވާށި. ދިވެހިންގެ ވިއަވަތި ރާއްޖެއަށް، މި މަސައްކަތަށް ނަޞްރާއި ނަޞީބާއި ކާމިޔާބު ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.