بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ފުލުހުންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިއަދުގެ މި ޙަފްލާގައި، ދިގު މުއްދަތުގެ އިޚްލާޞްތެރި ޚިދުމަތް ފާހަގަކުރެވި، އެ ޚިދުމަތުގެ އަގުވަޒަންކުރެވިގެން، ލިޔުން ލިބުނު އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވަން. އަދި ދިވެހި ފުލުހުންގެ ޚިދުމަތް، މަދަނީ ޚިދުމަތަކަށް ބަދަލުވި 18 ވަނަ އަހަރު ފުރޭ މި މުނާސަބަތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.

އާދެ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ވަނީ ތަފާތު އެކި ގޮތްގޮތުން ހެޔޮ ބަދަލުތައް ގެނެވިފައި. މި ފުރުޞަތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އިތުބާރު ހިފޭފަދަ، އަދި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެ މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ފުލުހުންނަކީ ރައްޔިތުންނާ ވަރަށްގާތުން މަސައްކަތް ކުރައްވަންޖެހޭ ބަޔެއް. ފުލުހުންނަށް ރައްޔިތުންގެ އިތުބާރު މި އޮންނަނީ، ފުލުހުންގެ ޚިދުމަތުގައި، ފުލުހުން އެ ކުރައްވާ މަސައްކަތުގެ ހަރުދަނާ ކަމެއްގެ މައްޗަށް. ފުލުހުންނަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ހިފެހެއްޓޭ މިންވަރެއްގެ މައްޗަށް. އަދި ހަމައެއާއެކު، އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި، އެ ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް. ވޭތުވެދިޔަ ވިއްސަކަށް އަހަރަށް ބަލައިފި ކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، މިއީ ދިވެހިރާއްޖެއަށް އެހާ ފަސޭހަ ދުވަސްތަކެކޭ ދެންނެވޭކަށް ނެތް. ޚާއްޞަކޮށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއަށް ވަރަށް ގިނަ ބޮޑެތި ބަދަލުތަކެއް އައި ދުވަސްތަކެއް. ހަމަ މިއާއެކު، ކުރީގައި މި ދެންނެވި ފުލުހުންގެ ޚިދުމަތް މިގޮތަށް ބަދަލުވެ، މިކަންތައްތައްވެސް ބަދަލުވެގެން މިދިޔައީ. އެއާއެކު އަޅުގަނޑު ދަންނަވާނީ، ވޭތުވެދިޔަ ވިއްސަކަށް އަހަރު، ފުލުހުންނަށްވެސް ވަރަށްގިނަ ގޮންޖެހުންތަކަކާއި، ވަރަށްގިނަ ކަންތައްތަކެއް ކުރިމަތިވި. އެހުރިހާ ކަމެއްގެ ތެރެއިން، މިއަދު ރަނގަޅު މިސްރާބަކަށް، ހެޔޮބަދަލުތަކަކަށް، ގިނަ ޤާނޫނުތަކަކުން، އެ ބަދަލުތައް ގެންނަން އެ ކުރާ މަސައްކަތްތައް އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަންޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ދުނިޔޭގައި ސިސްޓަމްތައް އެންމެ ހަރުދަނާ، އެންމެ ގިނަ ދުވަސްވީ ޤައުމުތަކުގައިވެސް ގިނަގުނަ މައްސަލަތަކެއް އެބަހުރި. އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކަށް ބަލައިފި ނަމަވެސް، ފުލުހުންގެ ތެރޭގައިވެސް އަދި އެންފޯސްމަންޓް އޭޖެންސީތަކުގައި މައްސަލަތައް އެބަހުރި. އެހެންނަމަވެސް، މިއަދު ކޮންމެހެން ވަކި ޤައުމުތަކެއްގައި މައްސަލަތަކެއް ހުރީތީވެ، އެކަން އަޅުގަނޑުމެން ގަބޫލުކޮށްގެން އަޅުގަނޑުމެން ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ނުގެނެސް، މަޑުކޮށްގެން ތިބުމަކީ އެއީ، އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއްނޫން. އަދި މިފަދަ ޤައުމުތަކާ އަޅުގަނޑުމެންގެ މި ޤައުމާ އަޅައިބަލާއިރު، އޭގައިވެސް ތަފާތުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމަކަށްވެފައި، އަދި ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، އެކުވެރި ރައްޔިތެއް އުޅޭ ޤައުމަކަށްވުމުން، އޭގައި ގިނަގުނަ ފަސޭހަތަކެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރެދާނެ.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ހުރިހާ ފުލުހުންނަށް، ޚާއްޞަކޮށް ތިޔަބޭފުޅުން ދިގު މުއްދަތުގައި ތިޔަ ކުރައްވާ ބުރަ މަސައްކަތް، އެ މަސްއޫލިއްޔަތު އަދާކުރަމުންދާއިރު، އެކަން ފާހަގަކުރަމުންވެސް ދަންނަވަން އޮތީ، ތިޔަބޭފުޅުން ކުރައްވައިފައިވާ ހުވައާ އެއްގޮތަށް، ރައްޔިތުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް، ރައްޔިތުންނަށް ހެޔޮއެދިވަޑައިގެން މަސައްކަތްތައް ކުރައްވާށޭ.

އާދެ، ފުލުހުންގެ އިދާރާއަށް، ފުލުހުންގެ މުއައްސަސާއަށް މި ދެންނެވި ބަދަލުތައް ގެނައުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރެވެމުން އެބަދޭ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރަށްތަކުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމާއި، ވަސީލަތްތައް އިތުރުކުރުމާއި، އަދި ވަކިން ޚާއްޞަކޮށް، ޓްރެއިނިންގ ފުރުޞަތުތައް އިތުރުކޮށް، ތަމްރީނު ލިބިފައިވާ ބައެއްގެ ގޮތުގައި ފުލުހުންގެ ސަފުތައް ތައްޔާރުކުރުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ވޭތުވެދިޔަ ދުވަސްތަކުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ދިމާވި މައްސަލަތަކާއި، އެ މައްސަލަތަކާ އަޅުގަނޑުމެން ކުރިމަތިލައިގެން ތިބިހިނދުވެސް ގިނަގުނަ މަސައްކަތްތަކެއް، ޚާއްޞަކޮށް، ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށްޓަކައި، ޤައުމުގައި ޞުލްޙަމަސަލަސްކަން ޤާއިމުކޮށް، ރައްކާތެރި ވެށްޓެއް ޤާއިމުކުރުމަށްޓަކައި، ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ޚާއްޞަކޮށް މި ދަތި އުނދަގޫ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންނަށް އަމާންކަން ހޯއްދަވައިދެއްވުމަށްޓަކައި، މި ދެންނެވި ކަންތައްތައް ފުރިހަމަ ކުރެއްވުމަށްޓަކައި، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކޮމިޝަނަރ އޮފް ޕޮލިސްވެސް ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ ވެށީގެ ތެރޭގައި ހުރި ކުށްތަކަށް އަޅުގަނޑުމެން ބަލައިލާއިރު، މީގެ ގާތްގަނޑަކަށް ނުވަދިހަވަރަކަށް ޕަސެންޓް ކުށްތައް ގޮސް ގުޅެނީ މަސްތުވާތަކެތީގެ ވަބާއާ. އަޅުގަނޑު މިކަން ގަބޫލުކުރަނީ، މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ހުރިހާ ޢާއިލާތަކެއްގައިވެސް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި، އަޅުގަނޑުމެން ގަބޫލުކޮށް، މިކަމުގައި އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، ޤައުމުގައި ހުރި މިބާވަތުގެ ކަންތައްތައް އެއީ ހަމައެކަނި، ވަކި ބަޔަކުގެ މަސައްކަތުން، ވަކި ފުލުހުން، އަދި އެނޫން މުއައްސަސާއަކުން ކުރެވޭ މަސައްކަތަކުން ޙައްލު ކުރެވޭނޭ ކަންތައްތަކެއް ނޫން. ސައިޒަށް ބަލާއިރު މިއީ، ވަރަށް ބޮޑު ޢަދަދެއް. ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް، ދިވެހި ރައްޔިތުންނަށްވެސް ދަންނަވަން ބޭނުން، މި މަސައްކަތަކީ އަޅުގަނޑުމެންގެ އެންމެންގެ މަސައްކަތެއްގެ ގޮތުގައި، މައްސަލައެއްގެ ގޮތުގައި ދެކިގެން، އެންމެން ގުޅިގެން، މިކަމުގެ ޙައްލު ހޯދުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. މިކަމުގެ ހިތާމަކުރަނީ، ދިވެހިރާއްޖޭގެ ހުރިހާ ޢާއިލާތައް. ދެރަގޮތެއް ދިމާވެއްޖެ ކަމަށްވަންޏާ، އެ ދެރަގޮތް މި ލިބިގެންދަނީ، ހުރިހާ ޢާއިލާތަކަށް.

އާދެ، އަޅުގަނޑު ޒުވާނުންނަށް ދަންނަވަން އޮތީ، މި ޤައުމުގެ ތަރައްޤީއަށާއި، މި ޤައުމުގެ ކުރިއެރުމަށް މިއަދު އަޅުގަނޑުމެން ޒުވާނުންގެ ބައިވެރިވުން ބޭނުންވޭ. ޒުވާނުން، އެމީހުންގެ ބޭނުން މައިންބަފައިންނަށް އެންމެ ބޭނުންވާ ދުވަހު، އަދި ޢާއިލާއެއް ބިނާކޮށް، ދަރިންނާއެކު ވަގުތު ހޭދަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ދުވަހު، ނިކަމެތިގޮތަކަށް، ޖަލުގެ ތޭރިތަކުގައި، ނޫނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބުން އެއީ ވަރަށްބޮޑު ނިކަމެތިކަމެއް. އެއީ ލިބިގަންނަ ވަރަށް ދެރަ ކަމެއް.

އެހެންވީމާ، ޒުވާނުން މިއަދު ޢަޒުމް ކަނޑައަޅަން އެބަޖެހޭ، ކޮންމެ މީހަކީވެސް، ކޮންމެ ޒުވާނަކީވެސް، މުހިންމު މީހަކަށްވުމަށް. ޤައުމަށްޓަކައި، ޢާއިލާއަށްޓަކައި، ތިމާގެ މައިންބަފައިންނާއި ދަރިންނަށްޓަކައި ފަޚުރުވެރިކަމާއެކު މަސައްކަތްކޮށް، އާމްދަނީ ހޯދައި، ޤައުމާއި ރައްޔިތުންނާއި ޢާއިލާއަށްވެސް ރީތިނަން ލިބޭނޭފަދަ ގޮތަކަށް، ޝަރަފްވެރިކަންމަތީ އުޅެވޭނޭ މީހަކަށް ކޮންމެ މީހަކުވެސް ވާންއެބަޖެހޭ.

އާދެ، އެއްވެސްޝައްކެއްނެތް، ކޮންމެ ކަމަކީވެސް ޢަޒުމެއް އޮތް ކަމަށްވަންޏާ، ކެރިގެން ނުކުމެއްޖެ ކަމަށްވަންޏާ، ޖޯޝާއެކު މަސައްކަތް ފަށައިފި ކަމަށްވަންޏާ، ކާމިޔާބުނުވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެފަދަ ގޮތަކަށް މަސައްކަތް ފަށައިފިނަމަ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ. އެންމެ ރީތި ގޮތަކީ، ރަނގަޅަށް ހެޔޮ މަސައްކަތެއް ކޮށްގެން، އާމްދަނީ ހޯދުންކަން އަޅުގަނޑުމެން ގަބޫލުކޮށްގެން، އެގޮތުގައި އަޅުގަނޑުމެން އުޅެން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި، އެހެނިހެން ކަންކަން ގުޅިފައި އޮތީ ޒުވާނުންނާ. އެހެންވީމާ، މިއީ ބަދަލުވެގެންދާ ދުވަސްވަރެއްގައި، ވަކިން ޚާއްޞަކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ދުވަސްވަރެއްގައި، ޚާއްޞަކޮށް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. އެހެންވީމާ، އަދިވެސް އެއްފަހަރު އަޅުގަނޑު ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ގޮވާލަން ބޭނުން، މަސައްކަތަށް އެންމެން ނުކުތުމަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގެތެރޭގައި ހުންނަންނުޖެހޭ، ކަންތައްތައް ދޫކޮށްލާފައި، ޢާއިލާއާއެކު އުޅެވޭނެގޮތަކަށް އަބަދުވެސް އަޅުގަނޑުމެން އުޅުމަށް.

އާދެ، އަޅުގަނޑުވެސް ދަންނަވާލަން ބޭނުން، އަޅުގަނޑުމެންނަށް އިސްލާމްދީނުންވެސް، އެންމެ ބާރުއަޅާ ކަމަކީ ޢަދުލުވެރިކަން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އެއީ ފުލުހުން ކަމުގައިވީނަމަވެސް، އަދި އެއީ އެހެން ފަރާތަކަށްވީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ، ޢަދުލު އިންޞާފު މިއީ ވަކި މީހަކަށްވީތީ، ވަކި ޢާއިލާއަކަށްވީތީ، ވަކި ބަޔަކަށްވީތީ، އޮންނަ އެއްޗެއް ނޫންކަން. اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް އަމުރު ކުރައްވައި އަންގަވައިފައިވަނީ، އެންމެންގެ މެދުގައި އެއްގޮތަކަށް، އިންޞާފުން ކަންތައްތައް ކުރުމަށް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅެއް، އަޅުގަނޑުމެންގެ ކޮންމެ ޢަމަލެއް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، ހިތުގައި އެއްވެސްކަހަލަ ޒާތީކަމެއް ނުބާއްވައި، ޚާއްޞަކޮށް މަގާމުތަކާ ހަވާލުވެގެން ތިބި ފަރާތްތައް، ޚާއްޞަކޮށް ހުވާކޮށްގެން ތިބި ފަރާތްތަކުން އަބަދުވެސް މިކަންތައް ހަނދާނުގައި ބަހައްޓައިގެން، އެއްވެސް މީހަކާ ދޭތެރޭގައި، ނިކަމެތިކޮށް، ދެރަގޮތަކަށް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ. އެއީ، ތަހުޒީބު މުޖުތަމަޢެއްގައިވެސް، އަޅުގަނޑުމެންގެ މިފަދަ އެއްވެސް ޤައުމެއްގައިވެސް ކަންތައްތައް ކޮށްގެން ވާނެގޮތެއް ނޫން.

އަޅުގަނޑު ޔަޤީންކުރަން، ރެޔާއި ދުވާލު، ފުލުހުން ކުރައްވާ ބުރަ މަސައްކަތުގެ ތެރެއިން ހެޔޮގޮތުގައި ފުލުހުން ރަނގަޅަށް އެ މަސައްކަތްތައް ކުރައްވައި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަމާން، ހިތްހަމަޖެހޭފަދަ ވެށްޓެއް ހޯދައިދިނުމުގެ މަސައްކަތް އަބަދުވެސް ކުރައްވާނެ ކަމަށް.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި ޤައުމުގައި މިހިރަ މައްސަލަތައް، ކަންތައްތައް ޙައްލުކުރެވޭނީ މުޅި މުޖުތަމަޢު އެކަމުގައި މަސައްކަތްތައް ކޮށްގެން. އަޅުގަނޑުމެންނަށް އެނގޭ، ޤާނޫނެއްގެ ދަށުން، ފުލުހުންގެ މުއައްސަސާއަށްވެސް ވާޖިބުތަކެއް، މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވޭ. އެހެންނަމަވެސް، ވަކި ފަރާތަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި، ކަންތައްތައް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެ، އަނެއްބަޔަކީ ކަންކަން ބަލަން ތިބޭ ބައެއްގެ ގޮތުގައި ތިބެގެންނެއް އަޅުގަނޑުމެންނަކަށް ޤައުމަށް ހަމަޖެހުމެއް ދުވަހަކުވެސް ނުހޯދޭނެ. ކޮންމެ ކަމަކީވެސް އަޅުގަނޑުމެން އެންމެންގެ ކަމެއްކަން ދެނެގެން، އެކަން ގަބޫލުކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަށް ކަންކަމަށް ޙައްލެއް ނުހޯދޭނެ.

އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، ގޮވާލަން ބޭނުންވަނީ، ތަންފީޛީ އިދާރާތަކުންނާއި ފުލުހުންގެ މުއައްސަސާއިން، ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއި، ޙައްޤުތައް ހިމާޔަތްކޮށް މި ކުރައްވާ މަސައްކަތްތަކަކީ އެންމެންގެ މަސައްކަތެއް ކަމުގައި ދެކި، ފުލުހުންނަށް ރައްޔިތުންގެ ފަރާތުން އަދިވެސް އިތުރު އެއްބާރުލުން ހޯދައިދީ، މިކަމުގައި ބައިވެރިވެވަޑައިގަތުމަށް.

އެނގިވަޑައިގަންނަވާނެ، މި ދެންނެވި 20 އަހަރުގެ ތެރޭގައި، މި ގެނައި ބަދަލުތަކުން، ވަރަށް ގިނަ ޤާނޫނުތަކެއް ހެދިފައި އެބަހުރި. ކޮންމެ ކަމެއް ކުރުމުގައިވެސް ޤާނޫނުތަކަށް ބަލަންޖެހޭ. ހެދިފައި ހުންނަ އުޞޫލުތަކާއި ޤަވާޢިދުތަކަށް ކަންތައްތައް ކުރަންޖެހޭ. ޙަޤީޤަތަކީ މިއަދު ކަން ކުރަން ތިބޭ މީހުންނަށްވުރެ، އެކަމެއް ހިނގަމުންދާގޮތް ބޭރުން ބަލަން ތިބޭ މީހުންގެ ޢަދަދު މާގިނަ. ކޮންމެ ފުލުހަކުވެސް، ކޮންމެ ބޭފުޅަކުވެސް ކަންތައްތައް ކުރެއްވުމުގައި، މި ދެންނެވި ހުރިހާ އެތައް ޤާނޫނުތަކަކަށް ރިޢާޔަތް ކުރަންޖެހޭ، ބަލަންޖެހޭ. ބައެއްފަހަރު އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކަންތައްތައް ނުކުރެވޭފަހަރުވެސް އާދޭ. އެހެންނަމަވެސް ރައްޔިތުންގެ ފަރާތުން އެހީތެރިކަން ދީގެންވެސް، ކަންކަން ރަނގަޅަށް ކުރުމަށްޓަކައި. އެއްވެސް މީހަކާ ދޭތެރޭގައި އިހާނެތިކޮށް، ދެރަގޮތަކަށް ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫން.

އެހެންވީމާ، އެންމެފަހު ބަހެއްގެ ގޮތުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ޤައުމު ކުރިއަށް ގެންދިޔުމުގައި، ޤައުމު ތަރައްޤީ ކުރުމުގައި، ހަމަޖެހުން ޤާއިމުކުރުމުގައި، މި ހުރިހާ މަސައްކަތެއްގައި އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި ހަމަ އެއާއެކު، ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންގެ އިސްވެރިން، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް އަމާން ވެށްޓަކާއި ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްޓަކައި ރެޔާއި ދުވާލު ކުރައްވާ އެންމެހައި މަސައްކަތްތައް ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުން ރައްޔިތުން އެދޭފަދަ، ރައްޔިތުން ބޭނުންވާފަދަ ވެށްޓެއް ޤާއިމުވެގެން ދިޔުން. اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، ފުލުހުންގެ ސަފުތައް ވަރުގަދަކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.