بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިން، 68 ވަނަ އަސާސީ ތަމްރީނު ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނާއި، ކޯހުގެ ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، ސިފައިންގެ ޚިދުމަތާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ތިޔަ ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދެންނެވުން. ތިޔަ ޒުވާން ސިފައިން މިއަދު ކުރެއްވި ހުވަޔަކީ، ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއްގައި ދެމިތިބުމަށް ކުރެއްވި ހުވައެއް. އެހެންކަމުން، ތިޔަ ސިފައިންގެ އެންމެ ފަހު ވިންދާ ޖެހެންދެން ވެސް، ޤައުމީ ޖިހާދުގެ މައިދާނުގައި ސާބިތުވެ ތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ސިފައިންގެ މީހަކަށް ވުމަކީ އޭގެ ޒާތުގައި އެ މީހަކަށް ލިބޭ ވަރަށް ޝަރަފުވެރި ޤައުމީ މެޑެއްޔެއް. އެ ޝަރަފާއި ފަޚުރު ދެމިއޮންނާނީ، ޤައުމުގެ ދިފާޢަށްޓަކައި އެމީހަކު ޤުރުބާންވާ މިންވަރެއްގެ މައްޗަށް. މިއަދު ތިޔަ ކުރެއްވި ހުވަޔާ އެއްގޮތަށް، ޤައުމުގެ މިނިވަންކަމާއި ސަލާމަތާއި އަމަންއަމާންކަމުގެ ދިފާޢުގައި ސާބިތުވެ، ޢަމަލާއި ބަހުން އެކަން ސާބިތުކޮށްދެވިއްޖެ ނަމަ، މުޅި ޤައުމު އެކަމުގެ އަގު ވަޒަންކުރާނެ.

ތިޔަ ޒުވާނުން ސިފައިންގެ ޚިދުމަތާ ގުޅުނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ތިޔަ ސިފައިންގެ ހިތްތަކުގައި ޢަސްކަރީ ޚިދުމަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން. ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިންގެ މި ޤައުމު ޙިމާޔަތްކޮށް ދިފާޢުކުރުމަށް ތިޔަ ސިފައިންގެ ހިތްތަކުގައިވާ ޢަޒުމެއްގެ ވަރުގަދަކަމުން.

ދިވެހި ޒުވާން ލޭގައިވާ ޤައުމީ ޖޯޝާއި ހޫނަށް، ދިވެހި އުންމަތް މިއަދު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި. ތިޔަ ސިފައިން ފުރިހަމަކުރި ތަމްރީނު ކޯހުގައި، ޤައުމިއްޔަތެއްގެ މުހިންމުކަމާއި، ޤައުމިއްޔަތުގެ ދިފާޢުގައި ޒުވާނުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން އުނގެނި ދަސްކޮށްފައިވާނެ.

ތިޔަ ޒުވާނުން މިއަދު ކުރެއްވި ހުވަޔާއެކު ތިޔަ ފަށަނީ ވަރަށް މުހިންމު ދަތުރެއް. އެއީ ފަސް އެނބުރި ބެލުމެއް ނެތް ދަތުރެއް. ސިފަވަންތަކަމުގެ އެންމެ މަތީ ހަމައަކީ، ކަމެއް ކުރުމަށް ކުރިމަތިލުމަށް ފަހު، ކޮންމެ ފަދަ ޙާލަތެއް މެދުވެރިވިޔަސް، ކެތްތެރިކަމާއި ހިތްވަރާއެކު އެކަމެއް ކާމިޔާބުކުރުމަށްޓަކައި ކުރިއަށް ފިޔަވަޅު އެޅުމުގައި ދެމިތިބުން. ފަހަތަށް ނުޖެހި ސާބިތުވެ ތިބުން. ޤައުމީ ކޮންމެ ކަމެއްގައި ވެސް ދަމަހައްޓަންޖެހެނީ އެ އުޞޫލާއި އެ ސުލޫކު.

މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ، ހަމައެކަނި ހަނގުރާމައިގެ އުކުޅުތަކާއި ހުނަރުތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަނެއް ނޫން. މިއަދުގެ ޢަސްކަރިއްޔާތަކަކީ ޓެކްނޮލޮޖީއާއި އީޖާދީ ޢަސްކަރީ އުފެއްދުންތަކާއެކު ތަރައްޤީވަމުންދާ ތަންތަން. މިއަދު އެންމެ ކުރިއަރާފައިވާ އެންމެ ވަރުގަދަ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް. މިއީ އަޅުގަނޑުމެންގެ ދިވެހި ސިފައިންވެސް މިއަދު ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް.

ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިޔުމުގެ އެތައް ފުރުޞަތެއް، ދިވެހި ޢަސްކަރިއްޔާގައި މިއަދު އެބައޮތް. ހުރިހާ ފަންނުތަކާއި، ހުރިހާ ދާއިރާތަކުގެ މީހުން ސިފައިންގެ ތެރެއަށް ބޭނުންވޭ. އިންޖިނޭރުންނާއި، ޕައިލެޓުންނާއި، ޑޮކްޓަރުންނާއި، އާކިޓެކްޓުންނާއި، އެތުލީޓުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެނޫން ކިތަންމެ ދާއިރާއެއްގެ ފަންނުވެރިންނާއި ހުނަރުވެރިން ދިވެހި ސިފައިންގެ ތެރޭގައި މިއަދު އެބަތިބި.

ސިފައިންގެ މީހަކަށް ވުމަކީ، އެހެނިހެން ދާއިރާތައް އެމީހެއްގެ ކުރިމަތީގައި ބަންދުވާ ކަމެއް ނޫން. ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ސިފައިންގެ ޚިދުމަތަށް މިހާރުވެސް ބޭނުންވޭ. އެފަދަ ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދިވެހި ޢަސްކަރިއްޔާ މަރުޙަބާ ކިޔާނެ.

ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިއަދު ހިފަމުންދަނީ ހަމައެކަނި ހަނގުރާމަ ކުރުމަކަށް ނޫން. ދެ ވަނަ ބޮޑުހަނގުރާމައިން ދުނިޔެ ދަސްކުރި އެންމެ ބޮޑު ފިލާވަޅަކީ، ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށްޓަކައި ޢަސްކަރިއްޔާގެ ބޭނުންތެރިކަން ބޮޑުކަން. މި ސަރަޙައްދުގެ ޢަސްކަރިއްޔާތައް ވެސް މިއަދު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށް.

އަޅުގަނޑުމެންގެ ދިވެހި ޢަސްކަރިއްޔާ ވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުން. ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައިވެސް އަޅާ ފިޔަވަޅެއް.

ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ވެސް އެބަހުރި. އެކަން ތިޔަ ޒުވާނުން ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަންވާނެ. ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތް ކުރުން. ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހަކު ވެގެން ނުވާނެ.

އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ސިފައިންނަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރަން ތިބި މީހުން. ސިފައިންނަކީ ޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައި ވެގެން ދަނީ، ސިފައިންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އެކުވެރިކަމުގެ ސަބަބުން. އެހެންކަމުން، ސިފައިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ޕްރޮފެޝަނަލް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް، ތިޔަ ސިފައިން ޢަޒުމް ކަނޑައަޅަންވާނެ.

އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި ސިފަޔަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަން. އޭރު ހަތިޔާރާއި ސިފައިންގެ ޢަދަދު ގިނައީކީ ނޫން. އަދި ހަތިޔާރުތައް މޮޅުވެފައި، މާމޮޅު ތަމްރީނުތަކެއް ލިބިފައި ތިބީކީ ވެސް ނޫން. ނަމަވެސް، ބޮޑުތަކުރުފާނާއެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ޤައުމު ދިފާޢުކުރުމުގެ ނުގުޑާ ފަދަ ޢަޒުމަކާއި، ޤައުމަށްޓަކައި ޝަހީދުވުމުގެ ކެރުމާއި ހިތްވަރު ހުރި. ދޮންބަންޑާރައިންނާ އެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ހިތްވަރާއި ފަންވަރާއި ކުޅަދާނަކަން ހުރި.

މިއަދު ތިޔަ ޒުވާނުން ފުރިހަމަކޮށްގެން ތި ތިބީ، މި ޒަމާނުގެ ޢަސްކަރީ އުކުޅުތަކާއި ހަނގުރާމައިގެ ތަމްރީނުތައް. ސިފައިންގެ ތަމްރީނު ކޯހުން ތިޔަ ޒުވާނުންނަށް ލިބުނު ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ފިކުރީ ޤާބިލްކަމާއި ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުމެއް ޤައުމަށް ކުރާނީ، އެއް ޢާއިލާއެއްގެ ގޮތުގައި ހުރިހާ ސިފައިން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން.

އަޅުގަނޑު މިހެން ދަންނަވާއިރު، އެ މުހިންމު ސިފަތައް ދިވެހި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ދިވެހި ޢަސްކަރިއްޔާގެ މިހާރުގެ ވެރިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން އަޅުގަނޑު ދެނަހުރިން. ޚާއްޞަކޮށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ކުރައްވާ މަސައްކަތް އަޅުގަނޑަށް ވަރަށް ގާތުން ފެނޭ.

އެ ބޭފުޅުންނާއެކު ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެހެނިހެން އޮފިސަރުން ވެސް، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ދެމެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އެހެންކަމުން ސިފައިންގެ އިސް ވެރިންނަށާއި، ސިފައިންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވަރުގަދަ ޢަސްކަރިއްޔާއެއްގެ ބިންގަލަކީ، އެ ތަނެއްގެ ސިފައިންނަށް ދެވޭ ތަމްރީނާއި ތަރުބިއްޔަތު. މި ޒަމާނުގެ ތަޢުލީމާއި ޢަސްކަރީ ހުނަރާއި ސިފަވަންތަ އަޚްލާޤުގެ މަތީގައި ސިފައިން ހާނުވައި ތަމްރީނުކުރުމުގެ މުހިންމު ޒިންމާ އަދާކުރާ މަރުކަޒަކީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް. އެހެންކަމުން ސިފައިން ތަމްރީނުކޮށް، ދިވެހި ޢަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަށް، ޑިފެންސް ކޮލެޖުގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި އެ ކޮލެޖުގެ އެންމެހައި މުދައްރިބުންނަށާއި އިންސްޓްރަކްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން.

ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހި ސިފައިންނަށް ސާބިތުކަމާއި ކާމިޔާބު މިންވަރު ކުރައްވާށި. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ އާއި ދިވެހިންގެ ދިފާޢުގައި ދެމިތިބުމުގެ ހިތްވަރާއި ސާބިތުކަން ދިވެހި ސިފައިންނަށް ދެއްވާށި. ދިވެހި ސިފައިންނަށް އަބަދުވެސް ކާމިޔާބާއި ކުރިއެރުމަށް އެދެން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.