بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި، ހުރިހާ މުވައްޒަފުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކުށްކުރާ މީހުން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަކީ، އަޅުގަނޑުމެން ކުރަން ނިންމި ކަމެއް. ކުށެއް ކުރާ ކޮންމެ މީހަކު، މުޅި ޢުމުރު ޖަލުގައި ހޭދަކުރަން ޖެހުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން. ޖަލުތަކުގައި ތިބޭ ޤައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުޞަތު ނުދީ، އިޞްލާޙުކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ކަރެކްޝަނަލް ސަރވިސްއަކީ އެ ސިޔާސަތު ތަންފީޒު ކުރުމާ ޙަވާލުވެ އޮތް އެންމެ މުހިންމު އިދާރާ.

މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 51 އަހަރު ފުރޭ މުނާސަބާ. މި އުފާވެރި މުނާސަބަތުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅަށާއި، ކަރެކްޝަންސްގެ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މުވައްޒަފުންގެ ޢާއިލާތަކުގެ މެންބަރުންނަށްވެސް އަޅުގަނޑު ތަހުނިޔާ ފޮނުވަން.

ކަރެކްޝަނަލް ސަރވިސްގެ މައިގަނޑު މަސައްކަތްތައް ހުރީ އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކަކާ ގުޅިފައި. މުޖުތަމަޢުގައި ތިބި އެންމެ ބޮޑެތި ކުށްވެރިންނާއި، ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ވަރަށް ގިނަ ބަޔަކުވެސް ތިބެނީ މި އިދާރާގެ ބެލުމުގެ ދަށުގައި. ޤައިދީންނަކީ ވަކި މުއްދަތަކަށް މުޖުތަމަޢާ އެކަހެރި ކުރަންޖެހޭ ބަޔަކަށްވިޔަސް، އެއީ ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފަރުދުން.

އެހެންކަމުން، ޤައިދީން އިޞްލާޙުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ދިވެހި ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މި މަހުގެ 2 ވަނަ ދުވަހު ވަނީ 32 ޤައިދީއަކު، އެމީހުންގެ ޢާއިލާތަކާ ޙަވާލުކޮށްފައި.

ޤައިދީން ބަންދުކޮށްފައި ތިބޭ ތަންތަނަކީ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް، ޒަމާނުއްސުރެ އަމާޒުވަމުންދާ ތަންތަން. އެހެންކަމުން، މި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެތަންތަނުގެ އޮޑިޓެއް ހެދުމަށް އަޅުގަނޑު ވެފައިވާ ވަޢުދާ އެއްގޮތަށް، އެ އޮޑިޓްގެ މަސައްކަތް ވަނީ ކޮށް ނިންމާފައި. އަޅުގަނޑު މި ކުރާ މަސައްކަތުގައި އުންމީދާއި އިތުބާރު ލިބޭ އެއް ސަބަބަކީ، މި އޮޑިޓް ކުރުމުގައި އެންމެ އިސްކޮށް އޭރު ހުންނެވި އަދި އެ ރިޕޯޓް ލިޔުމުގައި އެންމެ އިސްކޮށް ހުންނެވި އަޙްމަދު މުޙައްމަދުފުޅު މިއަދު ކަރެކްޝަންސް ހިންގެވުމާ ޙަވާލުވެ ހުންނެވިކަން.

އެ އޮޑިޓްގެ ބޭނުމަކީ، ރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތަށް، ޤައިދީންގެ އިންސާނީ ޙައްޤުތަކަށާއި، އިންސާނީ ކަރާމާތަށް އުނިކަން ނާންނާނޭހެން ހިންގަމުންދާ ޖަލުތަކެއްކަން ކަށަވަރު ކުރުން. އެ އޮޑިޓުން އެނގުނީ، އިދާރީގޮތުން ޖަލުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ޤައިދީންނާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަކަން. އެ އޮޑިޓްގެ ހުށަހެޅުންތަކާ އެއްގޮތަށް، ކަންކަން އިޞްލާޙުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ.

ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކުރާ ޤައިދީންނަށް "ފަހި ފުރުޞަތު"ގެ ނަމުގައި އިންޓަރންޝިޕް ޕްރޮގްރާމެއް، 2020 ވަނަ އަހަރު ވަނީ ފަށާފައި. މަޤްޞަދަކީ ޤައިދީން ރީހެބިލިޓޭޓްކޮށް، ކުށުގެ ވެށްޓާ ދުރުކުރުން. އަދި އެމީހުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، އާމްދަނީއެއް ލިބޭފަދަ ދިރިއުޅުމަކަށް މަގު ކޮށައިދިނުން.
ޖަލުތައް ބެލެހެއްޓުމުގައި މިހާރުން މިހާރަށް ޙައްލުކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ، ޖަލުތަކުގެ ތޮއްޖެހުން. އެކަމަށް އޮތް އެއް ޙައްލަކީ ޖަލުތަކުގެ ޖާގަ އިތުރުކުރުން. އެކަމަށް އަވަސް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.

އަޅުގަނޑު އަބަދުވެސް ބުނާ އެއް ވާހަކައެއް މިވަގުތުވެސް ތަކުރާރުކޮށްލާނަން. ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި، އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން. ކިތަންމެ ބޮޑު ކުށެއްގައިވިޔަސް، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަހާ ހިނދަކު، އެމީހެއްގެ އަސާސީ ޙައްޤުތަކާއި، އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް.

އެގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފައި. ޖަލު އޮފިސަރުންވެސް މަންޑޭލާ ރޫލްސްގެ ހަމަތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް މިހާރު އަންނަނީ ހިންގަމުން.

ތިޔަބޭފުޅުންވެސް ދާދިފަހުން މީޑިއާއިން އަޑުއައްސަވާފައިވާނެ، މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ޙަރަކާތްތަކެއް ހިންގަމުންދާ ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓެއްގައި އޮތް ވާހަކަ. އެއީ، ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ދިރާސާއެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މުޅިން މިނިވަން ބަޔަކު ލައްވައި ދިރާސާކޮށް ޖަލުގެ ޙާލަތު ދެނެގަތުން.

އެ ދިރާސާއިން އަޅުގަނޑުމެންނަށް ފާހަގަވީ، ޤައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒު. އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު. މިއީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖުތަމަޢުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ.

މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަލުތަކުގައި ތިބޭ ޤައިދީންގެ ކަންތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ހުރިކަން. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ޙައްލުވީކީ ނޫން. އެފަދަ ޤައިދީންނަށްވެސް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ. އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށް ފަސޭހަކަމާއެކު ޝަރުޢީ ނިޒާމަށް ވާޞިލުވެވޭނެ ގޮތެއްވެސް އޮންނަންޖެހޭނެ. ޤައިދީން ކޯޓަށް ހާޒިރުނުކުރެވޭ ޙާލަތްތަކުގައިވެސް، އޮންލައިންކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދެވޭނެ ގޮތަށް، މާލޭ ޖަލާއި، މާފުށީ ޖަލުގައި 8 ކޯޓު ރޫމް ހަދައި މިހާރު އަންނަނީ ބޭނުންކުރަމުން.

އަޅުގަނޑު ދެކޭގޮތުގައި، ކަރެކްޝަނަލް ސަރވިސްގެ ހަމައެކަނި ޒިންމާއަކީ، މީހެއްގެ މައްޗަށް އިއްވާ ޙުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމެއް ނޫން. ކުށްވެރިން ކިތަންމެވަރަކަށް ޖަލަށްލިޔަސް، މުޖުތަމަޢުގައި ޞުލްޙަމަސަލަސްކަން ހިފެހެއްޓޭނީ، އެމީހުން އަނބުރާ މުޖުތަމަޢަށް ނެރޭއިރު، އެމީހުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން.

ކަރެކްޝަނަލް ސަރވިސްގެ ޙަޤީޤީ ޒިންމާއަކީ، ޤައިދީންގެ ޖަލު ޙުކުމްގެ މުއްދަތު ހަމަވުމުގެ ކުރިން، މުޖުތަމަޢުގެ އެހެން މީހުންނާ އެކުގައި އުޅެވޭފަދަ ބަޔަކަށް ޤައިދީން ބަދަލުކުރުން. ހިންމަފުށީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި، ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ އެ ސަބަބަށްޓަކައި.

ޤައިދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި، ޕެރޯލް ނިޒާމުވެސް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ޤާނޫނީގޮތުން އެކަމަށް މަގު ފަހިކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ މަސައްކަތްތައް މިހާރުވަނީ ފަށާފައި.

އަޅުގަނޑުމެން ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން މަސައްކަތް މި ކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ މުޅި މުޖުތަމަޢު އިޞްލާޙުކުރުން. މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުން. އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ހޯދައިދިނުން.

އެ އައްސޭރިއަށް އަޅުގަނޑުމެންނަށް ދެވޭނީ، ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހެދިގެން. އަދި މަސްތުވާތަކެތީގެ ވިހަ ނައްތައިލެވޭ ފަދަ ފަރުވާތަކާއި، ނަފްސާނީ ފަރުވާ ދެވޭ ތަނަކަށްވެސް ވެގެން. ހަމަ އެފަދައިން، ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަޚްލާޤަށް ހާނުވައިދޭ މަރުކަޒަކަށްވެސް ހެދިގެން.

ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތާއި އެއްބާރުލުމާއެކު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ޙާޞިލުކުރެވޭނެ. ޖަލުތައް ބެލެހެއްޓުމުގައި ތިޔަބޭފުޅުން މިހާރުވެސް ވެވަޑައިގަންނަވަނީ ވަރަށް މަތިވެރި ޤުރުބާނީއެއް. މިދިޔަ ދެ އަހަރުގެ ތެރޭގައި ކޯވިޑުގެ ނުރައްކާތެރިކަން ފެތުރިފައި އޮތް ދުވަސްވަރުވެސް، ޖަލުތަކާއި ޖަލުތަކުގައި ތިބި ޤައިދީން ބެލެހެއްޓުމުގައި، ތިޔަބޭފުޅުން އަދާކުރެއްވީ ވަރަށް ފުރިހަމަ ޒިންމާއެއް.

އެކަމަށްޓަކައި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅަށާއި، ކަރެކްޝަންސްގެ ހުރިހާ އޮފިސަރުންނާއި އެންމެހައި މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޤައިދީންގެ ކަންތައް ބެލެހެއްޓުމުގެ ވާޖިބު އަދާކުރެއްވުމުގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރަކީ، ތިޔަބޭފުޅުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުންކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި ތިޔަބޭފުޅުންގެ ލޮބުވެތި ޢާއިލާތަކަށްވެސް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން.

ތަފާތު ކުށްތައް ކުރާ އެތައް ބަޔަކު އެއް ތަނެއްގައި ގެންގުޅެ ބެލެހެއްޓުމަކީ، ގޮންޖެހުން ބޮޑު އުނދަގޫ ކަމެއް. އެކަމަށް ޚާއްޞަ ހުނަރުތަކާއި ތަމްރީނުތައް ބޭނުންވާނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑުމެންގެ ހިތަށްވެސް ނާރާފަދަ ނުރައްކާތެރި އެތައް ކަމެއް ކުރިމަތިވެފައިވާ އޮފިސަރުން މިތަނުގައިވެސް ތިއްބަވާނެ. ތިޔަބޭފުޅުން، މުޅި މުޖުތަމަޢުގެ ޙައްޤުގައި ތިޔަ ކުރައްވަނީ ޝުކުރާއި ތަޢުރީފު ޙައްޤު ޤައުމީ ޚިދުމަތެއް.

ތިޔަބޭފުޅުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރެއްވުމުގައި، ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް އެބަހުރިކަން އަޅުގަނޑަށް ފާހަގަވޭ. އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައް.

އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ އެ ކަންބޮޑުވުމަށް އަޅުގަނޑުމެން ޙައްލެއް ހޯދައިދޭނަން. އަދި ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

ޖަލުތަކުގެ ކަންތައްތައް ހަރުދަނާކޮށް ޤައިދީން ބެލެހެއްޓުމުގައި، ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ތިޔަބޭފުޅުންނަށް ކާމިޔާބާއި ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙައަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. ކުށްތަކާ ދުރުހެލިވެ އިޞްލާޙުގެ މަގަށް އެނބުރި ރުޖޫޢަވުމުގެ ހެޔޮ ތައުފީޤު، ހުރިހާ ޤައިދީންނަށްވެސް އެކަލާނގެ މިންވަރު ކުރައްވައި ހެޔޮ ވިސްނުން ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.